ކިރުއިލޮށި - 44

(21 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސާރާއާއި ޒަރީނާ ސިޓިންގރޫމުގައި ޖައްސާލައިގެން ތިއްބެވެ. ސާރާއިނީ ވާހަކަފޮތެއް ކިޔާށެވެ. ތަނަށް ލިބިފައިއޮތް ހަމަހިމޭންކަން ކަނޑުވައިލީ ޒަރީނާއެވެ. އޭނާ ސާރާއަށް ގޮވައލިއެވެ.

ދިރިއުޅުމެއް ފެށުމާމެދު ސާރާ ، ސީރިއަސްކޮށް ނުވިސްނާތީ ޒަރީނާ ކަންބޮޑުވުން ފާޅުކުރިއެވެ. ޒަރީނާ ދަންނަ މީހެއްގެ ވާހަކައިން ފެށިއެވެ. އެއީ ތަޙުސީނެވެ. ކިޔަވައިގެންހުރި އަދި ބަލައިލަންވެސް ރީތި މީހެކެވެ. އެތައްވިޔަފާރިއެއްގެ ހަމައެކަނި ހުރި ވާރުތަވެރިޔާއެވެ. ލަންޑަނުގައިވެސް ، އެމީހުންގެ ވިޔަފާރި ޙަރަކާތްތައް އެބަ ހިންގައެވެ. ދިރިއުޅުމަކާމެދު ނުވިސްނާ ހުއްޓާ ޢުމުރު ކަޓައިފާނެކަމުގައި ޒަރީނާ ބުންޏެވެ. އެހުރިހާކަމަކަށްވުރެވެސް މުހިންމު ކަމަކީ ، އޭނާ ސާރާގެ ކައިވެންޏަށް އެދި އިންތިޒާރުގައި ހުރިކަމެވެ. އޭނާ މީހަކާ ނީދެ އެހުންނަނީ ސާރާއަށްޓަކައެވެ. ކައިވެންޏަކީ ވަގުތަކާއި ޢުމުރެއް އޮންނަ ކަމެކެވެ. މީހަކާ ނީނދެ ކިހާދުވަހަކު ހުންނަން ސާރާ ޤަސްތުކުރަންތޯ ޒަރީނާ ސުއާލުކުރިއެވެ. ސާރާގާތު އޭނާ ވާހަކައެއް ބުނެފިކަމަށާއި އޭގެ ޖަވާބެއް ދޭން ޒަރީނާ އެދުނެވެ.

ސާރާގެ ޖަވާބު ވަރަށް ސާދާއެވެ. ކުރިންވެސް މިހާރުވެސް އަދި ފަހުންވެސް އޭނާދޭން އޮތީ އެއްޖަވާބެއްކަމުގައި ސާރާ ބުންޏެވެ. އަދި ، މެދުފަންތީގައި ދިރިއުޅޭމީހުންހެން ، މުދަލާއި ފައިސާގެ ދަޅަ ދައްކައިގެން އޭނާ ނުހެއްލޭނެކަމުގައިވެސް ބުންޏެވެ. ތަޙުސީނު ކަހަލަ އެތައް ޒުވާނުންނެއް އޭނާއަށް ކަޅިއަޅަމުންދާކަމުގައިވެސް ސާރާ ބުންޏެވެ. އެކަހަލަ މީހުންނާ އިންނަން ބޭނުމިއްޔާ އޭނާ މިހާރު ހުންނާނީ މީހަކާ އިނދެގެންކަމުގައި ސާރާ ބުންޏެވެ. ކައިސަރުގެމަތިންވެސް ސާރާ ، އޭނާގެ މަންމަޔަށް ހަނދާން ކޮށްދިނެވެ.

އެހެންކަމަށްވަންޏާ އަޝްހަރަށް އިންތިޒާރުކޮށްގެން ސާރާ ހުންނާނީ ކިހާދުވަހަކުތޯ ޒަރީނާ އެންމެފަހުން ސުއާލުކުރިއެވެ. އަޝްހަރު ، ސާރާއާ ކައިވެނިކުރާކަށް ބޭނުމެއްނޫނޭ ބުނެ އޭނާގެ ވަގުތު ބޭކާރުކުރަން ބޭނުންނުވާކަމުގައި ޒަރީނާ ބުންޏެވެ.

އަޝްހަރުވެސް އެހުރީ މިހާރު ހުހަށެވެ. އަޝްހަރު މީހަކާ ނީންނަންޏާ ، އޭނާއާ ކައިވެނި ނުކުރިޔަސް އެވަރުން ސާރާއަށް ފުދޭކަމުގައި ސާރާ ބުންޏެވެ. އޭނާގެ ލޯތްބަށް ފުރަގަސްދީގެން އަޝްހަރަށް ހުރެވޭނީ ކިހާދުވަހަކުތޯ ސާރާ ސުއާލު ކުރިއެވެ. އެކަން އަޝްހަރަށް އިޙްސާސްވާކަށް މާގިނަދުވަހެއް ނުވާނެކަމަށާއި އެކަން އޭނާއަށް ޔަޤީންކަމުގައި ސާރާބުންޏެވެ. \

އަޝްހަރު ހޭލައިގެން އެނދުގައި އޮއްވާ ހަރީމް އައިސް އަޝްހަރުގެ ކޮޓަރިޔަށް ވަނެވެ. މަންމަ ނަމާދަށް އިނީމަ އޭނާ އެއައީ ދަތްއުނގުޅަން ބޭނުންވެގެންކަމުގައި ހަރީމް ބުންޏެވެ. އާދީއްތަ ދުވަސްވީމަ ، އެދުވަހު އަޝްހަރު އޮފީހަކަށް ނުދެއެވެ. އެދުވަސް އެއްކޮށް އޭނާ ހޭދަކުރަން ނިންމާފައި އޮތީ ހަރީމާ އެކުގައެވެ. މިއަދު ، ހަރީމް ދަތްއުނގުޅައިދީ ، ހެނދުނުގެ ނާސްތާ ހަދައިދޭނީ ބައްޕަ ކަމުގައިބުނެ ، އަޝްހަރު އޭނާގެ ދަރިފުޅު އުނގަށް ލިއެވެ.

ހަރީމް ދަތްއުނގުޅުވައި ހަދައިގެން ބަދިގެޔަށްވަދެ ، ނާސްތާ އަށް ހަރީމް ބޭނުމީ ކޮންއެއްޗެއްތޯ ސުއާލުކުރިއެވެ. ހަރީމް ބޭނުންވީ ޓޯސްޓާއި ކިރުތަށްޓެކެވެ. ކިރުތަށްޓަށް ހަކުރު ނުއަޅައެވެ. ހަރީމް އުޅެނީ ހަކުރާ ވަރަށްދުރުގައި ކަމަށް ހަރީމް ބުންޏެވެ. އޭނާ ކިރުތަށިބޮނީ ހަކުރު ނާޅާކަމުގައި ހަރީމް ބުންޏެވެ. އަޝްހަރަކީވެސް ހަކުރާދުރުގައި އުޅޭމީހެކެވެ. އޭނާ ސައިބޮނީވެސް އަދި ކޮފީ ބޮނީވެސް ހަކުރު ނާޅާކަން ހަނދާންވިއެވެ.

ހަރީމަށް ކާންދޭން އިންދާ އެތަނަށް ޚައިރާދު އާދެއެވެ. އަދި ނުވެސްބުނެ ހަރީމް ނުކުމެގެން އައުމުން ޝަކުވާކުރިއެވެ. އެކަމަކާ ހަރީމް އަޅައެއް ނުލައެވެ. މަންމަޔަށް ނާސްތާއެއް ނެތްތޯ ހަރީމް ކުރެން ޚައިރާދު އެހިއެވެ. ހަމައެއާއެކު ، ހަރީމްވެސް ހަމަ އެސުއާލު އަޝްހަރާ ކުރިއެވެ. އަދި ، އަޝްހަރުވެސް ދެރައެއް ނުވެއެވެ. މަންމަ ކޮންއެއްޗެއްތޯ ކާނީ ހަރީމް ކުރެން އެހިއެވެ. އެވަގުތު ، އޭނާކާނީ ހަރީމް ދިންއެއްޗެއްކަމުގައި ޚައިރާދު ބުންޏެވެ.

ހަރީމް ކާންއިންދާ މޫނުމައްޗަށް އަނދިރިވެ ، އަނބުރައިގަންނަގޮތް ވިއެވެ. ޚައިރާދު ބިރުންގޮސް އަޝްހަރަށް ގޮވައިލުމުން އަޝްހަރުގެ އަތްދަނޑިމައްޗަށް ހަރީމް ނަގައިގެން އެހުރިގޮތަށް ދުއްވައިގަތެވެ.

ހޮސްޕިޓަލަށް ގެންދިޔައިމަ އޮކްސިޖަން ގުޅުމާއެކު ހަރީމަށް ނޭވާލެވޭގޮތް ވިއެވެ. އަޝްހަރު ވަކިންގޮސް ޑޮކްޓަރާ ބައްދަލުކުރިއެވެ. އަދި ޙަރީމްގެ ޙާލާބެހޭގޮތުން ސުއާލު ކުރިއެވެ. ޑޮކްޓަރު ބުނި ގޮތުގައި ، ހަރީމްގެ ހިތުގައި އެޅިފައިވާ ލޯވަޅުގެ ސަބަބުން ، އޭނާގެ ހިތަށް އޮކްސިޖަން ލިބުންމަދުވަނީއެވެ. ބަނޑަށް އެނގުންވާވަރަށް ކެވުނަސް ، މާގިނައިން ހެލިފޭލިވެ އުޅުނަސް ވަރުބަލިވެފައި މޫނުމައްޗަށް އަނދިރިވާނެއެވެ. ހަރީމްގެ ސާޖަރީ ކޮށްގެންނޫނީ އެކަމުން ހަރީމް ސަލާމަތެއް ނުވާނެއެވެ. އެހެންނަމަވެސް ، އެންމެ ފުރަތަމަ އޭނާދޭނީ ބޭސްކަމުގައި ބުންޏެވެ. އެބޭހަށް ހަރީމް ގެ ހަށިގަނޑަށް އަންނަ ބަދަލަކުން ސާޖަރީ ހަދާނެ ތާރީޚެއް ކަނޑައަޅާނެކަމަށް ޑޮކްޓަރ ބުންޏެވެ.

ހަރީމަށް ބޭސްކުރުމަށްޓަކައި ޚާއިރާދު ނަގައިގެންދިޔަ ޗުއްޓީ ނިމުމަކަށް އައެވެ. ޚާލާ ލައްވާ އޭނާގެ ޗުއްޓީ އިތުރުކުރުމަށް ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އަދި އެންމެފަހުން ، އޭނާ ވަޒީފާއިން ކަނޑާލިއެވެ. ޚާލާ ކުރި އެއްވެސް އާދޭހެއް ސްކޫލުން އަޑެއްނޭހިއެވެ. ސްކޫލުން މިހާރު އޮތީ އެހެން ޓީޗަރެއް ހޯދަން އިޢުލާންވެސް ކޮށްފައެވެ.

އަޝްހަރު ގާތު ކުލަޖައްސަން ހަރީމް ބައިންދާފައި ޚައިރާދު އައިސް އުޅެނީ ބަދިގޭގައެވެ. އޭރު ކައްކާމީހާވެސް މަސައްކަތްކުރަމުން ގެންދިޔައެވެ. އޭނާ އަޝްހަރަށް އެއްޗެއް ތައްޔާރުކުރަމުން ގެންދިޔައެވެ. ޗައިނީޒް އެއްޗެތިކާން އަޝްހަރު ވަރަށް ޝައުޤުހުރޭދޯއޭ ކައްކާމީހާ ޚައިރާދު ކުރެން އެހިއެވެ. ޚައިރާދު ބުނީ އޭނާއަށް އެކަން ނޭނގޭ ކަމަށެވެ. ޚާއިރާދުގެ ޖަވާބުން ކައްކާމީހާ ޙައިރާންވިއެވެ. ފިރިމީހާކާން ޝަޢުޤުހުންނަ ކާނާ އަނބިމީހާއަށް އެނގެންވާނެ ނޫންހޭ ބުނެ ޚައިރާދާ ދިމާއަށް ބަލައިލިއެވެ. އެއީ ކޮންމެ އަނތްބަކަށް އެނގެންޖެހޭ ކަމެއްނޫންކަމަށް ބުނެ ޚައިރާދު ޖަވާބު ދިނެވެ.

އެވަގުތު ، ޚައިރާދަށް ފޯނެއް އައިމަ ފޯނުހިފައިގެން އަޝްހަރު އެތަނަށް އައެވެ. އެއީ ޚާލާގެ ފޯނެކެވެ. ޙާލުއަޙުވާލު އެހުމަށްފަހު ، ހަރީމްގެ ބޭހުގެ ކަންކަން ދާގޮތާމެދު ޚާލާ ސުއާލުކުރިއެވެ. ޚައިރާދުގެ ޗުއްޓީ ގެ ކަންތައް ކިހިނެއްތޯ ޚައިރާދު ސުއާލުކުރިއެވެ. ޗުއްޓީފޯމު އަދި ނުލެވޭވާހަކައާއި ދެދުވަހެއްގެ ތެރޭ ފޯމުލާނެކަމަށް ޚާލާ ބުންޏެވެ. އަދި ، ޚައިރާދު ދެން ވަޒީފާއަކާމެދު ވިސްނަން ނުޖެހޭނެކަމަށް ޚާލާ ބުންޏެވެ. އެއީ ޚައިރާދު މިހާރު އެހުރީ އޭނާގެ ފިރިމީހާގެ ގޭގައިކަމުގައިވެސް ބުންޏެވެ. އަޝްހަރާ ވާހަކަ ދައްކައިލުމުން ، ކަންކަން ހަމަޖެހިފައިހުރިހެން ހީވާކަމަށް ބުންޏެވެ. ރުޅިވެރިކަމެއްވެސް މިހާރަކު ނެތެވެ. އެހެންނަމަވެސް ، އެއިން އެއްވެސްކަމެއް ބަދަލު ނުވާކަމުގައި ޚައިރާދު ބުންޏެވެ. އަދި އެނބުރި އޭނާ ދާޏްޖެހޭނީ ޚާލާގާތަށްކަމުގައި ބުނެ ޚައިރާދު ފޯނު ބޭއްވިއެވެ.

ޚައިރާދު ފޯނު ބާއްވަން އައިތަނުން އަޝްހަރާ ދިމާވިއެވެ. އަޝްހަރުހުރީ ހިތްހަމަ ނުޖެހިފައެވެ. ޚައިރާދާ ދިމާއަށް ބަލައިލުމަށްފަހު އަޝްހަރު ބުންޏެވެ.

މިއީ އަހަރެންގެ ގެއެވެ. ގޭގައި އުޅޭ ނޯކަރުންނާއެކީ އަހަރެމެންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދެއްކުމަކީ އަހަރެން ބޭނުންވާކަމެއްނޫނެވެ. އެގެޔަކީ ، އަޝްހަރުގެ ގެކަން ޚައިރާދަށް އޮޅިފައިނެތްކަމަށާއި އެކަމާ ރުޅިއައިސް އަޑުގަދަ ކުރުމުގެ ބޭނުމެއް ނެތްކަމަށް ޚައިރާދު ބުންޏެވެ. އަދި ، އޭނާއަށްޓަކައި އެއީ އަޝްހަރުގެ ގެކަން އޭނާއަށް އެނގޭކަމަށް ބުންޏެވެ. އަދި ކުރިޔަށް އޮތްތާނގައި އެކަމަށް ޚައިރާދު އިތުރަށް ވިސްނާނެކަމަށް ބުންޏެވެ. އެއީ އޭނާގެ ގެކަން ޚައިރާދަށް އެނގޭނެކަން އަޝްހަރަށް އެނގޭކަމަށް ބުންޏެވެ. ޚައިރާދު އެހުރީ ކުޑަވަގުތުކޮޅަކަށްކަން ހަނދާން ކުރުމަށްވެސް ބުންޏެވެ. ޚައިރާދު އެގޭގައި އެހުރީ ސަބަބަކާހުރެ ، ކުޑަ ވަގުތުކޮޅަކަށްކަން އޭނާއަށް ރަނގަޅަށް އެނގޭކަމުގައި ޚައިރާދު ބުންޏެވެ.

ސަރާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނަށް ބަލައިލިއިރު އެއީ ކައިސަރުގެ ފޯނެކެވެ. ކިހާބޮޑު މުސީބާތެއްހޭ ބުނެ ، ސާރާ ފޯނުނެގިއެވެ. ކައިސަރުގެ ޙާލު ކިހިނެއްތޯ އެހިއެވެ. އެހާ ހެނދުނު ހެނދުނާ އޭނާމަތިން ހަނދާންވީ ކީއްވެތޯ ސުއާލުކުރިއެވެ. ކޮންމެ ދުވަހެއްގެ ހެނދުނަކީވެސް ، އޭނާ ސާރާމަތިން ހަނދާން ކުރާ ވަގުތެއްކަމުގައި ކައިސަރު ބުންޏެވެ. އަދި ބައެއް ދުވަސްދުވަހަށް ސާރާގެ އަޑުއަހާލަން ބޭނުންވަނީކަމުގައި ބުންޏެވެ. ސާރާވެސް އޮފީހުން ގެޔަށްއައިސް ، ކައިސަރުގެ މަތިން ހަނދާންވެފައި އޮންނަ ކަމުގައިބުނެ ސާރާ ދޮގެއް ހަދައިލިއެވެ. އެއަށް ކިޔަނީ ހިތާހިތުގެ ގުޅުންކަމުގައި ކައިސަރު ބުންޏެވެ. ކައިސަރުގެ މަސައްކަތް ކިހިނެއްތޯއާއި ޕްލޭނަކީ ކޮބައިތޯ ސާރާ ސުއާލުކުރިއެވެ. ކައިސަރުގެ މަސައްކަތުގައި މަދީ ސާރާގެ ތަސައްވުރުކަމަށާއި ދެން އިތުރަށް އިންތިޒާރު ނުކުރެވޭނެވާހަކަ ސާރާ ބުންޏެވެ. ސާރާ ވާހަކަ ދައްކަމުން ގެންދިޔައީ އަޑުން ފޫހިކަން ނުދައްކާ ، މޫނަށް ވައްތަރު ޖައްސަމުން ކައިސަރު ހައްލާލައިގެންނެވެ. ކައިސަރަށްޓަކައި އެހާދިގު އިންތިޒާރެއް ސާރާ ކުރާއިރު ، ކުޑަދުވަސްކޮޅަކަށް ކައިސަރަށް އިންތިޒާރު ނުކުރެވެންވީ ކީއްވެތޯ ސާރާ އެހިއެވެ.

ކައިސަރުގެ މުޅި ޢުމުރުވެސް ސާރާގެ އިންތިޒާރުގައި ދުއްވާލަފާނެއެވެ. އެއީ ކައިސަރަށްލިބޭ އުފަލެކެވެ.

ސާރާ  އޭނާގެ ފޯނު ކަންފަތާ ދުރުކޮށްލިއެވެ. އަދި ކައިސަރަށް ގޮވައިލާ އޭނާގެ އަޑު މިހާރު ނުއިވޭކަމުގައި ބުންޏެވެ. އަދި ހަލޯއޭ ކިޔަމުންގޮސް ފޯނު ކަނޑައިލިއެވެ. އަދި ފްރިޖުން ފެންޖަގެއްނަގައި ބޮޑުފެންތަށްޓެއް ދަމައިލިއެވެ. ފަހަތުން ޒަރީނާ އައިސް ކާކުގެ ފޯނެއްތޯ ސުއާލުކުރިއެވެ. އަދި ތަބީޢަތް ސަކަރާތްވެފައި ހުރީ ކިހިނެއްވީތޯ ސުއާލުކުރިއެވެ. ސާރާ ހިތްހަމަނުޖެހިފައި އެހުރީ ކައިސަރު ފޯނުކޮށް މާފޮޅުވަން ހަދައިގެންނެވެ. އޭނާގެ ފަހަތުން އަޅައިގަނެގެން އުޅުން ކައިސަރު ހުއްޓާލާނީ ކޮންދުވަހަކުންބާއޭ ބުންޏެވެ.

އޭނާ ކިހާދުވަހެއްވަންދެން ސާރާގެ އިންތިޒާރުގައި ހުންނަންޖެހޭނެތޯ ސުއާލުކުރިކަމަށް ބުންޏެވެ. އެއީ އޭނާއަށް ކުރިމަތިވެފައި އޮތް ބޮޑު މުޞީބާތެކެވެ. އެކަން ޒަރީނާއަށްވެސް އެނގެއެވެ. އެކަމަކު އޭނާގެ ބޭނުންވެސް ހިފިފައި އޮތީމާ ކޮންމެވެސް ވަރަކަށް ކައިސަރަށް ބަލައިގެން އުޅެން މަޖުބޫރުވަނީއެވެ. ކައިސަރަކީ ، ސާރާއާ އެކަށީގެންވާ މީހެއްނޫންކަމަށް ޒަރީނާވެސް ޤަބޫލުކުރެއެވެ. އަދި ކައިސަރު އެނބުރި އައިމަ ދެންކުރިމަތިވާނީ ކޮންފަދަ މުޞީބާތެއްކަމެއްވެސް ނޭނގެއެވެ. އެ ދެމައިންނަށްވެސް ކައިސަރަކީ ބޮޑު އުނދަގުލެކެވެ.

ކައިސަރުގެ ކަންތައް ހުންނަގޮތުން ޒަރީނާވެސް ހުންނަނީ ކަންބޮޑުވެފައެވެ. އެހާގިނަދުވަސްވީއިރުވެސް ސާރާގެ މަތިން އނާ ފޫއްސެއްވެސް ނުވިއެވެ. ކިޔަވާ ނިމިގެން ފިހާރައެއް ހުޅުވައިގެން މުއްސަންޖަކަށް ވެގެން ސާރާގެ ކުރިމައްޗަށް އަންނަން ކައިސަރު އެކުރާ ހިތްވަރަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭފަދަ ހިތްވަރެއްނޫނެވެ. އެމެރިކާގައި ފިހާރައެއް ހުޅުވަން އެހާގިނަ ފައިސާ ކައިސަރު ހޯދީ ކޮންތާކުންކަމެއްވެސް ނޭނގެއެވެ.

ކައިސަރު އެމެރިކާގެ ރައްޔިތަކަށްވާށާއި ފިހާރައެއް ހުޅުވަން ފައިސާ ދޭނީ ފަރީދާކަން ޒަރީނާއަށް އެނގޭކަމަކަށް ނުހަދައެވެ. އެކަމަކު އެފައިސާ އެދިނީ ފަރީދާކަން މަންމަޔަށް ނޭނގޭނެކަމަކަށް ސާރާއެއް ނުދެކެއެވެ. ފަރީދާގާތަށްގޮސް ވައްތަރު ޖައްސައިގަނެ ބްލެކްމެއިލް ކޮށްގެން ލާރި ހޯދާ ، ޚައިރާދުގެ އަބުރު ކަތިލިއިރު އެ ކުޅުނު ޑްރާމާ ، މިހާރު ކުޅެމުން އެގެންދަނީ ސާރާއާ އެކުގައި ކަމަށް އޭނާ ބުންޏެވެ. ޒަރީނާވެސް އެކަމަށް އެއްބަސްވިއެވެ. އަދި ފުރުޞަތު ހޯދާމީހުން އަބަދުވެސް ބަލާނީ އެމީހުންގެ ފައިދާއަކަށް އޮންނަ ފުރުޞަތެއް ދޫކޮށްނުލައި ފައިދާ ނަގަންކަމުގައި ޒަރީނާ ބުންޏެވެ. ކައިސަރަކީ އެކަމަށް ވަރަށް ކުޅަދާނަ މީހެކެވެ. ކިޔަވައިގެން އައިސް ، ސާރާ އަދި މީހަކާ އިންނަން ތައްޔާރުނޫންކަމަށާއި މީހަކަށްވެގެން އޭނާގެ ކުރިމައްޗަށް އައުމަށް ސާރާ ބުނުމުން ، ފަރީދާ ގާތަށްގޮސް ، ފަރީދާ ބްލެކްމެއިލް ކޮށްގެން ލާރި އަތުލައިގެން ގޮސް އެމެރިކާގައި ވިޔަފާރި އެފެށީ އެމެރިކާގެ ރައްޔިތަކަށްވެސް ވެގެންނެވެ. އަޅެ ، ކައިސަރުގެ ބޯ ބޮޑެއްނޫން ހެއްޔެވެ ؟ އެކަމާ ސާރާ ނުވިސްނުމަށް ޒަރީނާ އެދުނެވެ. އަދި ، ސާރާގެ ކައިވެނި ކުރެވުނީމަ ، ކައިސަރުގެ ކަންތައް އޭނާ ހަމަޖައްސާނެކަމަށް ޒަރީނާ ބުންޏެވެ.

ހަރީމް ފާޚާނާއަށް ވެއްދިތަނުން އަޝްހަރަށް ފޯނެއް އައެވެ. އެއީ ފަރީދާގެ ފޯނެކެވެ. ފޯނުން ވާހަކަ ދައްކައި ނިމުމާއެކު ، އަޝްހަރު ޚައިރާދުގެ ގާތަށް ޖެހިލިއެވެ. އެއީ އޭނާގެ މަންމަގެ ފޯނެއްކަމުގައި ބުންޏެވެ. އަދި މަންމަޔަށް ދޮގުހަދަން އޭނާއަށް މަޖުބޫރުވީ ޚައިރާދުގެ ސަބަބުންކަމުގައި ބުންޏެވެ. މީގެ ހަތަރު އަހަރުކުރިން ގެއިން ނުކުމެގެންދިޔަ އޭނާގެ އަނބިމީހާ ގޭގައި އުޅޭވާހަކަ މަންމަގާތު އޭނާ ބުނާނީ ކިހިނެއްތޯ ޚައިރާދުކުރެން އެހިއެވެ. އަދި އޭނާގެ ދަރިފުޅުވެސް ގޭގައި އުޅޭވާހަކައާއި އެކުއްޖާފުޅު އެހާބަލި ވާހަމަ މަންމަގާތު ބުނާނީ ކިހިނެއްތޯ އަޝްހަރު ސުއާލު ކުރިއެވެ.

އަޝްހަރު ދޮގުހަދަންޖެހުމާއި މަންމަގާތު އަޝްހަރަށް ވާހަކައެއް ބުނަން އުނދަގޫވުމަކީ އޭނާއާ ބެހޭކަމެއްނޫންކަމަށް ޚައިރާދު ބުންޏެވެ. އޭނާއާ ބެހޭ ހަމައެކަނި މައްސަލަޔަކީ ، ހަރީމްގެ ޞިއްޙީ ޙާލަތެވެ. ޚައިރާދަށް ވެގެން  ވިއްޔާ އެންމެ މިނެޓަކަށްވެސް އެގޭގައި އޭނާއެއް ނުހުންނާނެއެވެ.

ޚައިރާދު އެގެއިން ނެރެލެވުނު އިހާނެތިގޮތުގެ ވާހަކަ ދައްކާކަށް ޚައިރާދު ބޭނުމެއްނޫނެވެ. އަދި ފަރީދާފަދަ ރަޙުމެއްނެތް އިންސާނަކަށް ދޮގުހަދައިގެން އެމީހަކު ފާފަވެރިވާނެ ގޮތެއްވެސް ޚައިރާދަކަށް ނުވިސްނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.