އަނާ - 32

(24 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެކަމަކު.....

ޚާންއާޞިފް ހުއްޓި ހުރީއެއް ނޫނެވެ.

ބާރަށް ހިނގާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ. އަސްރާރުލް ޙައްޤު ހަޅޭއްލަވައި ގެންފައި ހުރީއެވެ.

ހީވަނީ ހާނިއްކަވެފައިވާ ސާރިދޯޅެއް ހެންނެވެ.

އަނެއްކޮޅުން ޒުމައްރަދު އޭރުވެސް ބަނޑުގައި އަތްއަޅައިގެން ގުދަށް އޮވެ ކުކުރަނީއެވެ. އެޔާއެކު އޭނާގެ އަގައިން ހަޑިހުތުރު ބަސްތައް ނުކުންނަމުންދެއެވެ. އަނާއާއި ބެހޭގޮތުން އެކަށީގެންނުވާ ގޮތްގޮތަށް މީހުންނާ އަޅުވައިގެން އެއްޗެތިތައް ކިޔަމުންދަނީއެވެ.

ދަރްދަނާ ބޭގަމް އޭނާގެ އަތުގައި ހިފައިގެން މަޑުމަޑުން ގެންގޮސް ކާރަށް އަރުވައިފިއެވެ. އަނާ ހިމޭންކަމާއެކު އޭނާ ހުރިތާނގައި ހަމަ ހުރިގޮތަށް ހުއްޓެވެ. އަސްރާރުލް ޙައްޤުގެ ކާރު ގޭޓުން ނުކުތުމާއެކު އަނާ ޢާޝީއަށް ގޮވައިލިއެވެ.

"ޢާޝީ"

" ލައްބަ. ބޭބެދައްތާ!"

"ޙިނާއާ ޙަވާލުވޭ! އަހަރެން ބޭރަށް ގޮސްލާފައި ގަޑިއެއްހާއިރު ތެރޭގައި އަންނާނަން"

"ދައްތަ ދުރުވަނީ ކޮންތާކަށްތޯ؟"

"ކަންބޮޑުނުވޭ. އަހަރެންނަކީ މި އާއިލާގެ އިއްޒަތް. މި އާއިލާގެ އަބުރަށް ހުތުރު އަރާނޭ ފިޔަވަޅެއް އަހަރެން ނާޅާނަން."

 މިހެން ބުނެފައި ދަރްދަނާ ބޭގަމް އާދިމާއަށް ބަލާވެސްނުލާ އަނާ ހިނގައިގެންފިއެވެ. އަދި ބާރު ބާރށް ގޮސް ޚާންއާޞިފްގެ ކޮޓަރިއަށް ވަދެއްޖެއެވެ.

 "ބައްޕާ! އަޅުގަނޑުގެ ފައިސާކޮޅު!" އަނާ ބައްޕާއޭ ގޮވާލީ ވަރަށް އަދަބުވެރި ގޮތެއްގައެވެ.

"ދަރިފުޅު މިހުރިހާކަމެއް މިވަނީ ކިހިނެއްތަ؟" ޚާންއާޞިފް ބަދަލުވެފައިވާ ރާގެއްގައި  ސުވާލުކޮށްލިއެވެ.

"ބައްޕަ އެ ދޭތެރެއަށް ވެންނެވީ ކީއްކުރައްވަންތޯ؟"

"ބައްޕަގެ ކުރިމަތީގައި ބައްޕަގެ ޅީދަރިފުޅު ނިކަމެތިވާ ތަން ދެކޭކަށް ބައްޕައަށް ހިމޭނަކުން ނުކުރެވޭނެ...އަހަރެމެންނަށް ކުރެވިފައިވާ ކުށްތަކަށް ތަވްބާ ވާންވެސް މިހާރު އަހަރުމެން ބޭނުން ދަރިފުޅާ!"

"ޝުކުރިއްޔާ. ބައްޕާ! އަޅުގަނޑު މަރުވަންދެންވެސް ބައްޕައަށް ޢިއްޒަތް ތެރިކޮށް ހިތާނަން"

"މިހާރު ތިޔަ އުޅެނީ ކޮންތާކަށް ދާންތަ!"

"ގަޑިއެއްގެ އިރުތެރޭގައި އެނބުރި އަންނާނަން. ބޭނުނަވާ ދެ ތިން އެއްޗެއް ގަނެލަން ދާން ޖެހުނީ"

ޚާންއާޞިފް އެއްވެސް އެއްޗެއް ނުބުނެއެވެ.

"އެކަމަކު..."

މަޑުމަޑުން ތެދުވެގެން ގޮސް ތިޖޫރީން ފަންސާސްހާސް ރުފިޔާ ނަގައިގެން އައިސް އަނާގެ އަތަށް ދީފިއެވެ. އެއާއެކު ދެން..."

އަނާ އަވަސްއަވަހަށް ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. ޚާންއާޞިފް ފުންނޭވާއެއްލާފައި ސަރަންފީގައި އޮށޯވެއްޖެއެވެ.

މިއީ އޭނާގެ އަމިއްލަ ހިސާބުގަނޑެވެ...އެ ހިސާބުގައި އުޅެނީ އޭނާގެ މީހުންނެވެ. ދެކެފަރިތަ މޫނުތަކެވެ. އެކަކު އަނެކެއްގެ މޮޅިއާއި ހިތާމައިގައި ބައިވެރިވެ އުޅެމުންނެވެ. އެއީ އޭނާގެ ޅަދުވަސްވަރު ހޭދަކުރި ހިސާބެވެ. އަދި ޅަފުރާއާ ޒުވާންކަން ބައްދަލުވި ދުވަސްވަރުވެސް އުޅުނު ހިސާބެވެ.

ދެން....އަދި....ދެން...

ޒުވާންކަމުގެ ފުރިހަމަކަންވެސް އައީ އެހިސާބުގަނޑުގައެވެ. އެއަށްފަހު....

ކާވެނީގެ ބާރާތު އައީ ވެސް ހަމަ އެ ހިސާބުގަނޑަށެވެ.

ދެން އެ ހިސާބުން ޚާންއާޞިފްގެ ޅީދަރިފުޅަށް ވެގެން އަލަތު އަނތްބެއްގެ ފަރި ހެދުމުގައި ގެންދެވުނީއެވެ. އެ ހިސާބުގަޑު މީހުންނާ ދުރުމީހަކަށް ވެގެންނެވެ. އެ މީހުންނާ އޭނާއާ ދެމެދުގައި އޮތް ގާތްކަން ކެނޑިގެންދިޔައީއެވެ. ކެނޑިގެން ދިޔައީ ކިހާވަރަކަށް ހެއްޔެވެ. ޚުދް އޭނާޔާވެސް އޭނާ ވަކިވީ ކަހަލައެވެ. އެންމެންނަކީ ހިލޭ މީހުންނަށް ވީއެވެ. ބީރައްޓެހީންނަށް ވީއެވެ. އެކަމަކު... މިއަދު އަނެއްކާވެސް އޭނާ އެ މީހުންގެ ކައިރިއަށް އައީއެވެ.

އެންމެ ފުރަތަމަ އޭނާ ދިޔައީ އޭނާގެ ބައްޕަމެންގެ ގެއަށެވެ.

އަމީރުއްދީނު އޭނާގެ ދަރިފުޅު ފެނިފައި ތެޅިގަނެފައި ތެދުވިއެވެ. އަދި......

ދެ ބަފައިން އޮޅުލައިގަތެވެ. ހީވަނީ ދެ ހަށިގަނޑުގައިވާ އެއް ފުރާނަހެންނެވެ. ދެ މީހުންގެ ލޮލުންވެސް ކަރުނަތައް އޮހޮރެނީއެވެ.

ހިތް ރޮނީއެވެ. އަދި މާޙަވްލު ތެމުމުން ދަނީއެވެ. ހިތްތަކަށް އަރާފައިވާ ހިރަފުސްތައް ކަރުނައިން ދޮވެވިގެން ދިޔުމުން ދެ މީހުން ނަށްވެސް ވަކިވެވިއްޖެއެވެ. "ދަރިފުޅާ ކޮންޙާލެއް"

"ރަނގަޅު ބައްޕާ! ބައްޕަގެ ޞިއްހަތު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ހެންހީވޭ"

"ޢުމުރުން ދުވަސްވީމާ ވާގޮތް ދަރިފުޅާ" އަމީރުއްދީނު ފުންނޭވާއެއްލާފައި ބުންޏެވެ.

އަނެއްކާވެސް ....އަނާ ބައްޕަގެ މޭގައި ބޯޖައްސާލުމުން އޭނާއަށް އިޙްސާސް ވަމުންއެދަނީ ކޮންފަދަ ފިނިކަމެއްބާވައެވެ. އޭނާއަށް އެ ލިބެނީ ކޮންފަދަ ހިތްހަމަޖެހުމެއްބާވައެވެ.

"އާންޓީ ޒައިތޫން ބައްޕައަށް ހުރިހާ ވާހަކައެއް ވަނީ އޮޅުންފިލުވާދީފައި ދޮގެއްތޯ؟"

"އާނ .....ވަރަށް ދިގު ސިޓީއެއް އޭނާ ފޮނުވި"

"މިހާރު ކަންތައްތައް ކުޑަކޮށް ކޮންޓްރޯލް ކުރެވިއްޖެ. ބައްޕަގެ ދަރިފުޅަށް އޭނާގެ ގެ އާބާދު ކުރުމުގެ ނަސީބުދެއްވާތޯ ބައްޕަ ދުޢާ ކޮށްދެއްވާ!"

"ދަރިފުޅާ ބައްޕަގެ އަބަދުގެ ދުޢާއަކީވެސް އެއީ. ދަރިފުޅު ނަޞީބު ރަނގަޅުވުމަށް އެދި ދުޢާކުރަން"

ވިއްސަކަށް މިނެޓް އިރުވަންދެން އަނާ އޭނާގެ ބައްޕައާ ވާހަކަ ދައްކަން ގޭގައި އިނުމަށްފަހު ތެދުވަމުން ބުންޏެވެ.

"ބައްޕާ އަޅުގަނޑު މި ހިސާބަށް މިއައީ ވަރަށް މުހިއްމު ބޭނުމެއް އޮވެގެން. މި ހިސާބަށް އައިސްފައި ބައްޕައާ ބައްދަލުކޮށްނުލާ ނުދާންވެގެން އައީ"

"ދަރިފުޅު ތިޔަހެދީ ވަރަށް ރަނގަޅަށް. ދަރިފުޅާ ވާހަކަދައްކާ ލެވުނީމާ ބައްޕަގެ ހިތްވެސް ވަރަށް ބޮޑަށް ހަމަޖެހިގެން ހިނގައްޖެ"

"ބައްޕަ ކަންބޮޑުވެ ނުލައްވާ..އަޅުގަނޑު ގިނަގިނައިން އައިސް ބައްޕަޔާ ބައްދަލުކޮށް ހަދާނަން...އަދި ބައްލަވާ! ކޭންބެއްލެވުމުގެ ކަންތަކުގައި ބައްޕައަށް ވަރަށް ގިނަ ވަގުތުތައް ހޭދަކުރައްވަން ޖެހިލައްވާ ދޮގެއްތޯ؟"

"ނޫން ދަރިފުޅާ! ދަރިފުޅުގޭގައި އުޅުނުއިރު އެގޮތަށް އުޅުނަސް މިހާރުދެން ދަރިފުޅުގެ މަންމަވެސް ނެތިއްޔާ. މަންމަ މަރުވިފަހުން ބައްޕަ މި އުޅެނީ އަމިއްލައަށް ކާއެތިކޮޅު ރޯފިލުވާލައިގެން.."

އަނާ ހިނިތުންވެލުމާއެކު ތެދުވިއެވެ. އަދި ބައްޕަގައިގާ ބައްދާލާފައި ބުންޏެވެ.

 "އަދިވެސް އަންނާނަން އިނގޭތޯ؟"

"މާތްރަސްކަލާނގެ ދަރިފުޅު ސަލާމަތުން ލަހައްޓަވާށި!"

އަމީރުއްދީން ހިތުގެ އަޑިން އޭނާގެ ދަރިފުޅަށްޓަކައި ދުޢާ ކޮށްލިއެވެ. އަނާ އަދިވެސް އެއްފަހަރު ބައްޕަގެ ގައިގައި ބައްދާލާފައި ވަކިވެގެން ހިނގައްޖެއެވެ. ގެއިން ނުކުތުމާއެކު އޭނާގެ ހިނގުން ވަރަށް ބާރުކޮށްލައިފިއެވެ. އޭނާ މިހާރު ފުދޭވަރަކަށް ލަސްވެސް ކުރެވިއްޖެއެވެ. އަދި މި ހިސާބުންވެސް އޭނާދާން ވެފައިވާ ތަނާ ހަމަޔަށްދެވޭނީ ބައިމޭލު ހާ ތާނގައި ހިނގައިގެންނެވެ. އޭނާ ބާރުބާރަށް ހިނގަމުންގޮސް ގޯޅިއަކަށް އަޅައިފިއެވެ. އަދި ގެއެއްގެ ދޮރުމަތީގައި ހުއްޓިފައި ޓަކިދީފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރުހުޅުވާލާފައި، ވަރަށް ފަލަފަލަކޮށް ހުރިމީހަކު ނިކުމެއްޖެއެވެ. އަދި އަނާއާދިމާއަށް ބަލަން ފަށައިފިއެވެ.

 "އަހަރެންނަކީ އަނާ އެނގިއްޖެތަ؟" އަނާއާދިމާއަށް ބަލަން ހުރިމީހާ ޙައިރާންވެފައި ދެ ލޯބޮޑުކޮށްލިއެވެ. އެ ވަގުތު އޭނާގެ މޫނުމަތީގެ ކުލަވަރުވެސް އެތައްގޮތަކަށް ބަދަލުވެގެން ދިޔައެވެ. އަދި ކުއްލިއަކަށް ބުނެފިއެވެ.

"އެ މީހެއްގެ މަންމަ ނުވަތަ ދައްތަ ނުވަތަ ބައްޕަ ހަނދާންނައްތާލާނީ ކާކުތޯ މައިބާޕް! އަވަހަށް ވަންނަވާ ބޭރުގައި ތިޔަހުންނަވަނީ ކީއްވެތޯ" އޭނާ އަނާގެ ދެ ފައިގައި ބޮސްދޭ ކަހަލަގޮތަކަށް ގުދުވެލާފައި ބުންޏެވެ. އަނާ އެތެރެއަށް ވަދެއްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.