ފީފާ ވޯލްޑް ކަޕް ގްރޫޕް އީ ގައި މިރޭ ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު ބަލިވެއްޖެއެވެ.
ޖަަޕާން އަތުން ޖަރުމަން ބަލިވީ 2-1 ގެ ނަތީޖާއިންނެވެ.
މިރޭގެ މެޗު ފެށިގެން ވަރަށް ކުރީކޮޅު ޖަޕާނުން ކައުންޓަރ އެޓޭކެއްގައި ލަނޑެއް ޖެހިއެވެ. ނަމަވެސް އެ ލަނޑު ޖެހިއިރު، މައެޑާ ހުރީ އޮފްސައިޑްގައި ކަމަށްވުމުން ލަނޑު ލަނޑެއްކަމަށް ނުބެލިއެވެ.
ޖަޕާނުގެ މި ލަނޑަށް ފަހު ޖަރުމަނުން ކުޅުން ވަރުގަދަ ކުރިއެވެ. އެގޮތުން ޖަޕާނުގެ ފަހަތަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދޭތޯ ބުރަކޮށް މަސައްކަތް ކުރިއެވެ. ނަތީޖާއަކަށްވީ ލިބުނު ޮެނަލްޓީއަކުން ޖަރުމަނު ލީޑުނެގުމެވެ.
ޖަރުމަނަށް ލިބުނު މި ޕެނަލްޓީ އަކީ ކިމިޗަށް ޖަޕާންގެ ގޯލްކީޕަރު ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ގުންޑޮގާންއެވެ.
މި ލަނޑަށް ފަހުވެސް ޖަރުމަނުން އިތުރު ލަނޑެއް ޖެހިއެވެ. ނަމަވެސް ކައި ހަވާޓްޒް ޖެހި މި ލަނޑު އޮފްސައިޑް ކަމަށް ނިންމީއެވެ.
ޖަރުމަނުން ލީޑުގައި އޮވެ މެޗުުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް މެޗުގެ 75 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ޖަޕާނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ޖަޕާނަށް މި ލަނޑު ޖަހައިދިނީ ޑޯންއެވެ.
މި ލަނޑަށް ފަހު މޮޅުވުމަށް ޖަޕާނުން ކަށިން ހިތްވަރުނެރެ ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވީ މެޗުގެ 83 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު ޖަޕާނަށް ޖަހައިދިނީ އިޓަކޫރާ ދިން ބޯޅައަކުން އަސާނޯއެވެ.
ޔޫރަޕުގެ ގަދަ ބާރު ޖަރުމަން މޮޅުވާނެ ކަމަށް ގިނަ ބަޔަކު ހީކުރިނަމަވެސް ކަންތައް ވެގެން ދިޔައީ ހީކުރިގޮތަކަށް ނޫނެވެ. ޖަރުމަނުން ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ޖަޕާން މޮޅުވުުމުން ގިނަބަޔަކަށް ބޮޑު ހައިރާން ކަމެއް ވަނީ ލިބިފައެވެ.