(9 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ..ދިލިޕް...އަހަރެން ހަމައެއްވެސް ކަމަކާނުލާ އެކުށެއްނެތް ކުއްޖާ ދީޕަކް އާމެދު ޝައްކު ކޮށްގެން އޭނާގެ ބޮލުގައި ވަގު ބަދުނާމު އަޅުވައިފީމު...."
"އެއީ އެއްވެސް ކަމެއް ނޫން..... އެކަހަލަ ކަންތައް ވާނީވެސް އެހެން ވައްކަންކޮށްގެން އުޅޭތަންތާގައި ކުށެއްނެތް މީހުންގެ މައްޗަށްވެސް ތުހުމަތު ކުރެވޭގޮތްވޭ... އަދި ކުށެއްނެތް މީހުން ތުހުމަތުގައި ހައްޔަރުވެސް ކުރެވޭގޮތް ދިމާވޭ... އެއީ އަބަދުވެސް ކަންތައް ހިނގާގޮތް އެކަމާ ކަންބޮޑުނުވޭ …." އިނިސްޕެކްޓަރް ވަރަށް ފަރުވާކުޑަގޮތަކަށް ބުނަމުން ދިޔައެވެ.
ނަމަވެސް ކަމަލްގެ ހިތެއް ހަމައެއް ނުޖެހެއެވެ. އޭނާ ވާނީ އޭނާއަށް ކުރެވުނު ކަންތަކާމެދު ދެރަވެފައެވެ.
"ނޫން...ދިލިޕް..މިކަމަކީ އަހަރެން ވަރަށް ދެރަވާން ޖެހުނު ކަމަކަށްވެއްޖެ. ގަޑި ވަގަށްނެގީ މުޅީން އެހެން މީހެއް.... އެކޮރު މީހާ އެކަމަކު ހުރިހާ އަނިޔާއެއް ލިބުނީ އެނިކަމެތި ކުއްޖާއަށް.... އަހަރެމެންނަށް މިކުރެވުނީ އިންސާނިއްޔަތާ ޚިލާފް ކަމެއް" ވަރަށް ހިތާމަވެރި ގޮތަކަށް ކަމަލް ބުންޏެވެ.
"އައްދޭ...ދެން އެކަންތައް ދޫކޮށްލަބަލަ،ވީކަންތައް ވެނިމިއްޖެ. ދެން އެކަން ހަނދާން ނައްތާލާ...އާނ.. ދެން މިވަގުތު އަހަރެން ގޮސްލާނަން...މިއައި އޮފީހުގައި ޑިއުޓީގައި އިނދެފައި..." އިނިސްޕެކްޓަރް ދިލިޕް ނުހަނު ސާދާގޮތަކަށް ބުނެފައި ކަމަލްގެ ކޮޓަރިން ނުކުންނަން ހިނގައިގެންފިއެވެ.
ކަމަލްއަށް އެއްވެސް އެއްޗެއް ނުބުނެވި ހިމޭނުން ހުރެވުނީއެވެ. އޭނާގެ ރަޙްމަތްތެރި ދިލިޕްގާތުގައި ސައިތައްޓެއް ބޯލައިގެން ދާން މަޑުކޮށްލަންވެސް އެނާއަށް އެ ވަގުތަކު ނުބުނެވުނެވެ. ދިލިޕް ނުކުމެގެން ދިޔަކަންވެސް އޭނާއަށް ނޭނގޭކަހަލައެވެ. އޭނާއަށް އެ ޙާލަތުން ހޭލެވުނީ މަގުމަތީގައި އޮތް ޖީޕް ސްޓާޓްކޮށްލި އަޑަށެވެ. އޭރު ދިލިޕް ޖީޕް ދުއްވާލައިފިއެވެ.
ކަމަލް އަމިއްލަ ނަފްސުގެ މައްޗަށް ލަދުވެތިވެފައި އެތައް އިރަކު ހުރުމަށްފަހު މަޑުމަޑުން އޭނާއަށް ދެވުނީ ކޮޓަރީގެ ކުޑަދޮރުގެ ކައިރިއަށެވެ. އަދި ބިރުން ހުރެ ވަގަކު ފަދައިން ސިއްރު ސިއްރުން މާރިޔާގެ ޖިފުޓިއާ ދިމާއަށް ބަލަން ފަށައިފިއެވެ. އޭރު މާރިޔާ މޯތީގާތުގައި ކޮންމެވެސް އެއްޗެކޭ ބުނެފައި އޭނާ ކޮންމެވެސް ތާކަށް ފޮނުވަނީއެވެ. މޯތީ މާރިޔާގެ ކުރިމަތިން ދުރަށް ދިޔުމާއެކު ކަމަލް އެދިމާއަށް ބަލަން ހުރިތަން މާރިޔާއަށް ފެނިއްޖެއެވެ. އެތަންވަޅު ކަމަލް ބިރުން އަވަސް އަވަހަށް މާރިޔާއަށް ނުފެންނަތަނަށް ޖެހިލިއެވެ. ނަމަވެސް މާރިޔާގެ މޫނުމައްޗަށް، އެވަގުތު ވެރިވެގެންދިޔަ ރުޅިވެރިކަމާއި، އަދި މާރިޔާ ކުއްލިއަކަށް ބިންމައްޗަށް ކުޅުޖެހިތަން އޭނާއަށް ހަމަ ރަނގަޅަށް ފެނުނެވެ.
މާރިޔާ ދީޕަކް އޮތްތަނަށް ދިޔައިރު ރަޖްނީ އޭނާ ބޯލާކޮޅުގައި އިށީންދެގެން އިނެވެ. އޭރު އޭނާ ދީޕަކްގެ ބޮލުގައި އައިސް
އަޅަނީއެވެ. އޭރުވެސް ދީޕަކް ހެއެއް ނާރައެވެ. އަދި ހޭނެތިފައި އޮވެގެން "އަހަރެންނަކީ ވަގެއްނޫން.....ދައްތާ... އަހަރެން ސަލާމަތްކޮށްދޭށޭ...." ގޮވަނީއެވެ.
"ކޮއްކޯ ދީޕަކް ...މިހާރު ދެން ކޮއްކޮ ގައިގައި އެކަކުވެސް ނުޖަހާނެ.... ދައްތަ މީނީ ކޮއްކޮ ކައިރީގައި..." ރަޖްނީ ލޯތްބާއެކު ދީޕަކްގެ މޫނުގައި ފިރިމަމުން ބުނަމުންދެއެވެ. އޭނާގެ ދެލޮލުން ކަރުނަތައް ފައިބަމުންދާ ޙާލުގައެވެ.
ދީޕަކް ވަރަށް މަޑުމަޑުން ލޯހުޅުވާލާފައި އޭނާގެ ދައްތައާ ދިމާއަށް ބަލާލިއެވެ. ނަމަވެސް ލޯހުޅުވައިގެން ގިނަ އިރުކު އޭނާއަކަށް ނޯވެވުނެވެ. އަނެއްކާވެސް ލޯ މެރިއްޖެއެވެ. ރަޖްނީ އާއި މާރިޔާ އެކަކު އަނެކަކާ ދިމާއަށް ފިކުރުކުރާ ކަހަލަ ގޮތަކަށް ބަލާލިއެވެ. އަދި ފާރުގައި ހުރި، އީސާގެ ފާނުގެ ބުދުކައިރިއަށް މާރިޔާގޮސް ދެކަކޫ މައްޗަށް ތިރިވެ، އެޔަތީމުކުއްޖާގެ ޙާލާމެދު ދުޢާކުރަން ފެއްޓިއެވެ.
އަށެއް
ހޮޓެލެއްގެ ކޮޓަރިއެއްގެ ތެރެއެވެ. ޖަޔަންތު އެކަނި މާއެކަނި އެތާނގައި އިނެވެ. އޭނާގެ ކުރިމަތީގައި ވަނީ، ދެބައިކުޅަ އެއްބައި ހުސްވެފައިވާ ރާފުޅިއަކާއި، މުޅީން ހުސްވެފައިވާ ހުރި ބިއްލޫރި ތައްޓެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ އަޖައިބުވާފަދަ ފޫހިކަމެކެވެ. އެފ ޫހިކަމުގެ ސަބަބުން ބައެއްފަހަރު ފަހަރަށް އޭނާ އިންތަނުން ތެދުވެގެން ކޮޓަރިތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާވެސް ހަދައެވެ. އިރުއިރުކޮޅާ އޭނާއަށް ބަލާލެވެނީ ކޮޓަރީގެ ދޮރާ ދިމާއަށެވެ. ހީވަނީ ކޮންމެވެސް މީހަކަށް އިންތިޒާރުކުރަނީ ހެންނެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލައިފިއެވެ. ދޮރު ހުޅުވާލުމާއެކު ކޮޓަރިތެރެއަށް ވަނީ މޯތީއެވެ. އޭނާ އެތެރެއަށް ވަނުމާއެކު ބުންޏެވެ.
"ސާހިބާ މިއަދު ގެނައީ މުޅިން އައު ދޫންޏެއް...."
"ރަޖްނީ ކޮބައިތަ!"
"އެ ދޫނި ދެކެލައްވާފައި ރަޖްނީ މަތިން ހަނދުމަނެތޭ ވަރުވާނެ.."
ޖަޔަންތަށް އިތުރު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މޯތީ ދޮރު ހުޅުވާލާފައި ބޭރުގައި ހުރި އަންހެން ކުއްޖަކު، އެތެރެއަށް ވަންނަން އަންގާލައިފިއެވެ. އެއާއެކު އެކުއްޖަކު ވަރަށް ބިރުންހުރެ، މަޑުމަޑުން އެތެރެއަށް ވަދެ ޖަޔަންތުގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. ޖަޔަންތު އެކުއްޖާގެ ބޮލުން ފެށިގެން ފަޔާހަމައަށް ބަލާލިއެވެ. އެއީ ރީތި ކަމާއި ޒުވާންކަމުގެ، ފަރިކަމާއި ފޮނިކަމުގެ ދިރިހުރި ތަސްވީރެކެވެ. އެކުއްޖާގެ ކޮންމެ ގުނަވަނެއްވެސް އަދި ކޮންމެ ވަނާއެއްވެސް ވަނީ ޝަބާބުގެ އެންމެ މަތީ ދަރަޖައިގައެވެ. އެކުއްޖާގެ މައްޗަށް އެވަގުތު ވެރިވެފައިވާ ސިހުމާއި ބިރުވެރިކަމުގެ އަސަރު އެރީތިކަމަށް އިތުރުކަމެއް ގެނެސްދޭކަހަލައެވެ.
ކުޑައިރުކޮޅަކަށް ބަސްހުއްޓިފައި އިނުމަށްފަހު ޖަޔަންތު ބުންޏެވެ.
"އެންމެ ރަނގަޅު..މީނާ އެންމެ ރަނގަޅު"
"އަޅުގަނޑަށް ކުރީންވެސް އެނގޭ....." މޯތީ އުފަލުން ފޮޅުނެވެ. ނަމަވެސް ޖަޔަންތު އޭނާއާ ދިމާއަށް ބަލަން އިންތަން ފެނުމުން ހިމަވެލާފައި "އަޅުގަނޑު ދަންތޯ" އަހާލައިފިއެވެ.
"އާނ! ދޭ ތިރީގައި މަޑުކޮށްލާ" ޖަޔަންތު އެހެންބުނެފައި އޭނާގެ ކުރިމަތީގައި ހުރި ރާފުޅިން އަނެއްކާވެސް ތައްޓަށް ރާފޮދެއް އަޅަން ފަށައިފިއެވެ.
މޯތީ ކޮޓަރިން ނުކުމެފައި ދޮރުލައްޕާލިއެވެ. އެއަންހެން ކުއްޖާ ވަރަށް ބިރުގެންފައިވާ ގޮތަކަށް އެދޮރާދިމާއާށް ބަލާލިއެވެ. ޖަޔަންތު ރާތައްޓާ ދިމާއަށް ބަލަން އިނދެގެން އަންހެންކުއްޖާއަށް ބުންޏެވެ.
"ލަދުނުގަނޭ...އާދޭ ކައިރިއަށް އާދޭ!"
އަންހެންކުއްޖާ ވަރަށް މަޑުމަޑުން ޖަޔަންތު ކައިރިއަށް އަތުވެއްޖެއެވެ.
"ކަލެއަށް ކިޔަނީ ކޮންނަމެއްތަ؟"
"ޝަބްނަމް..." އަންހެން ކުއްޖާއަށް، ތުރުތުރު އަޅައަޅާ އޮތް ތުންފަތަކުން ބުނެވުނެވެ.
"ވާހ... ނަންވެސް ހޮވާފައި ތިޔައޮތީ ކިހާ ފުރިހަމަ ގޮތަކަށް؟..ފަހަރެއްގައި އަތްޖައްސާލުމުން ވިރިގެން ނުދާނެބާ..." އެހެން ބުނުމާއެކު ޖަޔަންތު އެކުއްޖާގެ އުނަގަނޑުގައި ހިފާލިއެވެ. ޖަޔަންތުގެ އަތް އޭނާ ގައިގައި ޖެހުމާއެކު އެއަންހެންކުއްޖާ ތުރުތުރު އަޅައިގަތެވެ. އެވަގުތު އަނެއްކާވެސް ޖަޔަންތު ބުންޏެވެ.
"ބައިތަށިހާ އެތިފޮދެއް ބޯލަންވީނު!"
އެކުއްޖާ އެއްވެސް އެއްޗެއް ނުބުނެއެވެ. ބިރުގެންފައިވާ ނަޒަރަކުން ޖަޔަންތާ ދިމާއަށް ބަލަން ހުއްޓެވެ. ނަމަވެސް އޭނާގެ އެ ޙާލާ މެދު އެއްވެސް ފިކުރެއް ނުކޮށް ޖަޔަންތު ބުނަމުން ދިޔައެވެ.
"ޝަރާބާއި ޝަބާބަކީ (ޒުވާންކަމާއި ރަލަކީ) އެކުއެކީގައި ދާން ބޭނުންވާ ދެ ކަންތައް...ކަލެއަށް ހުންނާނީ ފުދޭވަރަކަށް މިކަމުގެ ތަޖުރިބާ ލިބިފައި...."
ދެންވެސް އެއަންހެންކުއްޖާ އެއްވެސް އެއްޗެއް ނުބުނުމުން، ޖަޔަންތު އަތުގައި ހުރި ތަށިން އެއްބައި ބޯލާފައި ތަންކޮޅެއް ބާރަށް ބުންޏެވެ.
"މަންމަނެއްތަ ތިޔައީ!"
އަންހެންކުއްޖާ އެއްޗެއް ބުނެވޭތޯ އަނގަ ހުޅުވާލިއެވެ. ނަމަވެސް އޭނާގެ ކަރުގެ ތެރެއިން އެއްވެސް އަޑެއް ނުނެރެވުނެވެ. ޖަޔަންތު އިސް އުފުލާލާފައި ބަލާލިއިރު އަންހެންކުއްޖާގެ ލޮލުން ކަރުނަތައް އޮހެމުން ދަނީއެވެ.
"ކީއްވެ...ރޮނީ ކީއްވެ..." ޖަޔަންތު ގޮނޑިން ތެދުވެއްޖެއެވެ. އަދި އަންހެންކުއްޖާއާ ކައިރިއަށް ޖެހިލައިފިއެވެ. ދެންވެސް އަންހެންކުއްޖާ އެއްވެސް އެއްޗެއް ނުބުނުމުން، އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ކަލެއަކީ މީހަކާ އިނދެގެން އުޅޭ ކުއްޖެއްތަ؟"
"ނޫން"
"މީ މިގޮތަށް އައި ފުރަތަމަ ފަހަރުތަ؟"
"ލައްބަ"
"ބިރުގަންނާނެކަމެއް ނެތް...އެއްތަށި ރާ ބޯލަނިކޮށް ބިރު ކެނޑިދާނެ"
"ނޫން... ނޫން ..ބާބޫޖީ އަޅުގަނޑު ވަރަށް އަވަހަށް ދާންޖެހޭ... ވަރަށް އަވަހަށް ދާންޖެހޭ...." އަންހެންކުއްޖާގެ މުޅި ހަށިގަނޑު ރޫރޫ އަޅަން ފަށައިފިއެވެ.
"އެހާ އަވަހަށް ދާންވީ ކީއްވެތަ؟" ވަރަށް ފަރުވާތެރިކަމާއިއެކު، އެކުއްޖާއާ ދިމާއަށް ބަލަން ހުރެ ޖަޔަންތު އަހާލިއެވެ.
"އަޅުގަނޑުގެ މަންމަ ކައިރިއަށް ވަރަށް އަވަހަށް ދާންޖެހޭ.... މަންމަ އޮތީ ބަލިވެ ހޮސްޕިޓަލްގައި. ބޭސްގަންނާނެ ފައިސާ އަޅުގަނޑު އަތުގައި ނެތީމާ މޯތީ އަޅުގަނޑު ގޮވައިގެން އެއައީ ހޮސްޕިޓަލުން...އަޅުގަނޑުގެ މަންމަ ވަރަށް ބަލި ސާހިބާ … މަންމަ މަރުވެދާނެ" އަންހެން ކުއްޖާ އެހެން ބުނިއިރު އޭނާގެ މޫނުގައި ދެއަތް އަޅައިގެންހުރެ ރޮނީއެވެ. ގިސްލެވެމުން ދަނީއެވެ.
(ނުނިމޭ)