ދުނިޔޭގެ ގައުމުތަކުން ފާއިތުވި 2022 ވަނަ އަހަރު ހަތިޔާރަށް ކޮށްފައިވާ ހޭދަ ރިކޯޑް އަދަދަކަށް މަތިވެފައިވާ ކަމަށް ދިފާއީ ދިރާސާތައް ކުރާ ބައިނަލްއަގުވާމީ އިދާރާއަކުން ބުނެފިއެވެ.
ސްކޮޓްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) ކޮންމެ އަހަރަކު ނެރޭ ދިފާއީ ހޭދައާ ބެހޭ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފާއިތުވި އަހަރު ދުނިޔޭގެ ގައުމުތަކުން ހަތިޔާރު ގަތުމަށް 2.24 ޓްރިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ވެއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިފާއީ ހޭދަ މިހާ މައްޗަށް ގޮސްފައި ވަނީ ރަޝިޔާއިން ޔުކްރޭނުގައި ކުރާ ހަނގުރާމައި ސަބަބުން ޔޫރަޕުން ހަތިޔާރު ގަތުމަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައި ވާތީއެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފާއިތުވި އަށް އަހަރު ހަތިޔާރަށް ކުރާ ހޭދަ އިތުރުވަމުން އައިސްފައިވާއިރު، ފާއިތުވި އަހަރު ޔޫރަޕުން ހޭދަކުރި މިންވަރު ވަނީ 30 އިންސައްތަ އިތުރުވެފައެވެ.
"ފާއިތުވި އަހަރުތަކުގައި ހަތިޔާރަށް ކުރި ހޭދަ މެދުކެނޑުމެއްނެތި އިތުރުވަމުން ދިއުމަކީ އަހަރުމެން އުޅެމުން މިދަނީ ރައްކާތެރިކަމުގެ ޔަގީންކަން ކުޑަވަމުންދާ ދުނިޔެއެއްގައި ކަމުގެ ނިޝާނެއް." ސިޕްރީގެ އަސްކަރީ ހޭދައާއި ހަތިޔާރު އުފެއްދުމާ ބެހޭ ޕްރޮގްރާމުގެ ސީނިއާ ރިސާޗް އޮފިސާ ނާން ޓިއާން ވިދާޅުވިއެވެ. "ގޯސްވަމުންދާ ރައްކާތެރިކަމުގެ މާހައުލުގެ ނަތީޖާއެއްގެ ގޮތުން ގައުމުތަކުން ދަނީ އަސްކަރީ ބާރު ގަދަކުރަމުން." އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން 2022 ވަނަ ޔުކްރޭނަށް އެރުމުގެ ސަބަބުން ޔުކްރޭނުން ކުރި އަސްކަރީ ހޭދަ ވަނީ 6 ގުނަ އިތުރުވެ 44 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މީގެ ކުރިން ޔުކްރޭނުން އަސްކަރީ ކަންކަމަށް ހޭދަކުރަމުން އައީ ޖީޑީޕީ (ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް) ގެ %3.2 އަށް ވާއިރު، ފާއިތުވި އަހަރު އެގައުމުންވަނީ ޖީޑީޕީގެ %34 އަސްކަރީ ކަންކަމަށް ހޭދަކޮށްފައެވެ.
ސިޕްރީގެ ރިޕޯޓުގައި ވާގޮތުން ރަޝިޔާގެ އަސްކަރީ ހޭދަ ފާއިތުވި 2022 ވަނަ އަހަރު %9.2 މައްޗަށް ގޮސް، އެގައުމުން ވަނީ 86.4 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.
ފާއިތުވި އަހަރު އަސްކަރީ ކަންކަމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެގައުމުން ވަނި 877 ބިލިއަން ޑޮލަރު ހޭދަކޮށްފައެވެ. މިއީ މުޅި ދުނިޔޭގެ އަސްކަރީ ހޭދައިގެ 39 އިންސައްތައެވެ.
2022 ވަނަ އަހަރު އެމެރިކާއިން ޔުކްރޭނަށް އަސްކަރީ މާލީ އެހީގެ ގޮތުގައި 19.9 ބިލިއަން ޑޮލަރު ދީފައި ވެއެވެ.
އެމެރިކާއަށް ފަހު ފާއިތުވި އަހަރު އަސްކަރީ ކަންކަމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ޗައިނާއިންނެވެ. އެގައުމުން 292 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ވެއެވެ. ޖަޕާނުންވެސް ވަނީ ފާއިތުވި އަހަރު އަސްކަރީ ކަންކަމަށް 46 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.