ފުޅަދޫ އައު އިންޖީނުގެ އާއި އޮފީސް އިމާރާތުން ޚިދުމަތް ދޭން ފަށައިފި

ބ. ފުޅަދޫ އައު އިންޖީނުގެ އާއި އޮފީސް އިމާރާތުން ޚިދުމަތް ދޭން ފަށައިފިއެވެ.

ފެނަކައިން ބުނީ އެރަށުގައި މީގެ ކުރިން ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ 160، 128 އަދި 80 ކިލޯވޮޓުގެ 3 ޖަނަރޭޓަރު ކަމަށާއި އަލަށް އިމާރާތް ކުރި އައު އިންޖީނުގެ އާ އެކު، އެ ޚިދުމަތް ދިނުމުގައި ދިމާވި ދަތިތަކަށް ހައްލެއް ލިބި، ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.

އައު އިންޖީނުގެ ހުޅުވިގެން ދިޔައީ ކެޕޭސިޓީ އިތުރަށް ފުރިހަމަ ކުރުމަށްފަހު، 250 ކިލޯވޮޓުގެ އާ އިންޖީނަކާ އެކު ކަމަށާއި މިއީ އެރަށުގެ ރައްޔޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނު ދުވަސް ކަމަށް ވެސް ފެނަކައިން ބުނެއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ އައު އިންޖީނުގޭގައި އިންޖީން ރޫމާއި ޕެނަލް ރޫމާއި އޮފީސް ބައެއް ވަނީ ހަދާފައެވެ.

އެ ރަށުގައި ކަރަންޓު ބޭނުން ކުރާ އަދަދު މިވަގުތު މަދުވިނަމަވެސް، ފުޅަދޫއަކީ ގެސްޓްހައުސް ވިޔަފާރި ވެސް ފުޅާވަމުން އަންނަ ރަށަކަށްވާތީ، ގެސްޓްހައުސްތައް އަލުން ހުޅުވުމުން އިންޖީނުތަކަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ބ. ފުޅަދޫއަކީ މިހާރު ވެސް ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުންދާ ރަށެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.