(27 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެހެންކަމުން މިހާރު އެރަށަށް ވިލެޖެކޭ ކިޔާ އުޅެނީ ވަރަށް މަދުމީހެކެވެ. މިހާރުއެއީ، ހަމައެކަނި ތަރައްޤީ ވެފައިވާ ސާރަންޕޫރެވެ.
ޝަހަރުގެ ބޯވެފައިވާ ދުންތަކާއި ހަލަބޮލި ޙަރަކާތްތަކުން އަދި ކަންފަތަށް ފަސޭހަނޫން އަޑުތަކުން ސަލާމަތްވެފައިވާ ސަހާރަންޕޫރުގެ ޖައްވަކީ ޞިއްޙަތަށް ވަރަށް ފައިދާހުރި ޖައްވެކެވެ. އޭގެ އެންމެ މުޙިއްމު އަނެއް ސަބަބަކީ ފެހި ގަސްތަކާއި ވިނަތަކުން ފޮރުވިފައިވާ ފަރުބަދަތަކާއި މަގުތަކުގެ އަނެއް ފަރާތުން އޮންނަ އާރޯ ދަނޑުތަކެވެ. މިވަގުތު އަނާވަނީ، ޝަހަރުގެ ކަންތައްގަނޑުން ދުރުގައެވެ.ޚާންއާޞިފްގެ ތޫނު ނަޡަރުވެސް ނުފޯރާ ހިސާބުގައެވެ. އާންޓީ ޒައިޓޫން ކައިރީގައެވެ. އޭނާ ސަހާރަންޕޫރަށް އައިތާ މިހާރު ފަނަރަ ދުވަސް ވެއްޖެއެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ މިޑްލް ސްކޫލްގެ ޚިދުމަތް ކުރުމުގެ ފުރުޞަތެއް ލިބޭތޯއެވެ. އެއީ ކަމެއްނުކޮށް އިންނަ ހަދައިންގެ އޭނާގެ ފިކުރުތައް ގިނަވެ މޮޅިވަން ޖެހޭނެތީއެވެ.
މިއަދި ހެނދުނު އަނާ ޕޮޕިއުލަރ ފައުންޑޭޝަން މިޑްލް ސްކޫލްގެ ހެޑްމިސްޓްރެސްއާ ބައްދަލުކުރަން ދިޔައެވެ. އެއީ އެތާނގެ ވަޡީފާއެއް ހޯދުމަށްޓަކައި އިންޓަރވިއަކަށެވެ. ހެޑްމިސްޓްރެސް އާވާހަކަ ދައްކާފައި އެނބުރި ގެއަށް އަންނަނިކޮށް އޭނާ މޭ ނުބައިކުރާގޮތް ވެއްޖެއެވެ. އަދި ހޮޑުލަވާހެންވެސް ހީވާން ފަށައިފިއެވެ. ފަހަރެއްގައި ހޫނު ގަދަވުމުގެ ސަބަބުން ވީގޮތެއްކަންވެސް ނޭނގެއެވެ. ކޮންމެއަކަސް ވަރަށް އުނދަގޫ ގޮތަކަށް އުޅެމުން ގެއަށް އަތުވެއްޖެއެވެ. ނަމަވެސް ގެއަށް އައުމުންވެސް އެގޮތްތަކެއް ރަނގަޅުވާ ގޮތެއްނުވިއެވެ. އަނެއްކާވެސް މޭނުބައިވާގޮތް ވެފައި އެންމެފަހުން ހޮޑުލެވިއްޖެއެވެ. އާންޓީ ޒައިތޫނުން ވަރަށް ހައިރާންވެފައި އޭނާ އާސުވާލުކުރިއެވެ. " ކަލޭ ހެނދުނު ނާސްތާވެސް ކުރީ ދާދި ކުޑަކޮށެއްނު. ވީމާ މިގޮރަށް ހޫނުގެ އަސަރު ކުރަން މިދިމާވީ ކީއްވެބާ!
"ނޭނގެ...މަގުމަތީގައިވެސް މޭނުބައި ކުރާގޮތްވީ!"
"ހިނގާ ޑޮކްޓަރަށް ދައްކަން!"
"ނޫން... މިހާރު ރަނގަޅުވެއްޖެ އާންޓީ ލުބޯހުތް ފަނިތަށްޓެއް ބޯލަން މިއުޅެނީ އޭރުން މުޅިން ރަނގަޅުވެދާނެ!" އަނާ ޑޮކްޓަރު ގާތަށް ދާކަށް އެއްބަހެއް ނުވިއެވެ.
ހަވީރު އަނެއްކާވެސް މޭ ނުބައިކުރާގޮތްވެއްޖެއެވެ.
"ޑޮކްޓަރަށް ދާން އަހަރެންނަށް ފެނޭ. މާބޮޑަށް ބަލި ނުވަނީސް ދިޔުން ރަނގަޅުވާނީ" އާންޓީ ޒައިތޫން އަނެއްކާވެސް ބުންޏެވެ.
"ހީވަނީ ދާނޖެހޭނެހެން" އަނާ ބުނެލިއެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން އެ މީހުން ތިބީ އެރަށުގައި ހުންން އެންމެ މަޝްހޫރު އެއް ލޭޑީ ޑޮކްޓަރ ކަމުގައިވާ މިސިޒް މެހެނާޒްގެ ކައިރީގައެވެ.
އަނާއަށް ވަމުންދާގޮތުގެ ވާހަކަތައް ޑޮކްޓަރަށް ކިޔައިދިނީ އާންޓީ ޒައިތޫންއެވެ. އެ ވާހަކަތައް އަޑުއެހުމަށްފަހު ޑޮކްޓަރ މެހެނާޒް ވަރަށް ސީރިއަސް ގޮތަކަށް އަނާ އާދިމާއަށް ބަލާލާފައި ބުންޏެވެ.
"ކައިވެނި ވީތާ ކިހާ ދުވަހެއް ވެދާނެ؟" އ ެސުވާލު އިވުމުން އަނާ ހިތަށް ވަރަށް ތަދުވިއެވެ. އެކަން ހާމަވެގެން ދިޔައީ އޭނާގެ ތުންފަތަށް އެވަގުތު ގެނެވުނު ޙަރަކާތަކުންނެވެ.
"ކަލާ ނުބުނުއްވާނަންތޯ؟"
"މާބޮޑަށް އަވީގައި އުޅެން ހަދައިގެން ބަލިވާގޮތްވީ...."
"އެންމެ ރަނގަޅު ބޭހެއްމިދެނީ ދެންވެސް ރަނގަޅު ނުވެއްޖެއްނަމަ އަދި އިތުރަށް މޭނުބައިކޮށް ހޮޑުލެވޭގޮތް ވެއްޖެނަމަ ޗެކް ކުރައްވަންވާނެ..."
ކުޑައިރުކޮޅަކަށްފަހު އާންޓީ ޒައިތޫންއާއެކު އަނާ ގެއަށް އެނބުރި އަތުވެއްޖެއެވެ. ވިދިގެން އައި ދެ ދުވަސް ދިޔައީ މުޅީން ރަނގަޅަށެވެ. މިހާރު އަނާއަށް އެ ސްކޫލުން ވަޒީފާވެސް ލިބިއްޖެއެވެ. މިއަދު މިއީ ވަޒީފާއަށް އޭނާ ދިޔަ ފުރަތަމަ ދުވަހެވެ. ވަޒީފާއާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ. ސްކޫލްގެ ވަގުތު ނިމިގެން ގެއަށް އަންނަ އައި މަގުމަތީގައި އަނެއްކާވެސް އޭނާގެ މޭނުބައި ކުރާގޮތްވެއްޖެއެވެ.
"އަނެއްކާ މީކޮންފަދަ ޢަޛާބެއްބާ!" އަނާ ކަންބޮޑުވާ ގޮތްވެއްޖެއެވެ.
ގެއަށް އައިސްފައި ބާތުރޫމަށް ގޮސް ހޮޑުލައިފިއެވެ. އިރުކޮޅަކު އެތާނގައިއުޅުމަށްފަހު ބޭރަށް ނުކުމެ އާންޓީ ޒައިތޫނަށް ގޮވާލާފައި ބުންޏެވެ.
"އާންޓީ.... އަޅުގަނޑަށް ޢަޖައިބުވާ ކަހަލަ އިޙްސާސެއްވަމުން އެބަދޭ..." އަނާގެ އަޑު ތުރުތުރު އަޅާގޮތްވިއެވެ.
"ކޮންކަހަލަ އިޙްސާޞެއް އަނެއްކާ!"
"މިގޮތަށް ގިނަގިނައިން މޭނުބައި ކުރާގޮތްވުމަކީ މާރަނގަޅު ކަމެއްނޫން...."
"ކީކޭ ތިޔަބުނަނީ ދަރިފުޅާ." އާންޓީ ޒައިތޫނަށް އިވުނު އެއްޗެއް އޭނާއަށް ޔަގީން ކުރެވުނީހެން ހިއެއްނުވެއެވެ. އޭނާ އަނާއާ ތަންކޮޅެއް ކައިރިއަށްޖެހިލާފައި ބުންޏެވެ.
"ތިޔަ ބުނަނީ ރަނގަޅަށް ކަމަށްވަންޏާ ޤުދުރަތު ދަރިފުޅު މައްޗަށް ރަޙުމްކުރެއްވީ. އެކަމަކު އެކަން ރަނގަޅަށް ޔަޤީން ކުރުމަށްޓަކައި އަދި އިތުރު ނުވަ ދުވަހު އަހަރެން އިންތިޒާރު ކުރަން ޖެހޭނެ..."
"ރަނގަޅު...ރަނގަޅު..." އަނާ އެބުނާ އެއްޗެއް ވިސްނިގެން އާންޓީ ޒައިތޫން ބުނެލިއެވެ.
"ނުވަ ދުވަސް ވީމާ ވާނީ ކޮންކަހަލަ ގޮތެއްކަމެއް ނޭނގެ. ނމަވެސް މިއަދުން ފެށިގެންވެސް ކަލޭ ދެން އުޅެންވާނީ ތަންކޮޅެއް ބޮޑަށް ބަލައިގެން މާތްކަލާނގެ ރުއްސެވިއްޔާ ދަރިފުޅު ބަލިވެއިނީ ކަމަށްވާނީ ...އޭރުން ޚާންއާޞިފްގެ އަނގަ ހޭވިފައި ހުންނާނެ..."
އަނާ އުފާވެގެން ދިޔަވަރު އެނގޭނީ ހަމައެކަނި އޭނާގެ ހިތަށެވެ. އޭނާގެ މުޅި ދިރިއުޅުން އެ އުފަލުގައި ބައިވެރިވިއެވެ. އޭނާގެ ކޮންމެ ފިޔަވަޅެއް އެއުފަލަށް ޓަކައި ނަށައެވެ. ކީއްވެންތޯއެވެ. އެ އުފަލަކީ އޭނާ ދިރި ހުރުމުގެ ސިއްރެވެ. އޭނާގެ ޢިއްޒަތުގެ ސަބަބެވެ. އޭނާއަކީ ދަރިމައި ނުވާ އަންހެނެކޭ ކިޔާފާ އޭނާއާދިމާއަށް ވަނީ އެއްޗެތިކިޔާފައެވެ. ވަރި ކުރުން ފަދަ ހުތުރު ބަސްތައްވަނީ އޭނާއާ ދިމާއަށް ގޮވާފައެވެ. މިއަދު އޭނާ އެހުރިހައި ވާހަކައަކަށް ގޮންޖަހަނީއެވެ. އެ ހުރިހާ އިލްޒާމުތަކެއް ދޮގު ކުރަނީއެވެ. އޭނާއާ ދެކޮޅަށް ރޭވި އެންމެންގެ ރޭވުންތައް ވިއްސިވިހާލި ކޮށްލަނީއެވެ. ޤުދުރަތުން އޭގެ އޯގާތެރިކަމުގެ ދޮރު އޭނާއަށް ޓަކައި ހުޅުވާލަދިނީއެވެ. އޭނާގެ ރޭގަނޑާއި ދުވަލުގެ އާދޭސްތަކުގެ އަޑު އެހީއެވެ. އަނާއަށް އޭނާ އެންމެފަހުން މާޖިދުއާއެކު ވޭތު ކުރި ރޭގެ ހަނދާންތައް އާވެގެން ދިޔައެވެ. އެރޭ މާޖިދު އޭނާ ކައިރީގައި އޮތީ ކޮންފަދަ ލޯބިވެތި ގޮތެއްގައި ހެއްޔެވެ. އަދި އޭނާ މާޖިދުގެ އޮޅުލުމާއި ބެއްދުން ތަކުން "ފިސްފިސް" ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ. މާޖިދު އޭނާއަށް ކިހާ ވަރަކަށް ލޯބި ކުރިހެއްޔެވެ. އަދި ފަތިސްނަމާދުގެ ބަންގިއާ ހަމައަށް އޭނާ މާޖިދު ނިދިޔަނުދީ ހިފެހެއްޓީމު ނޫންހެއްޔެވެ. ފަހަރެއްގައި ޤުދުރަތުގެ އޯގާތެރިކަން އޭނާގެ މައްޗަށް ވެއްސީ އެވަގުތު ކަންނޭނގެއެވެ.
އަނާ ޝުކުރުގެ ސަޖިދައަކަށް އޭނާގެ ބޯތިރިކޮށްލިއެވެ.
"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އޭ ދެ ދުނިޔެ ހެއްދެވި ޚާލިޤް. އޭ ހުރިހާ އެއްޗަކަށްވުރެ މަތިވެރި ހުރިހާ އެއްޗަކަށް ވުރެ ފުރިހަމަ ޛުލްޖަލާލު ވަލްއިކުރާމް...މިއަޅާއަކީ ނިކަމެއްޗަކީން..ފާފަވެރިއަކީން...ޝުކުރު އަދާނުކުރާ މީހަކީން..މި އަޅާއަށް މާފުކުރައްވާ. އިބަރަސްކަލާނގެއަށް ޝުކުރު އަދާކުރުމަކީ ނިކަމެތި އަޅާއަށް އަދާ ކުރެވޭވަރު ކަމަށް ނުވާނެ. ނަމަވެސް ޔާރައްބު. އިބަރަސްކަލާގެ ނިކަމެތި އަޅާގެ މި ޝުކުރުތައް އަޑުއައްސަވާ އަޅާގެ މި ލޯބިތައް ދެކެވޮޑިގަންނަވާ...އަޅާގެ..." މި ދުޢާގެ ބަސްތައް އޭނާގެ ހިތާހިތުން ކިޔެމުންދާއިރު އޭނާގެ ދެ ލޮލުން ފައިބާ ކަރުނަތައްވެސް ﷲއަށް ޝުކުރު ދަންނަވަމުން ދަނީއެވެ.
ނުވަ ދުވަސް ވެއްޖެއެވެ.
ދިހަވަނަ ދުވަސްވެސް އަދި އެގާރަވަނަ ދުވަސްވެސް ހިނގައްޖެއެވެ. ދެން ބާރަވަނަ ދުވަހެވެ.
އަނާ އުފަލުން ހަޅޭއްލަވައިގަތެވެ.
"އާންޓީ ޒައިތޫން....އަހަރެން ބަލިވެ އިންކަން ޔަގީން އަހަރެން މަންމަ އަކަށްވަނީ އަހަރެންނަށް ކުއްޖަކު ލިބެނީ. އަހަރެންގެ ނާކާމިޔާބީ ކާމިޔާބީއަކަށް ބަދަލުވީ. އަހަރެން ޚާންއާޞިފްގެ ރޭވުންތައް ބަލިކޮށްލަނީ އާންޓީ.... މާތް ރަސްކަލާނގެ މަގުގައި ޔަތީމުންނަށާއި މިސްކީނުންނަށް ކޮންމެވެސް ކަހަލަ ޚައިރާތެއް އަވަހަށް ކޮށްލާ! އަހަރެން އަލުން އަހަރެންގެ ދިރިއުޅުމާ މިކުރިމަތިލަނީ..."
(ނުނިމޭ)