ކިރުއިލޮށި - 50

(2 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކާށެވެ ! ސާރާ ބުނަމުން ގެންދިޔައެވެ. އަހަރެން އެ ކައިވެންޏަށް އިންކާރު ކޮށްފިއްޔާ އޭނާ އަހަރެމެން ބްލެކްމެއިލް ކުރާނެއެވެ. އޭނާލައްވާ އަހަރެމެން މިތިބީ ބޮޑުކަންތައްގަނޑެއް ހިންގާފައެވެ. އަހަރެމެން މިތިބީ ކައިސަރުގެ ދަށުވެފައެވެ. އޭގެ ފައިދާ ކައިސަރު ބޭނުންކުރާނެއެވެ. ދާގޮތަށްގޮސް ، އަޝްހަރުގާތު ހުރިހާ ވާހަކައެއް ކިޔައިދޭނެއެވެ.

އަޝްހަރުގާތު އެވާހަކަތައް ދައްކަންޏާ ދެއްކިޔަ ދޭށެވެ. ބްލެކްމެއިލް ކުރިޔަސް އަހަރެމެންނަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ހުރިހާ އުނދަގުލެއް ކުރިމަތިވާނީ ފަރީދާއަށެވެ. ކައިސަރު އައިސް އެހުރިހާ ވާހަކައެއް އަޝްހަރަށް ކިޔައިދިނުމަކީ ޒަރީނާ މިހާރު އެންމެ އެދޭ ގޮތެވެ. ސާރާގެ ބޮލަށް އަރާފައިވާ އަޝްހަރުގެ ލޯބީގެ ކަންތައްގަނޑު އޭރަށް ނިމުމަކަށް އަންނާނެއެވެ. ޒަރީނާގެ ވާހަކަތަކަށް ސާރާ ހިތްހަމައެއް ނުޖެހުނެވެ. އަޝްހަރާއި އޭނާ ދުރުކުރުމުގެ ވިސްނުމުގައި އެކަހަލަ ވާހަކަ އެދައްކަނީ ކީއްވެގެންތޯ ސާރާ ސުއާލު ކުރިއެވެ.

ސާރާގެ ޙައްޤުގައި ، ސާރާދެކެވާ ލޯބިން ، ޒަރީނާއަށް އެކުރެވުނު ކަންކަމަކީ ކޮށްގެންވާނެ ކަންކަމެއްނޫންކަމުގައި ޒަރީނާ ބުންޏެވެ. އޭނާއަށް ޚައިރާދާމެދު ހަރާންކޯރުވެވިފައިވަނީ އަންހެނެކަށްވެހުރެ އެހެން އަންހެނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއިންނެވެ. ޚައިރާދަކީ މައެއް ބަފައެއް ނެތް އެކަނިވެރި މަޢުޞޫމު ކުއްޖެކެވެ. ޚައިރާދަށް އަނިޔާ ދިނުމަށްޓަކައި ، ފަރީދާ ބުނި ހުރިހާކަމެއް އޭނާ ކުރިއެވެ. އެ ނިކަމެތި އަނހެންކުއްޖާ ( ޚައިރާދު ) ގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލެވުނީއެވެ. އަޝްހަރު އުޅެމުންއައި އުފާވެރި ދިރިއުޅުން ، އަނދިރި ކަށްވަޅަކަށް ބަދަލުކޮށްލެވުނީއެވެ. ފަރީދާގެ ވާހަކަތަކަށް ހެއްލި ، އެހުރިހާކަމެއް ޒަރީނާއަށް އެކުރެވުނީ ކީއްވެގެންބާވައޭ އޭނާގެ ހިތަށް އަރައެވެ. ޒަރީނާއަކީ އެކަނިވެރި މަޔެކެވެ. ޚައިރާދަކީވެސް މިއަދު ، އެކަނިވެރި މަޔެކެވެ. ސާރާގެ ދިރިއުޅުމަށް ކުރިމަތިވަމުންދާ ކަންކަމާއި ސާރާގެ މުސްތަޤްބަލްގެ އަނދިރިކަމުން ޒަރީނާއަށް އިޙްސާސް ކުރެވެނީ އެއީ ޚައިރާދަށް އެމީހުންދިން އަނިޔާގެ ބަދަލު ލިބެނީ ކަމުގައެވެ. ސާރާ ފެންނަ ކޮންމެ ފަހަރަކު ސާރާގެ ދިރިއުޅުން ވީރާނާވަމުން އަންނަކަމުގެ އިޙްސާސް ޒަރީނާއަށް ލިބެއެވެ. ޢުމުރު ދޮށިވެގެން އިންނާނެ މީހަކު ނުވާހިސާބަށް ސާރާގެ ޢުމުރު ހިނގައްޖެއެވެ. ޒަރީނާގެ ގެއަށާއި ސާރާގެ ދިރިއުޅުމަށް އަލިކަމެއް ނުފެނި ބަރުބާދުވެގެން ދިއުމަކީ ، އެމީހުން ޚައިރާދަށް ދިން އަނިޔާގެ ބަދަލުކަން ޒަރީނާއަށް އިޙްސާސްވާ ކަމުގައި ޒަރީނާ ބުންޏެވެ.

ޒަރީނާގެ ވާހަކަތަކުން ސާރާގެ ސިކުނޑި ހާސްވިއެވެ. އަނިޔާ ލިބުނީ ކާކަށްތޯ އޭނާ ސުއާލު ކުރިއެވެ. ޚައިރާދު އެއީ އޭނާގެ އަތުން އަޝްހަރު ބީވެގެންދިޔަ ސަބަބެވެ. ސާރާގެ އަތުން އަޝްހަރު ޖަހައިގަތީ ޚައިރާދުކަމަށް ސާރާ ބުންޏެވެ.

އަޝްހަރަކީ ދުވަހަކުވެސް ، ސާރާގެ ޙައްޤަކަށްވެފައިވާ މީހެއްނޫނެވެ. އަޝްހަރު ދުވަހަކުވެސް ލޯބީގެ ނަޒަރިއްޔާއިން ސާރާ އާ ދިމާއަށް ބަލައިލާފައެއް ނުވެއެވެ. އަތުން އެއްޗެއް ބީވެގެންދާނީ އަތުގައި އެއްޗެއް އޮވެގެން ނޫން ހެއްޔެވެ. އަޝްހަރަކީ ދުވަހަކުވެސް ސާރާގެ އަތުގައިވާ އެއްޗެއްނޫނެވެ. ޒަރީނާ ފެންކަޅިވިއެވެ. އަޝްހަރަކީ ކުރިންވެސް ސާރާއާމެދު ލޯބީގެ ވިސްނުމުން ވިސްނި މީހެއްނޫނެވެ. އަދި ފަހުންވެސް ސާރާއާމެދު އަޝްހަރު އެ ނަޒަރަކުން ނުވިސްނާނެއެވެ. ރަޙުމަތްތެރިއެއްގެ ޙައިޞިއްޔަތު ފިޔަވާ އެހެން ގުޅުމެއް ސާރާއަކަށް އަޝްހަރުގެ ފަރާތަކުން ނުލިބެއެވެ. އެ ޙަޤީޤަތް ސާރާއަށް ޤަބޫލު ނުކުރެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ ؟ އަޝްހަރު ހަނދާން ނައްތައިލުމަށް އެދި ޒަރީނާ ، ސާރާއަށް އާދޭސް ކުރިއެވެ. އަޝްހަރު ހަނދާން ނައްތައިލުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫންކަމަށް ސާރާ ބުންޏެވެ. އެހެންމީހެއްގެ ޙައްޤަކަށްވާން ސާރާއަކަށް އަޝްހަރު ދޫކޮށެއް ނުލެވޭނެއެވެ.

އަޝްހަރު އޭނާގެ މަންމަގެ ކޮޓަރީގައި ޓަކިޖަހައިލުމަށްފަހު މަޑުމަޑުން ވަނެވެ. ފަރީދާ އޭރުއިނީ އެނދުމަތީ އިށީނދެ ނޫސްކިޔާށެވެ. އަޝްހަރު ދިޔަގޮތަށްގޮސް ، މަންމަގެ ކުރިމަތީހުރި ގޮނޑީގައި އިށީނދެލިއެވެ. އަޝްހަރު އެއައީ މަންމަޔާ ވާހަކައެއް ދައްކައިލުމަށްކަމުގައި ބުނެ އޭނާގެ ވާހަކަ ފެށްޓިއެވެ.

މަންމާއެވެ ! ހަރީމަކީ އަދި ކުޑަކުއްޖެކެވެ. މަންމަ ، ޚައިރާދާމެދު ގެންގުޅޭ ވިސްނުމާއި ޢަމަލުކުރާގޮތުން ، އެ މަޢުޞޫމުކުއްޖާގެ ހިތަށް އެބަ އަސަރު ކުރެއެވެ. އެކުއްޖާފުޅުގެ ހިތުގައި ލޯވަޅެއް އެބަހުއްޓެވެ. އެއީ ހިތްބަލި ކުއްޖެކެވެ. ހަރީމްގެ އެ ޢުމުރަކީ ހުރިހާކަމެއް ނޯޓިސްކުރާ ޢުމުރެވެ. މަންމަގެ ތަޞައްވުރު ހަރީމްގެ ކުރިމަތީ ގޯސްވެގެންދާކަށް އަޝްހަރު ބޭނުމެއް ނުވެއެވެ. ހަރީމަކީ އޭނާގެ މަންމަދެކެ ވަރަށް ލޯބިވާ ކުއްޖެކެވެ. މަންމާއެވެ ! އަހަރެންނަށްޓަކައި ، ކޮންމެވެސް ވަރަކަށް އެކަމަށް ވިސްނައިގެން އުޅެދޭށެވެ. ހަރީމްގެ ފަރުވާ ރަނގަޅުވަންދެނެވެ. ހަރީމް ރަނގަޅުވުމުން ޚައިރާދު މިގެއަކު ނުހުންނާނެއެވެ. މަންމަގެ ހިތުގައި ޚައިރާދުގެ މައްޗަށް އޮތް ރުޅިވެރިކަން ، އެކުއްޖާފުޅުގެ ކުރިމަތީ ހާމަވިޔަ ނުދީފާނަން ހެއްޔެވެ ؟

އަޝްހަރުގެ ވާހަކަތައް އަޑުއަހަން އިނދެފައި ފަރީދާ ، ވަކިހިސާބަކުން ވާހަކަ ދައްކަން ފެށްޓިއެވެ. ފަރީދާއަށް ޤަބޫލުކުރެވޭ ގޮތުގައި އަޝްހަރުގެ ހިތް ބަދަލުވަމުން އެބަދެއެވެ. އެއަންހެނާއަކީ އަޝްހަރުގެ ދިރިއުޅުން ބަރުބާދުކޮށްލި މީހެކެވެ. އަޝްހަރަށް ބަދަލެއް ނާންނަ ކަމަށާއި މައްސަލަޔަކީ އެއީ ނޫންކަމަށް އަޝްހަރު ބުންޏެވެ. ހަމައެއާއެކު ، ވެގެން އުޅޭގޮތަކީ އެއީކަމުގައި ފަރީދާ ބުންޏެވެ. އެހެންނޫންނަމަ ، ހަރީމުގެ ހިތަށްކުރާ އަސަރެއްގައި ޚައިރާދުގެނަމެއް ނުގެންނާނެއެވެ. ޚައިރާދުގެ މައްޗަށް ހަމްދަރުދީއެއް ނުއުފެދޭނެއެވެ. އެއަންހެނާގެ މޫނުދެކިލަންވެސް އަހަރެންނެއް ނޭދެމެވެ. އަޝްހަރު ބޭނުންވަނީ ، ޚައިރާދުގެނެސް އޭނ ާގެމޭގައި ލައްކޮށްލައިގެން އިންނަންތޯ ފަރީދާ ސުއާލުކުރިއެވެ. އެއީ ދުވަހަކުވެސް ވާނެކަމެއްނޫނެވެ.

މަންމަގެ ވާހަކަ އެހެންގޮތަކަށް ބަދަލުކުރަނީކަމަށް އަޝްހަރު ބުންޏެވެ. ދެތިން ދުވަހެއްގެ ތެރޭގައި ހަރީމްގެ ސާޖަރީ ހެދޭނެއެވެ. އެޙާލަތަށް ރިޢާޔަތްކޮށް ، ވިސްނައިގެން އުޅުމަށް އެދި އަޝްހަރު ، އޭނާގެ މަންމަޔަށް އާދޭސްކުރިއެވެ.

އަޝްހަރު ދައްކަންއައި ވާހަކަ ދައްކައިނިމުމުން ކޮޓަރިން ނުކުމެގެން ދިޔަތަނުން ކައިސަރުގެ ފޯނެއް އައެވެ. ޙާލު އަޙުވާލު އެހުމަށްފަހު ދެމީހުންގެ ވާހަކަ ފެށްޓިއެވެ. ކައިސަރުގެ ޚަބަރުދަބަރު ސާރާގެ ފަރާތުން ލިބެމުންދާކަމުގައި ފަރީދާ ބުންޏެވެ. އަދި ކައިސަރު އެނބުރި ޕާކިސްތާނަށް އަންނަނީ ކޮންއިރަކުންތޯ ފަރީދާ ސުއާލުކުރިއެވެ.

ކައިސަރު ފޯނުކުރީ އެކަމާބެހޭގޮތުން ފަރީދާއާ ވާހަކަދައްކާށެވެ. ކައިސަރު ، މިފަހަރު ކަރާޗީއަށް އެއަންނަނީ ކައިވެނި ކުރާށެވެ. ފަރީދާއަށް ލިބުނު ޙައިރާންކަމުގައި އެހެންހެއްޔޭ ބުނުން ފިޔަވައި އިތުރު އެއްޗެކޭ ބުނާކަށް ނޭނގުނެވެ. ކައިސަރުގެ ޓިކެޓްވެސް މިހާރު އޮތީ ބުކް ކޮށްފައެވެ. އޭނާ ކަރާޗީއަށް އައުމުގެ ކުރިން ، ސާރާމެންގެޔަށްގޮސް ، އެކައިވެނި ހުށަހަޅައިދިނުމަށް ފަރީދާގެ ކިބައިން އެދުނެވެ. ފަރީދާގެ ޙައިރާންކަން އިތުރަށް ބޮޑުވިއެވެ. އޭނާ އެކަން ކުރަންޖެހޭ ސަބަބެއް ފަރީދާއަކަށް ނޭނގުނެވެ. އެހެންނަމަވެސް އެކަން ކައިސަރު ސާފުކޮށްދިނެވެ. ކައިސަރު އަބަދުވެސް ، ފަރީދާ ދެކެމުންއައީ އޭނާގެ މަންމައެއްގެ ގޮތުގައެވެ. އެހެންނޫނަސް ، މަންމައާއި ބައްޕައަށްފަހު ދެންހުރިމީހަކީ ފަރީދާކަމުގައި ކައިސަރު ބުންޏެވެ. ފަރީދާއަށް އެއީ އުނދަގޫ ކަމަކަށް ވިއެވެ. ކައިސަރުގެ ކައިވެނީގެ ހުށަހެޅުން ހިފައިގެން ފަރީދާ ދާނީ ކޮން ޙައިޞިއްޔަތަކުން އަދި ކޮންގޮތަކުން ހެއްޔެވެ ؟ ކައިސަރަށް އެކަން ކޮށްދިނުންއެދި ފަރީދާގާތު އާދޭސް ކުރިއެވެ. ކައިސަރު މިހާރު އޮތީ ސާރާއަށްވެސް އެކަން އަންގާފައެވެ. އެހެންނަމަވެސް ، ކައިސަރު ބުނިގޮތުގައި ، ކައިވެނީގެ ވާހަކަ ބުނުމުން ސާރާ އެކަމާ އެހާ ގަޔާނުވާކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން ، ކައިވެނީގެ ހުށަހެޅުމައިގެން ފަރީދާ އެގެޔަށްގޮސް ، މީގެ ހަތަރު އަހަރުކުރިން ، އޭނާއާ ކައިވެނިކުރުމަށް ސާރާ ވަޢުދުވެފައި އޮތްކަން ހަނދާންކޮށްދިނުމަށް ކައިސަރު އެދުނެވެ. ވަޢުދަކީ ފުއްދަންޖެހޭނެ އެއްޗެކެވެ. އަދި އަމްދުން ، ކައިވެންޏަކަށް ކުރެވޭ ވަޢުދާއި ޢަހުދު އެއީ ފުއްދަން ލާޒިމް ކަމެކެވެ.

ކައިސަރުގެ ވާހަކަ ބަދަލުކޮށްލިއެވެ.  ޚައިރާދަށް އަނިޔާދީ ، ޚައިރާދުގެ ދިރިއުޅުން ބަރުބާދު ކޮށްލުމަށް ، ފަރީދާގެ އެދުމުގެ މަތިން އޭނާކުރި ހުރިހާ ކަމަކީވެސް ، ސާރާގެ ލޯތްބަށްޓަކައި އޭނާކުރި ކަންތައްތަކެއްކަން ، ފަރީދާއަށް ، ކައިސަރު ހަނދާން ކޮށްދިނެވެ. އަދި ، ޚައިރާދާމެދު އޭނާގެ ހިތުގައި ޒާތީ އެއްވެސް ދުޝްމަންކަމެއް ނެތްކަމުގައި ބުންޏެވެ. އެ ހުރިހާ ދޮގަކާއި މަކަރާ އަދި ޙީލަތެއް ހެދީ ، ސާރާ ޙާޞިލްކުރުމުގެ މަޤްޞަދުގައެވެ.

ޚައިރާދަށް ދިން އަނިޔާގެ މަތިން ހަނދާންކޮށްދިނީމަ ، ހެދޭނެ އެހެންގޮތެއްނެތިގެން ، ޒަރީނާއާ ވާހަކަ ދައްކައިގެން ، އެކަން ކޮށްދިނުމަށް ފަރީދާ އެއްބަސްވިއެވެ. އަދި ، އެއްވާހަކައެއް ކައިސަރު ، ފަރީދާއަށް ހަނދާންކޮށްދިނެވެ. ކައިސަރުގެ ގެޔަށް އެރޭ ޚައިރާދު ގެނައީ ފަރީދާކަން އަޝްހަރަށް އަދި ނޭނގޭދޯއޭ ބުނެ ފަރީދާ ބިރުގަންނުވައިލިއެވެ. އަދި އެކަން އަޝްހަރަށް އެނގުނަދީގެން ނުވާނެކަމަށް ކައިސަރު ބުންޏެވެ. އެކަން އަޝްހަރަށް އެނގިއްޖިއްޔާ ފަރީދާގެ ދުވަސްދާނެކަން ކައިސަރު ހަނދާންކޮށްދިނެވެ. ކައިސަރު ، އެވާހަކަ ބުނުމުގެ މަޤްޞަދަކީ ، އޭނާގެ ކައިވެނި ސާރާއާ ކުރުމަށް މަގުފަހިވާނެގޮތަކަށް ފަރީދާ ބްލެކްމެއިލް ކުރުމެވެ.

ހަރީމް ކުލަޖައްސާ ފޮތް ހިފައިގެން ކުލަޖައްސަންއިންދާ ، އަޝްހަރު ، ކޮޓަރިޔަށް ވަނެވެ. ހަރީމާ ސަމާސާ ކޮށްލުމަށްފަހު ، ޚައިރާދު އިށީނދެއިން ގޮނޑިކައިރިޔަށް އައިސް ޚައިރާދާޖެހިގެން އިނށީދެލިއެވެ. ޚައިރާދަށްވެސް އުނދަގޫވެގެން ކުޑަކޮށް ދުރަށް ޖެހިލާ ވަރަށެވެ.

ހަރީމް މާދަމާ ހޮސްޕިޓަލަށް ދާންޖެހޭވާހަކަ މަންމަ ބުނިތޯ ހަރީމްކުރެން އެހިއެވެ. ހަރީމް އެއަކަށް ޖަވާބެއް ނުދެއެވެ. އޭނާ ކުލަޖެއްސި ފޮޓޯގެ ރީތިކަމުގެ ވާހަކަ ފެށްޓިއެވެ. އެކަމަކު އަޝްހަރު ފެށްޓީ އެހެން ވާހަކައެކެވެ.

ޑޮކްޓަރ ބުނެފަ އޮތްގޮތުގައި ، ހަރީމް މާދަމާ ހޮސްޕިޓަލުގައި އެނދުމަތި ކުރާނެއެވެ. ރަނގަޅު ބޭސްފަރުވާދީ ، އިރާދަކުރެއްވިއްޔާ ހަރީމް ވަރަށް އަވަހަށް ރަނގަޅު ވާނެއެވެ. އޭގެފަހުން ، ހަރީމް ސްކޫލަށް ދާނެއެވެ. އަދި ދުވެ ސަކަރާތްޖެހިޔަސް އެއްވެސް މީހަކު ހަރީމެއް ނުހުއްޓުވާނެއެވެ. އެހެންނޫންހޭ ބުނެ ޚައިރާދަށް ދޯ އެއްލިއެވެ. ޚައިރާދުވެސް ވާހަކަ ދައްކަން ޖެހުނެވެ. ހަރީމް ހޮސްޕިޓަލުގައި ބޮޑާހާކާ ނުހަދާނެދޯއޭ ޚައިރާދު ބުންޏެވެ. ބަސްއަހާ ރަނގަޅު ކުއްޖަކަށްވެގެން ހޮސްޕިޓަލުގައި އޮންނާނެއެވެ. ފަރުވާ ދިނުމަށްޓަކައި ހަރީމް އެހެން ކޮޓަރިޔަކަށް ގެންގޮއްސާނެއެވެ. ފަހަރެއްގައި މަންމައާއި ބައްޕަ ފެންނަ ހިސާބުގައި ނެތިދާނެއެވެ. އެކަމަކު ހަރީމެއް ނުރޯނެއެވެ. ޚައިރާދާއި އަޝްހަރު ، ހޮސްޕިޓަލާއި ހަރީމްގެ ސާޖަރީގެ ވާހަކަ ކިޔައިދީ ހަރީމްގެ ބިރު ކަނޑުވައި ހިތްވަރުދީ ހެދުމުގައި ވަރަށް ގިނައިރު ހޭދަކުރިއެވެ. ހަރީމް މެދަށް ލައިގެން  ، ހަރީމަށް ނިދެންދެން ދެމީހުން އެގޮތުގައި ތިއްބެވެ.

ޚައިރާދު ފަތިހު ތެދުވެ ފަތިސް ނަމާދުކުރުމަށްފަހު ، ދަރިފުޅަށް ހެޔޮ ރަޙުމަތްލައްވައި ، ﷲ ގެ ރައްކާތެރިކަމުގައި ލައްވައި ، ދަރިފުޅުގެ ސާޖަރީ ކާމިޔާބު ކޮށްދެއްވުންއެދި ﷲ ގެ ޙަޟުރަތަށް ދުޢާ ދެންނެވިއެވެ. ﷲ ގެ ޙަޟުރަތުން ދަރިފުޅުގެ ބައްޔަށް ޝިފާ ދެއްވުންއެދި ރޮމުން ގިސްލަމުން ދުޢާ ކުރިއެވެ. ޚައިރާދުގެ ދުޢާގެ އަޑުއަހަން އެތާކައިރީހުރި އަޝްހަރު ، އާމީން ކިޔުމުން ޚައިރާދަށް ސިހުން ލިބުނެވެ. އަޝްހަރު ، ކައިރާދުގާތުގައި އިށީނދެލިއެވެ. އޭނާގެ ހިތުގައި ޚައިރާދާމެދު ހަމްދަރުދީ އުފެދުނެވެ. އޭނާގެ ދަރިފުޅަށްޓަކައި ޚައިރާދުގެ ދުލުން ބޭރުވި ދުޢާގެ އަޑު އޭނާއަށް އިވުނެވެ. ޚައިރާދުގެ ގިސްލުމާއި ރުއިމުގެ ވޭނާއި ތަކުލީފް އިޙްސާސް ކުރެވުނެވެ. ﷲ އަށް ވަކީލުކޮށް އެކަލާނގެ ޙަޟުރަތުން ވާގިއެދުމަށް ބުނެ ، އަޝްހަރު ، ޚައިރާދަށް ހިތްވަރުދިނެވެ.

ހަރީމްގެ ސާޖަރީއާމެދު ޚައިރާދު ވަރަށް ބިރުގަނެ ކަންބޮޑުވެއެވެ. ހަރީމް ހަދަންޖެހެނީ އޯޕަން ހާރޓް ސާޖަރީއެކެވެ. އެކުއްޖާފުޅަށް އެއޮއް ތުއްތުއިރު ، އެލިބެނީ ކިހާބޮޑު އަނިޔާއެއް ހެއްޔެވެ ؟ ދަރިފުޅު ރަނގަޅުވެގެން ދުނިޔޭގައި އުޅެން ލިބޭނެދޯއޭ ބުނެ ޚައިރާދަށް ރޮއެގަނެވުނެވެ. ﷲ އަށް ވަކީލުކުރުމަށް އަޝްހަރު ބުންޏެވެ. އަދި ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށް ބުނެ ހަމްދަރުދީއާއެކު ، ޚައިރާދަށް ހިތްވަރު ދިނެވެ.

ސާރާ ޔޯގާ ހަދަން ހުއްޓާ ކޮޓަރީގައި ޓަކިޖެހިއަޑަށް ދޮރުހުޅުވަން ބުންޏެވެ. ނޯކަރަކު އައިސް އަޝްހަރު އައިސްހުރި ވާހަކަ ބުންޏެވެ. ސާރާގެ ހިތުގައި ޓަކި ޖަހައިލި ފަދައެވެ. ސާރާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ހިނިތުންވާން ހުޅުވުނު ދެތުންފަތް ނުލެއްޕި އެތައް އިރަކު ހުޅުވިފައި ހުށްޓެވެ. އޭނާގެ އެ ހެނދުނަކީ އުފާވެރި ހެނދުނަކަށް ވެއްޖެއެވެ. އަޝްހަރު އެއައީ އޭނާއާ ބައްދަލުކޮށްލަން އޭނާގެ ގެޔަށެވެ. އެއީ މިފަހަކަށް އައިސް ނުވާކަމެކެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން އަޝްހަރާ ބައްދަލުކުރުމަށް ނުކުތެވެ. ސާރާ އައިސް ހުއްޓިލިއަޑަށް އަޝްހަރުގެ އަތުގައި އޮތް ސިނގިރެޓް އެއްލައިލުމަށްފަހު ތެދުވިއެވެ.

" ރަނގަޅު ހިތަކުން މީހެއްގެ މަތިން ހަނދާންކޮށްފިއްޔާ އެމީހަކު އަންނާނެއެވެ. އަޝްހަރުމަތިން ހަނދާންވީ ހަމަ ދެންމެ އެވެ. އަޝްހަރު ތިއައީއެވެ. ހެނދުނުގެ މި ވަގުތަކީ އަހަރެންނަށް ވަރަށް އުފާވެރި ، ބާއްޖަވެރި ވަގުތަކަށް ވެއްޖެއެވެ. މިހާ ހެނދުނާ ތިއައީ ކިހިނެއް ވީ ހެއްޔެވެ ؟ އަހަރެންމަތިން ، އަޝްހަރު ހަނދާންވާނީ ވަރަށް ބޮޑުކަމެއް ވެގެންނެވެ. ބުނާށެވެ ! އަހަރެން އަޝްހަރަށް ކޮށްދޭންވީ ކޮންކަމެއް ހެއްޔެވެ ؟ ހެނދުނުގެ ނާސްތާ ހަދައިދޭން ހެއްޔެވެ ؟ " ސާރާ ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. އަދިވެސް ބޮއްކުރައަށް ކޯރުގެ އައްސޭރިފަށަށް ކައިރިކުރެވޭވަރެއް ނުވޭދޯ؟
    މިދަތުރުގެ ކަންތައް ވާނެގޮތުގެ ފޮޓޯއެއްވެސް ޚިޔާލީ ދެލިފިހިން ކުރަހާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ުުުުުުުުުުުުުުުު
    ވެސްނުލެވުނު. ޝުކުރިއްޔާ!!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.