ރޭ ފެށި ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ތާރީޚީ މޮޅެއް ހޯދައިފި އެވެ.
ނޭޕާލާ ދެކޮޅަށް ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ ވާދަވެރި، ފޯރިގަދަ ކުޅުމަކަށްފަހު، 51 ޕޮއިންޓު 47 ޕޮއިންޓުން ނެވެ.
މިއީ ރާއްޖޭގެ އަންހެން ބާސްކެޓް ޓީމު، ނޭޕާލުގެ މައްޗަށް ހޯދި ފުރަތަމަ މޮޅުވެސް މެއެވެ.
މެޗު ފަށައިގެން ރާއްޖޭގެ އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) އާއި ރައިފާ އިބްރާހިމް ގެ ވަރުގަދަ ކުޅުމުގެ ސަބަބުން އިދިކޮޅު ޓީމަށް ނުރައްކާ ކުރަމުންދިޔައިރު، ފުރަތަމަ ކުއާޓަރ ނިމުނީ 16-14 އިން ރާއްޖެ ކުރީގައި އޮވެގެން ނެވެ. ދެވަނަ ކުއާޓަރ ވެސް ނިމުނީ 25-24 އިން ރާއްޖެ ކުރީގައި އޮވެގެން ނެވެ.
ފުރަތަމަ ދެ ކްއާޓަރ ރާއްޖެއިން ކާމިޔާބުކޮށްފައިވާތީ، ތިންވަނަ ކުއާޓަރ ގައި ނޭޕާލުން އެޓޭކު ވަރުގަދަކޮށް އެ ކުއާޓަރ ނިްމާލީ 34-36 ޕޮއިންޓުން ނޭޕާލުން ލީޑުގައި އޮވެގެން ނެވެ.
ހަތަރު ވަނަ ކުއާޓާގެ ނޭޕާލުން ލީޑު ފުޅާކުރި އިރު، ސްކޯ 36-40 ގައި އޮއްވައި ސްކޯ ބޯޑުގެ ކަރަންޓުގޮސް މެޗު، ފަސް ވަރަކަށް މިނެޓަށް މެދު ކަނޑާލަން ޖެހުނެވެ. އެ ބްރޭކަށް ފަހު ރާއްޖޭން އަނެއްކާވެސް ކުޅުން ރަނގަޅުކުރި އެވެ.
އިއްކޮ، އާމިނަތު ޝިއުރާ އަދި ފާތިމަތު ރިޝްމާގެ ތަފާތު ފަހުން ފެނުނު އިރު، ދޮޅު މިނެޓު އޮތްއިރު ނޭޕާލް އޮތީ 42-44 ޕޮއިންޓުން ކުރީގަ އެވެ. އެ ނަތީޖާ އަނބުރާލަން ރިޝްމާ ގާތް ގާތުގައި ދެ ސްކޯއެއް ކޮށް، އިއްކޮ މުހިއްމު ތިން ޕޮއިންޓެއް ހޯދައި، އުންމީދު ދެމެހެއްޓި އެވެ.
ފަހު ވަގުތު ރާއްޖެއަށް ލިބުނު ފުރުސަތުގައި ޕްރެޝަރު ދަނޑިވަޅުގައި ދެ ފްރީތުރޯ ވައްޓައި ރާއީ ހަމްޒާ ވެސް ރާއްޖޭގެ ލީޑު ފުޅާކޮށްދިނެވެ.
ސަރަހައްދީ އެންމެ ބޮޑު އަންހެން ބާސްކެޓް މުބާރާތް މިރޭ ރާއްޖޭގައި ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދިން މެޗުން ނެވެ.
2016 ގެ ސާބާ އަންހެން މުބާރާތުގައި ނޭޕާލް އަތުން ރާއްޖެ ބަލިވި އިރު، 2019 ގެ ސާފް ގޭމްސްގައި ރާއްޖެ، ނޭޕާލް އަތުން ބަލިވީ ނުވަ ޕޮއިންޓުގެ ތަފާތުން ނެވެ.
މިރޭގެ މެޗުން މޮޅުވުމާއެކު ދިވެހި މުޅި ޓީމާއި ސަޕޯޓަރުންވެސް ފެނުނީ ޖަޒުބާތުގައި އުފާފާޅުކުރި ތަނެވެ. ކުޅުންތެރިން އުފަލުން ރުއި މަންޒަރުވެސް ފެނިފައިވާ އިރު، މެޗު ދިޔައީ ވަރަށް ފޯރިގަދަކޮށް، ވާދަވެރިކޮށެވެ.
މިރޭގެ މޮޅާއެކު މުބާރާތުން އެންމެ ފަހުން ރާއްޖެ ހޯދި ލޯ މެޑައްޔަށް ވުރެ ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފަހި ފުރުސަތެއް ލިބިގެންދާނެއެވެ. މިފަހަރު މުބާރާތުގައި ހަތަރު ޓީމުން ވާދަކުރާ އިރު، މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ސާބާ މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ސްރީލާންކާ އާއި ބޫޓާނެވެ.