ގަތަރުގައި މިހާރު ފެށިގެން ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް މުބާރާތުގައި ރޭ އެމެރިކާއާއި ވޭލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭ މި ދެޓީމު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 1-1 ގެ ނަތިޖާއިންނެވެ.
ރޭގެ މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ އެމެރިކާއިންނެވެ. އެމެރިކާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކްތައް ކުރަމުން ދިޔައިރު، މެޗުގެ 36 ވަނަ މިނެޓުގައި އެމެރިކާއިން ލަނޑު ޖަހާ ލީޑުނެގިއެވެ. މި މެޗުގައި އެމެރިކާއަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ ޓިމަޓީ ވޭއާއެވެ. ވޭއާ ލަނޑު ޖެހީ ޕުލިސިޗް ދިން ބޯޅައަކުންނެވެ.
މެޗުގެ ފުރަތަަ ހާހު އެމެރިކާއިން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި ވޭލްސް އިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން އެމެރިކާއިން ދެމުން ގެންދިޔަ ޕްރެސަރ ކަނޑުވާލިއެވެ. އެގޮތުން ވަރަށް ބޮޑަށް ކުރިޔަށް ޖެހި ރަނގަޅު އެޓޭކްތަކެއް ކުރަމުން ދިޔައެވެ. ނަތީޖާއަކަށްވީ މެޗުގެ 82 ވަނަ މިނެޓުގައި ވޭލްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ.
ވޭލްސް އިން މި މެޗުގެ ނަތީޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއެއް ގައި ގެރެތް ބެލް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ އެމެރިކާ ޓީމުގެ ޒިމާމޭން ބޭލްއަށް ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ބޭލްގެ މި ލަނޑާއި އެކު އޭނާ ވޭލްސް ގައުމީޓީމަށް ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދު ވަނީ 41 އަށް އަރާފައެވެ.