މިއަދަކީ ، މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މިނިވަންކަމުގެ މާނަޔަކީ ، އަޅުވެތިކަމެއް ނެތުމެވެ. އަމިއްލަވަންތަކަން އޮތުމެވެ. މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއް ނެތުމެވެ. ނޫސްވެރިންނަކީ ، ނޫހަށް ލިޔެއުޅޭ މީހުންނެވެ. ރިޕޯޓަރުންނެވެ. އޭގެ ތެރޭގައި ލިޔުންތެރިންވެސް ހިމެނެއެވެ.
މިނިވަން ނޫސްވެރިޔާއަކީ ، ޤާނޫނީ އަދި ސިޔާސީ ޙައްޤު ލިބިގެންވާ ، މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއް ، އަޅުވެތިކަމެއްނެތި ، ނޫހަށްލިޔާ މީހުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ބަލާއިރު ، ރާއްޖޭގައި އެމިނިވަންކަން ބޭނުންކުރެވެނީ ކިހާވަރަކަށްތޯ އަދި ކޮންގޮތަކަށްތޯ އުފެދޭ ސުއާލަށް އެކިމީހުން ދޭނީ އެކި ޖަވާބެވެ. ހައްދުންމަތީގައި ، އެމިނިވަންކަން އޮތްކަމަށް އެއްބަޔަކު ބުނާއިރު ، މިނިވަންކަމެއް ނެތްކަމަށްބުނާ ބަޔަކުވެސް އުޅެފާނެއެވެ. ކޮންމެ މީހަކުވެސް މިނިވަންކަން މިނާނީ އެމީހެއްގެ ނާޅިންނެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ، އަނެއްމީހާގެ މިނިވަންކަމަށް އަރައިގަނެވޭ ހިނދު ، މިނިވަންކަން އެއޮތީ އިމުން ބޭރުވެފައިކަމެވެ. އަނެއްމީހާގެ އަބުރަށް އަރައިގަނެވޭ ހިނދު ، ނޫސްވެރިޔާއަށް އެހުރެވެނީ މިނިވަންކަމުގެ ބޭރުގައެވެ. ރާއްޖޭގައި ނުކުންނަ އޮންލައިން ބައެއް ނޫސްތަކަށް ބަލާއިރު ، ނޫސްވެރިކަމުގެ މިނިވަންކަން ހައްދުންމަތީގައި ހުންނަތަން ބައެއްފަހަރަށް އެބަފެނެއެވެ. އެއީ ޒިންމާދާރު ނޫސްވެރިކަމެއްނޫނެވެ. ނޫސްވެރިޔާގެ ވާޖިބަކީ ، ތެދު މަޢުލޫމާތު ހާމަކުރުމެވެ. ޙަޤީޤަތް ހާމަކުރުމެވެ. ވަކިކަމެއްގައި ވަކިގޮތެއް ކަނޑައަޅައި އެގޮތް އެއީ ، ކިޔުންތެރިންނަށް ޤަބޫލުކުރަން މަޖުބޫރުކުރުވުމަކީ ނޫސްވެރިޔާގެ ޒިންމާއެއް ނޫނެވެ. ނޫސްވެރިޔާ ، ހެޔޮ ނިޔަތުގައި ، ތެދުވެރިކަމާއެކު ، ފަސް ކާފު ހަމަކޮށްގެން ، ހާމަކުރާ މަޢުލޫމާތު އެއީ ތެދުކަން ނުވަތަ ދޮގުކަން ނިންމާނީ ކިޔުންތެރިންނެވެ. ނޫސްވެރިޔާއެއް ނޫނެވެ.
ނޫސްވެރިޔާގެ މަސައްކަތަކީ ، މީހުން ފަޟީޙަތްކޮށް ބޭޒާރުކުރުމެއް ނޫނެވެ. މީހުންގެ އަބުރަށް އަރައިގަތުމެއްނޫނެވެ. ނޫސްވެރިޔާ ގަޔާވާގޮތަށް ، ހިނިއަންނަގޮތަށް ، މީހެއްގެ ފަރާތުން އިވޭހާ ވާހަކައެއް ، ލިޔާކަށް ނުޖެހެއެވެ. އެއީ ، ޒިންމާދާރު ނޫސްވެރިކަން ދަންނަ ކަމެއްނޫނެވެ.
ނޫސްވެރިކަމަކީވެސް ، ހަމައަކާއި އަޚުލާޤެއް އަދި އިންތަކަކާއި ސުލޫކީ މިންގަނޑުތަކެއް އޮންނަ ފަންނެކެވެ. މި ފަންނު ، ސިޔާސީ ނާރެހާއެކުވެ އެނބުރެން ވެއްޖެނަމަ ، މިސްރާބު ގެއްލޭނެއެވެ. އެކި ނޫސްކިޔާނީ އެކިމީހުންނެވެ. އެކި ޓީވީ ބަލާނީ އެކިމީހުންނެވެ. އެމީހަކު އެންމެ ގަޔާވާ ގޮތަށެވެ. އެހިސާބުން އެއޮތީ ނޫސްވެރިކަމުގެ އަސާސްތައް އޭގެ އަސްލުން ބޭރުވެފައެވެ. ކޮންމެ ނޫހަކީވެސް ކޮންމެ މީހަކުވެސް ކިޔާލަން ބޭނުންކުރެވޭ ވަޞީލަތަކަށް ވާންޖެހެއެވެ. ކޮންމެ ޓީވީ ޗެނަލަކީވެސް ކޮންމެމީހަކުވެސް ބަލައިލަން ހިތްހަމަޖެހޭ ޗެނަލަކަށް ވާން ޖެހެއެވެ. އެއީ ، ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި އަޚުލާޤީ ހަމަތަކަށް ފެތިގެން ކުރެވޭ ނޫސްވެރިކަމެއްގެ ޙާލަތެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްއަކީ ، މަސްހުނި މިންގަނޑެއްނަމަވެސް ، އެއީ ނޫސްވެރިކަމުގެ މިނިވަންކަން ދެނެގަތުމަށް ދުނިޔޭގައި ގެންގުޅޭ މިންގަނޑެކެވެ. 2023 ވަނައަހަރުގެ އިންޑެކްސްއަށް ބަލާއިރު ، ރާއްޖެ އޮތީ 100 ވަނައިގައެވެ. ކުރީ އަހަރު އޮތީ 87 ވަނައިގައެވެ. ފުރަތަމަ ފަހަރަށް ، އެ އިންޑެކްސްއަށް ރާއްޖެއަރައިފާވަނީ 2005 ގައެވެ. އެއަހަރު އޮތީ 148 ވަނައިގައެވެ. އިސްލާމީ ޤައުމުތަކަށް ބަލާއިރު 2023 ގެ އިންޑެކްސްގައި މެލޭޝިއާ އޮތީ 73 ވަނައިގައެވެ. ދެން އެންމެ ކުރީގައި އޮތީ ދިވެހިރާއްޖެއެވެ. މެދުއިރުމަތީގެ އިސްލާމީ ޤައުމުތައް އުޅެނީ 160 އިން މަތީގައެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެކަށީގެންވާ މިންވަރެއްގައި ލިބިފައި އެބައޮތެވެ. އެހެނަސް ، މަޢުލޫމާތު ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. ސަބަބުތަކަކާ އެކުގައެވެ. ބޭޒާރުކޮށް ފަޟީޙަތް ކުރުމުގެ ނިޔަތް އޮވެގެން ހޯދަންބޭނުންވާ މަޢުލޫމާތަކީ ލިބުން ފަސޭހަ އެއްޗަކަށް ނުވެދާނެއެވެ. ނޫސްތަކުގެ މާލީ މިނިވަންކަމެއްވެސް އަދި ތަނަވަސްކަމެއްވެސް ނެތެވެ. ނޫސްތަކުގެ މާލީ ތަނަވަސްކަމަށް ބަރޯސާވާންޖެހޭ ގޮތަކުންވެސް ، ނޫސްނޫހާއި ޓީވީ ޗެނަލްތަކުގައި އެއްކޮޅާއި އިދިކޮޅު ލޭބަލް އެޅުވިފައި ހުންނަތަން އެބަ ފެނެއެވެ.
ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ޤާއިމްކުރެވޭނީ ، ސަރުކާރުންނާއި ކަމާގުޅޭ އެންމެހާ ފަރާތްތަކުން ، ނޫސްވެރިކަމުގެ މުހިންމުކަމަށް ދެވޭ އަހަންމިއްޔަތާމެދު ވިސްނައި ، ވާޖިބު އަދާކުރާ ، ޒިންމާދާރު ، ވަކިކޮޅަކަށް ނުޖެހޭ މިނިވަން ނޫސްވެރިކަމެއްގެ ވަށްޓަފާޅިއަށް ނޫސްވެރިކަން ބައްޓަން ކުރެވިގެންނެވެ. ނޫސްވެރިކަމަށް ލިބިފައިވާ މިނިވަންކަމަށް އަރައިނުގަނެ ، ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރެވޭ ، މާލީތަނަވަސްކަމަށް ހަމަހަމަ ފުރުޞަތެއް އޮތް ، އަމާން ވެށްޓެއް އުފެއްދިގެންނެވެ. ދިވެހި ނޫސްވެރިކަމަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރައްވާށިއެވެ !