ބްލޫ ރިބަން: ގެއްލެމުންދާ އާދަކާދަ

ދޮންބެއްޔާ ހިތަށް އެރިއެވެ. ދުނިޔެ ބަދަލުވަމުން މިދަނީ ހާދަ ބޮޑަކަށެވެ. ކުޑައިރު އާދަވެފައިހުރި އެތައްކަމެއް އެދަނީ އިދިކޮޅަށް ޖެހެމުންނެވެ. ގޭތެރެއިންނާއި މަގުމަތިންނެވެ. އޮފީސްތަކާއި ޖަގަހަތަކުންނެވެ. މިސްކިތްތަކާއި ދީނީ ބައްދަލުވުންތަކުގައެވެ. އަދި އިޖްތިމާޢީ ބައްދަލުވުންތަކާއި ދޭދޭ ފަރުދުންގެ މުޢާމާލާތު ތަކުންވެސް މެއެވެ.

އެކަކު އަނެކަކަށް އިޙްތިރާމްކުރުމެއް ނެތެވެ. ދެޖިންސު ހަމަހަމަވީވީނުންގޮސް ، އަންހެނުން ފިރިހެނުންނަކަށް ދުލެއް ނުކުރެއެވެ. ޅަކުދިން ދޮށީ ޢުމުރުގެ މީހުންނަކަށް ނުބަލައެވެ. ހިނގާފައިދާ ދެމީހަކު ޖެހި މުޑިއެރިޔަސް ، އެކަކުވެސް ހުއްޓުމެއް ނެތެވެ. ވެރިމީހާ ކުރިމައްޗަށް ހުއްޓިލާހިނދު ، ކޮޅަށްތެދުވުމެއް ނެތެވެ. އަދި ކިއެއްތަ ؟ ކުރިމައްޗަށް މީހަކު އައިހެންވެސް ހިއެއް ނުވެއެވެ. ރަނގަޅުކަމަކަށް މައިންބައިން ދައްކާ މަގަށް އަޅާއިލުމެއް ނެތެވެ. އިސްއުފުލައި ، ދެލޯ ބޮޑުކޮށް މައިންބަފައިންނާ ދިމާއަށް ބޭނުން އެއްޗެއް ގޮވައިލާކަށް ފަހަކަށް ނުޖެހެއެވެ. ވެރިން ވާހަކަ ދައްކަނިކޮށް ހުއްޓުވައި ރައްދު ދިނުމަކީ ގަޓް ހުންނަ މީހުންނަށް ވެއެވެ. މިސްކިތަކަށް އަރާ ސަފެއްގައި އިށީނދެ އިންނަ މީހާގެ ކައިރިޔަށް ޖެހިލާހިނދު ، ޖާގައޮތަސް ، ތަން ދެއްކުމަށް ހިރިލާކަށް ހިތަކަށް ނާރައެވެ. ތަންކޮޅަކަށްވެސް ޖެހިލެވެނީ ، ކޮނޑުގައި ޖަހައި އިޝާރާތް ކުރުމުންނެވެ. އެކަންވެސް  ، ގިނަފަހަރަށް ކޮށްލަނީ ، ދެލޯ ބޮޑުކޮށް އަނެއްމީހާއާ ދިމާއަށް ބަލައިލާ ހިތްހަމަ ނުޖެހުމެއްގެ ތެރޭގައެވެ. ކަމަކަށް ރައްދުދީ ، ބަހުސްކޮށް ، ލިޔެ ވާހަކަ ދައްކާއިރު ، އެކަކު އަނެކެއްގެ އިންސާނީ ޙައްޤާއި ކަރާމާތަށް ބެލުމެއްނެތި ، ފަޟީޙަތް ކޮށް ބަދުނާމުގެ ތުހުމަތުން އަގުވައްޓައިލާކާށް ފަހަކަށް ނުޖެހެއެވެ.  ބަންގިއަށް ޙުރުމަތްތެރިކޮށް ނުހިތައި ، އަޑުގަދަކޮށް ލަވަޖަހައި ، ބަންގި ގޮވިގޮވިހެން މިސްކިތާ ދުރަށް ދާން ހިނގުމަކީ ، ރީތި ކަމެކެވެ. ބަންގީގެ އަޑަށް މިސްކިތަށް ދިއުމުގެ ބަދަލުގައި ދުރަށް ހިނގާއިރުވެސް ، ހުއްޓިލުމެއްވެސް ނެތެވެ.

ކެއުމުގައި އިސްރާފުކުރުމަކީ ، އިތުރަށް ހިނގާ ޚަރަދެއްނޫނެވެ. ގޭގައި ކައްކާފައިހުންނަ އެއްޗެއް ބަހައްޓާފައި ހިތަށް އެރުމުން އޯޑަރު ކޮށްލައިގެން އެއްޗެތި ގެނެސް ކެއުމަކީ އާދައެކެވެ. ކާމޭޒު ދޮށުގައި ، ގަޔަށް އެއްޗެއްނުލައި އެންމެން ކުރިމަތީ އިނުން އެއީ ހުތުރުކަމެއް ނޫނެވެ. ޖަމާޢަތުގައި ކެއުމުގައި ވަކި އަދަބެއް އޮވެގެންނެއް ނުވެއެވެ. އެހެންމީހުން ފަކުރު ގަންނަ ، ކަރުކެހުންފަދަ ކަންކަމަކީ ކުރަންޖެހޭ ކަމެކެވެ. އެއްޗެއް ހުސްވެގެންދާއިރު ، އެހެންމީހަކަށް ބަހައްޓާނެކަމެއްނެތެވެ. ގުދާރު ބިނދެންދެން މަސައްކަތް ކޮށްގެން ލާރި ހޯދައިގެން ، ކާތަކެތި ގަނެގެންގެނެސް ކައްކާފަ ކާންދޭ ، ކާއެއްޗެއްގެ ލޮނުގަދަ ވިޔަސް ނުވަތަ ރަހަ ތަފާތުވިޔަސް ، އެކަންކޮށްދިން ، މަންމައާ ނުވަތަ މާމައާ ދިމާއަށް ހެއްދެވި ނުހެއްދެވިޔަށް ގޮވާކަށް ލަދެއް ނުގަނެއެވެ. ތިމާއަމިއްލަޔަށް ކާތަށި ދޮވެނުލާތާނގައި ، ސިންކަށް ލައިދިނުމަކީވެސް ލަދުވެތި ކަމެކެވެ. މާމަމެން މަންމަމެން ، އެތަށި ދޮންނަތަން ބަލަން އިންނަން އެއްވެސް އެއްޗެއް ހިތަކަށް ނާރައެވެ. ދެއްވި ރޯދި ބަރަކާތަށް ، ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރުމެއް ނޯވެއެވެ.

އެމީހަކު އުޅެންވީގޮތެއް އެނގޭނީ އެމީހަކަށެވެ. ރަނގަޅަކަށޭ ހިތާވެސް ނަޞޭހަތަކަށް ނަމަވެސް ، މީހަކު އުޅޭގޮތަކަށް ފާޑު ކިޔައިގެން ނުވާނެއެވެ. އެބެހެވެނީ ، އެމީހާގެ އަމިއްލަ މިނިވަންކަމާއެވެ. ހެޔޮބަހެއްބުނާ މީހަކަށް އިޙްތިރާމެއް ނެތެވެ. އިޙްތިރާމާއި ޤަދަރު ލިބިގެންދަނީ ، ލާރިދޭ މީހާއަށެވެ. ގެއްލި ހަލާކުވެގެންދާ މަގަށް މަގުދައްކާ މީހުންނަށެވެ.

ދީނީ ޢިލްމުވެރިންނަށްވުރެ ބޮޑަށް ، ކުށްވެރިންނާއި ވަގުންނަށް ކުރެވޭ އިޙްތިރާމާއި ޢިއްޒަތް އުފުލިގެން ވެއެވެ. ތިމާގެ އަމިއްލަ ނަފުސަށްވުރެ ، ޕާޓީލައިނުން ހަލާކުގެ މަގުން ކުރެވޭ ޕާޓީގެ ސިޔާސަތު ކުރިއަށް ނެރެވެއެވެ. އަމިއްލަ ނަފުސަށް ، އެއްވެސް އިޙުތިރާމެއް ނުކުރެވެއެވެ. ފަރުދީ ޒިންމާއެއް ނޯވެއެވެ. ޤައުމުގެ މުސްތަޤްބަލަކަށް ވިސްނުމެއް ނެތެވެ.

މިއީ މިއަދުގެ ޙާލަތެވެ. ދިވެހިންގެ އާދަކާދަޔަށް އަންނަމުންދާ ބޮޑު ބަދަލެކެވެ. ގިނަބައެއްގެ ފަރާތުން ފެންނަމުންނާ ނޭދެވޭ ޢަމަލުތަކެއްގެ ތަޞައްވުރެވެ. އެއާ ޚިލާފަށް ހެޔޮ ނިޔަތުގައި ރަނގަޅު އާދަކާދަތަކަކަށް ހޭނިގެން ދިރިއުޅެމުންދާ ބަޔަކަށް ލިބޭ ވަރަށްބޮޑު ތަކުލީފެކެވެ. ޤައުމެއްގެ ނިސްބަތުގައި ، ފަރުދީ ޒިންމާ ގެއްލި ، ޖީލުތައް ހަލާކުވެގެން ދިއުމުގެ އިންޒާރެކެވެ.

މިވަރުގެ ދުނިޔެއެއްގައި އުޅެވޭނީ ވަރަށް ކެތްގަދަވެގެންނެވެ. ފެންނަތަން ނުފެންނަ ތަނަށް ހަދައިގެންނެވެ. ފެންނަ ކަންކަން ނުފެންނަކަންކަމަށް ހަދައިގެންނެވެ. އަދި ، މާލީގޮތުންނާއި ޖިސްމާނީގޮތުންވެސް ، އެތައް ގެއްލުމެއް ބޮލު އަޅައިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.