އަލިފާންކޮކާ - 4

(5 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މި ރަށަކު މޮޔައިން މަދެއް ނޫނެއްނު؟" އޭނާ ހިނިތުންވެލިއެވެ.

ކަންތައް ވީ އެހެންނެވެ. އެއްދުވަހަކު އެ ބުނާ ކަހަލަ މޮޔައަކު އޭނާ އެދޭ ވަރަށް ވުރެ މާބޮޑު މުސާރައަކަށް އޭނާއަށް ވަޒީފާ ދީފިއެވެ. އެޔާއެކު އޭނާގެ ހިތް އަރައިގެން އެ ދިޔައީ ހަތްވަނަ އުޑާ ހަމައަށެވެ.

ހަތަރު ހާސްރުފިޔާގެ ވަޒީފާ ޗިޓް އަޙްސަންގެ މޫނުމަތީގައި ހޫރައިލަމުން އޭނާ ބުންޏެވެ.

"މުސާރައިގެ އިތުރަށް ބޭސްކުރުމުގެ ޚަރަދާއި ބޯނަސް އަދި މުސާރަޔާއެކު އަހަރަކު އެއްމަސް ދުވަހުގެ ޗުއްޓީ. މީގެ އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު... ހައް... ހައް... ހާ."

"ޒާރާގެ މަންޒިލަކީ ތިޔައީތަ؟"

"އަހަރެންގެ މަންޒިލް އޮތީ އަދިވެސް ވަރަށް އުހުގައި."

"ކިހައި އުހެއްގައި؟"

"މިއީ އެންމެ ހަތަރު ހާސް ރުފިޔާއެއްނު! އަހަރެންގެ ހިތުގައި އޮތީ މަހަކު ހަތަރުލައްކަ ރުފިޔާ."

"ހައްދަވައި ބޮޑު ކުރެއްވި މާތް ރަސްކަލާކޮ!" އަޙްސަން ދެ އަތް މައްޗަށް އުފުލައިލިއެވެ. "މި ކުއްޖާ ސަލާމަތްކޮށް ދެއްވާދޭނވެ!"

"އޭތް ތިޔަ ކަހަލަ ދުޢާ ނުކުރޭ." އޭނާ ހަރުކަށި ރާގަކަށް ބުންޏެވެ.

އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ހިނގައްޖެއެވެ. ފުރަތަމަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ޙާލަތު ބަދަލުވާން ފަށައިފިއެވެ. ފުރަތަމަ މަހު އައީ މޮޅު ގޮނޑި ސެޓެކެވެ. ދެން އައީ ދޫލައެކެވެ. އޭގެ ފަހުން ރީތި އަގުބޮޑު ކާމޭޒެކެވެ. އެންމެ ފަހުން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކުލަ ޓީވީއެއް ގެނައިމާ މަންމަ އަކަށް އަނގައިން ނުބުނެއެއް ނުހުރެވުނެވެ.

"ތިޔަހެން ފައިސާ ބޭކާރު ގޮތުގައި ނަގައިލަނީ ކީއްކުރަން؟ ލިބޭ ފައިސާ ކޮޅު ރައްކާކޮށްފައި ބަހައްޓާ... ފަހުން އޭގެ ބޭނުން ޖެހޭނެ."

"ފުރަތަމަ ވީ މިއަދުގެ ޙާލަތު ރަނގަޅު ކުރަން. މާދަމާޔާމެދު ވިސްނާނީ ފަހުން."

"ތިޔައީ ކީއްކުރަން ކުރާހައި ކަމެއް؟ ތިޔަ އެއްޗެހި ނެތަސް އަހަރެމެން މިއުޅެނީ ހެޔޮ ޙާލުގައެއްނު؟"

"މަންމާ." އޭނާ މަންމަގެ ގާތުގައި އިށީނދެއްޖެއެވެ.

"ގޭގެ ސަބަބުން ވަރަށް ބޮޑެތި ބަދަލު އަންނާނެ... ރަނގަޅު ގެއެއް ހުރިއްޔާ އެ ގެއަކަށް އަންނާނީވެސް ރަނގަޅު މީހުން މޮޅު މީހުން."

"ތިޔަ ބުނާ ރަނގަޅު މޮޅު މީހުންނަކީ ކޮން ބައެއް؟"

"ބޮޑެތި މީހުން. މަންމަގެ އަންހެން ދަރީންގެ ކައިވެނި ކުރުވާކަށް ބޭނުމެއް ނުވޭތަ؟"

އޭނާ ބަނޑުއަޅައި ވިހެއި ދަރީންގެ ކަންތައްތައް އޭނާއަށް މި ވިސްނައިދެނީ އޭނާގެ ދަރިފުޅެވެ. މަންމަ ޙައިރާންވެފައި އިރުކޮޅަކު ބަލަހައްޓައިގެން އިނެވެ. އެހެން އިނދެފައި ބުނެލިއެވެ.

"ޒާރާ... އަހަންނަށް އަޙްސަން ވަރަށް ކަމުދޭ... އެއީ ތިމާގެވެސް ކުއްޖެއް. ކަލޭ ރުހެންޏާ ފަހަރިއާ ވާހަކަ ދައްކާލަންތަ؟"

"ވާހަކަ ދައްކާނެ ކަމެއް ނެތް." އޭނާ ނުރުހުންވެފައި ބުނެލިއެވެ. "އަހަރެން އޭނާޔާ އިންނާކަށް ބޭނުމެއް ނޫން."

"އެއީ ކީއްވެގެން؟ އޭނާގެ ކިބައިން ފެންނަނީ ކޮން އުނި ސިފައެއް؟"

"ފަގީރުކަމަކީ އެތައް ސަތޭކަ އުނި ސިފައަކާ އެއްވަރުގެ ކަމެއް."

"ފަގީރުކަމަކީ އަބަދަކު އޮންނަ ކަމެއް ނޫން... އޭނާ މިހާރު އެގެންދަނީ ސިފައިންގެ ތެރެއަށް ވަންނާން އިމްތިހާން ހަދަމުން. އިރާދަކުރެއްވިއްޔާ އޭނާ ބޮޑު އޮފިސަރަކަށްވާނެ..."

"ބޮޑު އޮފިސަރަކަށް ވިޔަސް ފަގީރުކަމުން އޭނާ ސަލާމަތް ވާނީ އެތައް އަހަރަކުން. އޭނާ ބަލަހައްޓާން ޖެހޭ އެތައް ބަޔަކު އެބަތިބި."

"ﷲ ހުރިހައި ކަމެއް ރަނގަޅު ކުރައްވައިފާނެ... ފިކުރު ކުރާނޭ ކަމެއް ނެތް."

"އަހަރެން ފިކުރެއް ނުކުރަން. ފިކުރު ކުރާނީ ކަންބޮޑުވާ މީހުން."

"ޒާރާ!" އޭނާގެ ވާހަކަ ހުރިގޮތް މަންމައަކަށް ކަމަކު ނުދިޔައެވެ. "އޭނާގެ ފިކުރު ބޮޑު ވަނީއެއް ނޫން. އެއީ އޭނާގެ ޒިންމާ."

"ތިޔަ ދެއްކެނީ ހަމަ އެއް ވާހަކައެއް... ޒިންމާއެއް އޮތިއްޔާ ފިކުރު ބޮޑުވާނެ." އޭނާ ފަރުވާ ކުޑަގޮތަކަށް ދެ ކޮނޑު ހިއްލައިލިއެވެ.

"އެންމެ ރަނގަޅު. އޭނާގެ ދެ ކޮއްކޮއަކު ކައިވެނި ކުރީމާ އަހަރެން ގޮސް ވާހަކަ ދައްކާނަން."

"މަންމާ... އޭނާޔާ އިންނާކަށް ބޭނުމެއް ނޫނޭ އަހަރެން ބުނެފީމެއްނު؟ މަންމައަށް އަޙްސަން އެހައި ރަނގަޅިއްޔާ ސެހެރް ނޫނީ އަސްމާއާއި އަޙްސަނާ ދެވާ."

"ކަލޭ ހުންނާނީ މީހަކާ ނީނދެތަ؟"

"އަހަރެންގެ ވާހަކަ އިހަށް ބާއްވާ. މަންމަ ހުއްޓާ އަހަރެން ފިކުރު ކުރަން ޖެހޭ ކަމެއް ނޯންނާނެ. އެހެން ނޫނަސް އާދައިގެ މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން."

ޙައިރާންވީ ވަރުން މަންމަގެ އަނގަ ހުޅުވުނެވެ.

އެރޭ މަންމައާއި ބައްޕަ ވާހަކަ ދެއްކި އަޑު އޭނާއަށް އިވުނެވެ. މަންމަ ބުންޏެވެ.

"އަންހެން ދަރީންނަށް އެހައި ބޮޑު މިނިވަންކަމެއް ދޭކަށް ނުވާނެ. އެހެން ހެދީމާ މާބޮޑަށް އަތުން ދޫވެގެން ހިނގައިދާނެ."

"ކިހިނެއްވީ؟" ބައްޕަ އަހައިލިއެވެ.

"އަހަރެން މި ދައްކަނީ ޒާރާގެ ވާހަކަ. މިހާރު އޭނާގެ ޚިޔާލު ހުންނަނީ ބިމަކު ނޫން. އޭނާ މިހާރު ދެކެނީ އުދުހުމުގެ ހުވަފެން."

"އަދި ޅައީ. ތަންކޮޅެއް ދުވަސްވީމާ ވިސްނިދާނެ."

"ކޮން ޅައެއް؟" މަންމަގެ އަޑުގައި ހުރި ޝަކުވާގެ އަސަރެވެ.

"އަހަންނަށް ފެންނަނީ އޭނާ އަވަހަށް މީހަކާ ދެވަން. މިއަދު ދެއްކީ އަޙްސަން ކަމުނުދާ ވާހަކަ... މާދަމާ އެހެން މީސްމީހުންގެ ކަމުނުދާ ވާހަކަ ދައްކަން ފަށާނެ."

ބައްޕަ އެއްވެސް ޖަވާބެއް ނުދިނެވެ.

ބައްޕަގެ ބަދަލުގައި ތެދުވެގެން ގޮސް މަންމައަށް ޖަވާބުދޭން އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ރީތި އަޚުލާގުގެ އަސަރު ކުޑަކޮށް ހުރުމާއެކު އެހެން ހަދާކަށް ނުކެރުނެވެ. ބާލީހުގައި އޮޅުލައިގަނެގެން އޮތީއެވެ.

ޙިނާގެ ކައިވެނީ ކުރެވެނީއެވެ. އެ ދުވަހު ބޮޑުބައްޕަ ގޭގެ އެންމެންނަށް ދައުވަތު ފޮނުވިއެވެ. އެންގޭޖްމަންޓް އޮތް ދުވަހު ބޮޑުބައްޕަ ކަންތައް ކުރިގޮތުން އޭނާ ކަނޑައަޅައިގެން ހުރީ ކާވެނި ޕާޓީއަށް ދައުވަތު ދިނަސް ނުދާށެވެ. އެހެން ނަމަވެސް މިހާރު އޭނާގެ ވިސްނުން ހުރީ ބަދަލުވެފައެވެ. މިހާރު ބޭނުން ވަނީ މުޅި ޢާއިލާގެ ކުރިމަތީގައި އޭނާގެ ހައިސިއްޔަތު ދައްކައިލާށެވެ. މިއީ އެ ކަމަށްޓަކައި ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. އޭނާއަށް އެ މަހު ލިބުނު މުސާރަ އެކީގައި ޚަރަދު ކުރީ އޭނާއާއި ކޮއްކޮމެންނަށް ހެދުން ގަންނާނެވެ.

އޭނާ ތައްޔާރު ވަމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާއެކީގައެވެ. ފުރަތަމަ އޮތީ ހީނާފަތް އެޅުމުގެ ރަސްމިއްޔާތެވެ. މަންމަ އެތައް އާދޭހެއް ކުރުމާއެކުވެސް އޭނާ ދިޔައީ ގަޑި ޖެހިގެންނެވެ. ލަހުން ދިއުމުގައި އޭނާގެ މަގުސަދެއް އޮތެވެ. އެ މަގުސަދު ކިތަންމެ ރަނގަޅަކަށްވެސް ފުރިހަމަ ވިއެވެ. އޭނާ ހުރީ ވަރުގެ ކޮޅަށް ނަލަ ހެދިގެންނެވެ. ހަފުލާގައި ތިބި އެންމެންގެ ސަމާލުކަން އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ. އޭނާ ބޭނުންވެގެން އުޅުނު ގޮތަކީ އެއީއެވެ.

"ޒާރާ! ތިޔައީ ހަމަ ޒާރާތަ؟" ބޮޑު ބޭބެގެ ދަރިފުޅު އާޞިފް އޭނާޔާ ދިމާއަށް ބަލައިލާފައި ޙައިރާންވެފައި އަހައިލިއެވެ. އޭނާ އެއްވެސް ޖަވާބެއް ނުދީ ފަށުވި އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ހިނިތުންވެލިއެވެ. "އަހަންނަކަށް ޒާރާ ނުވެސް އެނގުނު."

"އެއީ ކީއްވެގެން؟ އަހަރެންގެ ސިފަ ބަދަލުވީތަ؟" އޭނާގެ އަޑުގައި ހުރީ ބޮޑާކަމުގެ އަސަރެވެ.

"ނޫނޭ. ސިފަ ބަދަލުވީއެއް ނޫން." އާޞިފް ހިނިތުންވެލިއެވެ. "މިހާރު މާ ރީތީ."

އާޞިފްގެ ވާހަކައިން އޭނާގެ ހިތަށް ލިބުނީ ބަޔާން ކުރަންވެސް ނޭނގޭފަދަ މަތިވެރި އުފަލެކެވެ. އެއަށްފަހު ފަހަރަކު މީހަކު އައިސް އޭނާއަށް ތަޢުރީފް ކުރަން ފަށައިފިއެވެ. އޭނާ ހިތާއިހިތާ ކިޔަމުން ދިޔައެވެ.

"އަހަރެން މިއީ ހަމަ ކުރީގެ ޒާރާއެވެ. މިހާރު އައިސްފައި ހުރި ބަދަލަކީ މަތިމަތީން މި ފެންނަ ޒީނަތްތެރިކަމުގެ ސަބަބުން އައިސްފައިވާ ބަދަލެވެ. މި ޒީނަތްތެރިކަމަށްޓަކައި ވަރަށް ގިނަ ފައިސާ ވަނީ ޚަރަދު ކުރެވިފައވެ. އެންމެން ތަޢުރީފު ކުރަނީ ފައިސާއަށެވެ. އަހަރެންގެ ހެދުމުން މިފެންނަނީ ފައިސާގެ ދަޅައެވެ."

އެނބުރި ދާން ފެށީމާ ނުދާށޭ ކިޔައި އޭނާ ހުއްޓުވާން އެންމެންވެސް މަސައްކަތް ކުރިއެވެ.

"އަހަރެން އޮފީހަށް ދާން ޖެހޭނެ."

"ބަލަ، މިހާރު ވަޒީފާއެއްވެސް އަދާކުރަން ފެށީތަ؟"

"އާނ..." އޭނާގެ ގާބިލިއްޔަތުގެ ވާހަކަ ދެއްކުމަކީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެކެވެ. އެހެންވީމާ ޖަވާބު ދިނީ ފަޚުރުވެރިކަމާ އެކީގައެވެ.

"ކޮންތަނެއްގައި؟" އެތައް އަޑަކުން އެއްފަހަރާ ސުވާލުކުރިއެވެ.

"ކޭ އެންޑް ކޭގައި."

"އެއީ ވަރަށް ރަނގަޅު ކުންފުންޏެއް." ޖާވީދު ބުނެލިއެވެ. "އެ ކުންފުނީގެ އެމްޑީ ކަމާލްގެ ދަރިފުޅު ކާޝިފް އެމެރިކާގައި އުޅުނީ އަހަންނާ އެކީގައި."

"އެހެންތަ؟"

"އާނ... އެއީ ވަރަށް ރަނގަޅު މީހެއް. އަހަރެން އައިއިރު އޭނާ އުޅެނީ އެމެރިކާގައި. މިހާރު ކޮބައި ކަމެއް ނޭނގޭ."

"މިހާރު ދުރުވެ އެބައުޅުއްވާ." އޭނާ ބުނެލިއެވެ.

"އޮފީހަށް ދޭތަ؟"

"އާނ. ކާޝިފް ގިނަ ވަގުތު އުޅުއްވަނީ އޮފީހުގައި. ކަމާލް އުޅުއްވާނީ ގަޑިއެއްހައިއިރު."

"މީހަކާ އިނދެފިބާ؟"

"އެޔެއް ނޭނގޭ."

"އޭނާ އުޅުނީ އިންނާނޭ ރަނގަޅު އަންހެން ކުއްޖެއް ނުލިބިގެން. މިހާރު ނުލިބޭ ކަމެއްވެސް ނޭނގެ."

"ރަނގަޅު އަންހެން ކުއްޖެއް!" ޒާރާގެ ލޮލުގެ ކުރިމަތީގައި ކާޝިފްގެ ސޫރަ އެނބުރިގެންފިއެވެ. އެއީ މީހަކު މާ ބޮޑަށް އަޅައިގަންނަ ވަރުގެ ރީތި މީހެއް ނޫނެވެ. އެހެންނަމަވެސް އެހެން ހުރިހައި ޝަރުތެއް ފުރިހަމަވެއެވެ.

އެރޭ ވަރުބަލިވެފައި ހުރުމާއެކުވެސް އޭނާ ވަރަށް ގިނައިރު ވާންދެން  ހޭލައި އޮތެވެ. ކާޝިފް އުޅެނީ އިންނާނޭ ރަނގަޅު ކުއްޖަކު ނުލިބިގެންނެވެ. ރޭގަނޑު ހަތަރު ދަމު އޭނާ ވިސްނަމުން ދިޔައީ އެކަމާ މެދުގައެވެ.

"ކާޝިފް އެބުނާ ކަހަލަ ރަނގަޅު ކުއްޖަކަށް އޭނާ ވޭ ބާވައެވެ؟"

ކާޝިފް އޭނާޔާ ދިމާއަށް ބަލައިވެސް ނުލައެވެ. އޮފީހުގައި ޒާރާ ކުރަންޖެހޭ މަސައްކަތުގެ ގޮތުން ކާޝިފާ މާގިނަ ވާހަކަ ދައްކާކަށްވެސް ނުޖެހެއެވެ. ވަގުތު އޮވެގެން އޭނާޔާ ދިމާއަށް ބަލައިލައިފިއްޔާ އެ ބުނާ ކަހަލަ ރަނގަޅު ކުއްޖަކަށް އޭނާ ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެ ނަމަ ކާޝިފަށް އެދިގެން އުޅޭ ރަނގަޅު ކުއްޖާ ލިބުނީއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.