ވޯލްޑް ކަޕް 2022: ސެނެގާލް އަދި ނެދަލެންޑްސް ދެވަނަ ބުރަށް

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ނެދަލެންޑްސް އާއި ސެނެގާލް ދަތުރުކޮށްފިއެވެ.

ސެނެގާލް ދެވަނަ ބުރުގެ ޖާގަ ޔަގީންކުރީ އިކުއެޑޯއާއި ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބު ކޮށްގެންނެވެ. އަދި ނެދަލެންޑްސް ދެވަނަ ބުރުން ޖާގަ ހޯދީ 0-2 އިން ގަތަރު ބަލިކޮށްގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސެނެގާލް ޓީމުންނެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސެނެގާލްއަށް ލީޑު ނަގައިދިނީ އިސްމާއިލާ ސާރއެވެ.

ނަމަވެސް އިކުއެޑޯއިން ވަނީ ދެވަނަ ހާފުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އިކުއެޑޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މޮއިސެސް ކައިސޭޑޯއެވެ. ސެނެގާލްއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ އިކުއެޑޯއިން ލަނޑުޖެހިތާ ދެމިނެޓު ފަހުން ލަނޑެއް ޖަހާ މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުން މޮޅުވި ލަނޑު އެޓީމަށް ޖަހައިދިނީ ކަލީޑޯ ކުލިބަލީއެވެ.

ނެދަލެންޑްސް އަދި ގަތަރު ބައްދަލުކުރި މެޗުގައި ނެދަލެންޑްސް އިން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 26 ވަނަ މިނެޓުގައި ކޯޑީ ގަޕޯ ޖަހައިދިން ލަނޑުންނެވެ. ނެދަލެންޑްސް ގެ ދެވަނަ ލަނޑު ޖަހައިދިނީ 49 ވަނަ މިނެޓުގައި ފްރެންކީ ޑިޔޯންއެވެ.

 ގްރޫޕު އޭގެ އެއްވަނާގައި ދެވަނަ ބުރަށް ދަތުރުކުރީ ތިން މެޗުން ހަތް ޕޮއިންޓް ހޯދި ނެދަލެންޑްސްއެވެ. ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެނެގާލް ދެވަނަ ބުރަށް ދަތުރުކުރީ ހަ ޕޮއިންޓު ހޯދައިގެންނެވެ. ނެދްލެންޑްސް ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ގްރޫޕް ބީ އިން 2 ވަނަ ލިބޭ ޓީމަކާއެވެ. ސެނެގާލް ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދާ ޓީމަކާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.