ހިތުގެ ވިންދު - 5

(6 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖޯހާން އިށީނދެގެން އިން ގޮނޑިން ކުއްލިޔަކަށް ފުންމައިގެން ތެދުވެ ، ދޭވްގާތަށް އައެވެ. އަންޖަލީއާއި ޗާނދަނީއަށްވެސް ކޮޅަށް ތެދުވެވުނެވެ. އެހެންނަމަވެސް ދޭވް އިނީ ގޮނޑީގައި އިށީނދެ ހަމަޖެހިލައިގެންނެވެ. ރަނގަޅަށް ގޮނޑިއަށް ވެޑުވިފައެވެ. ދޭވް ، އޭނާ އިން ގޮނޑީގައި ބޮޑަށް ހަމަޖެހިލައި ގޮނޑިއަށް ދެމިލިއެވެ.

އޭނާއަށް ފުރަތަމަ ދޭވް ފެނުމުންވެސް އެއީ ބޯހަރު ގޮތެއްނެތް މީހެއްކަން އެނގުނުކަމުގައި ، ޖޯހާން އައިސް ދޭވް ގެ ކުރިމައްޗަށް ހުއްޓިފައި ބުންޏެވެ. އެކަމަކު މިހާރު އެނގިއްޖެއެވެ. ހަމައެކަނި ބޯހަރުވެފައި ގޮތެއް ނެތީކީ ނޫނެވެ. ތިޔައީ ގޮތްކުޑަ ޖާހިލެކެވެ. ތިއީ ވޭތުވެދިޔަތަނުގައި އުޅެވުނު ގޮތެއްވެސް އަދި ކުރިޔަށް އޮތްތާނގައި އުޅެވޭނެގޮތެއްވެސް އެނގިގެންނުވާ އާވާރާ އެކެވެ. ޖޯހާން އޭނާގެ ދަރިފުޅަށް ގޮވައިލިއެވެ. އަދި އަންޖަލީ ބޭނުންވާ މީހާއަކީ މިއީތޯ ސުއާލު ކުރިއެވެ. މީނާއަށް އަންޖަލީއަކަށް ، ދެއިރު ކާއެތިކޮޅެއްވެސް ނުދެވޭނެއެވެ. ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ބައްޕަގެ ތައްޕާހުން އުޅެންޖެހޭނެ ޙާލަތަކަށް މީނާ ، އަންޖަލީ ގެންދާނެއެވެ. އެއީ މީނާގެ ފެންވަރެވެ. ޖޯހާން ، ރުޅިއައިސް ރަތްވެފައިހުރެ އަންޖަލީއާ މުޚާޠަބުކޮށް ބުނަމުން ގެންދިޔައެވެ.

ދޭވް ކުއްލިޔަކަށް ފުންމައިގެން ތެދުވިއެވެ. ބަލި ބަކައްޓެއްގެ ކުރިމައްޗަށް ހައިވެފައި އޮތް ސިންގާއެއްވެސް  އެގޮތަށް ފުންމައެއް ނުގަންނާނެއެވެ. ތިވާހަކަ ދައްކާ މީހާގެ ފެންވަރަކީ ކޮބައިތޯ އަހައި ، ޖޯހާންއާ ދިމާއަށް ދޭވް ހަޅޭއްލަވައިގަތެވެ. ދޭވް ހުރީ އެއްވެސް ޖެހިލުމެއްނެތި ، ޖޯހާންގެ ލޮލަށް ، އޭނާގެ ރުޅިވެރި ދެލޯ އަމާޒު ކޮށްގެންނެވެ. އަންޖަލީ އޭނާގެ އަނގަމަތީ އަތްއެޅިއެވެ. ލިބުނު ކުއްލި ސިހުމުގައި ،  ޗާނދަނީވެސް ހުރީ ހަދާނެގޮތެއް ނޭނގި ކަންބޮޑުވެފައެވެ.

" ތިމީހާގެ އަތުގައި މުދަލާއި ފައިސާ އެބަހުއްޓެވެ. ޢިއްޒަތާއި ޤަދަރު އުފުލިގެން ވެއެވެ. އެހެންވީމާ ތިމީހާގެ ފެންވަރު މަތިކޮށްލެވުނީއެވެ. އަހަރެންގެ ވާހަކަ ޤަބޫލު ކުރާށެވެ ! ފެންވަރަކީ ލޯތްބަށްވުރެ މަތީ އެއްޗެއް ނޫނެވެ. އެ ލޯބި މިއޮތީ އަހަރެންގެ އަތުގައެވެ. އެހެންވީމާ ބުނެބަލާށެވެ ! ފެންވަރުމަތީ ކާކުގެ ހެއްޔެވެ ؟ އަހަރެންގެ ހެއްޔެވެ ؟ ނުވަތަ ތިމީހާގެ ހެއްޔެވެ ؟ އަގުބޮޑީ ކާކުގެ ހެއްޔެވެ ؟ ތިމީހާގެ ހެއްޔެވެ؟ ނުވަތަ އަހަރެންގެ ހެއްޔެވެ ؟ " ދޭވް އަޑުގަދަ ކުރަމުން ގެންދިޔައެވެ. އޭނާގެ ބަސްމަގުހުރީ ،  ބާޒާރުމަތީގައިވެސް މީހުން ބޭނުންކުރާނެ ވަރަށްވުރެ ދަށް ފެންވަރުގައެވެ.

އެހިސާބުން ، ޖޯހާންގެ ކެތްތެރިކަން ކޮޅުން ލިއެވެ. ހަމަ މިހާރު އެގެއިން ނުކުމެގެން ދިއުމަށް ދޭވް އަށް އަމުރު ކުރިއެވެ. އަދި އޭނާގެ ދަރިފުޅުގެ ދިރިއުޅުމުން ނުކުތުމަށްވެސް އެންގިއެވެ. އަންޖަލީއަށްވެސް ނުހުރެވިގެން އައިސް ދޭވް ކޮއްޕަމުން ދާށޭ ބުނެ ގެއިން ބޭރަށް ނެރެން އުޅުނެވެ. ދޮރާ ހަމަޔަށްގޮސް ، ދޭވް ތިއުޅުނީ ކޮން ގޮތަކަށްހޭ ، ކީއްހޭ ތިކުރީ ބުނެ އަންޖަލީ ، ދޭވްއަށް ނުރުހުމުގެ ބަސްތައް ރައްދު ކުރިއެވެ. އެއީ އިންސާނުން އުޅޭ ގޮތެއްނޫނެވެ.

ދޭވް ހުރީ ރުޅިއައިސް ރަތްވެފައެވެ. އަންޖަލީގެ ބައްޕަ ، އޭނާ ދުވަހަކުވެސް ޤަބޫލު ނުކުރާނެކަމަށް ދޭވް ބުންޏެވެ. އަދި ހަމަ މިހާރު އޭނާއާއެކު ދިއުމަށް އަންޖަލީގާތު ބުންޏެވެ. އަންޖަލީ ނޫނެކޭ ބުނެ ، މިރޭ ބައްދަލުކުރާނަމޭ ބުނަމުން ، މިވަގުތު އެގެއިން ނުކުމެގެން ދިއުމަށް އެދި ދޭވް އަށް އާދޭސް ކުރިއެވެ. ދޭވް އެވަރަކުން ފުއްދައެއް ނުލިއެވެ. އަންޖަލީ މިރޭ އައިސް އޭނާއާ ބައްދަލު ކުރާނެކަމަށް ވަޢުދުވާން ދޭވް އެދުނެވެ. އަންޖަލީ އެކަމަށްވެސް އެއްބަސް ވިއެވެ. އޭނާ ، މިރޭގެ ވަގުތެއްގައި ދޭވްއާ ބައްދަލުކުރާނެކަމަށް ވަޢުދު ވިއެވެ. އެކަމަކު ، މިވަގުތު ، އަވަހަށް ދޭވް އެގެއިން ނުކުމެގެން ދިއުމަށް އެދުނެވެ. ދޭވް އެގެއިން ނުކުމެގެން އެދިޔައީ އަންޖަލީއާއި އޭނާގެ ދުނިޔެ ބަނަ ކޮށްލާފައެވެ. ދެން ނަގާ ވިލާގަނޑެއްގައި ވަޔާއި ވާރޭ ހުންނާނެ މިންވަރެއް އެއީ ނޭނގުމެއްގެ ތެރޭގައިވާ ކަމެކެވެ. ކޮންމެފަދަ ގޮތެއްވެސް ވެދާނެއެވެ. އެންމެ އާދައިގެ ޢާއިލާއެއްގެ ނިކަމެތި ދެމަފިރިޔަކުވެސް ، ދޭވް ، މިއަދު އެއުޅުނުގޮތަށް ، އުޅުންހުރި ފިރިހެނަކާ އެމީހުންގެ އަންހެންދަރިޔަކު ދެވާކަށް އެއްބަހެއް ނުވާނެއެވެ. ދޭވްގެ ކިބައިގާ އަޚުލާޤެއް ނެތްތާނގައި ނަފުސުގެ މުއްސަނދިކަންވެސް ނެތީއެވެ. އެއީ ، އަންޖަލީގެ މުޅި ޙަޔާތުގައިވެސް ، އެންމެ ލަދުގަތް އަދި ދެރަވި ދުވަހެވެ. އޭނާގެ އުއްމީދުތައް ފެނަށްވެގެން ދިޔައީއެވެ. ދެންވާނެ ގޮތެއް ޚިޔާލުކޮށްލަންވެސް ނޭނގެއެވެ.  ދޭވް ނުކުމެގެން ދިއުމުން ، އަންޖަލީވެސް ގޭތެރެޔަށް ވަދެ ، ބައްޕައާއި މަންމައާ ކުރިމަތިލާން ލަދުން ، ކޮޓަރިޔަށް ވަދެގެން ދިޔައެވެ.

ރޭގަނޑު މީހުން ނިދައި ފައިހިލަވަޅު އޮބުނުތަނުން ، ގޭތެރެޔަށްވެރިވެފައި އޮތް ހަމަހިމޭންކަން ކަނޑުވައިލީ އަންޖަލީ ވަރަށް މަޑުން އަޅަމުންދިޔަ ފިޔަވަޅު ތަކުގެ އަޑެވެ. ވައިރޯޅިޔަށްވެސް ސިއްރުން ، އަންޖަލީ އަޅަމުންގެންދިޔަ ފިޔަވަޅުތަކަށް ހުއްޓުން އައީ ކުރިމަތިން އޭނާގެ ލޮލަށް އެފެނުނު މަންޒަރެވެ. އަންޖަލީގެ ކުރިމައްޗަށް ނުކުމެ އެ ހުއްޓުނީ އޭނާގެ ލޯބިވާ ބައްޕައެވެ. ތަންކޮޅެއް ދުރުގައި އެހުރީ ކަންބޮޑުވެ ހާސްވެފައިހުރި ، އޭނާގެ ލޯބިވާ މަންމައެވެ. އަންޖަލީގެ އަތުގައިވާ ދަބަސް އޭނާގެ އަތުން ދޫވެ ، ތަޅުންމައްޗަށް ވެއްޓުނެވެ. އޭނާ އެދަނީ ، ދޭވްއަށް ވަޢުދުވީގޮތަށް ، އެގެއިން ނުކުމެގެން ދޭވް ގާތަށެވެ. ދަބަހަށްލައިގެން އެގެންދަނީ ވަރަށް މަދު އެއްޗެކެވެ. ދެދުވަހަކަށް ވާވަރަށެވެ. އަންޖަލީގެ ހިތަށް ބިރުވެރިކަން ވަނެވެ. އެކަމަކު ، ވަރަށް ހިތްވަރުކޮށްފައި ،  ބައްޕައާއި މަންމަގެ ކުރިމަތީ ، އޭނާ އިސްއުފުލައިލިއެވެ. ކުރިޔަށް ހިނގައިގޮސް ބައްޕަގެ ކުރިމަތީ ހުއްޓުނެވެ. ޖޯހާންގެ އަތުގައި ފިސްތޯލައެއް އޮތެވެ. އެފިސްތޯލައާ ދިމާއަށް އަންޖަލީއަށް ބަލައިލެވުނެވެ.

" އަހަރެންގެ އަތުގައި އޮތް ފިސްތޯލަ ފެނި އަންޖަލީ ބިރުނުގަންނާށެވެ ! މި ފިސްތޯލައިގެ އަމާޒު ހިފިފައިވަނީ އަންޖަލީއަކަށް ނޫނެވެ. އެއީ ވާނެކަމެއްނޫނެވެ. މިފިސްތޯލައިން އަންޖަލީއަކަށް އެއްވެސް އަނިޔާއެއް ނުވާނެއެވެ. ފިސްތޯލަ ކީއްކުރަން ހެއްޔެވެ ؟ އަންޖަލީއާ ދިމާއަށް ، އިނގިލިކުރިވެސް މި ބައްޕަ ، މިހާތަނަށް ދިއްކޮށްލާފައެއް ނޯންނާނެއެވެ. ދަރިންނަށް އަނިޔާވެރިވެ ، އިހާނެތިކޮށް ހިތާ މައިންބަފައިން ، ފަހަރެއްގައި ދުނިޔޭގައި އުޅެފާނެއެވެ. އެކަމަކު ، އެމީހުން ހިނގާމަގުން މައިންބަފައިންނަށް އަނިޔާދީ ، އެމީހުން އެކަނިވެރިކުރާނެ އެތައް ދަރިންނެއް ތިބެދާނެއެވެ. އެމީހުން އެކަމާ ބަހެއް ނުބުނާނެއެވެ. މިއަދު ، އަންޖަލީ ކުރަން ތިއުޅެނީ އެކަމެވެ. " ޖޯހާން ، އަންޖަލީއާ މުޚާޠަބުކޮށް ވާހަކަ ދައްކަމުން ގެންދިޔައެވެ. އަންޖަލީ ރޮވިފައިހުރެ ، އިސްއުފުލާލައި އޭނާގެ ބައްޕަޔާ ދިމާއަށް ބަލައިލިއެވެ.

" ދަރިފުޅާއެވެ ! އެނގޭ ހެއްޔެވެ ؟ ދަރިފުޅު ވިހޭ ވަގުތު ، މަންމަޔަށް ކޮންމެވެސް ވަރަކަށް ވޭން ލިބުނެވެ. ޑޮކްޓަރުން ބައްޕަގާތު ބުންޏެވެ. ޖޯހާން ސާހަބުއެވެ ! ދެން ، ޖޯހާނަކަށް އިތުރު ދަރިޔަކު ނުލިބޭނެއެވެ. އެވަގުތު ، އަންޖަލީގެ މިމަންމަ ވަރަށް ރުޔެވެ. " އަންޖަލީގެ ކުރިމައްޗަށް ، ޗާނދަނީ ގެނެސް ބަހައްޓަމުން ޖޯހާން ބުނަމުން ގެންދިޔައެވެ.

" މަންމަ ، ވަރަށްބޮޑަށް ހިތްދަތިވެ ރޮމުން ގެންދިޔައެވެ. އެއީ އެ މަންމަ ، ފިރިހެންކުއްޖަކު ބޭނުންވާތީއެވެ. އެކަމަކު ، ފިރިހެންދަރިޔެއްގެ ފަރާތުން ނުލިބޭފަދަ ، ޢިއްޒަތާއި އަޅައިލުމާ އަދި އިޙްތިރާމާއި ލޯބިވެސް ، އަންހެންދަރިޔަކުވެސް ދީފާނެކަމުގެ ޔަޤީންކަން ، އެމަންމަޔަށް ވިސްނައިދިނީމެވެ. ވަރަށް މަސައްކަތުންނެވެ. އެކަމަކު ، އަންހެންކުއްޖަކުވެސް ، ފިރިހެންކުއްޖަކު ނުދޭފަދަ ،  ވޭނާއި ކެކުޅުން މައިންބަފައިންނަށްދީ އަނިޔާވެރިވެދާނެކަން ، އަހަރެން ހަނދާން ނެތުނީއެވެ. " ޖޯހާންގެ ވާހަކަތަކުން އަންޖަލީ ފެންކަޅި ވިއެވެ.

" އަންޖަލީއެވެ ! އެތައް ޒަމާނަކުއްސުރެ ބުރަ މަސައްކަތްކޮށްގެން އަހަރެމެން ހޯދާފައިވާ ޢިއްޒަތާއި ޤަދަރާއި މި މުއްސަނދިކަމަކީ ، އަހަރެމެންގެ ފުރާނަޔަށްވުރެވެސް އަގުހުރި އެއްޗެކެވެ. އެ އުފާވެރިކަން އެއީ އެއްވެސް އެއްޗަކަށް ނުހަދައި ، ވެއްޔާ މޮޑެވިދާން ދޫކޮށްލަން ބޭނުންވާ އެއްޗެއްކަމަށް އަންޖަލީއަށް ފެންނަންޏާ ، އެތަކެތި ދޫކޮށްލާފައި ދާންވީއެވެ. އެއީ ކީއްކުރަން ހެއްޔެވެ ؟ އެއާ އެއްފަދަނޫން ކުޑަކުޑަ ހިތްހަމަޖެހުމަކަށްޓަކައި ހެއްޔެވެ ؟ އެ ކުޑަކުޑަ ހިތްހަމަޖެހުމަށް އަންޖަލީއަށް ބަރޯސާވެވި ، އެއަށް އިތުބާރު ކުރެވުނީ ހެއްޔެވެ ؟ ތިމާގެ ބައްޕައާއި މަންމަޔަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރެވުނީ ހެއްޔެވެ ؟ " އަންޖަލީގެ ލޮލުން ކަރުނަ އައިސް ، އޭނާއަށް ރޮވެން ފެށިއެވެ.

" އަންޖަލީއެވެ ! އަހަރެންނަކީ އެހެން ބައްޕައިންނާ އެއްފަދަ މީހެއްނޫނީމެވެ. އަންޖަލީގެ އަތުގައި ހިފައިގެން ގެންގޮސް މިގޭގައި ބަންދުކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އަންޖަލީ ކޮޓަރިޔަށްލައި ތަޅެއްނުލާނަމެވެ. އެކަމަކު ، އަންޖަލީ ތިބޭނުންވާ އުއްމީދު ފުރިހަމަކުރުމަށް ގެއިން ނުކުމެގެން ދާންބޭނުންކަމަށް ވަންޏާ ، ދާންޖެހޭނީ މިބައްޕަގެ ފުރާނަނެތް މަސްގަނޑު ގިރާކޮށްފައެވެ. ބައްޕަގެ ގަޔަށް ބަޑި ޖަހާށެވެ ! އޭރަށް އަންޖަލީއަށް މިނިވަންކަން ލިބުނީއެވެ. ބަޑިޖަހާށެވެ. " ޖޯހާން ހިތްދަތިކަމާއެކު އަންޖަލީއަށް ވިސްނައިދެމުން ގެންދިޔައެވެ.

އަންޖަލީގެ ބައްޕަ ، ރޯހާން ފިސްތޯލައެއް ހިފައިގެ ނުކުމެ އެހުރީ ، އަންޖަލީ ހުއްޓުވާކަށް ނޫނެވެ. އަންޖަލީ ކުރަން އެއުޅޭކަމެއްގެ ހިތި ނަތީޖާ އޭނާއަށް ވިސްނައިދިނުމަށެވެ. އޭނާގެ ދަރިފުޅު ދުނިޔެއިން ގެއްލި ، ބިކަވެގެންދާން ދޫކޮށްނުލާންވެގެންނެވެ. ހަމައެއާއެކު ، އަންޖަލީގެ ނިންމުމާ ގުޅިގެން ، އެދެމަފިރިންނަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅު ގެއްލި ހިނގައިދާނެ ކަމުގެ ބިރުވެރިކަމުގެ ހިތާމަ ، އެދަރިފުޅަށް އިޙްސާސް ކޮށްދިނުމަށްޓަކައެވެ. ދޭވްގެ ޙަޔާތަށް އަންޖަލީ ދިއުމުގައި އަންޖަލީގެ ބައްޕަގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް ، ގެއިން ނުކުތުމުގެ ކުރިން އެބައްޕަގެ ނަޞޭޙަތުގެ އަޑު އަހައިލާފައި ދިއުމަށް އެދުނެވެ. އަދި މަންމައާއި ބައްޕަގެ ހިތުގެ ވިންދާ ކުޅެލާފައި ގެއިން ނުކުމެގެންދާނަމަ ، އެދެމަފިރިންގެ ދުނިޔެ އަނދިރިވެގެންދާނެކަމުގައި ބުނެ ، ކަރުނަ އަޅައި ރުޔެވެ. އަންޖަލީ ބްލެކްމެއިލް ކުރުމުގެ މަޤްޞަދުގައެއް ނޫނެވެ. އަންޖަލީ ނެތް ދުނިޔެއެއްގައި އެބައްޕަގެ ދިރުމެއްނުވާނެކަން އަންޖަލީއަށް ކަށަވަރުކޮށްދިނުމަށްޓަކައެވެ.

އަހަރެންނަށް ކަމެއް ކޮށްދޭށޭ ބުނެ ، ޖޯހާން އޭނާގެ އަތުގައި އޮތް ފިސްތޯލަ އަންޖަލީގެ އަތުތެރެޔަށް ލައި ، ބައްޕަގެ މެޔަށް ފިސްތޯލަ ޖަހާށޭ ބުނެ ، އޭނާގެ މެޔާ ފިސްތޯލަ އަމާޒުކުރިއެވެ. އަންޖަލީގެ ޝަހާދަތް އިނގިލި  ގެންގޮސް ފިސްތޯލައިގެ ޓްރިގަރ ނުވަތަ ވަޒަން ފޮނުވާލަން ދަމާލަންޖެހޭ ތަނުގައި ޖައްސައިދިނެވެ. ޗާނދަނީހުރީ ކަންބޮޑުވެގެންގޮސް ދެލޯ ބޮޑުވެފައެވެ. އަންޖަލީ ނެތް ދުނިޔެއެއްގައި ޖޯހާނަށް ދިރިނުހުރެވޭނެކަން ޗާނދަނީއަށް އެނގެއެވެ. އެއީ ، އެދެމަފިރިންގެހުރި ހަމައެކަނި ދަރިފުޅެވެ. ލޮލުގެ ނޫރެވެ. ހިތުގެ ވިންދެވެ. ފުރާނައިގެ ދިރުމެވެ. ޗާނދަނީވެސް އަންޖަލީގާތު އެތައް ވާހަކައެއް ދައްކަންވެފައި އެބަހުއްޓެވެ. އެހެނަސް އޭނާގެ ފިރިމީހާގެ ވާހަކަ އަދި ނުނިމޭކަން އެނގި ، މޭގަނޑު ނަގައި ، އަތްމައްޗަށް ލައިގެން މަޑުންހުރީއެވެ.

އަންޖަލީގެ ބުއްދިފިލައިދާ ވަރުވިއެވެ. ހާސްވެގެންގޮސް ކަރުނަ ފައިބައިގަތެވެ. ލޯބީގެ ނާރެހުގެ ކަފިތަކުން އޭނާ އިށީންނާނީ ކޮން ކަތްޕެއްގައިކަން ނޭނގޭ ވަރުވިއެވެ. އެއްކޮޅުން ، ވިހައި ބަލައި ބޮޑުކޮށް ، ދުނިޔޭގެ ހުރިހާ ކަމަކާއި އެއްޗެއް އަންޖަލީއަށްޓަކައި ހުސްކޮށްގެން ތިބި ، އޭނާގެ ލޯބިވާ މަންމައާއި ބައްޕައެވެ. އަނެއްކޮޅުން ، އޭނާގެ ހިތުގެ ވިންދުފަދަ ލޯބިވާ ދޭވް އެވެ.

އަންޖަލީގެ ބައްޕައާއި މަންމަ ބޭނުންނުވާކަމެއް އަންޖަލީއެއް ނުކުރާނެއެވެ. އެއީ ކޮންމެކަމެއް ކަމަށްވިޔަސް އެކަމެއް އަންޖަލީ ދޫކޮށްލާނެއެވެ. އެހެންނަމަވެސް ، އޭނާއަށް އޮތީ ދޭވްގާތުގައި ވަޢުދެއް ވެވިފައެވެ. އެ ވަޢުދު ފުއްދައިދިނުމަށްޓަކައި ދޭވްއާ ބައްދަލުކުރަން ދާން އޭނާ ބޭނުމެވެ. އެވާހަކަ ބައްޕަ ގާތުގައި ބުނާނީ ކިހިނެއްކަމެއް އަންޖަލީއަކަށް ނޭނގެއެވެ.

އަންޖަލީ ، ވަރަށް ހިތްވަރުކޮށްފައި ، އޭނާގެ ގޮތް ނިންމިއެވެ. ދޭވްއަށް ވީވަޢުދާ އެއްގޮތަށް އެރެއިން އެރެޔަށް ދޭވްއާ ބައްދަލުކުރަންދާނީއެވެ. އެކަމަކު އެކަންވެސް އޭނާކުރާނީ ބައްޕަގެ ހުއްދަ ހޯދައިގެންނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.