ބީއެމްއެލްގެ ގޮފިތައް ރާއްޖެއިން ބޭރުގައި ހުޅުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޮފިތައް ރާއްޖެއިން ބޭރުގައި ހުޅުވައި، ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.

އޭނާ މިކަން ހާމަކުރެއްވީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ކްރޮސްރޯޑް ގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނެވެ.

އެ ބޭންކް ކުރިއެރުމަށް އިތުރު އަމާޒުތަކެއް، ބީއެމްއެލްގެ ބޯޑުން ކަނޑައަޅާފައިވާކަން ހާމަކުރައްވާ އޭނާ ވިދާޅުވީ އެ ބޭންކަށް 50 އަހަރު ފުރުމުގެ ކުރިން ބޭންކްގެ ކުރިއެރުމާއި މުވައްޒަފުންނަށް ކުރުމަށް އައު ކަންކަން ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތް 18 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވާނެ ކަމަށެވެ.

" އަމާޒަކީ ބީއެމްއެލަށް 50 އަހަރު ފުރޭ އިރު މަދުވެގެން 2 ގައުމެއްގައި ބޭންކުން ޚިދުމަތް ފެށުން. މާލިއްޔަތު 25 ބިލިއަން ރުފިޔާއަށް އެރުވުމަށް ވެސް ވަނީ ނިންމާފަ." އެމްޑީ ވިދާޅުވި އެވެ.

އެހެންނަމަވެސް ރާއްޖެއިން ބޭރުގައި ބީއެމްއެލްގެ ބްރާންޗު ހުޅުވަނީ ކޮން ގައުމުތަކެއްގައި ކަމެއް ބީއެމްއެލްއިން ހާމައެއް ނުކުރެއެވެ.

ބީއެމްއެލްގެ ބޭންކިންގ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 350،000 އަށް އަރައެވެ. މިހާރު ވެސް ބީއެމްއެލްގެ މޯބައިލް ބޭންކިންގެ 63 މިލިއަން ލޮގިން ހުރިކަމަށް އެ ބޭންކުން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ބީއެމްއެލްގައި މިހާރުވެސް އެބަހުއްޓެވެ.

އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުނެއެވެ.

1 ޚިޔާލު

  1. ބިއެލްއެމްއަކީކަޑައެޅިގެއްރިބާއަށްމަގުފަހިކުރާތަނެއްއެކަމުގެހެއްކަކީ...މިސާލަކައްއަޅު
    ގަންޑުނެގީ50.ހާސްރުފިޔާއެކަމަކުއަޅުގަންޑުއެލޯނައްދައްކަންޖެހޭ79.ނުހާސްރުފިޔާއަދިއެނޫނަސްބަރާބަރައްލޯނުގެފާސް‘ދައްކާއިރުވެސްއިންސުރެއްސުބޮޑުވެޔޭކިޔާފައިތުރަޢވެސްނަގާ.....އެހެއްވެއަޅުގަންޑުމިބުނަނީއެއިތުރަތްއެނަގާބަޔަކީރިބާއޭ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.