އެމެރިކާއިން އުތުރު ކޮރެޔާއަށް ނިއުކިޔާ ސަބްމެރީނަކާއި ގިނަ އަދަދައްގެ ހަތިޔާރު ފޮނުވަން ނިންމައިފިއެވެ. ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާއިން އަޅަ މިފަދަ ފުރަތަމަ ފިޔަވަޅަކީ އުތުރު ކޮރެޔާ އިން ދެކުނު ކޮރެޔާއާ ދެކޮޅަށް ހަނގުރާމައިގެ އަމަލެއް ނުހިންގާނެކަން ކަށަވަރުކުރުމަށް ކުރާ ކަމެއް ކަމުގައި އެމެރިކާގެ ބައެއް މަސްއޫލުވެރިން ވިދާޅުވެފައި ވެއެވެ.
އެމެރިކާއިން ނިންމާފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ބާރުގަދަ އަސްކަރީ އާލާތް ދެކުނު ކޮރެޔާއަށް ފޮނުވުމަށެވެ. އެގޮތުން ދެކުނު ކޮރެޔާއަށް ފޮނުވާ ސަބްމެރީނަކީ ނިއުކުލިޔާ ބެލިސްޓިކް މިސައިލް އުދުއްސާލުމުގެ ގާބިލްކަން ލިބިފައިވާ ސަބްމެރީނަކަށް ވާނެއެވެ.
ނިއުކުލިޔާ ސަބްމެރީނާ އެހެނިހެން ހަތިޔާރު ދެކުނު ކޮރެޔާއަށް ފޮނުވަން އެމެރިކާއިން ނިންމީ، ދެކުނު ކޮރެޔާގެ ރައީސު ޔޫން ސުކް-ޔެއޯލް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސޮއިކުރެވުނު 'ވޮޝިންޓަން ޑެކްލަރޭޝަން' ގެ ދަށުންނެވެ. މިއާ ދެގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުމެކެވެ.
ވައިޓް ހައުސްގައި ރައީސު ޖޯ ބައިޑަންއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސު ޔޫން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ އިސްތިރާޖީ (ސްޓްރެޓީޖިކް) ގުޅުން "ކުރިދުވަހަކުވެސް ނުވާ ދަރަޖައަށް ފުޅާވެ ވަރުގަދަވެގެން ދާނެ"އެވެ.
ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ދެކުނު ކޮރެޔާގައި ނިއުކުލިޔާ މިސައިން އުދުއްސާލެވޭ މިސައިލް ހަރުވެސް ބަހައޓާނެއެވެ.
ދެ ކޮރެޔާގެ ދެމެދުގައި މަސްރަހު އިތުރަށް ހޫނުވެގެން ދާނެ މިފިޔަވަޅު އެމެރިކާއާއި ދެކުނު ކޮރެޔާއިން މި އެޅީ އުތުރު ކޮރެޔާއިން މިސައިލް ތަޖުރިބާތައް އިތުރުކޮށްފައިވާ ދުވަސްވަރެއްގައެވެ. މީގެ ތެރޭގައި ފުރަތަމަ ފަހަރަށް ބެލިސްޓިކް މިސައިލެއް ތަޖުރިބާކުރުންވެސް ހިމެނެއެވެ. މި ތަޖުރިބާކޮށްފައި ވަނީ މި އެޕްރީލް މަހުގެ ކުރީކޮޅުގައެވެ.
ފާއިތުވި މާރިޗު މަހު އުތުރުކޮރެޔާއިން އެމެރިކާއަށް ދިން ވަރުގަދަ އިންޒާރެއްގައި ބުނުފައި ވަނީ އުތުރު ކޮރެޔާއިން ތަޖުރިބާ ކުރުމަށް ފޮނުވާ މިސައިލަކަށް ހުރަސްއެޅުމަށް ނުވަތަ އެފަދަ މިސައިލެއް ވައްޓާލުމަށް އެމެރިކާއިން މަސައްކަތްކޮށްފިނަމަ އެ އަމަލު ބެލެވޭނީ އެގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުން ފަދަ ކަމެއްގެ ގޮތުގައެވެ.