ކިރުއިލޮށި - 46

(23 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސާރާގެ ދުނިޔެ އަނދިރިވެގެން ގޮސްފައިވަނީ ވަކިވަރަކަށް ނޫނެވެ. އެންމެ ސިކުންތަކީވެސް ، އޭނާގެ ހިތަށް ކަށިހަރާ އެކަށިން ހިތް ފޫއަޅުވައި ޒަޚަމްކޮށްލާ ހިނދުކޮޅެކެވެ. ސާރާގެ ދެފައި އެއްތާކު ނުޖެހެއެވެ. އެކަމަކު ކުރެވޭނެ ކަމެއްވެސް ނެތެވެ. އޭނާއަށް ކުރިމަތިވެފައިވާ މައްސަލަޔަށް ކަމެއްކުރެވެންޏާ އެކަމެއް ކުރެވެންހުރި މީހަކީ ފަރީދާއެވެ. ފަރީދާގެ އިންސާނިއްޔަތުކަމެއްނެތް ކެހިވެރި ސިކުނޑިންނޫނީ އެފަދަކަމެއް ނުރޭވޭނެއެވެ. ސާރާގެ ހަމައެކަނި އުއްމީދަކީ ފަރީދާއެވެ.

" އަޝްހަރާ ޚައިރާދު މުޅިރަށް ކުޑަޔަށްލައި ދުއްވަނީއެވެ. ތިއުޅެނީ ކޮންތާކު ހެއްޔެވެ ؟ ތިތާ ހުރެގެން އެއްވެސްކަމެއް ނުކުރެވޭނެއެވެ. އަދިވެސް ތިހުންނަނީ އެމެރުކާގައި ހެއްޔެވެ ؟ " ސާރާ ، ފަރީދާއާދިމާއަށް ހަޅޭއްލަވައިގަތެވެ.

ތަންކޮޅެއް އަވަހަށް ރަށަށް އައިސްދިނުން އެދި ސާރާ އާދޭސްކުރިއެވެ. މިހާރު ޚައިރާދު އޮންނާނީ އަޝްހަރުގާތު ހުރިހާ ވާހަކައެއް ކިޔައިދީފައިކަމަށް ސާރާ ބުންޏެވެ. އެހެންނަމަވެސް ، އެކަން ޚައިރާދަށް އަދި ނުކުރެވޭކަމަށް ފަރީދާ ސާރާއަށް ޔަޤީންކޮށްދިނެވެ. ދަރިފުޅުގެ ޚަބަރުން އަޝްހަރުގެ ހިތް ކުޑަކޮށް މައިތިރިވެފައި ހުއްޓަސް ، ޚައިރާދާމެދު އަޝްހަރުގެ ހިތުގައި އޮތް އެއްޗެއް އެއްގޮތަކަށްވެސް ބަދަލުނުވާކަމުގައި ފަރީދާ ބުންޏެވެ. އަޝްހަރު ، ޚައިރާދުގެ ކޮޅަށް ލެނބޭވަރަށްވުރެ ބޮޑަށް އަޝްހަރަށް ހުންނާނީ ބޭސްދީފައިކަމުގައި ފަރީދާ ބުންޏެވެ.

ޚައިރާދު ކަރާޗީއަށް އެނބުރިއައި ސަބަބެއް އޮޅުންފިލުވުމަށް ސާރާގާތު ފަރީދާ އެދުނެވެ. އެހާ ދުވަސްކޮށްފައި މަރުނުވެ އަނބުރާ އަންނަންޖެހޭ ސަބަބެއް އޮންނާނެކަމުގައި ފަރީދާ ބުންޏެވެ.

ޚައިރާދު ކަރާޗީއަށް އައި ސަބަބު އޮޅުންފިލުވާނެކަމަށް ސާރާ ވަޢުދުވިއެވެ. ސާރާގެ ކަންބޮޑުވުމަކީ ، ފަރީދާ އެނބުރި އައުން ލަސްވުމެވެ. ފަރީދާއަށް އާދެވެން އޮތީ ދެތިންހަތަރު ދުވަސް ފަހުންނެވެ. އޭގެ ކުރިންވެސް ފުރުޞަތު ލިބިއްޖިއްޔާ ދަތުރު އަވަސްކުރުމަށް ފަރީދާވެސް ހުރީ ބޭނުންވެފައެވެ.

މީގެ ހަތަރު އަހަރުކުރިން ، ޚައިރާދު ގޮވައިގެން ކްލިނިކަކަށްގޮސް ، ޚައިރާދުގެ ބަނޑުގައިއޮތް ދަރިފުޅު ވައްޓައިލުމުގެ ބަދަލުގައި އެކުއްޖާފުޅު ޚައިރާދުގެ ބަނޑުގައި ގަރުބަ ގަތުމަށް ދޫކޮށްލުން އެއީ ފަރީދާއަށް ކުރެވުނު ދެރަކަމެއްކަމުގައި ސާރާގާތު ބުންޏެވެ. އެއީ އަޝްހަރުގެ ދަރިއެއްކަން ސާބިތުކޮށްދިނުމަށް ، ޚައިރާދަށް އޭނާ ގޮންޖަހާފައިވާކަމުގައިވެސް ފަރީދާ ބުންޏެވެ.

އެހިސާބުން ، ފަރީދާގެ މުޅިވިސްނުން ހުސްވެގެން ދިޔައީ ޚައިރާދުގެ ދެމައިން އެގެއިން ނެރެލުމުގެ މައްޗަށެވެ. އެކަން ކުރާނެ އެކިގޮތްތައް އޭނާގެ ނުބައި ވިސްނުމުން ، އެ މުޑުދާރު ސިކުނޑީގައި ރާވަމުން ގެންދިޔައެވެ.

ޚައިރާދަކީ ، ވަރަށް ވިސްނުންގަދަ މީހެއްކަމަށާއި ، އެ ކުއްޖަކީ އަޝްހަރުގެ ކުއްޖެއްކަން ސާބިތުކޮށްދިނުމަށް ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ، ޚައިރާދު ނުބާއްވާނެކަމަށް ސާރާ ބުންޏެވެ. ސާރާގެ ދެލޯވަނީ ބޮޑުވެފައެވެ. ހެޔޮވަރަކަށް ބޮޑު އަނގަމަތިން ދަތްކުނޑިވިކައިގެން ހުރެ ދައްކާވާހަކައިން އެ ނުކުންނަ އަޑަކީ ބިރުވެރި އަޑެކެވެ. ވިހަގަދަ ހަރުފައެއް ، ވިހަދުއްވައިލުމަށް ކޮޅަށް ތެދުވެ ތައްޔާރަށް އިންކަހަލައެވެ.

ފަރީދާ އެނބުރި އައުންލަސްވަންޏާ ޚައިރާދުގެ މަސައްކަތުން އަޝްހަރުގެ ހިތް އޭނާގެ މައްޗަށް ލަންބުވައިލާނެކަމަށް ސާރާ ބުންޏެވެ. ފަރީދާގެ ވިސްނުން އެއަށްވުރެ ވިހަގަދަވެފައި ނުރައްކާވާނެއެވެ. އަޝްހަރުގެ ޠަބީޢަތާއި މިޒާޖާ އަދި އޭނާގެ އުނިސިފަތަކާއި ހިތާކުޅެލެވޭނެ ހުރިހާކަމެއް ފަރީދާއަށް އެނގޭނެއެވެ.

ސާރާ ، ކަންބޮޑުވެ ރޮމުން ރޮމުންގޮސް ، ޚައިރާދު އެގެއިން ނުނިކުންނާނެވާހަކަ ފަރީދާ ގާތު ބުންޏެވެ. ޚައިރާދުގެ ދެމައިން އެގެއިން ނެރެނުލިއްޔާ ، އޭނާގެ ނަން ބަދަލުކުރާނެކަމަށްބުނެ ފަރީދާ ގޮންޖެހިއެވެ.

ސާރާ އެދުވަހު އޮފީހަކަށްވެސް ނުދެއެވެ. އޭނާގެ ހަށިގަނޑުން ނޭވާއެއްލެވެނީވެސް އެހާ އުނދަގުލުންނެވެ. މޫނު ކުނިނުކޮށް ، ދެލޯއަޅައި މުށްކަވައިނުލާ ފަސްމިނިޓްވެސް އޭނާއަކަށް ނުއިނދެވެއެވެ. ގޭގެ ނޯކަރުންނަށް ގޮވައި ހަޅޭއްލަވައި އެއްޗެހިގޮވައިނުގަނެ އިރުކޮޅެއްވެސް ނުދެއެވެ.

ސާރާ ، އަޝްހަރުމެންގެޔަށް ފޯނުކުރިއެވެ. އިރުކޮޅަކު ރަނގަބީލުވުމަށްފަހު ، ފޯނުނެގީ ހަރީމެވެ. އެއީ ސާރާ ދައްތަކަމުގައި ބުންޏެވެ. ހަރީމް ރަނގަޅުތޯ ސާރާ ސުއާލުކުރިއެވެ. ހަރީމު ޑޮކްޓަރަށް ދައްކާކަމަށާއި ބޭސްކާކަމުގައި ހަރީމް ބުންޏެވެ. ހަރީމާ ސާރާކުރަންބޭނުން އިތުރު ސުއާލުތަކަށް ފުރުޞަތެއް ނުލިބުނެވެ. ޚައިރާދު އައިސް ކާކުގެ ފޯނެއްތޯ ހަރީމްކުރެން އެހިއެވެ. އެއީ ސާރާ ދައްތަގެ ފޯނެއްކަމަށް ޙަރީމް ބުނުމާއެކު ހަރީމްގެ އަތުން ފޯނު އަތުލިއެވެ. އަދި އޭނާގެ ދަރިފުޅާ ވާހަކަ ދައްކައި ބައްދަލުކޮށް ހަދައިގެންނުވާނެކަމަށް ޚައިރާދު ބުންޏެވެ.

އަޝްހަރުގެ ދިރިއުޅުމަށް އަލުން އެނބުރި އައިސް ހަމަޖެހިގެން އުޅެވިދާނެކަމަށް ހީނުކުރުމަށް ސާރާ ބުންޏެވެ. ސާރާގެ ސުއާލުތަކަށް ޖަވާބުދޭން ޚައިރާދު ބޭނުމެއްނޫނެވެ. އަދިވެސް އެއްފަހަރު ، ހަރީމާ ވާހަކަ ދައްކައިގެން ނުވާނެކަމަށްބުނެ ފޯނު ކަނޑައިލިއެވެ.

ސާރާގެ މޫނުމަތީގައި މީހެއްގެ އަތްތިލަހުރިގޮތަށް ތަފާލެއް އެޅިފަދައެވެ. މޫނުމަތިން ރުޅިވެރިކަމުން ފެންނާނެ ހުރިހާ ކުލަވަރެއް ފާޅުވިއެވެ. ނަފުރަތާއި ރުޅިވެރިކަމުން ، މޫނު ހުތުރުވެ ރަތްވިއެވެ. ދެބުމަ ގޮށްޖެހި ނިތްކުރިޔަށް އެރިރޫތައް ބޮލުގެ ނާށިގަނޑު ފަޅާލާފައި އަނެއްފަރާތަށް ނުކުންނަން އުޅުނު ކަހަލައެވެ.

ހަރީމް ނިންދަވާލާފައި ބޮލަށް ވެރިވެފައިވާ ހާސްކަން ކަނޑުވައިލުމަށްޓަކައި ، ޚައިރާދު ބޭރަށް ނުކުމެ ދޮރުހުޅުވައިލިއެވެ. އެވަގުތު އަޝްހަރު އެތަނަށް އައިސް ހުއްޓުނެވެ. އަދި ވަރަށް މަޑުމައިތިރިކަމާއެކު ، ޚައިރާދާ ވާހަކަދައްކަން ފެށްޓިއެވެ.

ޙަރީމް ނިދީހެއްޔެވެ ؟ ޚައިރާދުގެ ބަސް ކުރުވެފައި ސާދާއެވެ. އާނއެކެވެ.

ހަރީމް ވިހެއީ އާދައިގެ ގޮތަށް ދުވަސްފުރާ ހެއްޔެވެ ؟ ނޫނެކެވެ.

ދުވަސް ނުފުރާ ހެއްޔެވެ ؟ ސިޒޭރިއަނެއް ހެއްޔެވެ ؟  އާނއެކެވެ. ޚައިރާދު ، ކުރުކޮށް ފޮނިކޮށް ޖަވާބު ދެމުންގެންދިޔައެވެ.

އެއީ ކީއްވެ ހެއްޔެވެ ؟ މައްސަލަތަކެއް ދިމާވީ ހެއްޔެވެ ؟ ތިޔައީ ޑޮކްޓަރު ކުރި ސުއާލުތަކެއް ހެއްޔެވެ ؟ ޚައިރާދު ސުއާލުކުރިއެވެ. ނޫނެކެވެ. އަހަރެން ހަމަ ، އެކަން އެނގިލަން ބޭނުންވީއެވެ.

" ހަރީމްގެ ސާޖަރީއާ ގުޅުމެއްނެތްނަމަ ، ތިސުއާލުގެ ޖަވާބުދިނުމަކީ މުހިންމުކަމެއްކަމަކަށް އަހަރެންނެއް ނުދެކެވެ. " ކައިރާދު ބުންޏެވެ.

ޚައިރާދު ޖަވާބު ދިނުމަށްފަހު ، އަޝްހަރާދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެ އެތަނުން ނުކުމެގެން ދިޔައެވެ. އަޝްހަރުވެސް އިތުރު ވާހަކައެއް ނުދައްކައެވެ. އޭނާ ސާފުކުރަން ބޭނުންވާ އެތައްކަމެއް އެބަހުއްޓެވެ. އެހެންނަމަވެސް ، އެއީ ޚައިރާދުގެ ފަރާތުން ލިބޭނެ އެއްޗެއްނޫންކަން އަޝްހަރަށް އެނގުނެވެ.

ޚައިރާދު ، ޚާލާއާ ފޯނުން ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާގެ ޙާލު ރަނގަޅުކަމަށާއި ވަޒީފާ ގެއްލުމަކީ އެހާ ބޮޑުކަމެއްނޫންކަމަށް ޚައިރާދު ބުންޏެވެ. އެއަށްވުރެ މާ ބޮޑެތި ކަންކަމާ އޭނާ ވަނީ ކުރިމަތިލާފައެވެ. ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެކަންކަމުން އޭނާއަށް ވަނީ ސަލާމަތް ވެވިފައެވެ. ޚައިރާދުގެ ވަޒީފާ ގެއްލުނުވާހަކަ ، ޚާލާ ކުރިން ނުބުނީ އޭނާ އިތުރަށް ކަންބޮޑުވެދާނެތީއެވެ. ހަރީމްގެ ޞިއްޙީ ޙާލަތުފިޔަވައި ޚައިރާދު ކަންބޮޑުވާ އެއްވެސްކަމެއް މިދުނިޔެއަކު މިވަގުތަކު ނެތެވެ. ﷲ ގެ އިރާދަފުޅުން ، ހަރީމްގެ އޮޕަރޭޝަންކުރެވި ، ޢާންމު ޙާލަތަކަށް އައިސް ހަރީމް ރަނގަޅުވުމުން ދެންކަންކުރާނެގޮތެއް ވިސްނާނީއެވެ. ވަޒީފާއެއް ހޯދާނީ ކޮންތާކުންކަމާމެދު ވިސްނާނީ އޭގެފަހުންނެވެ.

ހަރީމް ރަނގަޅުވުމުން ، ޚައިރާދު އެނބުރި އަޙްމަދުއާބާދަށް އަންނާނީތޯ ޚާލާ ސުއާލު ކުރިއެވެ. އަދި އެއްޗެއް ހީނުކުރުމަށް އެދުނެވެ. އެކަން އެގޮތަށް ކޮށްފިނަމަ ، އެއީ ހަރީމަށް ދެވޭ އަނިޔާއަކަށް ވެދާނެއެވެ. ހަރީމްގެ ބައްޕަ އޭނާ ބަލައިގަނެ ، ބައްޕައެއްގެ ލޯބި ދެމުންގެންދަނިކޮށް ، އެބައްޕަޔާ ވަކިކޮށްލައިގެން ހަރީމް ގެނައުން އެއީ ބުއްދިވެރިގޮތަކަށް ނުވާނެއެވެ.

ޚައިރާދުގެ ނިންމުމަކީ ، ހަރީމް އޭނާގެ ބައްޕަގާތު ބަހައްޓާފައި އޭނާ އެނބުރި އައުމެވެ. ހަރީމް އޭނާގެ ބައްޕަޔާ ވަކިކޮށް ދުރުކޮށްލުމުގެ ވިސްނުމެއް ޚައިރާދުގެ ނެތެވެ. ޚައިރާދަށްވަނީ އޭނާގެ ޙައިޞިއްޔަތު އަންގައި ދެވިފައެވެ. އޭނާގެ ޙާލު ރަނގަޅަށް އެނގެއެވެ. ދަރިފުޅުގެ ބައްޔަށް ފަރުވާދެވޭނެ ގޮތެއް އޭނާއަކަށް ފެންނާކަށް ނެތެވެ. އެޙާލުގައި ޚައިރާދު އެކަނި ހަރީމް ބެލުމަކީ އޭނާއާ އެކަށީގެންވާ ކަމެއްނޫނެވެ. ވަޒީފާއެއް ލިބުނަސް އެއީ ކޮންތާކުން ލިބޭ ކޮންކަހަލަ ވަޒީފާއެއްކަމެއްވެސް ނޭނގެއެވެ. ލިބޭ ލާރިކޮޅުން ދެމައިންގެ ޚަރަދުތައް ހަމަޖެއްސުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. ހަރީމަށް މިހާރު ފެނިފައިއެހުރީ އޭނާގެ ބައްޕަގެ މުއްސަނދި ދިރިއުޅުމުގެ އުފަލެވެ. އެފަދަ އުފަލެއްގައި ހަރީމް ބެހެއްޓުމަކީ ޚައިރާދާ އެކަށީގެންވާނެ ކަމެއްނޫނެވެ. ހަރީމަށް އެންމެ ރަނގަޅުވާނީ އޭނާގެ ބައްޕަގާތުގައި ހުރުމެވެ.  ބައްޕަގާތު ހުރެގެން އެލިބޭ އުފަލާއި އަރާމާ އަދި ތަޢުލީމަކީ ، ޚައިރާދު ބޭނުންނަމަވެސް އޭނާއަށް ، އެދަރިފުޅަށް ދެވޭނެ އެއްޗެއްނޫނެވެ.

ޖަޒުބާތުގައި ޖެހި ގޮތްދޫނުކޮށް ، ގޮތެއް ނުނިންމުމަށް ޚާލާ ޚައިރާދުގެ ކިބައިން އެދުނެވެ. ޚައިރާދު ބޭނުންވަނީ އޭނާއާ ވަކިން ނަމަވެސް ، އޭނާގެ ދަރިފުޅު އުފަލުގައި ހުރުމެވެ. އަޝްހަރުގެ ބަފައިވަންތަކަމުގެ ލޯބީގައި ހަރީމް އެހުރީ އުފަލުން ފޮޅިފައެވެ. ހަރީމާ ދޭތެރޭ އަޝްހަރުގެ ވިސްނުން ހުރީ ބަފަޔެއްގެ ފަރާތުން ދަރިޔަކަށް ލިބޭނެ އެންމެ މަތީ ފެންވަރުގައެވެ. އޭނާއަށް އެހާ ލޯބިދެއެވެ. ކުޑަވެސް ތަކުލީފެއް ހަރީމަށް ލިބުނަކަ ނުދެއެވެ. ހަރީމަށް ނުފުދޭނެ އެއްވެސް ކަމެއް ، އޭނާގެ ބައްޕަ ނުކޮށްދޭނެ އެއްވެސްކަމެއް ، ހަރީމްގެ ދުލުން ބޭރެއް ނުވެއެވެ. ހަރީމަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި ، ހަރީމްގެ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި ، ޚައިރާދުގެ މައިވަންތަކުގެ ލޯބި ޤުރުބާން ކުރުމަށް ޚައިރާދު ހުރީ ނިންމައިގެންނެވެ. އަންހެން ކުއްޖަކަށްވެފައި އަޝްހަރުފަދަ ، ދަރިފުޅުދެކެ ލޯބިވާ ބައްޕައެއްގެ އެހީތެރިކަމުގައި ހޯދައިދޭނެ މުސްތަޤްބަލް އެއީ ޚައިރާދަށް ފުރިހަމަ ކުރެވިދާނެ ކަމެއްނޫންކަން ޚައިރާދަށް އެނގެއެވެ. އޭނާގެ ދަރިފުޅަށް ހެޔޮ ރަޙުމަތްލައްވައި ، އުފަލުގައި ހުރުމަކީ ، ޚައިރާދަށްވެސް ލިބޭނެ އުފަލެކެވެ.

ޚައިރާދު އެނިންމަނީ ވަރަށް އުނދަގޫ ނިންމުމެއްކަމުގައި ޚާލާ ބުންޏެވެ. އަދި ހަރީމާ ވަކިން ޚައިރާދަށް ދިރިއުޅެވިދާނެތޯ ސުއާލުކުރިއެވެ. އެއީ ޚައިރާދަށް ކެތްނުކުރެވޭފަދަ ތަކުލީފަކަށް ވާނެއެވެ.

ޚައިރާދުގެ ނިންމުމަކީ ، އޭނާގެ ހިތުގައި ދަރިފުޅުގެ މައްޗަށް އޮތް ލޯބި އޭނާއަށް މަޖުބޫރު ކުރުވާ ކަމެކެވެ. އެހާނިކަމެތި ޙާލެއްގައި އޭނާ އެކުރިމަތިލި ކަންކަމުން ދަސްވި ފިލާވަޅަކީ ، އުފަލާއި އަރާމަކީ ފައިސާހުރި މީހުންނަށް ދުނިޔޭގައި އޮންނަ އެއްޗެއްކަމެވެ. ޚައިރާދަކީ މުއްސަނދި ބައްޕައެއްގެ ދަރިއެއްނަމަ ، ޚައިރާދާމެދު އެ ހިނގައިދިޔަ އެއްވެސްކަމެއް ނުހިނގާނެއެވެ. އެތަކުލީފުތައް ތަޙައްމަލުކުރާކަށް ޚައިރާދަކަށް ނުޖެހުނީހެވެ. ހަރީމްގެ މުސްތަޤްބަލް އޮތީ އޭނާގެ މުއްސަނދި ބައްޕަޔާއެކުގައެވެ. ހަރީމްގެ އޮޕަރޭޝަނަށްފަހު ، އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ، ހަރީމް ، ޚައިރާދާ ވަކިކުރުމަށްވެސް އަޝްހަރުގެ ވިސްނުމުގައި ފަހަރެއްގައި އޮވެދާނެއެވެ. އެފަދަ ކަމެއް ހިނގުމުގެކުރިން ޚައިރާދު ، އެހުރިހާ ކަމަކަށް ހުރިހާ ގޮތަކުންވެސް ތައްޔާރުވެ ހުރުމަކީ މުހިންމު ކަމެކެވެ.

ފަރީދާ އެނބުރި އައުމަށްފަހު ، ދެންކުރިމަތިލާންޖެހޭނީ ކޮންފަދަ މުޞީބާތަކާކަމެއްވެސް ނޭނގެއެވެ. އެހެންނަމަވެސް ، ޚައިރާދު ކުރިން ކުރިމަތިލައި ތަޙައްމަލުކޮށްފައިވާ ތަކުލީފަށްވުރެ ވަކިންބޮޑު މުޞީބާތެއް ފަރީދާއަކަށް ދެން ނުގެނެސްދެވޭނެއެވެ. ހަމައެއާއެކު ، ފަރީދާގެ ނުބައި ނުލަފާ ކަމާއި ، ވިސްނުމުގެ މުޑުދާރުކަން އެއީ އެހެން އިންސާނަކަށް ވިސްނައިގަންނަން އުނދަގޫވާނެ ކަންކަމެވެ. ފަރީދާގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ކޮށްފަ ނުކުރާނެކަމެއް ނުއޮންނާނެއެވެ، އެއީ ވިހަގަދަ ހަރުފަޔަކަށްވުރެވެސް ، ނުރައްކާތެރި އިންސާނެކެވެ. ވިހަ ދުއްވައިލައިފިނަމަ ، ހިލަގަނޑެއްވެސް ވިރިގެންދާފަދަ ، ގަދަފަދަ ވިހައެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ޚައިރާދު އަތުގާ ނަސީބުގެ އަތުން ހިފައިފިއްޔާ ކޮންފަދަ، ޙައްޤާއި ނަޞްރު ޚައިރާދާއިބައިވެރިވެ
    ފަރީދާގެ ނުބައި ނުލަފާކަންތައް އަޝްހަރަށް އެހި
    ބޭޒާރުވެއްޖެއްޔާ ކިހާރަނގަޅު!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.