އަމީރާ ސުލްޠާނާގެ ނާރެސް - 63

(24 އޯގަސްޓް 2022 ގެ ބަޔާ ގުޅޭ)

ފޭލިގޭގައި އެއްވެސް މިންވަރަކަށް އަލިކަމެއް ނެތެވެ. އެއީ ގަސްތުގައި ކޮށްފައިވާކަމަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ ފޭލިގެއަކަށްވެސް އެކަށީގެންވާ މިންވަރަކަށް ކަރަންޓް އޮތީ ފޯރުކޮށްދެވިފައެވެ.

"ކޮންމެވެސްކަމެއްގައި، އަންހެންވެރިން ޒުވާބެއްކުރަނީ ކަންނޭނގެއެވެ." ކަރީމް ބުނެލިއެވެ.

"ޒުވާބުކުރަންވެގެން އެމީހުން އެތިބީ ބޮކިތައްވެސް ނިއްވައިލައިގެންނޫން ހެއްޔެވެ؟" އަޙްމަދު، ކަރީމާ ބައިވެރިވިއެވެ.

ހުރިހާކަމެއް ރަނގަޅުނޫންކަމުގައި އަޅުގަނޑަށް އިޙްސާސްކުރެވުނެވެ. އެހެނީ، އަޅުގަނޑަކީ، އަޅުގަނޑުގެ ޙަޔާތުގެ އޮޅިފައިވާ ވާފަށްތައް އަލުން ނިއުޅިގެންދާން ބޭނުންމީހެކެވެ. އަޅުގަނޑުގެ ވިސްނުންވެސް، އަޅުގަނޑުގެ އިޙްސާސްވެސް އަދި އަޅުގަނޑަށް ފެންނަގޮތްވެސް އެހެންމީހުންނާ މިހާރު ތަފާތުވާނެއެވެ. އަޅުގަނޑުގެ ޙަޔާތުގެ އާ ޞަފުޙާތަކަށް އަޅުގަނޑުގެ ހަށިގަނޑަށްވަނީ ދިރުން ލިބިފައެވެ. އުއްމީދުތައް އާވެފައެވެ.

"އެޖަހާ މިއުޒިކް ނިއްވާލަން އެމީހުންގާތު ބުނާށެވެ. ހުރިހާ ފޭލިގެތަކަށް އޭގެ އަޑުން އެބަ އުނދަގޫ ވެއެވެ." އަޙްމަދު ހަރުކަށި ރާގެއްގައި ބުނެލިއެވެ.

އަޅުގަނޑުމެންގެ ފިރިން ފޭލިގޭގެ ބޭރުގައި މަޑުކުރިއެވެ. އަޅުގަނޑާއި ސާރާއަކަށް ނުތިބެވުނެވެ. އަވަސް އަވަހަށް ފޭލިގެތެރެޔަށް ވަނީމެވެ.  އެވަގުތު، މިއުޒިކްގެ އަޑުވެސް ކުއްލިއަކަށް ކެނޑިގެން ދިޔައެވެ. އެފޭލިގެހުރީ ދިހަވަރަކަށް އަންހެން ނޯކަރުންނަށް ނިދޭގޮތަށް ބޯސަތަރިން ބައިބައި ކުރެވިފައެވެ. އެއީ އަންހެން ޚާދިމާއިންނަށް ޚާއްޞަ ކުރެވިފައިހުރި ފޭލިގެޔެކެވެ. ކަރީމް އަތުގައި އޮތް ޓޯޗުބައްތި އަތުލައިގެން، ބައިބައި ކުރެވިފައިވާ ގޮޅިގޮޅިޔަށް، އަލިކުރަން ފެށީމެވެ.

"ކިހިނެއްވަނީ ހެއްޔެވެ؟" އެންމެ ފުރަތަމަ ދިމާވި ޚާދިމާއާ އަޅުގަނޑު ސުއާލުކުރީމެވެ.

"ސާހިބު ކަމަނާއެވެ! އަޅުގަނޑުމެން ރަނގަޅެވެ." އެތަނުން އެހެން ނޯކަރަކު ޖަވާބުދިނެވެ.

"މިތާނގައި އެއްވެސްކަމެއް ނުހިނގައެވެ. ކަމެއް ނުވެއެވެ." އެހެން ޚާދިމާއަކު ބުނެލިއެވެ.

އެމީހުންގެ މޫނުމަތިން ފެންނަމުންދިޔަ މަންޒަރުން، އެމީހުން ނުނިދާކަން އަޅުގަނޑު ދެނެގަތީމެވެ. އަދި ފޭލިގެތެރެއިން އެއިވުނު ރުއިމުގެ އަޑު މީމީހުންނަށް މާސާފުކޮށް އަޑު އިވޭނެއެވެ. އެކަމަކު، އަޅުގަނޑު ބޭނުންވާ އެއްވެސް މަޢުލޫމާތެއް މީމީހުންގެ ފަރާތަކުން ނުލިބެއެވެ.

"މިމީހުން ކޮންމެވެސް ކަމެއް އެބަ ފޮރުވައެވެ." ދައްތަމެންގާތު އަޅުގަނޑު ބުނީމެވެ.

"އެހެންވިއްޔާ، އަހަރެމެންނަށް އެއިވުނީ ކާކުގެ ރުއިމެއްގެ އަޑު ހެއްޔެވެ؟" ލިބީއާ ދިމާވި ވަގުތު ނޫރާ އޭނާއާ ސުއާލުކުރިއެވެ.

ލިބީގެ ލޯހުރީ ކަރުނައިން ފުރިފައެވެ. ދެންމެ ދެންމެ ބަނޑުންވާ ޙާލުގައެވެ. އެކަމަކުވެސް އެއިވުނު ރުއިމުގެ އަޑަކީ ލިބީގެ އަޑުނޫންކަން ކަށަވަރެވެ.

"ސާހިބު ކަމަނާއެވެ! ވަޑައިގަންނަވާށެވެ! އަޅުގަނޑު ދައްކާނަމެވެ." އަޅުގަނޑުގެ ލޮލަށް ބަލަހައްޓައިގެން ހުރެ ލިބީ ވައިއަޑުން ބުންޏެވެ.

ލިބީ، އެފޭލިގެޔަށް ވަރަށް ފަރިތައެވެ. އެއްބައިން އަނެއްބަޔަށް ސަތަރިނަގަމުން އޭނާ، އަޅުގަނޑުމެން ގެންގޮސް އެތަނުން ބައެއްގެ އެއްކަނަށް އިޝާރާތް ކުރިއެވެ.

"އެތާނގައެވެ. ސާހިބު ކަމަނާއެވެ!" ލިބީ އެހެން ބުނެފައި ދުވަމުންގޮސް އޭނާގެ އެނދަށް ވެއްޓި ހަރުއަޑުން ރޯން ފެށިއެވެ.

އެހިސާބުން، އަޅުގަނޑުމެން އިތުރަށް ހިތްބިރުގަނެ، ތުރުތުރު އަޅައިގަތެވެ. ނޫރާ އެތަން ބައިކުރެވިފައިހުރި ބޯ ސަތަރިގަނޑު ހިއްލައިލިއެވެ. އަދި، އަޅުގަނޑުގެ އަތުގައިއޮތް ޓޯޗުބައްތިން އެތަނަށް އަލިކޮށްލީމެވެ. އަޅުގަނޑުމެންނަށް ފެނުނީ ބިރުން ފިތްކަނޑައިގެންދާ ވަރުގެ މަންޒަރެކެވެ. ދެމީހަކު ވެގެން އަންހެނަކަށް އަނިޔާކުރަނީއެވެ. ތިންވަނަ މީހާ ހުރީ އެތަން ބަލަހައްޓައިގެން ހޭށެވެ. ސާރާއަށް ބިރުންގޮސް ހަޅޭއްލަވައިގަނެވުނެވެ.

އެކަކު މަސައްކަތްކުރަނީ އަންހެނާގެ އަނގަމަތީ ފޮތިގަނޑެއް އަޅައިގެން އޭނާގެ ރުއިމުގެ ވޭނީ އަޑު ކަނޑުވައިލުމަށެވެ. އަޅުގަނޑުމެން ފެނުމާއެކު، އެފިރިހެނާގެ ޙަރަކާތް ހުއްޓުނެވެ. އެއީ ޠާހިރުކަން އަޅުގަނޑު ދެނެގަތީމެވެ. އެއީ އަޅުގަނޑުގެ ދައްތަ ތަހާނީގެ މެދަށް ހުންނަ ފިރިހެން ދަރިއެވެ. ދެވަނަ ފިރިހެނާގެ ޙަރަކާތްވެސް ހުއްޓުނެވެ. އޭނާއޮތީ އަންހެނާގެ ގައިމައްޗަށް އަރައެވެ. އަދި އެކުރާކަމެއް ހުއްޓާލާފައި، ރޮއެރޮއެއޮތް އަންހެނާގެ ގައިމަތިން ފައިބައި މަޑުމަޑުން އަޅުގަނޑުމެންނާ ދިމާއަށް އެނބުރިލިއެވެ. އެއީ ޢަލީގެ ފިރިހެންދަރިންތަކުގެ ތެރެއިން، އެއްކުއްޖެއްކަމުގައިވާ ރާޝިދެވެ. ފޭލިގޭގެ އެއްފަރާތުގައި ހޭން އިށީނދެލައިގެން އިން ފިރިހެނާއަށް އަޅުގަނޑު ބަލައިލީމެވެ. އެއީ ދުނިޔާގެ އެންމެ މަޤްބޫލު ފިރިހެން ދަރި ޝާދީއެވެ. އޭނާގެ މޫނުމަތިން ޙައިރާންކަން ފާޅުވެ ހުއްޓެވެ.

"މިތާ މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟" ނޫރާ ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ.

"ކަރީމްއެވެ! ނިކަން އަވަހަށް އައިސްބަލާށެވެ!" އަޅުގަނޑަށް ހަޅޭއްލަވައިގަނެވުނެވެ.

އަޅުގަނޑުމެންގެ ފިރިންތިބީ މާދުރުގައިނޫންކަން އެނގި، އެތިން ފިރިހެންކުދިން އެތަނުން ފިލަން ދުއްވައިގަތެވެ. އެމީހުން ފިލަން ދުއްވައިގަތީ އަޅުގަނޑާއި ނޫރާގައިގާ ޖެހިގަނެ ކޮއްޕާލާފައެވެ. އަދި ސާރާ ތަޅުންގަނޑު މައްޗަށް ވައްޓާލާފައެވެ. އަޅުގަނޑުގެ އަތުގައިއޮތް ޓޯޗުބައްތިން އެތަނުން އެކަކު ގައިގާ އެތިފަހަރެއް އަޅުވައިލެވޭތޯ ހޫރައިލީމެވެ. އެކަމަކު އެކުދިން އެއަށްވުރެ ކުޅަދާނައެވެ. ރެކިގަނެގެން ދުއްވައިގަތެވެ. ނޫރާ އެމީހުންގެ ފަހަތުން ދުއްވައިގަތެވެ.

"ކަރީމުއެވެ! އަހަރެމެންނަށް އެހީވާށެވެ!" އަޅުގަނޑަށް ރޮއެގަނެވުނެވެ.

ތިންމީހުން ދުވެފައި ފޭލިގެއިން ނުކުތްތަނާ، އަޅުގަނޑުމެންގެ ފިރިން އެމީހުން ހިފަހައްޓައި އަތުލައިގަތެވެ. އެއާއެކު، ފިރިހެންވެރިން އަޑުގަދަކޮށްގަތް އަޑު އިވުނެވެ. ފޭލިގޭގައި ތިބި ހުރިހާ ނޯކަރުން އެތަނަށް ޖަމާވިއެވެ. އަނިޔާލިބެމުންދިޔަ އަންހެންކުއްޖާގެ ގާތަށް ހުރިހާ ނޯކަރުން ޖަމާވިއެވެ. އެއެންމެން ދުރުކޮށްލައި އަނިޔާއެލިބެނީ ކާކަށްތޯ ބެލުމަށް އަޅުގަނޑު ކައިރިވެލީމެވެ. އެއީ، އިއްޔެ ހަވީރު،ޝާދީގެ އުޅަނދުގެ ފަހަތުގައިއިން އަންހެންކުއްޖާއެވެ.

"އަޅުގަނޑުމެންގެ ތިމާގެކުދިން، މިއަންހެންކުއްޖާ ރޭޕް ކުރީއެވެ. އެއީ ދުނިޔާގެ ޚާދިމާއެކެވެ." އަޅުގަނޑަށް ރޮއެގަނެވުނެވެ. ސާރާ ތެދުވެގެން އައިސް އަޅުގަނޑު ގާތަށް ޖެހިލިއެވެ. އަދި އެއަންހެންކުއްޖާއަށް އެހީވާން ފެއްޓިއެވެ. އެއަންހެންކުއްޖާގެ ހުރިހާ ފޭރާމެއްވަނީ ދަމައިގަނެވިފައެވެ. އެކުއްކާ އަޅުގަނޑުމެންގެ ކުރިމަތީ އޮތީ ރޯއޮރިޔާމާއެވެ. އެކުއްޖާގެ ގައިގެ ދޮންހަމުގެ އެތަންމިތަންވަނީ ރަތްވެފައެވެ. ބައެއްތަންތަނުން ހުރީ ލޭފާއްދާފައެވެ. އެއީ އަންހެނެކޭ ބުނާވަރަށްވުރެ ޅަ ކުއްޖެކެވެ. ޢުމުރުންވާނީ ފަނަރަ ނުވަތަ ސޯޅަ އަހަރެވެ.

"ވީނާއެވެ! ދެން ނުރޯށެވެ! ކަލެއަށް މިހާރު ބިރެއްނެތެވެ. ތިކަމުން ސަލާމަތްވީއެވެ." ލިބީ އައިސް އެކުއްޖާ ހަމަޖެއްސޭތޯ ބަލަމުން ބުންޏެވެ.

"ފެން އެއްޗަކާއި ތުވާއްޔެއް ގެންނާށެވެ! މިކުއްޖާއަށް ތަކުރާރުކޮށްވަނީ އަނިޔާދީފައެވެ." ސާރާ ޚާދިމާއަކަށް އަމުރު ކުރިއެވެ. އޭރުވެސް، އެކުއްޖާގެ ދެފައިންލާފައި ދޫލަމައްޗަށް ލޭތައް ފައިބަމުން ދިޔައެވެ. މިއަނިޔާވެރި ޢަމަލުން އަޅުގަނޑުގެ ނަފްސު ކޮންޓްރޯލުން ނެއްޓިއެވެ. އެކުއްޖާއަށް އަނިޔާކުރި މީހުންގައިގާ ތަޅައިގަތުމަށް އަޅުގަނޑު ފޭލިގެއިން ނުކުތީމެވެ. އެވަގުތު، އަޅުގަނޑުމެންގެ ގާފިލާގައި އުޅޭ ހުރިހާ ނޯކަރުންނާއި މުއައްޒަފުން އެތަނަށްއޮތީ އެއްވެފައެވެ. އަދި އެއެންމެންގެ ވާހަކަތަކުން، މުޅިތަނުގައިވަނީ އަޑުގަދަވެފައެވެ.

ރާޝިދުގެ އަތުގައި ކަރީމް ބާރަށް ހިފަހައްޓާފައިހުރިތަން ފެނިފައި އަޅުގަނޑު ވަރަށް އުފާވިއެވެ. އަސަދުހުރީ ޝާދީ ބާރަށް ހިފަހައްޓައިގެންނެވެ. އަޙްމަދުހުރީ، ރާޝިދުގެ އުނަގަނޑުމަތީ ދެއަތުން ހިފައިބައްދައިގެންނެވެ. މުޅިތަނަށް ވެރިވެފައިވާ ގަދަ އަޑުފަށްގަނޑުގެ ތެރެއިން ނޫރާ ވާހަކަދައްކަން ފެށިއެވެ. އަޅުގަނޑުގެވެސް އަޑުގެ ނެތްތަނަށް، ވެގެންއުޅޭގޮތް ސާފުކޮށްދެވޭތޯ ހަޅޭއްލަވަން ފެށީމެވެ.

"އެއްވެސް ކުށެއްނެތް ނިކަމެތި އަންހެނަކަށް އަނިޔާކުރެވުނީއެވެ." އަޅުގަނޑަށް ރޮވެމުން ރޮވެމުން ވާހަކަ ދެއްކުނެވެ. އަޅުގަނޑުގެ ވާހަކަ އެއްވެސް މީހަކަށް އިވޭކަމަކަށް ނުވިއެވެ. އެކަމަކު، ޝާދީގެ ލޮލާ އަޅުގަނޑުގެ ލޯ ސީދާވިއެވެ. ޝާދީ އަޅުގަނޑާ ދިމާއަށް ބަލަހައްޓައިގެންހުރީ މަލާމާތުގެ ނަޒަރަކުންނެވެ. ޝާދީގައިގާ ތަޅައިގަތުމަށް ދަނޑިބުރިއެއް އަތުޖެހޭތޯ އަޅުގަނޑަށް އެތަން ހޯދައިލެވުނެވެ. އެކަމަކު، އެތާކު އެފަދަ އެއްޗެއް ނެތެވެ.

"އެންމެން ހަމަހިމޭން ވެ ބަލާށެވެ!" އަޙްމަދު އޭނާއަށް ލިބިގެންވާ ޢާއިލީ ބާރާއެކު ބުނެލިއެވެ.

"ހަމަ މިހާރު އަހަރެންގެ ފޭލިގެއަށް އަހަރެމެން ޢާއިލާގެ އެންމެން އެއްވާން އަހަރެން އަންގަމެވެ." އަޙްމަދު އަމުރު ކުރިއެވެ. ހަނުހިމޭނުން ކިބުރުވެރިކަމާއެކު ހުރި ޝާދީކޮއްޕަމުން، ކަރީމް ފޭލިގެއިން ނުކުތެވެ. އަޅުގަނޑުވެސް ކަރީމާއެކު ނުކުތީމެވެ.

"މިހިނގައިދިޔައީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟" ތަހާނީ އަޅުގަނޑާ ގާތަށްޖެހިލައި ބުނެލިއެވެ. ތަހާނީއަކީ، އޭނާގެ ކުދިން، ރަނގަޅަށް ބަލައި ބޮޑުކުރަމުންދާ އަންހެނެކެވެ. އަދި އަންހެނުންނަށް ކަމޭހިތައި އިޙްތިރާމްކޮށްގެން ދިރިއުޅުމަށް އޭނާގެ ފިރިހެންކުދިންނަށް ދަސްކޮށްދޭ މަންމައެކެވެ. ތަހާނީގެ ދަރިފުޅު ޠާހިރު، މި އަނިޔާވެރި ޙާދިސާގައި ބައިވެރިވިކަމީ ތަހާނީއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްދަތިކަމެކެވެ.

"އަހަރެމެން، ދައްތަގެ ދަރިފުޅާ ސުއާލުކޮށް، އޮޅުންފިލުވާނީއެވެ." ދައްތަ، ތަހާނީގެ ގައިގާ ބައްދައިލަމުން ބުނީމެވެ. ތަހާނީގެ ލޮލުން ހުރީ ކަރުނަ ފާއްދާލާފައެވެ. ދުނިޔާހުރީ އޭނާގެ ދަރިފުޅު، ޝާދީގެ ކައިރީގައި މަޑުކޮށްލައިގެންނެވެ. ޢަލީ އޭރުވެސް، އޭނާގެ ދަރިފުޅު ރާޝިދާ އެކިފާޑުގެ ސުއާލުކުރަމުން ގެންދެއެވެ.

"އަހަރެމެން މިހޭލައްވާލީ މިފަދަ ކަންތައްގަނޑަކާ ހުރެހެއްޔެވެ؟" ޢަލީގެ އަޑުގައިވެސް ވަނީ ރުޅިވެރިކަމެވެ.

"އަހަރެމެންގެ ނޯކަރުންގެ ޙާޟިރުގައި މިކަމާބެހޭގޮތުން ވާހަކަ ނުދައްކަމާ ހެއްޔެވެ؟" އަޙްމަދު، ޢަލީ މައިތިރި ކުރަމުން ބުންޏެވެ. އަޅުގަނޑު ހިނގައިގަންނަމުން ފަހަތް ބަލައިލީމެވެ. އަޅުގަނޑުމެންގެ ނޯކަރުން ފަހަތުން މަޑުމަޑުން އާދެއެވެ.

ފޭލިގެޔަށް ވަދެވުމާއެކު އެންމެންގެ އިޙްސާސްތައް ބަންޑުންވިއެވެ. އެކަކު އަނެކަކަށް އެކި ސުއާލުކުރަން ފެށިއެވެ.

"އަޙްމަދަކީ، ޢާއިލާގެ އެންމެ ދުވަސްވީމީހާއެވެ. އަޙްމަދުގެ ބަހަށް އެންމެންވެސް ތަބާވެބަލާށެވެ!" ކަރީމް ރުޅިއައިސްފައިހުރެ ބުންޏެވެ.

"ކަންހިނގައިދިޔައީ ކިހިނެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭހާވެސްކަމަކީ، އަހަރެމެން ހޭލައްވައިލީ އަންހެނެއްގެ ވޭނީ ރުއިމުގެ އަޑަށްކަމެވެ. އަހަރެމެންގެ އަންހެނުން އެކަންބަލަންދިޔައިމަ، ރުއިމުގެ އަޑު އިތުރުވިއެވެ." އަޙްމަދު ބުންޏެވެ.  އަޙްމަދުގެ އަތް ރުޅިވެރިކަމާއެކު، ރާޝިދާއި ޠާހިރު އަދި ޝާދީއާދިމާއަށް ބާރަށް ހޫރައިލިއެވެ.

"މިތިބަ ޒުވާންތިންމީހުން، އަންހެނުންގެ ފޭލިގެތެރެއިން ދުވަމުން ނުކުމެގެން އައެވެ. އެފޭލިގެޔަކީ ފިރިހެނުންވަނުން މަނާ ތަނެކެވެ. އަހަރެމެންނަށް އަޑުއިވުނީ ދުވަމުންނުކުތްމީހުން ހިފައި ހައްޔަރުކުރާށޭ ފޭލިގެތެރެއިން ގޮވި އަޑެވެ. އަހަރެމެން އެކަންކުރީމުއެވެ. ފިލަންދުވި މީހުންވީ އަހަރެމެންގެ ތިމާގެ ކުދިންކަމުގައެވެ." ނޫރާއާ ދިމާއަށް ބަލައިލަމުން އަޙްމަދު ބުންޏެވެ.

"ނޫރާއެވެ! ފޭލިގޭތެރޭގައި ކަންހިނގައިދިޔަގޮތް ނޫރާ އަހަރެމެންނަށް ކިޔައިދޭށެވެ." އަހްމަދު އިތުރަށް ބުންޏެވެ.

އަޅުގަނޑު، ނޫރާއާ ގާތަށްޖެހިލުމަށް އޭނާ ޢިޝާރާތްކުރިއެވެ. އަދި އަޅުގަނޑުވެސް މަޑުމަޑުން ހިނގާފައިގޮސް ދައްތަގެ އަތުގައި ހިފީމެވެ. އޭރުވެސް ޢަލީ އަޅުގަނޑާދިމާއަށް ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. އަޅުގަނޑު އެކަމަކާ އަޅައެއް ނުލަމެވެ.

"ސުލްޠާނާއާއި ސާރާއާއި އަހަރެންނަށް ފެނުނީ ވަރަށް އަނިޔާވެރި މަންޒަރެކެވެ. މިތިބަ، އަހަރެމެން ލޯބިވާކުދިން، އަންހެނެއް ރޭޕްކުރަންތިބި މަންޒަރެވެ. އެކަން އަހަރެމެންގެ އަމިއްލަ ލޮލުން ދުށީމެވެ." އެކުދިންނާ ދިމާއަށް ބަލައިލަމުން ނޫރާ ބުންޏެވެ. އެކުދިންނާދިމާއަށް ވަކިވަކިން އަޅުގަނޑު ބަލައިލީމެވެ. ޢަލީގެ ދަރިފުޅު، ރާޝިދުހުރީ ލަދުންނެވެ. ޝާދީހުރީ ރުޅިއައިސް ފުއްޕާފައެވެ. ތިންކުދިންގެ ތެރެއިން، ދެރަވެފައިހުރީ ހަމައެކަނި ތާހިރެވެ. އޭނާ ކަންބޮޑުވެގެންގޮސް، ދަތްދޮޅިހުރީ މޭގައި ޖެހޭވަރަށް ތިރިކޮށްލައިގެންނެވެ.

"އެކަން އެކަންޏެއްނޫނެވެ. މިމީހުން ފިލަން ދުއްވައިގަތީ އެމީހުންގެ ބޮޑުދައިތައިން ކޮއްޕާ ވައްޓާލާފައެވެ. އެކަމަކު ބިންމައްޗަށް ވެއްޓުނީ ސާރާ އެކަންޏެވެ. އަހަރެމެން އަރިއަޅައިލިޔަސް ބިންމައްޗަށް ތިރިއެއް ނުވެއެވެ."

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.