ހިތުގެ ވިންދު - 3

(30 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެހެންނަމަވެސް ، ދޭވްގެ މަންމައާ ބައްދަލުކޮށްލުމަށް ، ގެޔަށް ވަނުމަށް އަންޖަލީ ބޭނުންވިއެވެ. މިއަދު އޭނާ ދާނީ މަންމައާ ބައްދަލުކޮށްފައިކަމުގައި އަންޖަލީ ބުންޏެވެ. ދޭވްގެ މަންމައާ ، އަދި މިހާތަނަށް އަންޖަލީއާ ދިމާވެފައެއް ނުވެއެވެ. ދެމީހުންގެ ލޯބީގެ މާބަގީޗާގައި ، މާތައް ފޮޅި ފައްކާވެ ، މީރުވަސްދުވާތާ އެތައް ދުވަހެކެވެ. މަންމައާ އަންޖަލީއާ ބައްދަލުވާކަށް ، ދޭވް އަދި ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ، އަންޖަލީ ކުރެއް ނުކުރިއެވެ. އެންމެފަހުން ދޭވްއަށް ޖެހުނީ އެކަމަށްވެސް އެއްބަސްވާށެވެ. އަންނާށޭ ބުނެ،  އެކަމަށް ، ދޭވްގެ ހުއްދަ ލިބިގެން ގޭތެރެޔަށް ވަނެވެ. އަންޖަލީ އުފަލުންގޮސް ފޮޅުނެވެ.

ނިކަން ދެކިބަލާށެވެ ! އަހަރެންގެ ގެޔަކީ މިއީއެވެ. ސާހިބުކަމަނާއެވެ ! ކަމަނާގެ ކާރަށްވުރެވެސް ކުޑަ ، ނިކަމެތި ގެޔެކެވެ. ދޭވްގެ އެބަސްތަކަށް އަންޖަލީ ހިތްހަމައެއް ނުޖެހުނެވެ. ބޮޑުވިޔަސް އަދި ކުޑަވިޔަސް ގެޔަކީ ، ތަފާތެއް އޮންނާނެ އެއްޗެއް ނޫނެވެ. މަތިވެރިވެ ބޮޑުވާންޖެހެނީ މީހާގެ ހިތެވެ. އެހެންނޫން ހެއްޔެވެ ؟ ދޭވްގެ ހިތަށް ޢިޝާރާތްކުރަމުން  އަންޖަލީ ބުންޏެވެ. ދޮރުއެހެރީއޭ ވަދެގެންގޮސް މަންމައާ ބައްދަލުކުރާށޭ ބުނެ ގެޔަށް ވަންނަންހުރި ދޮރު ދައްކައިލުމަށްފަހު ، ދޭވް ހިނގައިގަތީ ބޭރަށެވެ. ދޭވް އެދަނީ ކޮންތާކަށްތޯ އަންޖަލީ ސުއާލު ކުރިއެވެ. ބައްދަލުކުރަން ބޭނުންވީ ސާހިބުކަމަނާ ނޫންހެއްޔެވެ ؟ ގޮސް ބައްދަލުކޮށްލާށެވެ. އަންޖަލީ އެތައްފަހަރަކު ގޮވީމަވެސް ދޭވް މަޑެއް ނުކުރިއެވެ. އެންމެފަހުން ، އެތާހުރި ސިޑިޔަކުން އަންޖަލީ މައްޗަށް އަރަން ފެށިއެވެ. އޭނާ މިސްރާބުޖެހީ ދޭވް ދެއްކި ދޮރާ ދިމާއަށެވެ.

އެއީ ، ވަރަށް އާދައިގެ މުސްކުޅި ގެޔެކެވެ. ފާރުތަކާއި ފަރުނީޗަރުތަކުން ފެންނަނީ ، އާބާތުރަ ފިލުވަން ބޭނުންވެފައިވާތާ ، އެތައްދުވަހެއް ވެފައިވާ މަންޒަރެވެ. ކުޑަދޮރުގެ ފޮތިތައްހުރީ ތިރިން ވީދިފައެވެ. ކުލަގޮއްސައެވެ. އެހެނަސް އެހުރިހާ އެއްޗެއްވެސް ހުރީ ތަރުތީބުކޮށް އަތުރައިލެވިފައެވެ.

ދޭވްގެ މަންމަހުރީ އެތާހުރި ދުވަސްވީ ބާ ރޭޑިއޯގަނޑަކުން އަންނަ ލަވަޔަކަށް ގެއްލިފައެވެ. އެހެން އަޑެއް އޭނާއަކަށް ނީވެއެވެ. އެލަވަޔަކީ އެމަންމަގެ މާޒީ ނިކަން ރަނގަޅަށް ތަޞައްވުރު ކޮށްދޭ ލަވައެކެވެ. ލަވަ ނިމެމުންދަނިކޮށް ، މަންމާއޭ ކިޔާފައި އަންޖަލީ ގޮވައިލިއަޑަށް ، ދޭވްގެ މަންމަދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ރޭޑިއޯ ނިއްވައިލިއެވެ. ކާކުހޭ އަހަމުން އެމަންމަ ކުރިޔަށް ފިޔަވަޅެއް އެޅިއެވެ.

" މަންމާއެވެ ! އަހަރެންނަކީ ..... އަހަރެންނަކީ ... " އަންޖަލީއަކަށް އޭނާގެ ނަމެއް ނުބުނެވުނެވެ.

      ތީކާކުހޭ އަހަމުން ، އަންޖަލީއާ ގާތަށް މަންމަ އައެވެ. މަންމާއެވެ ! އަހަރެންނަކީ .... ދޭވް .. އޭގެ އިތުރަކަށް އޭނާގެ ވާހަކަ ކުރިޔަކަށް ނުގެންދެވުނެވެ. އިތުރަށް ވާހަކަ ދައްކާކަށްވެސް ނުޖެހުނެވެ.

އެއީ އަންޖަލީކަން އެ މަންމަ ދެނެގަތެވެ. އެންމެ މިނިޓެއް މަޑުކޮށްލާށެވެ ! ތީކާކުކަން އަހަރެން ބުނެފާނަމޭ އެމަންމަ ބުންޏެވެ. ތިއީ އަންޖަލީއެވެ. އަންޖަލީގެ ޙައިރާންކަން ހުނުމަކަށް ބަދަލުވިއެވެ. ދޭވްގެ މަންމަވެސް އުފަލުންގޮސް ފޮޅުނެވެ. އެތާ ނުހުރެ ގޭތެރެޔަށް ވަންނާށޭ ބުނެ އަންޖަލީގެ އަތުގައި ހިފައިގެން އައިސް ގޮނޑިއެއްގައި ބޭންދިއެވެ. އެމަންމަގެ ލޮލުގެ ކަޅި ، އަންޖަލީގެ ލޮލުން އެންމެ ފަހަރަކުވެސް  އެއްފަރާތެއް ނުވެއެވެ. އެހާ ދުރުގައި އިންނާނެކަމެއްނެތޭ މިތަނަށް އައިސް ކައިރީގައި އިށީންނާށޭ ބުނެ ، މަންމަ އިން ގޮނޑީގައި އަންޖަލީ ބޭންދިއެވެ.

އަންޖަލީއެވެ ! ތިއީ ހާދަ ރީތި ނަލަ ކުއްޖެކެވެ. ހިނިތުންވެފައި އިނދެ ދޭވްގެ މަންމަ ބުންޏެވެ. އަންޖަލީއަށް ލިބުނު ލަދުރަކިކަމުގައި މަންމައަށްވުރެ ރީއްޗެއްނޫނޭ ބުނެލިއެވެ. އަދި ، އެހާ ފަސޭހައިން މަންމައަށް އޭނާ ދެނެގަނެވުނީ ކިހިނެއްތޯ ސުއާލުކުރިއެވެ.

" އަހަރެންނަށް އަންޖަލީ ނޭނގެންވީ ކީއްވެ ހެއްޔެވެ ؟ ދޭވްގެ ލޮލުން އަންޖަލީ އަހަރެންނަށް އަބަދުވެސް ފެނެއެވެ. އަންޖަލީ ލަދުގަތެވެ. އަންޖަލީއާ ބެހޭގޮތުން ހުރިހާ ވާހަކައެއްވެސް ދޭވް އޮންނާނީ މަންމައަށް ކިޔައިދީފާތާއެވެ. އަންޖަލީގެ ވާހަކަ ، ދޭވް އޭނާގެ މަންމަޔަށް ކިޔައިދެއެވެ. އަންޖަލީ ނޫން އެހެންމީހެއްގެ ވާހަކަ ދޭވްއަށް ދެއްކޭނީ ކިހިނެއް ހެއްޔެވެ ؟ އެއީވެސް މަންމައެކެވެ. އޭނާގެ ދަރިފުޅުގެ ހިތުގެ ވިންދު އެމަންމަޔަށް އެނގެއެވެ. އެ ދަރިފުޅުގެ ހިތުގެ ވިންދުގައި ވަނީ ހަމަ އެންމެ ނަމެކެވެ. އަންޖަލީ އެވެ.

      ދޭވްގެ މަންމަގެ އެ ލޯބި ބަސްތަކުން އަނެއްކާވެސް އަންޖަލީ ލަދުގަތެވެ. ދޭވް އެދިޔައީ ކޮންތާކަށްތޯ ސުއާލު ކޮށްލިއެވެ. ނިކަން ދެކިބަލާށެވެ ! މަންމަޔާ ބައްދަލުކޮށްލަން އަހަރެން އެކަނި ފޮނުވާލާފައި އެދިޔައީއެވެ. އަބަދުވެސް ، ދޭވް ހުންނާނީ ރުޅިއިސްކޮށް ، ހިތްހަމަ ނުޖެހިފައެވެ. އޭނާ ، ދޭވްގެ މަންމަޔަށް ގޮވައިލިއެވެ. އަދި ، ދޭވް އަބަދުވެސް ހިތްހަމަނުޖެހިފައި އެހުންނަނީ ކީއްވެގެންތޯ ސުއާލުކުރިއެވެ.

      އަންޖަލީގެ ސުއާލުން ، ދޭވްގެ މަންމަގެ މޫނުމައްޗަށް މޮޅިވެރިކަން ވެރިވިއެވެ. ވަރަށް ވިސްނަން އިނދެ ، ބުނަން ނުބުނަން އުޅެފައި ދޭވް އެހުންނަނީ މަންމަދެކެ ހިތްހަމަ ނުޖެހިފައިކަމުގައި ބުންޏެވެ. މަންމަގެ ޖަވާބުން އަންޖަލީގެ ހިތަށް ހާސްކަން ވެރިވިއެވެ. މަންމަދެކެ ރުޅިއަންނަންވީ ކީއްވެތޯ އަންޖަލީއަށް އަހައި ލެވުނެވެ.

      އުފާވެރިކަމުގެ ކޮޅުނެތްކޮޅަށް ހިނިތުންވެހުރި ، ދޭވްގެ މަންމަގެ މޫނުމަތިން ފެންނަންހުރި އުދާސްތައް ، އަންޖަލީ ދެނެގަތެވެ. އޭނާ ފެނުމުން ލިބުނު އުފާވެރިކަމަށްވުރެ ، މަންމަގެ ހިތުގައިހުރި ފާރުތައް ، އެމަންމަގެ މިލައި މޯޅިވެފައިވާ މޫނުމަތިން ، އަންޖަލީއަށް ފެނުނެވެ. އަންޖަލީއަށް އެކަމަށް ކެތެއް ނުކުރެވުނެވެ. ދެބައި ޢުމުރުން މައްޗަށްގޮސްހުރި ، އެ މަންމަގެ ހިތުގައި އަޅަމުންދާ ވޭނުގެ އިޙްސާސްތައް އަންޖަލީގެ ހިތަށް އުނދަގޫ ކުރިއެވެ. މަންމައާ ދިމާވި ފުރަތަމަފަހަރު ކަމަށްވިޔަސް ، އެހިތުގައި ރައްކާކުރެވިފައިހުރި ވޭނާއި ކެކުޅުމުގެ އިޙްސާސްތަކުގައި ، ބައިވެރިވެލުމަށް އަންޖަލީ ބޭނުންވިއެވެ.

އަންޖަލީއަކީ ، ދޭވްގެ ޙަޔާތަށް އަންނަންހުރި ޕަރީއެއްފަދަ ނަލަ ، ޖަރީއެއްފަދަ މުއްސަނދި ކުއްޖެކެވެ. އޭނާއާއި ދޭވްއާ ބެހޭގޮތުން ، އަންޖަލީއަށް އެއްވެސް ކަމެއް ފޮރުވާފައި ނުބޭއްވުމަށް ، މަންމަ ނިންމިއެވެ. އެއްވެސްކަމެއް އަންޖަލީއަށް ސިއްރުކޮށްފައި ބާއްވައިގެންވެސް ނުވާނެ ނޫންހެއްޔެވެ ؟ މުޅި ޢުމުރަށް ، ދިރިއުޅުމުގެ މަތިވެރި ގުޅުމަކުން ކުރާދަތުރުގައި  ، ސިއްރުކުރެވިފައިވާ ޙަޤީޤަތްތަކަކައިގެން ކުރިޔަށް ހިނގައިދާކަށް ނުވާނެއެވެ. އަންޖަލީގެ ދެލޮލަށް ބަލަހައްޓައިގެންހުރެ ، އެ މުސްކުޅި މަންމަގެ ހިތުގައިވާ އުދާސްތައް ، އަންޖަލީގެ ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ.

" އަންޖަލީއެވެ ! އަހަރެންނަކީ ، ބޭކާރުވެގެންގޮސް ، ދުނިޔެއިން ގެއްލިފައިވާ އަންހެނަކީމެވެ. އަހަރެންގެ ދިރިއުޅުމުގައި ކުރެވިފައިވާ އެފާފަ ، އަހަރެންގެ ދަރިފަސްކޮޅުގެ ދުނިޔެ ބަނަކޮށް ލައްގަނޑެއް ޖައްސުވައިފިއެވެ. ދޭވް ، އެކަމާބެހޭގޮތުން އެއްޗެކޭ ނުބުނާނެއެވެ. އެކަމަކު ، އެ ޒަޚަމުން ، އެނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނީ އަލިފާނުން ، ހިތްހަލާކުވެ ، އެތެރެހަށި އެދަނީ އަނދަމުންނެވެ. އަންޖަލީއެވެ ! އަހަރެންނަށް އެކުރެވުނު ކަމަކާމެދު އަހަރެން ލަދެއް ނުގަންނަމެވެ. އަހަރެންނަށް  ހަމައެކަނި ، މީހަކު ދެކެ ލޯބި ވެވުނީއެވެ. އެހެންނަމަވެސް ވީ ކިހިނެއް ހެއްޔެވެ ؟ ލަނޑުދިނީ އެހެން މީހެކެވެ. އަނިޔާލިބުނީ އެހެންމީހަކަށެވެ. އެނގޭ ހެއްޔެވެ ؟ އަހަރެންގެ ދަރިފުޅާ ދިމާއަށް ، ދުނިޔެ ގޮވަމުން އެގެންދަނީ އެއީ ބައްޕަނެތް ހަރާން ދަރިއެއް ކަމުގައެވެ. އަދި އެދަރިފުޅުގެ ހިތްވެސް އެވަނީ އެކަން ބަލައިގަނެ ، އެއީ ބައްޕަނެތް ހަރާން ދަރިއެއްކަމުގައި ޤަބޫލުކޮށްގެންނެވެ. ލޯބި އެއީ ހަރާންކަމެއް ނޫންކަން އަހަރެން އޭނާއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ ؟ އަންޖަލީއެވެ ! އެކަން އޭނާއަށް ވިސްނައިދީފާނަން ހެއްޔެވެ ؟ އެކަމުން އޭނާގެ ހިތަށް ލިބިފައިވާ ޒަޚަމްތައް ފިލުވައިދެވިދާނެ ހެއްޔެވެ ؟ ހިތުގައިވާ އަލިފާންގަނޑު ނިއްވައިލަ ދީފާނަން ހެއްޔެވެ ؟ އަންޖަލީއެވެ ! ޢުމުރަށްވެސް ދޭވް ދޫކޮށް ނުލާނަންކަމަށް އަހަރެންނަށް ވަޢުދުވާށެވެ !  ވަޢުދުވާށެވެ ! " ދޭވްގެ މަންމަގެ ރިހުމުންފުރިގެންވާ ހިތައިގެން ، ރޮމުންރޮމުން ދެއްކި ވާހަކަތަކުން އަންޖަލީގެ ހިތް ފޮތިފޮތިވެގެން ދިޔައެވެ.

ދޭވްގެ މަންމައަކީވެސް ، ލޯބީގެ އުފާވެރި އިޙްސާސްތަކުން ، ޢުމުރުގެ އެންމެ ޒުވާން ފުރައިގެ ދުވަސްތައް ހުސްކޮށްލި އިންސާނެކެވެ. ޒުވާން ޢުމުރުގައި ، މުއްސަންޖެއްގެ ލޯބީގައިޖެހި ، މަގު ކަސިޔާރުވެ ، ދުނިޔެ ގެއްލިފައިހުރި ނިކަމެއްޗެކެވެ. ތަޤްދީރު ، އެމަންމަޔަށް ނިޔާކުރި ޙާލަތަށް ކުރެވޭނެ ތަދުބީރެއްނެތި ، ދުނިޔެއަށް ގިނަވިއެވެ.  ޒުވާންކަމުގެ ޖޯޝްގައި ޢަމަލުތައް ބެހެއްޓުނުގޮތުން ، ބައްޕަނެތް ކުއްޖެއްގެ ގޮތުގައި ދޭވް ، އުފަންވިއެވެ. މަންމަގެ ލޯބިވެރިޔާ އޭނާއަށް ކެހިދިނުމަށްފަހު ، ދުނިޔެއަށް އެކަނި ކޮށްލިއެވެ. ފަޤީރުކަމާއި ނިކަމެތިޙާލުގައި އެފަކީރު ، ދޭވް ބަލައި ބޮޑުކުރީ ސަލާން ޖަހައިގެންނެވެ. އަޅައިލާނެ އެއްވެސްމީހަކު ނެތެވެ. މަސައްކަތެއް ދިންމީހަކުވެސް ނެތެވެ. އެންމެ ދެރަވެގެން އަވަށުގެ އެއްފުރާގެ ކުދިން ކިޔަވަންދާއިރު ، ދޭވް ސްކޫލަކަށް ފޮނުވޭފަދަވެސް ނުވިއެވެ. ދޭވްއަކީ ނުކިޔަވާހުރި މީހެކެވެ. ފަޤީރެކެވެ. ނިކަމެއްޗެކެވެ. އެހެނަސް ، އޭނާގެ ނަފްސުގެ މުއްސަނދިކަން އެހެން އެންމެންނަށްވުރެ ބޮޑެވެ. އެކަމަކު ، އެއީ މިޒަމާނުގައި ، އެއްވެސް އަގަކަށް ވިއްކޭނެ އެއްޗެއްނޫނެވެ. އެއްވެސް މީހަކު ބަލައިގަންނާނެ އެއްޗެއްނޫނެވެ. އަދި އަމްދުން މުއްސަނދިންގެ ދަރުބާރުގައި ، އިންސާނާގެ ނަފުސުގެ މުއްސަނދިކަން އެއީ އޮންނަ އެއްޗެއްނޫނެވެ.

" އަންޖަލީއެވެ ! އަހަރެންނަށް ވަޢުދު ވާށެވެ ! " ދޭވްގެ މަންމަ އަންޖަލީގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެންހުރެ ބުނަމުން ގެންދިޔައެވެ.

އަންޖަލީއަށް ، އިތުރަށް ވިސްނާކަށް ފުރުޞަތެއް ނުލިބުނެވެ. ތަޤްދީރުގެ ރޭވުމުން ، ކެހިވެރި މަޅިއެއްގައި ޖެހި ، ނިކަމެތިވެފައިވާ އަންހެނެއްގެ ކެކުޅުމާއި ވޭނުގެ އަޑު އިއްވުމަށްފަހު ، ދެން ކަށަވަރު ކޮށްދިނުމަށް އެއެދުނު ވަޢުދަކީ ، އަންޖަލީ ވާންޖެހޭ ، ބޮޑު ޤުރުބާނީއަކަށް ވެއްޖެއެވެ. އަންޖަލީގެ މަންމައާއި ބައްޕަޔަށް ، ދޭވްގެ ޙަޤީޤަތް އެނގުމަށްފަހު ، ދެންވާނެގޮތެއް އޭނާއަކަށް ނޭނގެއެވެ. އެހެނަސް ، އެހެންގޮތެއް ނެތެވެ.

ދޭވް އޭނާގެ ހިތުން ދުވަހަކުވެސް ފުހެނުލާނެކަމަށް ، ދޭވްގެ މަންމައަށް އަންޖަލީ ވަޢުދުވިއެވެ. ދުވަހެއްގެ ކޮޅުންވެސް އޭނާ ދޭވް އެކަނިކޮށް ދޫކޮށެއް ނުލާނެއެވެ. ކުޑަދޮރުގެ ފޮތިގަނޑާ ނިވާވެ ބޭރުގާހުރި ދޭވްއަށް ، އަންޖަލީ އެވީ ވަޢުދުގެ އަޑު އިވުނެވެ. އެއީ ، އެމީހުންގެ މިއަދުގެ ލޯބި ބައްދަލުވުން ނިންމައިލަމުންވެސް ، އަންޖަލީ ވީ ވަޢުދެކެވެ. ދޭވްގެ މޫނުމަތި ދެގުނަޔަށް އަލިވެގެންދިޔައެވެ. މަންމަގެ ހިތަށް އެލިބުނު ހަމަޖެހުމުގައި އަންޖަލީގެ ބޮލުގައި ފިރުމާލިއެވެ. ކަރު ތެންމައިލުމަށްވެސް ، އަންޖަލީއަށް ދޭނެ އެއްޗެއް އެގެޔަކު ނެތެވެ. އެވަރުވެސް އަންޖަލީއަށް ފުދެއެވެ. އެ ބައްދަލުވުމަކީ ، އެތައްބަޔެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިން ބައްދަލުވުމެކެވެ. އަންޖަލީ އެގެއިން ނުކުމެގެން އެދިޔައީ އުފާވެރި ހިނިތުންވުމަކާއެކީގައެވެ. ދޭވް ވެސް އަދި ދޭވްގެ މަންމަވެސް ހެއްވާލާފައެވެ.

އެ ލިބުނު ހިތްހަމަޖެހުމުގައި ، އުފަލުން ފޮޅެމުން ހެމުން ގޭތެރެޔަށް ވަދެގެން ދިޔައިރު ، އަންޖަލީއަށް ، އޭނާގެ ބައްޕަގެ އަޑު އިވުނުހެން ހީވިއެވެ. ލަންޑަނަށްގޮސް ބައްޕަ އައިކަންވެސް ، އޭނާއަށް އަންގައެއް ނުލައެވެ. ގޭތެރޭގައި އެހިނގި އެއްވެސްކަމެއްގެ ޚަބަރެއް ، އަންޖަލީއަކަށް ނުވެއެވެ. ހެނދުނު އޮފީހަށްދާން ގެއިން ނުކުތްގޮތަށް ، އަންޖަލީއަށް އެއާދެވުނީ ، ރޭވެ އަނދިރިވީ ފަހުންނެވެ. ބައްޕަ ފެނުމާއެކު ތުއްތު ކުއްޖެއްހެން ، ބައްޕަޔަށް ގޮވަމުން އަންޖަލީ  ދުއްވައިގަތެވެ. އެދިޔަގޮތަށްގޮސް ، ނުހަނު ލޯބިން ބައްޕަ ގައިގާ ބައްދައިގަތެވެ. އަންޖަލީއަށް އޭނާގެ ބައްޕަ ނުފެންނަތާ އަދި ވީ އެންމެ ހަފުތާއެކެވެ. އެހެންނަމަވެސް ، އަންޖަލީއަށްވެސް އަދި އޭނާގެ ބައްޕަޔަށްވެސް ހީވީ ، އެދެބަފައިން އެކަކު އަނެކަކަށް ނުފެނި އަހަރެއް ވެފައިވާ ހެންނެވެ. އަންޖަލީގެ ނިތްކުރީގައި އޭނާގެ ބައްޕަ ބޮސްދިނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.