އަނާ - 27

(17 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޓެކްސީގައި ގޮސް ޚާންއާޞިފް ގޭގެ ދޮރުމައްޗަށް ފޭބިއިރު ގޭގެ އެންމެން ތިބީ އެމީހުންނަށް މަރުޙަބާ ކިޔުމަށް ޓަކައި ދޮރުމައްޗަށް ނުކުމެއެވެ. އެތާނގައި އެ ވަގުތު ނެތީ ހަމައެންމެ މީހެކެވެ. އެއީ އަނާގެ ފިރިކަލުން މާޖިދެވެ.

ޢާޝީއާއި ޚާން އާޞިފާއި އޭނާގެ އަނބިކަނބަލުން ދަރުދާނާ ބޭގަމް ތިއްބެވެ.

ޚާންއާޞިފް ކުރިއަށް ޖެހިލާފައި ބުންޏެވެ.

"އަހަރެމެން މި މަރުހަބާކިޔަނީ އަހަރެމެންގެ ދަރިފުޅަށް، ކަލޭ އޭނާ ގޮވައިގެން އައިކަން ވަރަށް ރަނގަޅު. އެހެންނޫންނަމަ އަހަރެމެން މި އުޅެނީ އޭނާ ބަލާދާންކަމަށް. ކުށްކުރެވޭނީ އިންސާނުންނަށް، އަހަރެމެންނަކީ ވެސް އިންސާނުން. އަނާ ދަރިފުޅާ!"

އަނާ ހީނލިއެވެ. އަދި އެ ވަގުތު ޢާޝީ ދުވެފައި ކަހަލަގޮތަކަށް އައިސް އަނާ ގައިގައި އޮޅުލައިގަތެވެ.

"ބޭބެދައްތާ! ކޮންޙާލެއް...ހަމަރަނގަޅަށް މިބުނަނީ އަބަދުވެސް އަޅުގަނޑު ދައްތަމެން ހަނދާންކުރަން." އެހެން ބުނެފައި އަނާގެ އަތުގައި އޮތް ޙިނާ އުރާލުމަށް ޢާޝީ މަސައްކަތް ކުރިއެވެ. ނަމަވެސް އަނާ އެކަންތައް ހުއްޓުވާލާފައި ބުންޏެވެ.

" ނޫން...ޢާޝީ.. މި ދަރިފުޅު ޚާންއާޞިފްގެ އާއިލާއާ އެއްވެސް ގުޅުމެއްނެތް. މިއީ ފާފައެއް. ފާފަވެރިއެއްގެ ފާފައެއް، އެފާފައިގައި އަތްލާނެ ކަމެއްނެތް"

"ދަރިފުޅާ..އަހަރެމެންނަށް މާފުކުރޭ....އެތައްސަތޭކަ ކުށެއްވެސް މާތްރަސްކަލާނގެ މާފުކޮށްދެއްވާ....ދަރިފުޅު ބައްޕަމެންގެ އެންމެ ކުށެއްވެސް އެންމެ ހަނދާން ނެތުމެއްވެސް މާފުކޮށެއް ނުދޭނަންތަ؟"

އަޅުގަނޑު މިތަނަށް މިއައީ އެއްވެސް މީހަކަށް މާފުދޭކަށް ނުވަތަ އެއްވެސް މީހަކު ނިކަމެތި ކުރާކަށްނޫން. އަޅުގަނޑު ހަމައެކަނި މިއައީ އަޅުގަނޑުގެ ގެއަށް. އަޅުގަނޑުގެ ފިރިމީހާ ކައިރިއަށް. އޭނާ ފިޔަވައި އެހެން އެއްވެސް މީހަކާ އަޅުގަނޑުގެ އެއްވެސް ގުޅުމެއް ގާތްކަމެއްނެތް. މިހެން ބުނެފައި އަނާ ކުރިއަށް ހިނގައިގެންފިއެވެ. ހިނގައިގަތީ އޭނާގެ ކޮޓަރިއާދިމާއަށެވެ. އެއީ އޭނާ އަލަތު އަނތްބަކަށް ވެގެން އައިރޭ އޭނާ ވެއްދި ކޮޓަރިއެވެ. އެ ކޮޓަރިން އޭނާ ބޭރަށް ނެރެއެއްލާލި ކޮޓަރިވެސް މެއެވެ.

ޘަނާ މަޑުމަޑުން އޭނާ ފަހަތުން ދިޔައެވެ. އެ ދެ މީހުން ގޮސް ކޮޓަރިއަށް ވަން އިރު ޚާންއާޞިފާއި ދަރްދާނާ ބޭގަމްއާ ދެ މީހުންވެސް އެތ ަނަށް އަތުވެއްޖެއެވެ.

"ދަރިފުޅާ! މަންމަމެން މިއޮތީ ދަރިފުޅު ކޮޓަރި ސާފުކޮށްފައި އަދި މިހާރު މަންމައަކު ދަރިފުޅެއްގެ ފަރާތުން އެދެމުން މިދަނީ އެންމެންގެ ކުށްތަކަށް މާފުކޮށްދިނުމަށް ދަރިފުޅާ!" ދަރްދަނާ ބޭގަމް ވަރަށް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

އަޅުގަނޑު އެންމެންނަށް މާފުކޮށްފިން. އަޅުގަނޑު އެއްވެސް މީހަކާ އަރާރުންވާކަށް ބޭނުމެއްނޫން. އަދި އަޅުގަނޑު އެއްވެސް މީހަކާމެދު ޝަކްވާއެއްވެސް ނުކުރާނަން... މިއީ ހަމައަޅުގަނޑުގެ ނަޞީބުގައި ވާންހުރިގޮތް. ދެން މިހާރު އަޅުގަނޑު މިހިރީ ވަރަށް ބޮޑަށް ވަރުބަލިވެސްވެފައި. ވީމާ މިހާރު އަޅުގަނޑު އެދެނީ ކުޑައިރުކޮޅަކު އަރާމުކޮށްލުމަށް ޓަކައި އަޅުގަނޑު އެކަނި ދޫކޮށްލެއްވުމަށް...."

"ވަރަށް ރަނގަޅު...ދަރިފުޅު އެދޭގޮތަކަށް ކަންތައްވާނެ" ދަރްދަނާ ބޭގަމް މާނޭވާއެއްލާފައި ބުންޏެވެ. އަދި އޭނާގެ ފިރިމީހާއާއެކު ކޮޓަރިން ނުކުމެގެން ހިގައްޖެއެވެ.

"ކަލާ ތިޔަދައްކަވަނީ ހާދަ ހަރުކަށި ގޮތެއް. އަނާޖީ! ޘަނާ މަޑުމަޑުން ބުނެލިއެވެ.

މި މީހުންނާ ވާހަކަދައްކަންވާނީ އެ ގޮތަށް ޘަނާ! އެމީހުންގެ ގޮތް ކަލާއަކަށް އެނގިއެއް ނުލައްވާނެ. ކަލާއާ ދިމާވެފައިވަނީ ހަމައެކަނި ބިރުވެރި ޚާންއާޞިފް، ގޭގެ އެހެން މީހުންނެއް ނޫން. މި އެންމެންނަކީވެސް އަޅުގަނޑުދެކެ ލޯބިން އުޅުނު މީހުން، އެންމެންވެސް އަޅުގަނޑާމެދު އޯގާތެރިކަން ބެހެއްޓި. ނަމަވެސް  އަޅުގަނޑަށް ކުއްޖެއް ނުލިބުނީމާ އެންމެންވެސް އަޅުގަނޑު ދޫކޮށްލީ. އެ މީހުންގެ މޫނު އަޅުގަނޑާ ދުރަށް އަނބުރާލީ އަޅުގަނޑު އެކިއެކި މީހުން ކައިރިއަށް ވަކިވަކިން ގޮސް އާދޭސްކުރިން. ނަމަވެސް އަނާއޭ ކެތްތެރިވާށޭ ﷲ ރަޙްމަތް ލައްވާނެއޭ. މި ވަރުގެ ކުޑަބަހެއްވެސް އަޅުގަނޑާ ދިމާއަށް ބުނެލާނެ މީހެއްވެސް ނުވި. ޘަނާ އަޅުގަނޑު މިގެއިން ނުކުމެގެން ދިޔައީ ވަރަށް ނިކަމެތިވެގެން. ވަރަށް ބޮޑަށް ދެރަވެގެން. އަދި މި މީހުންގެ އަނިޔާވެރިކަން ހުރިވަރު ނިކަން ބައްލަވަ ބައްލަވާ. އަޅުގަނޑު މި ކުޑަދަރިފުޅަށް ބަލިވެއިނދެގެން އާންޓީއާއެކު މި ގެއަށް އައިދުވަހު އަޅުގަނޑުގެ މި ދަރިފުޅާމެދު އެ މީހުން ޝައްކުކުރީ، އަދި އަޅުގަނޑަށް ހަޑިހުތުރު އެއްޗެތި ކިޔާހެދީ. އެ ދުވަހުވެސް އަޅުގަނޑު ދިޔައީ ކުރާނެކަމެއް ނެތިގެން. ނަމަވެސް މިހާރު އަޅުގަނޑަށް ބާރުލިބުނީމާ ދެން އަޅުގަނޑު ހަރުކަށިނުވެ ހުންނަންވީ ކީއްވެތޯ؟ އަޅުގަނޑު ހިތްހަމަޖެހޭނީ އަޅުގަނޑުގެ ޙައްޤު ހޯދައިގެން. އަޅުގަނޑުގެ ފިރިމީހާ އެ މީހުންނާ ދުރަށް ގެންގޮސްގެން."

"އެންމެރަނގަޅު. ދެން ކަލާ ރަނގަޅަށް އަރާމުކޮށްލައްވާ. އަޅުގަނޑު ދިއުމުގެ ހުއްދަ ދެއްވާ."

"ހަމަ މިއަދު އެނބުރި ރަށަށް ދުރުވަނީތޯ، އަޅުގަނޑަށް ހީވަނީ ކަލާވެސް ދެތިން ދުވަހަކު މި ތާނގައި މަޑުކޮށްލެވުން ރަނގަޅުވާނެހެން"

"ނޫން... އަޅުގަނޑު ހަމަމިއަދު ރަށަށްދާން ބޭނުން. އަޅުގަނޑު ނަންގަންނަން އޮތީ ކަލާ މިތާގައި ހުންނަވާއިރު ކަލާއާ މެދު އެއްވެސް ކަމެއް ގޯސްކޮށް ނުހިންގޭނެކަމުގެ ޔަޤީންކަމުގައި ހުންނަވާށޭ"

"އަޅުގަނޑަށް ފޯނުކުރައްވާތި!"

"ލައްބަ ގުޅުން ބަހައްޓާނަން. ދެން އަޅުގަނޑު ދިއުމުގެ ހުއްދަދެއްވާ. އަޅުގަނޑު ހަމަމިހާރު ދަތުރު ފައްޓާނަން" ޘަނާ މިހެން ބުނީ ވަރަށް އަސަރާއެކުގައެވެ. އަނާ އަށްވެސް އެކަން ފާހަގަކުރެވިގެން އެނބުރިލާފައި ޘަނާއާ ދިމާއަށް ބަލާލިއެވެ. ނަމަވެސް އޭރުއޭނާ ކޮޓަރިން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ.

ބޭރުގައި ފެންޑާމަތީގައި ޚާންއާޞިފް ހިނގާލަހިނގާލަ ހުއްޓެވެ. ޘަނާއާއި ހަތަރުކަޅި ބައްދަލުވުމުން ޚާންއާޞިފް ހީނލިއެވެ.

"އާދޭ. އަހަރެންގެ ކޮޓަރިއަށް އާދޭ. ކަލެއާ ދައްކާލަން ބޭނުންވެފައިވާ ވާހަކައެއް އެބައޮތް.."

ޘަނާ މަޑުމަޑުން އޭނާއާއެކު ހިނގައިގެންފިއެވެ. އަދި ޚާންއާޞިފްގެ ކޮޓަރިއަށް އަތުވެއްޖެއެވެ.

"އިށީނދޭ..ކޮއިފުޅާ!" އޭނާ ވާހަކަ ދައްކަން ފެށީ ވަރަށް މަޑުމައިތިރިކޮށް އަދި އޯގާވެރިކޮށެވެ.

ޘަނާ އިށީނދެއްޖެއެވެ.

"ދަތުރުކޮށްފައި އައިސް އެއްވެސް އެއްޗެއް ކާލާއެއް ނުވަތަ ބޯލައެއް ނުހަދާނަންތަ؟"

"ޝުކުރިއްޔާ! އެކަހަލަ ކަމެއް ބޭނުންވާނެހެނެއް ހިޔެއްނުވޭ. ކަލާ ބުނުއްވަންތިޔަ އުޅުއްވާ ވާހަކައެއް އަވަހަށް ބުނުއްވާ. މިއުޅެނީ ވަރަށް އަވަހަށް ދާންވެގެން"

"އަހަރެން އެއްޗެއް ބުނަން ބޭނުންވަނީ ދަރިފުޅާ! ފުރިހަމަ އެއްއަހަރު ކޮއިފުޅު އަހަރެން ކައިރީގައި އުޅުނުއިރު ކޮއިފުޅާމެދު ރަނގަޅަށް ކަންތައްކޮށްނުދެވުނުކަން ނުވަތަ ކަންތައް ކުރެވިފައިވަނީ ގޯސްކޮށްކަން މިހާރު އަހަރެން ހަނދާނެއްނެތް. އެކައްޗެއްވެސް ހަނދާނެއްނެތް. އެކައްޗެއްވެސް ހަނދާނެއްނެތް. ހަމައެކަނި ހަނދާންކުރީ އަހަރެންގެ އޯގާތެރިކަން ލިބިގަންނަމުން ކޮއިފުޅު ފުރިހަމަ އެއްއަހަރު އަހަރެން ކައިރީގައި އުޅުނުކަން."

"އަޅުގަނޑު ތިޔަކަމަށް އިޢުތިރާފްވަން. ޘަނާ ބުނެލިއެވެ.

"އެކަމަކު އިޢުތިރާފް ވާކަމަށްވާނަމަ އެއީ ކޮއިފުޅުގެ ނާރުތަކުގައި ހިނގަނީ ރަނގަޅު ލޭކަން އަންގައިދޭ ޢަލާމާތެއް. ނަމަވެސް ކޮއިފުޅު އަހަރެމެންގެ ގެއަށް ވިހަލަން ތިޔަ ނުކުތް ގޮތެއް އަހަރެންނަކަށް ހަމަނުވިސްނުނު. އަދިއެއީވެސް އަންހެނަކާހުރެ، އެ އަންހެނަކީ ކޮއިފުޅާ ދުރުތާ ތިމާގެ މީހެއްވެސް ނޫން. ކޮއިފުޅު އޭނާގެ ގޭގައި ހުރެފައި އަހަރެންގެ މޫނުމަތީގައި އެތިފަހަރެއްވެސް އެޅީމު. ނަމަވެސް އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނު. އަހަރުމެން މިއަދު މިވަނީ ކިހާ ނިކަމެތިވެފައިދޯ؟"

"މިހާރު ކަލާ ބޭނުންވެލައްވަނީ ކޮންކަމެއްތޯ؟"

"ދިރިހުރުމުގެ ޙައްޤު އަމިއްލައަށް ދިރިއުޅޭ އަދި އެހެންމީހުންވެސް ދިރިއުޅުނަދީ. ކޮއިފުޅާ ބޭނުންވާ އެއްޗެއް ވިއްޔާ ބުނޭ. އަހަރެން ދޭނަން އަހަރެންގެ ވިޔަފާރީގެ ބަރާބަރު ޙިއްޞާދާރެއްގެ ގޮތުގައި ހަމަޖައްސާދެންތަ؟ ހަމަމިހާރުވެސް ބުނޭ!"

"ދެން ކޮން އެއްޗެއްތޯ؟"

"މިވަރުވެސް މަދީތަ؟"

"މިހެން މިނަންގަތީ މަދުވެގެންނެއްނޫން، ގިނަވެގެން. ޚާން އާޞިފް! މިއަދު އުޞޫލަކީ ވަރަށް މުހިއްމުއެއްޗެއް، އަޅުގަނޑު ފަހަރެއްގައިވެސް އަޅުގަނޑުގެ އުސޫލެއް ނުވިއްކަން، އަޅުގަނޑަކީ އާދައިގެ ކުޑަކުޑަ ވަކީލެއް. އަޅުގަނޑުގެ ދުނިޔެއަކީވެސް ދާދި ކުޑަކުޑަ ދުނިޔެއެއް. ކަލާގެ ބާޒާރުގައި ގަނެވިއްކުމުގެ ކަންތައް ބަރާބަރަށް ހިނގަމުންދާނެ. ނަމަވެސް އަޅުގަނޑުގެ ހިތުގެ ދުނިޔޭގައި އެފަދަ ވިޔަފާރިއަކަށް ތަނެއް ނޯންނާނެ. އަޅުގަނޑު ހަމައެކަނި މަސައްކަތް މިކުރަނީ އަޅުގަނޑުގެ މުވައްކިލް ޙިމާޔަތް ކޮށްދިނުމަށް ކަލާ މިމައްސަލައިގައި ވަގުތީ ގޮތުން ކާމިޔާބު ހޯއްދެވީމު. ނަމަވެސް އަޅުގަނޑު، އަޅުގަނޑުގެ ކާމިޔާބީ ހޯދުމަށްޓަކައި ފުރިހަމަ އެއްއަހަރު ދުވަހު އިންތިޒާރުކުރަން ޖެހުނު. އަދި ކޮބައިތޯ ޙަޤީޤަތުގައި އަޅުގަނޑަށް ކާމިޔާބުވުމަކީ އަޅުގަނޑުގެ މަރު."

"އަހަރެން އަމިއްލައަށް މަރުވާންވީތަ؟' ޚާން އާޞިފް ޘަނާއާ ދިމާއަށް ކަޅިއަޅާލާފައި ބުންޏެވެ.

"ކަލާ ދިރުއުޅުންދެކެ ފޫހިވެލައްވައިފިނަމަ ދެން އަޅުގަނޑު ނަންގަންނަން އޮންނާނީ ކީކޭތޯ؟ ކަލާހަމަ ދެން ބުނުއްވިފަދައިން ތެދުވެރިކަމާއެކު ކަލާ ދިރިއުޅުއްވާފައި އެހެންމީހުންވެސް ދިރިއުޅުނަ ދެއްވައިފިނަމަ މައްސަލަ ހައްލުކުރެވިދާނެ. ކަލާގެ އެ ލިޔުންތައް ހުންނާނީ އަޅުގަނޑުގެ އަތުގައި ރައްކާކޮށްފައި އަދި އެއީ އަމާނަތެއްކަން އަޅުގަނޑު އަބަދުވެސް ހަނދާން ބަހައްޓާނަން. އަދި ކަލާ ކަލާގެ ޅީދަރިކަނބަލުންނާ މެދު ގޯސްކޮށް ކަމެއް ނުކުރައްވާހާ ހިނދަކު އެ ލިޔުން ތަކާބެހޭ ގޮތުން އަޅުގަނޑު އެއްވެސް ފިޔަވަޅެއް ނާޅާނަން. އެ ލިޔުންތަކަކީ ކަލާގެ ދިރިހުންނެވުމަށްވެސް އަދި އަނާގެ ދިރިހުންނެވުމަށްވެސް ޖާމިނުވެދޭނެ އެއްޗެއް. އެހެންކަމުން އަޅުގަނޑުގެ މަޝްވަރާއަކީ ކަލާގެ ޅީދަރިކަނބަލުންނާ މެދު ތެދުހިތުން ރަނގަޅަށް ކަންތައް ބަހައްޓަވަމުން ގެންދެވުން.

"އޭނާގެ ކަންތައްތައް ހުރިގޮތް ދެންމެ ކަލޭ ދެކެފީމެއްނު؟"

"އޭނާއަށް އެހެންވެދާނެ. އޭނާ ބޭނުންވަނީ އޭނާގެ ޙައްޤު. ކަލާ އޭނާއާ މެދު  އޯގާތެރިކޮށް ކަންތައްތައް ކުރައްވާ! އެގޮތުން އޭނާގެ ހިތް އަތުލެއްވޭތީ ބައްލަވާ!. ދެންއޮތީ އަޅުގަނޑުގެ މައްސަލަ. އަޅުގަނޑު ނައިސް ހުރެދާނަން. ކަލާ އޭނާއާމެދު ކަމެއް ގޯސްކޮށް ނުކުރައްވާހާ ހިނދަކު އަޅުގަނޑު ނައިސް ހުންނާނަން. ކަލާ ކަލާގެ ވިޔަފާރީގެ ކަންތައްތައް ހަމަ އާދައިގެ ގޮތުގެ މަތިން ހިންގަވަމުން ގެންދަވާ! ކަލާގެ ވިޔަފާރިއާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް އެދުމެއް ނެތް"

"މިސްޓަރ ޘަނާ! ކަލޭ މި އަންހެންމީހާއަށް ޓަކައި ތޮޔަ ހުރިހާ ކަމެއް ތިޔަ ކޮށްދެނީ ކީއްވެގެންތަ؟އަހަރެންނަށް އެކަމެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނޮ."

"މީ އަޅުގަނޑުގެ އަމިއްލަ މައްސަލައެއް"

"ކަލޭ ތިޔައެދޭގޮތަށް ކަންތައްތައް ހަމަޖެހިއްޖެނަމަ ކަލޭގެ ކަންތައްތައް މުޅީން ހަލާކުވެގެން ދާނީއެއްނު! ޚާންއާޞިފް ޘަނާގެ ލޮލާ ދިމާއަށް ބަލަން އިނދެގެން ބުންޏެވެ.

އަނެއްކޮޅުން ޘަނާ ހިނިތުންވެލިއެވެ. އަދި ބުނެލިއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.