ކިރުއިލޮށި - 21

(29 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސާރާއަކީ ރަނގަޅު ކުއްޖެއްކަމަށް އަޝްހަރުވެސް ބުންޏެވެ. އެހެނަސް ، ތަންކޮޅެއްއަވަހަށް އަސަރުކޮށްފައި ޖަޒުބާތީކަން އެހައި ބޮޑުވާނެކަމަށްވެސް ބުންޏެވެ. އެހާ ހިތްބަލިވެސް ވާނެއެވެ. ސާރާއަކީ ކަންކަން ތަޙައްމަލުކުރުމުގައި އުނިކަމެއް ހުންނަ މީހެކެވެ. އެކަމަކު އެހާ ހިތްހެޔޮވެސް ވާނެއެވެ. ރަނގަޅުމަގަކުން ، ސާރާއާއި ޚައިރާދުގެ ގުޅުން ބަދަހިވަމުންދާކަމުގައި އަޝްހަރަށް ލަފާކުރެވުނެވެ. އެކަމަށްޓަކައި އަޝްހަރު އުފާކުރިއެވެ. ފަރުދާގެ އަނެއްފަރާތުގައި ، ނަގަމުންދާ ގޮށްރާޅުތަކުގެ ހަމަބޮލިކަމާއި ނުރައްކާތެރިކަމުގެ ކުޑަވެސް އިޙްސާސެއް ، އަޝްހަރަކަށްވެސް އަދި ޚައިރާދަކަށްވެސް ނުވެއެވެ. އެދެމަފިރިންގެ ހިތް ސާރާގެ މައްޗަށް އެހާ ސާފެވެ.

ހަވީރުވީތަނާ ، އަޝްހަރު އޮފީސްނިންމާލައިފައި ގެޔަށްދާން ނުކުތެވެ. މަންމަ ގުޅާފަ ގެޔަށް ގެންގޮސްލަދޭން އެދިފައިވެސް އޮތުމާއެކުގައެވެ. މަންމަގެ އޮފީހަށްގޮސް މަންމަގެ ކުރިމަތީހުރި ގޮނޑީގައި އަޝްހަރު އިށީނެވެ. މިހާރު މާއަވަހަށް ގެޔަށްދާ ދުވަސްވަރެކޭ ބުނެ އަޝްހަރާ ، ފަރީދާ ސަމާސާ ކޮށްލިއެވެ. އަދި ޚައިރާދުވެސް އެކަމާ އުފާކުރާނެތާއޭ ބުންޏެވެ. ފަރީދާ އޭނާގެ ދަރިފުޅާ ، އަމިއްލަ ސުއާލެއްކޮށްލައި ވާހަކަދައްކައިލާނެ ފުރުޞަތަކަށް ބަލަބަލާ ހުންނަތާ ލައްކަ ދުވަސްވެއްޖެއެވެ. ގޭތެރެއިން އެފަދަ ފުރުޞަތެއް ހޯދުން އެއީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. ދެމައިންނަށް ހަމަޖެހިލައިގެން ތިބެ އެކަހަލަ ވާހަކައެއް ދައްކައިލާނެ ދަނޑިވަޅެއް އޮތީ ނުހޯދިފައެވެ.

އަވަހަށް ގެޔަށް ދިޔުމަކީ އަޝްހަރު ކުރަންފެށި ރަނގަޅުކަމެއްގެ ގޮތުގައި ފަރީދާ ސިފަކުރިއެވެ. އަދި އެކަމުން ޚައިރާދު ހަމަޔަކަށް އެޅެން ފަސޭހަވާނެކަން އަޝްހަރަށް ވިސްނައިދިނެވެ. ޚައިރާދު އަބަދު އެހުންނަނީ ކަންބޮޑުވެފައެވެ. ގޭގައި އުޅޭއިރު ، އަޝްހަރުގެ އެއްވެސް އަޅައިލުމެއް ޚައިރާދުގެ މައްޗަކަށް ނުއޮވެއެވެ. ޚައިރާދު ފެންނަކަމަށްވެސް އަޝްހަރެއް ނުހަދައެވެ.

" ތިއީ މަންމަޔަށް ހީވާގޮތެވެ. މަންމަވެސް އެހާ ގިނައިރު ގެޔަކު ނޫޅެމެއްނޫން ހެއްޔެވެ ؟ އަހަރެން މިހާރު މަންމަޔަށްވުރެ ގިނައިރު ގޭގައި އެބަ އުޅެމެވެ. ގޭގެ މާޙައުލު އަންނަނީ ބަދަލުވަމުންނެވެ. މަންމަޔަށް ނޯޓިސްކުރެވޭވަރު އަދި ނުވަނީތާއެވެ ؟ " އަޝްހަރު ބުންޏެވެ.

" ދަރިފުޅު ރަނގަޅު ހެއްޔެވެ ؟ ދިރިއުޅުމުގެ އުދާސްތަކުން އަދިވެސް ހިތް އެއްފަރާތެއް ނުކުރެވޭހެއްޔެވެ ؟ ދަރިފުޅާ ވާހަކަ ދައްކާލަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. " ފަރީދާ ބުންޏެވެ.

އަޝްހަރުވެސް ، މަންމަޔާ ވާހަކަ ދައްކާލަން ބޭނުންވެފައި ހުރިކަން އަންގައިލިއެވެ. އަޝްހަރުގެ ދިރިއުޅުމަށް ، ކުއްލިޔަކަށް އެއައި ތޫފާނުގައި މަންމަގެ ފަރާތުން ނޫނީ އޭނާއަށް ހިތްވަރެއް ލިބިފައެއް ނުވެއެވެ. އެ ތޫފާނަކީ ، ބައްޕަގެ ފަރާތުން ކުރިމަތިވި ތޫފާނެކެވެ. އެހެނަސް ، އެ ތޫފާނުގެ އަސަރު މިހާރުވަނީ ކުޑަވެ ޢާންމު ޙާލަތަށް ބަދަލުވާން ފަށާފައެވެ. ކަމެއް ވީހެންވެސް ހީނުވާވަރަށް ، ގޭތެރޭގެ މާޙައުލު މިހާރުއޮތީ ބަދަލުވެފައެވެ. ހިތާމަ އާއި ކަންބޮޑުވުމާ އަދި ކެކުޅުމުގައި ދުވަސްތަކެއް ހޭދަވުމަށްފަހު ، އޭގެ އިދިކޮޅަށް ގޭތެރޭގެ އޮޔާއިވައި ބަދަލުވާން ފަށައިފިއެވެ. ހިތްހެޔޮ ކަމާއެކު އެކަކު އަނެކަކަށް ވާހަކަދައްކައިލާ ، ހިނިތުންވުމާއެކު ، މަސްހުނިވެލައި އެކުގައި އުޅެލާ މަންޒަރު ގިނަގިނައިން ފެންނަން ފަށައިފިއެވެ.

" މަންމާއެވެ ! އަހަރެން ރަނގަޅެވެ. ޚައިރާދާ ބެހޭގޮތުން އަހަރެންނަށް އަދި އަހަރެމެންނަށްވެސް ޢަމަލު ކުރެވުނީ ވަރަށް އިހާނެތި ކޮށެވެ. އެއީ ވަރަށް ޚުލްޤު ރަނގަޅު ، މަޢުޞޫމު ކުއްޖެކެވެ. ވިސްނުންވެސް ތޫނެވެ. ކިޔަވައިގެންހުރި ރަނގަޅު ކުއްޖެކެވެ. އަހަރެންނަށްވެސް މިހާރު ، ޚައިރާދާ ގަޔާވާން ފަށައިފިއެވެ. މަންމަޔަކަށް ކަމަކު ނުދޭ ހެއްޔެވެ ؟ " ޚައިރާދާމެދު ، އަޝްހަރުގެ ވިސްނުން ހުރިގޮތް މަންމަޔަށް ކިޔައިދިނެވެ.

" ޚައިރާދާމެދު ، ދަރިފުޅު ހިތްހަމަޖެހުން އެއީ މަންމަޔަށް ލިބޭ އުފާވެރިކަމެކެވެ. މަންމަ ބޭނުންވަނީ ، ދަރިފުޅުގެ ދިރިއުޅުމުގެ އުފަލާއި ބާއްޖަވެރިކަން ، އޭގެ އެންމެ ފުރިހަމަގޮތުގައި ދަރިފުޅަށް ލިބުމެވެ. ކޮންމެ މީހެއްކަމަށްވިޔަސް ، މަންމަޔަށް މައްސަލައެއް ނެތެވެ. " ފަރީދާ ބުންޏެވެ.

" އަހަރެން ކުރިންނެއް އެކައިވެންޏަކަށް ހިތްހަމައެއް ނުޖެހެއެވެ. އެކަމަކު މިހާރު އެބަ ހިތްހަމަޖެހެއެވެ. އަހަރެމެން އެންމެންވެސް ، ޚައިރާދާމެދު ދެކެމުންއައީ ، ނުބައި ގޮތަކަށްކަން އަހަރެންނަށް މިހާރު އެބަ ވިސްނެއެވެ. އެއީ އަހަރެމެންގެ ހިތަށް ގެނެވުނުގޮތާ ހާސްބައި ތަފާތު ކުއްޖެކެވެ. އަމިއްލަ ނަފްސަށް ފަޚުރުވެރިވާފަދަ ، ހަރުދަނާ ގޮތްތަކެއް ޚައިރާދުގެ ކިބައިގާ އެބަ ހުއްޓެވެ. ވާހަކަ ދައްކަން އެނގެއެވެ. ވިސްނަން އެނގެއެވެ. އެއީ އެހެން އަންހެންކުދިންގޮތަށް ، ބޭރުތެރެޔަށް ނުކުމެ ، ބައްދަލުވުމާއި އެއްވުމާ ދުރުވެފައި ، ޕާޓީ ނުކުރާނެ ކުއްޖެކެވެ. ވާހަކަ ދެއްކުން މަދުވެދާނެއެވެ. އެކަމަކު ތޫނުފިލިވެފައި ޚުލްޤު ރަނގަޅެވެ. " އަޝްހަރު ބުންޏެވެ.

ޚައިރާދުގެ ޚުލްޤު ހެޔޮކަމާމެދު ފަރީދާވެސް ދެބަހެއް ނުވެއެވެ. ޚައިރާދަކީ ، އޭނާއަށްވެސް ހީކުރެވިފައި އޮތްވަރަށްވުރެ އެތައްތަނެއް ރަނގަޅުކުއްޖެއްކަމުގައި ، ފަރީދާއަށްވެސް ޤަބޫލު ކުރެވުނެވެ. އެކައިވެންޏާ ފަރީދާ ދެކޮޅުހެދީ ހަމައެކަނި އަޝްހަރަށް ޓަކައެވެ. އަޝްހަރުގެ ދިރިއުޅުމުގެ ބާއްޖަވެރިކަމަށް ހިތުގައި އޮތް އެދުމެއްގެ ބޮޑުކަމުންނެވެ. އެކަމަކު ، އަޝްހަރު ، އޭނާގެ ކައިވެންޏަށް ހިތްހަމަޖެހި ، އަޝްހަރުގެ މޫނުމަތިން އުފާވެރިކަން ފެނުމުން ، ފަރީދާގެ ހިތްވެސް ޚައިރާދުގެ މައްޗަށް ލެނބިއްޖެއެވެ. ބައްޕަގެ ނިންމުން އެހާ ގޯސްނޫންކަމުގައި އަޝްހަރު ޤަބޫލު ކުރިއެވެ. އަދި ހިތާދެކޮޅަށް ، މަންމަ އެކައިވެންޏަށް ހުރަހެއްނޭޅުންވެސް އެއީ ، ނަޞީބުކަމުގައި އަޝްހަރު ދެކެއެވެ.

މައްސަލަޔަކީ ސާރާއެވެ. ސާރާއަކީ ، ރުންކުރުވެފައި ، އޭނާ ބޭނުންވާކަމެއް ޙާޞިލްކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އަންހެނެކެވެ. އަޝްހަރާއި ޚައިރާދާ ދެމަފިރިންގެ ދެމެދަށް ، ސާރާ އަތުވެދާނެތޯ ނުވަތަ ނޫންތޯ އެއީ އަޝްހަރަށް ނިންމެން އޮންނާނެ ކަމެއްނޫނެވެ. ސާރާ ދައްކާ ކުޅިވަރަށް ، އެހާބޮޑަށް ހުރަސްއަޅައި ދެކޮޅުހެދުމަކީ ، އަޝްހަރަށް އެހާ ފަސޭހަކަމެއްނޫނެވެ. ޚައިރާދުވެސް އެކަމަށް ވިސްނާނެއެވެ. އިރާދަކުރެއްވިއްޔާ ، އެދެމަފިރިންގެ ދެމެދަށް ސާރާ ވަނަކަ ނުދޭނެއެވެ.

ސެމިނާރއެއް ނިންމައިލުމަށްފަހު ، ސާރާއާއި އަޝްހަރު ނުކުމެ ، ގެޔަށްދާން ތައްޔާރުވެލިތަނާ އަޝްހަރަށް ފޯނެއް އައެވެ. ގާތްގަނޑަކަށް 45 މިނިޓެއްހައިއިރުވާން ވާއިރަށް ތައްޔާރުވެލާށޭ އަޝްހަރު ބުންޏެވެ. އަދި ގެޔަށްދާގޮތަށް މަޑުނުކޮށް ، މެންދުރު ކާށާއެކީ ބާޒާރުކޮށްލަން ނުކުންނާނީއެވެ. އަޝްހަރަށް ފޯނުބޭއްވޭވަރެއް ނުވިއެވެ. އެއީ ޚައިރާދުގެ ފޯނެއްތޯ ސާރާ އެހިއެވެ.

ސާރާގެ ހިތަށް އުނދަގޫވިކަމެއް އަޝްހަރަކަށް ނުއަންގައެވެ. އެކަމަކު ، ހިތުގައިހުރި އެއްޗެހި ދުލުން ބޭރުވެގެން ދިޔައެވެ. ގޭގާއި އެކަނިވާން ނުބައިންދާ ޚައިރާދު ގޮވައިގެން ބޭރަށް ޖައްސައިލުމަކީ ރަނގަޅުކަމެއްކަމަށް ސާރާ ބުންޏެވެ. އެކަމަކު ، ޚައިރާދު ގޮވައިގެން ބޭރަށް ދާއިރު ވަރަށް ވިސްނަންވާނެކަމަށް ބުންޏެވެ. އެއީ ފަޤީރު ކުއްޖެކެވެ. ޑިޒައިނަރ ހެދުންތައް ފެނިފައި މޮޔަވާނެއެވެ. އަޝްހަރުފަދަ މުއްސަނދި ، ރީތި ފިރިޔެއްލިބުނީމަ ، ޚައިރާދަށް އޭނާ އޮޅޭނެއެވެ. ކުރާނެ ނުކުރާނެކަމެއް ނޭނގޭނެއެވެ. ހެދުންތަކާއި ބޭކާރު ތަކެތި ގަނެ އަޝްހަރުގެ މުއްސަނދިކަމުގެ ނާޖާއިޒު ފައިދާ ނަގާނެއެވެ.

ވަކި ހިސާބަކަށް ދިޔަތަނާ ، ސާރާގެ ވާހަކަތަކަށް ، މަޑުކޮށްގެން އަޝްހަރަކަށް ނީނދެވުނެވެ. ޚައިރާދަކީ ، ސާރާ ތިހީކުރާފަދަ ކުއްޖެއްނޫނޭ ބުނެ ސާރާގެ އަނގަ ބަންދު ކޮށްލިއެވެ. ޚައިރާދަކީ ، މުއްސަނދި ފިރިން ، ބޮޑެތި ގެޔާއި ކާރަށް ހިތްކިޔާ ، ދަހި ، ކުއްޖެއް ނޫނެވެ. ރަނގަޅު ވާހަކައެކެވެ. ޚައިރާދަކީ ފަޤީރު ކުއްޖެކެވެ. އެކަމަކު ، ލިބޭމިންވަރަށް ޝުކުރުކޮށްގެން ، ދިރުއުޅުން އިޤްތިޞާދުކޮށްގެން ، ބާއްޖަވެރި ޙަޔާތެއްހޯދޭވަރުގެ ޢިލްމާއި ޙިލްމު ލިބިހުރި ކުއްޖެކެވެ. އަނެއްކާވެސް ، ޚައިރާދާ ބެހޭގޮތުން ސާރާ އެވިސްނަނީ ގޯސްކޮށް ކަމުގައި އަޝްހަރު ބުންޏެވެ.

އެހެން ވެދާނެކަމަށް ސާރާ ބުންޏެވެ. އަޝްހަރު ، ކަނޑައެޅިގެން ، ގަސްތުގައި ސާރާގެ އަނގަ ބަންދުކޮށްލީކަން ، ސާރާއަށް ވިސްނުނެވެ.

" ބަޝީރަތުބޭބެގެ ނިންމުން ގޯހެއް ނުވާނެއެވެ. ޚައިރާދަކީ ، ތިޢާއިލާގެ މުސްތަޤްބަލް އަލިކޮށް އުޖާލާކޮށްދޭނެ ކުއްޖަކަށްވާނެކަން ކަށަވަރެވެ. " ބުނާނެ ވަކިއެއްޗެއް ނޭނގިހުރެ ، ސާރާ އެންމެފަހުން ބުނެލިއެވެ.

އަޝްހަރު ހިތްހަމަނުޖެހިދާނެތީ  ، ޚައިރާދާ ބެހޭގޮތުން އިތުރު އެއްޗެއް ބުނާކަށް ސާރާ ގަސްތެއް ނުކުރިއެވެ. އެވަރުން އެދުވަހަށް އޭނާއަށް ފުދޭނެއެވެ. ޚައިރާދާމެދު ހިތްހަމަނުޖެހުމުގެ އިޙްސާސެއް އަޝްހަރުގެ ހިތަކަށް މިހާރަކު ނުވެއްދޭނެއެވެ. މިވަގުތަށް އޮތްގޮތަކީ ، އަޝްހަރުވެސް ހިތްހަމަ ޖެހޭނެގޮތްގޮތަށް ވާހަކަ އަނބުރައި ، ރަނގަޅު ފުރުޞަތަކަށް މަޑުކޮށްލައިގެން ހުރުމެވެ. ސާރާގެ ހިތާ ދެކޮޅަށްނަމަވެސް ، އެ ޙަޤީޤަތް ޤަބޫލުކުރަން އެބަޖެހެއެވެ.  އެނޫންއެހެން ގޮތެއް އޭނާއަކަށް ނެތެވެ. ރަނގަޅު ދަނޑިވަޅެއް ލިބެންދެން ، އޭނާ ޖަހަމުންދާ މަޅިފަތީގެ ކިރުއިލޮށިތައް ތާޒާކަންމަތީ ބަހައްޓާނީއެވެ.

ހެނދުނުގެ ނާސްތާއަށްފަހު ، ކޮންމެ ދުވަހަކުވެސް ޚައިރާދު ، ގޭގައި އެކަނިވެއެވެ. އަޝްހަރުވެސް ، މަންމަވެސް އަދި ބޮޑުބޭބެވެސް މަސައްކަތަށް ދާނެއެވެ. ގޭގައި އުޅޭނީ ނޯކަރުންނާއި ޚައިރާދު އެކަންޏެވެ. ހެނދުނު އަރަމުންއައި އިރުގެ އަވިގަދަވަމުން އައި ވަގުތެވެ. ގޭގެ ތަނަވަސް ބަގީޗާތެރޭ ، އެއްވެސް ފިކުރެއް ޚިޔާލެއްނެތި ، ޚައިރާދު ހިނގަމުން ދިޔައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ކުޑަކޮށް މިލާ މޯޅިވާން ފަށާފައިހުރި މާގަހެކެވެ. އެގަސްހުރީ އަތްވަށް ނިވާވާގޮތަށް ގަސްތަކެއްގެ ނިވަލުގައި ބެހެއްޓިފައެވެ. ޚައިރާދު ހީކުރިގޮތުގައި ، އެގަސް މިލަމުން އެދަނީ އަވި ނުލިބިގެންނެވެ. މާބޮޑަށް ހިޔާ އެޅިގެންނެވެ. ގޭގައިއުޅޭ ނޯކަރު އަމްޖަދަށް ގޮވާލައި ، ގެޔަށް ވަންނަ ދޮރުމަތީ ، ގަދަޔަށް އަވިދޭ ގޮތަށް އެގަސް ބަހައްޓައިދިނުމަށް ޚައިރާދު އެދުނެވެ.

މެންދުރު ވަގުތު އަޝްހަރު ބޭރުން ގެޔަށް އައިސް ވަނެވެ. އެންމެ ފުރަތަމަވެސް އަޅައިގަތީ ، އަވީގައި ބަހައްޓާފައިހުރި ގަހުގައެވެ. އެއީ ކުރީދުވަހު ، އަޝްހަރު އިންދި ގަހެކެވެ. މޫތައް ވެލީގައި ހަރުލަންދެން އަވިނިވާލާތަނެއްގައި ބަހައްޓަން ޖެހޭ ގަހެކެވެ. އަޝްހަރުގާތަށް އައީކީ އަމަށަކު ރުޅިއެއްނޫނެވެ. އެވަގުތު ޚައިރާދުވެސް އެތަނަށް އައެވެ. އެގަސް އެތަނަށް ، އަތްވަށް ގެނައީ ކާކުބުނެގެންތޯ އަމްޖަދާ ، އަޝްހަރު ވަރަށްބާރަށް ސުއާލު ކުރިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.