ިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗްކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފި އެވެ.
މި ރެޖިސްޓްރީ ލޯންޗްކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމެވެ.
އެލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ އަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ޔުނިސެފްގެ އެހީ އާއި އެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކައުތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގު ފަހި ކޮށްދޭނެ ނިޒާމެކެވެ.
މިއީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ DHIS2 ޕްލެޓްފޯރމްގެ ބައެއްގެ ގޮތުގައި ތައާރަފްކުރެވުނު ޑިޖިޓަލް ރެޖސިްޓްރީއެކެވެ.
މި ރެޖިސްޓްރީ މެދުވެރިކޮށް ތުއްތުކުދިންގެ ވެކްސިނޭޝަންގެ މައުލޫމާތު ޓްރެކް ކުރެވި، އެކި ސެންޓަރު ތަކުން ކުއްޖާއަށް ދެވޭ ވެކްސިންގެ މައުލޫމާތު، އެއް ރެކޯޑަކުން ފެނިގެންދާނެ އެވެ.
މިގޮތުން ކުއްޖާ ވިހާއިރު ދެވޭ ވެކްސިނުން ފެށިގެން ދެވޭ ހުރިހާ ވެކްސިންތަކުގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެެވެ. މީގެ ސަބަބުން، ވެކްސިނޭޝަން ސެންޓަރުތަކުން ކުއްޖަކަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ވެރިފައި ކުރުމަށް މިހާރު ދިމާވަމުންދާ ގޮންޖެހުން ތަކަށް ލުޔެއް ލިބިގެންދާނެއެވެ. އަދި ގައުމީ އިމުނައިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެ، ރާއްޖޭގެ ވެކްސިން ކަވަރޭޖް ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ ކުދިންގެ ނިސްބަތް ވަގުތުން ވަގުތަށް ދެނެގަތުމަށް ފަސޭހަވެގެންދާނެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރަހާ ކުދިން ގަވާއިދުން ވެކްސިންތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމަށް ކުރާ މަސައްކަތްތަކަށް މި ރެޖިސްޓްރީ މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުންކުރެވިގެން ދާނެ އެވެ.
ޤައުމީ ވެކްސިން ޕްރޮގްރާމްގެ ލަނޑުދަނޑިއަކީ، ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް، ފެންވަރު ރަނގަޅު ވެކްސިން، އެ ވެކްސިންޖަހަންޖެހޭ ވަގުތުގައި ފޯރުކޮށްދިނުމެވެ.