އުއްމީދު - 22

(8 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެއްވެސް މީހަކު މިހައި ބޮޑު ދޮގުވެރިއަކަށް، މަކަރުވެރިއަކަށް ވެދާނެ ކަމަށް ގަބޫލުކުރަން ވަރަށް އުނދަގޫ. ލޯބީގެ މަޅީގައި ޖައްސައިގެން އަހަރެން ތިޔަ އެއްލައިލީ ޖަހަންނަމައަކަށް. އަހަރެންގެ ކުރިމަތީގައި ހުރެގެން އަހަރެން ދޫކޮށްލާފައި ދާން ބޭނުމޭ ބުނެވޭނޭ ހިތްވަރު ކަލޭގެ ކިބައިގައި ހުންނަން ވާނެ. ވަގަށް ފިލައިގެން ދާން އުޅެފައި އަދި އަހަންނަށް މި ހުރިހައި މަކަރެއް ހަދާފައި އަދިވެސް ތިޔަ ބޭނުން ވަނީ ކަލެޔަށް އަހަރެން އީމާން ޢަލީއޭ ކިޔަންތަ؟ ކަލޭގެ ކިބައިގައި ނެތް ތެދުވެރިކަމެއް އެބަހުރި ކަމަށް ހަދަން މަސައްކަތް ކުރަނީތަ؟"

"އަހަރެން އުއްމީދަކަށް މަކަރެއް ނުހަދަން. ދޫކޮށްލާފައި ނުވެސް ދަން. މިހާރުވެސް އުއްމީދުގެ ކުރިމަތީގައި މިހިރީ."

"ކަލޭ ދިޔައީ ކޮން ތަނަކަށް؟ އެމެރިކާއަށްތަ؟ ޖަރުމަނަށްތަ؟"

އުއްމީދު ހީކޮށްގެން ހުރީ އީމާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދާނޭ ކަމަށެވެ. އެކަމަކު އެހެންނެއް ނުވިއެވެ.

"ކަލޭ އެމެރިކާގެ ވިސާ ޖެއްސީ ދީނީ ރަސްމިއްޔާތެއްގައި ބައިވެރިވާން ދާން. އެއީ ކޮން ރަސްމިއްޔާތެއް؟ ޔަހޫދީންގެ އަހަރީ ރަސްމިއްޔާތުތަ؟ އަހަރެން ގާތު ބުނީ ދަނީ އޮފީހު ދަތުރެއްގައޭ. އެކަމަކު ދިޔައީ ވަޒީފާއިން ވަކިވެގެން. ބޭންކު އެކައުންޓު ބަންދުކުރި. ގޭގައި ހުރި ހުރިހައި ލިޔުމެއް ގެންދިޔަ. ކަލޭގެ މައިންބަފައިން ޖަރުމަނުގައި އުޅުނު ގެ ވިއްކައިލާފައި އެހެން ތަނަކަށް ހިނގައްޖެ. ދިޔަ ތަނެއް އެނގެނީ ކަލެއަށް އެކަނި. މި ގެ ހުސްކުރާ ވާހަކަ އޮތީ ގޭގެ ވެރިމީހާ ގާތު ބުނެފައި. ބޭރުގައި އެ އޮތް ކާރަކީ ކުންފުނީގެ ކާރެއް. މި މަސް ނިމުމާއެކު ކުންފުނިން އެ ކާރު ގެންދާނެ. ޖަރުމަނަށް ދިޔައީ ހިތާވެގެން އުޅޭ މަންޖެވެސް ގޮވައިގެން. ކަލޭގެ ހުރިހައި ލިޔުމެއްގައި ނަމަކަށް އޮންނާނީ އީމާން ޢަލީއޭ ބުނީމެއްނު؟ އެއީވެސް ބޮޑު ދޮގެއް. މިހާރުވެސް ހުރިހައި ލިޔުމެއްގައި އޮތީ ޑެނިއަލް އެޑްގަރ. ބޮޑުބޭބެ ގާތު ކަލޭ ބުނެފައި އޮތީ ދީން ބަދަލު ނުކޮށް އަހަންނާ އިނީ ދެމީހުންގެ މެދުގައި އެމީހަކުގެ ދީނަކަށް އެމީހަކު އުޅޭ ގޮތަށް އެއްބަސް ވެގެންނޭ. ކަލެއަކީ އަދިވެސް ޔަހޫދީއެއް. އެކަމަކަށް އަހަރެންގެ އެއްވެސް އިއުތިރާޒެއްވެސް ނެތް. ޖަރުމަނަށް ދިޔައީ އެންމެ ހަފުތާއަކަށޭ އަހަރެން ގާތު ބުނެފައި. ހަފުތާއެއް ވެފައި ގުޅުން ކެނޑިއްޖެ. އެއްގޮތަކަށްވެސް ނުގުޅުނު. އެއް މަސް ދުވަސް ކޮށްފައި ތިޔަ އައީ ކީއްކުރަން ކަމެއް އަހަންނަކަށް ނޭނގޭ. އެކަމަކު ކަލޭގެ ހުރިހައި ކަމެއް އަހަންނަށް މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެ."

އުއްމީދު ހީކުރީ އީމާންގެ މޫނުމަތީން ބިރުގެ އަސަރު ފެންނާނޭ ކަމަށެވެ. ނުވަތަ ލަދުވެތިކަމުގެ އަސަރެއް ފެންނާނޭ ކަމުގައެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިފައި މައާފަށް އެދޭނޭ ކަމުގައެވެ. އެކަމަކު އެކަހަލަ އެއްވެސް ކަމެއް ނުވިއެވެ. މި ހުރިހައި ވާހަކައެއް އަޑު އިވިދާނޭ ކަމަށް ކުރީއްސުރެ ހީކުރެވިފައި އޮތޭ ބުނާ ކަހަލަ ގޮތަކަށް އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.

"އަހަރެންގެ ގަޔަށް ބަޑި ޖަހަން އުޅުނީ އަހަރެން އުއްމީދު ދޫކޮށްލައިފައި ދިޔައީމާތަ؟" އޭނާގެ އަޑަކުންވެސް އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ފައުޅެއް ނުވެއެވެ.

"އަހަރެން ދޫކޮށްލައިފައި ދިޔަޔަސް އެއްވެސް ފަރުވާލެއް ނެތް. އަހަރެން ބަޑި ޖަހަން އުޅުނީ އެހެން ވެގެންނެއްވެސް ނޫން. ކަލޭ އަހަންނާ އިނީ ދީން ބަދަލު ކުރީއޭ ކިޔައި އޮޅުވާލައިގެން. އަހަރެން ކަލޭ މަރައިލާން ބޭނުންވަނީ ކަލޭގެ ފާފަތަކުގެ އަދަބެއްގެ ގޮތުން. ކަލޭ އެކަންޏެއް ނޫން. އަހަރެންވެސް ދިރިއެއް ނުހުންނާނަން."

އީމާން ކަޅިވެސް ޖަހައި ނުލައި ބަލަހައްޓައިގެން ހުރީއެވެ. ބޮލުން ފައިބާ ލެއިން އޭނާގެ ގަމީސް ފޯވަމުން ދަނީއެވެ. އެކަމަކު އޭނާ އެއިން ކަމަކަށް ސަމާލުކަމެއް ނުދެއެވެ.

"އުއްމީދު ދައްކާނޭ އެހެން ވާހަކައެއް އޮތިއްޔާ ދައްކާ. އަހަރެން ހެދި އެހެން ދޮގެއް، މަކަރެއް، އޮޅުވައިލުމެއް އޮތިއްޔާ އެ ވާހަކަވެސް ބުނެލާ. އެހެން އިލްޒާމެއް އޮތަސް އަހަރެންގެ ބޮލުގައި އަޅުވާ. އުއްމީދުގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ނަފުރަތާއި ފައްކާ ކުރަމުން ގެންދާ ވިހަ ރަނގަޅަށް ބަލައިލާން އަހަރެން ބޭނުން. އަހަރެންގެ މައްޗަށް އޮތް ބޭއިތުބާރުވެސް ބަލައިލާން ބޭނުން."

އުއްމީދުގެ ނޭވާ ހުރީ އަވަސް ވެފައެވެ. އީމާނާ ދިމާއަށް ކަޅި އަޅައިގެން ހުރީއެވެ.

"އުއްމީދު އަހަންނާ ނީން ނަމަ މާ ރަނގަޅު. އެއީ އަހަންނަށް އިތުބާރު ނުކުރާތީ. އޭރަކަުވެސް ނުކުރޭ. މިހާރަކުވެސް ނުކުރޭ."

"އާނ. ތިޔައީ ތެދެއް. ކަލޭ ކަހަލަ ވިޔާނުދާ ގޮތް ކުޑަ މީހަކާ އިނުމަކީ އަހަންނަށް ކުރެވުނު ދެރަ ކަމެއް."

އީމާންގެ މޫނުގެ ކުލަ ރަތް ކުލައަށް ބަދަލު ވެގެން ހިނގައްޖެއެވެ.

"ކަލެޔާ އިނދެވުނީތީ މި ފާތުވެދިޔަ މަހެއްހައި ދުވަހު އަހަރެން ހިތާމަ ކުރި ވަރެއް ކަލެއަކަށް ނޭނގޭނެ. ކަލޭ އަހަރެންގެ ދިރިއުޅުން މުޅީން ހަލާކު ކޮށްލައިފި. އަހަރެންގެ ހުރިހައި އުއްމީދަކާއި ހުވަފެނެއް ފެނަށް ދުއްވާލައިފި. އަހަރެން އަނދިރި ވަޅު..."

"އަހަރެންތަ؟ ޖަހާންޒޭބްތަ؟"

އީމާން ކުރި ސުވާލެއްގެ ސަބަބުން އީމާންގެ ރުޅި އިހަށްވުރެ ގަދަ ވެގެން ހިނގައްޖެއެވެ. އޭނާ ކަރުބުޑުން އަޑު ނެރެގެން ބުނެލިއެވެ. "އޭނާގެ ނަންވެސް ކިޔައިގެން ނުވާނެ."

"ނަން ނުކިޔަން ވީ ކީއްވެގެން؟ އުއްމީދުގެ ތެދު ބަޔާންކޮށް ދީފީމެއްނު؟ ދެން އަހަރެންގެ ތެދު އަޑުއަހާ. އުއްމީދުގެ ދިރިއުޅުން ހަލާކު ކޮށްލީ އަހަންނެއް ނޫން. އެކަމެއް ކުރި މީހަކީ ޖަހާންޒޭބް. އެއީ އުއްމީދު ދޫކޮށްލާފައި ދިޔަ ދުވަހު."

"އޭނާގެ ނަން ނުގަންނާށޭ ބުނެފީމެއްނު؟" އުއްމީދު ވަރަށް ބާރަށް ހަޅޭއް ލަވައިގަތެވެ.

"ކިހިނެއްވީ؟ އުނދަގޫ ވަނީތަ؟ އޭނާގެ މަތީން ހަނދާން ވަނީތަ؟ އަހަރެން އުއްމީދަށް ހެދީ ކޮން މަކަރެއް؟ އުއްމީދު ވައްޓައިލީ ކޮން އަނދަވަޅަކަށް؟ އުއްމީދަކީ އަހަރެން ލޯބިވީ މީހެއް. އޭގެ ފަހުން އިނީ. އުއްމީދުގެ ބަނޑުގައި އޮތް ދަރިއަކީ އަހަރެންގެ ދަރިއެއް. އަނބިމީހާއާއި ދަރިފުޅު ދޫކޮށްލައިފައި ފިލައިގެން ދިއުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. އުއްމީދުގެ ބަދަލުގައި އެހެން އަންހެނަކު ހުއްޓަސް... އެ އަންހެނަކު ދެކެ އަހަރެން ލޯބި ނުވިޔަސް... އެއީ އަހަރެން ހިތާވެގެން އުޅޭ ކުއްޖަކަށް ވިޔަސް... އެ ކުއްޖަކު ދޫކޮށްލައިފައި އަހަރެން ފިލައިގެންނެއް ނުދާނަން. އަހަރެން މިއީ ޒަމީރު މަރުވެފައިވާ މީހަކީމެއް ނޫން. އުއްމީދު ގާތު ދޮގު ނުހަދަމެކޭ އަހަރެން ނުބުނަން. އަހަރެން ދޮގު ހެދިން. ދޮގު ހެދި އެއް ބޭނުމަކީ މަސްލަހަތު. ދެވަނަ ބޭނުމަކީ އުއްމީދު ހާސްވާނޭ ގޮތެއް ނުހެދުން. ތެދު އަޑުއަހަން ބޭނުމިއްޔާ އަޑުއަހާ. އަހަރެން އެމެރިކާއަށް ދިޔައިން. އެއީ ތެދެއް. ފުރަތަމަ ދިޔައީ ޖަރުމަނަށް. ދެން ދިޔައީ އެމެރިކާއަށް. ވިސާއަށް އެދުނުއިރު އަހަރެން ފޯމުގައި ޖެހީ ދީނީ ރަސްމިއްޔާތެއްގައި ބައިވެރިވާށޭ. ޖަނާޒާވެސް ހިމެނެނީ ދީނީ ރަސްމިއްޔާތުގެ ތެރޭގައި. އަހަރެން ދިޔައީ ޔަހޫދީންގެ ކަމެއްގައި ބައިވެރި ވާކަށް ނޫން. އަހަރެން ދިޔައީ އާއިލީ އެކުވެރިއެއްގެ ޖަނާޒާގައި ބައިވެރިވާން. އަހަރެންގެ މައިންބަފައިން ގެ ވިއްކާލައިފައި ފިލައިގެން ދިޔައީއެއް ނޫން. މައިންބަފައިން އުޅޭނޭ ގެއެއް އަހަރެން އެހެން ތަނަކުން ގަނެދިނީ. މުސްކުޅި ގެ ވިއްކައިލީ. އަހަރެން ދިޔައީ އޮފީސް ދަތުރެއްގައޭ އަހަރެން ބުނިން. އެކަމަކު ދިޔައީ ކެނޑިގެން. ކެނޑުނީ އޮފީހުގެ މަސައްކަތާ ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ސަބަބުން. އަހަރެން މަސައްކަތް ކުރި ކުންފުނީގެ ބޮޑު ހިއްސާ އޮންނަނީ ޔަހޫދީންގެ އަތްމަތީގައި. ކުންފުނީގެ މައި މަރުކަޒު ހުންނަނީ ބޭރުގައި އަހަރެން މަސައްކަތް ކުރީ މި ރަށުގައި ހުންނަ ގޮފީގެ ވަރަށް އިސް މަގާމެއްގައި. އަހަރެން އިސްލާމަކަށް ވުމާއި ނަން ބަދަލު ކުރުމަކީ ކުންފުނީގެ ވެރިންނަށް ލިބޭ ވަރަށް ބޮޑު ސިހުމަކަށް ވާނެ. އެހެންވީމާ އަހަރެން އެކަން ސިއްރުކުރީ. އެކަމަކު މަޑުމަޑުން އެކި ކަހަލަ ވާހަކަތައް ކުންފުނީގެ ވެރިންނާ ހަމައަށް ދާން ފަށައިފި. އެ މީހުން ސުވާލު ކުރީމާ އެއީ މީހުން ދައްކާ ފުލޯކު ވާހަކައޭ ކިޔަކިޔައި އަހަންނަށް ހުރެވިދާނެ. އެކަމަކު މިހާރު ވަރަށް ގިނަ ކަންތައްތަކަށް ބަދަލު އަތުވެއްޖެ. ހާލަތު ބަދަލު ވެއްޖެ."

"އަހަރެންގެ ދަރިފުޅަކީ ކޮން ދީނެއްގެ ކާކުކަން ނޭނގިގެން އުޅޭ ގޮތް ވާކަށް އަހަރެން ބޭނުމެއް ނޫން. ދަރިފުޅު ދުނިޔެއަށް އައުމާއެކު އޭނާއަށް ދެވޭ ނަމަކީ އިސްލާމީ ނަމަކަށް ވުމާއި އޭނާގެ ނަމާ ގުޅުވައިގެން އޭނާގެ ބައްޕަގެ ނަން ކިޔާއިރު އަހަރެންގެ ހަގީގީ އިސްލާމީ ނަން ކިޔާގޮތް ވުމަކީ އަހަރެން ބޭނުންވާ ގޮތް. އަހަރެން މިއީ އިސްލާމެއް ކަމަށް ވާތީ އަހަރެން މީސްމީހުންނަށް އެނގެން ވާނީވެސް އިސްލާމެއްގެ ގޮތުގައި. އުއްމީދާއި އަހަރެމެންގެ ދަރިފުޅު އެއްވެސް މައްސަލައަކާ ކުރިމަތިލާން ޖެހޭ ގޮތް ވުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން. އަހަރެން އޮފީހުން ކެނޑުނީ ދިރިއުޅުމުގެ ހުރިހައި ކަމެއް ހަމަ މަގަށް އަޅުވައިލުމުގެ ބޭނުމުގައި."

އުއްމީދު ނޭވާވެސް ލާން ހަނދާން ނެތިއްޖެއެވެ.

"އުއްމީދު ގާތު މި ހުރިހައި ވާހަކައެއް ނުދެއްކީ ކަން ބޮޑުވެގެން އުޅެގެންފާނެތީ. ދެތިން ހަފުތާއެގެ ތެރޭގައި އަހަރެންގެ އާ ޕާސްޕޯޓާއި ހުރިހައި ލިޔުމެއް ލިބިދާނެ. އެ އެއްޗެހީގައި އޮންނާނީ އަހަރެންގެ އަސްލު ނަމާއި ދީން. އަހަރެން ލިޔުންތައް ހިފައިގެން ފިލީއެއް ނޫން. ލިޔުންތައް ގެންދިޔައީ އާ ވަޒީފާއަކަށް އެދެންވެގެން އެ އެއްޗެހީގެ ބޭނުން ޖެހިގެން. މި ރަށުގައި ހުންނަ ބޭރު ކުންފުނިތަކެއްގެ ވަޒީފާއަށް އެދިފައި އޮތީމާ ދާން ޖެހުނީ އެ ކުންފުނިތަކުގެ މައި މަރުކަޒަށް ކަމަށް ވާތީ. ބައެއް ކުންފުނީގެ މައި މަރުކަޒު ހުރީ ޖަރުމަނުގައި. ބައެއް ކުންފުނި އެމެރިކާގައި. ބޭންކު އެކައުންޓު ބަންދުކުރީ އެއީ ކުންފުނީގެ ފަރާތުން ހުޅުވައިދީފައި އޮތް އެކައުންޓަކަށް ވާތީ. އެކައުންޓުގައި ހުރި ފައިސާ ބޭނުން ކުރީ އަހަރެންގެ މައިންބަފައިންނަށް ދޭން އާ ގެއެއް ގަންނަން. އެ މީހުން ނުއެއް ގެއްލޭ. އަހަރެން މި ގެ ދޫކޮށްލާ ވާހަކައަކީވެސް ތެދު ވާހަކައެއް. ކާރުވެސް އަނބުރައި ދޭނަން. އެހެންވީމާ؟ ފުރައިގެން ދިޔައީ އުއްމީދު ދުވާރު މައްޗަށް ދޫކޮށްލާފައިތަ؟"

އޭނާގެ އަޑުގައި ހިތިކަން އެކުލެވިފައި ހުއްޓެވެ.

"މީހަކު އައިސް އުއްމީދު ގެއިން ނެރުނުތަ؟ އަހަރެން މިހިރީ ގެ ހުސް ކުރަން ޖެހޭ ދުވަހުގެ ކުރިން އެނބުރި އައިސް. އުއްމީދު ގާތު ނުބުނިއްޔާ ވާނީ ކޮން ކަމެއް؟ މިގެއިން ނެރެގެން ގެންގޮސް ވައްދާނީވެސް ރަނގަޅު ގެއަކަށް. މިގެއަށް ވުރެ މާ ރަނގަޅު ގެއަކަށް. އެކަމާ އުއްމީދު ފިކުރު ކުރާނެ ކަމެއް ނެތް. ދެން އޮތީ ތިޔަ ބުނި ހިތާވެގެން އުޅޭ ކުއްޖާގެ ވާހަކަ. އެއީ ސަމަންތާ."

މިހާރު އީމާންގެ ތުންފަތްމައްޗަށް ވެރިވެފައި ވަނީ ހިތި ހިނިތުންވުމެކެވެ.

"އޭނާ އަހަންނާއެކު ޖަރުމަނަށް ދިޔަ ވާހަކައަކީވެސް ތެދު ވާހަކައެއް. އެކަމަކު އަހަރެން އޭނާ ގޮވައިގެން ފިލީއެއް ނޫން. އޭނާވެސް ރަށަށް ދާން އޮތް ދުވަހާ އަހަރެން ފުރި ދުވަހާ ދިމާވީ."

އުއްމީދަށް އިހުސާސް ކުރެވުނީ މީހަކު އޭނާ ގަނޑުފެނުން ފެންވަރުވާ ކަމުގައެވެ. މުޅި ހަށިގަނޑަށް ފިނި ރާޅެއް ވެރިވަމުން ދިޔައެވެ.

"އުއްމީދާ ގުޅޭ ގޮތް ނުވީވެސް ދިމާވީ ހާދިސާއެއްގެ ސަބަބުން. އެމެރިކާގައި މަގުމަތީން މީހަކު އަހަންނަށް ހަމަލަދިނީ. އަހަރެންގެ ފުއްކިބައިގައި އެއްޗަކުން ޖަހައި ވައްޓައިލާފައި ޖީބުގައި ހުރިއްޔާ ހުރި އެއްޗެއް ގެންދިޔައީ. އޭގެފަހުން ވީ ކަމެއް ހަނދާނެއް ނެތް. އެތައް ދުވަހެއް ފަހުން ހޭއެރި އިރު އޮވެވުނީ ހަސްފަތާލެއްގައި. އެ މީހުންނަކަށްވެސް އަހަރެން މިއީ ކާކު ކަމެއް ނޭނގޭ. ހަސްފަތާލުގައި އޮތް ދުވަސްވަރު އަހަރެންގެ ހާލު މުޅިއަކުން ރަނގަޅެއް ނޫން. މުޅީން ހަނދާން ނެތޭ ބަލި ޖެހުނީއެއް ނޫން. ހަނދާން ހުރެފައި ބައެއް ފަހަރު ފޮހެވޭ ގޮތް ވާން ފެށީ. އާދައިގެ ހާލަތަށް ރުޖޫއަވީ ދުވަސްކޮޅަކު ބޭސް ކޮށްގެން. އޭގެ ފަހުން އަހަރެން އުއްމީދާ ގުޅަން މަސައްކަތް ކުރިއިރު އޮތީ ގުޅޭ ގޮތް ނުވެފައި. ގޭގައި ނެތީމާ. ދެން އަހަރެން އުޅުނީ ރާވަލްޕިންޑީއަށް ގުޅަން. އެ ނަންބަރު އޮތީ އަހަރެންގެ ޖީބުދަބަހުގައި. އެހެންވީމާ ނުގުޅުނީ. އެކަމަކު އަހަރެން ހީކުރީ އަވަދިނެތި އުޅެން ޖެހުނީމާ ނުގުޅުނީ ކަމަށް އުއްމީދު ދެކޭނެ ކަމަށް. އެހެންވީމާ އަހަރެން ކަންބޮޑެއް ނުވޭ."

"އާނ. ބޮޑުބޭބެގެ ވާހަކަ ދެންމެ ބުނީމެއްނު؟ އަހަރެން އޭނާ ގާތު ދޮގު ހެދީ. އުއްމީދު. އަހަރެން އަހަރެންގެ މައިބަފައިން ދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަހަރެން ދީން ބަދަލުކުރި ވާހަކަ އިވުނީމާ އެ މީހުން ވާނެ ދެރަ އަހަންނަށް އެނގޭ. އެހެންވީމާ އެކަހަލަ ގޮތެއް ވާން އަހަރެން ބޭނުމެއް ނުވި. އެމީހުންނަށް އެނގިއްޖެއްޔާ އާއިލާގެ މީހުންގެ ކުރިމަތީގައި އެމީހުންގެ އަގު ވަރަށް ބޮޑަށް ވެއްޓޭނެ. އާއިލާގެ އެންމެން އެ މީހުންނާ ގުޅުން ކަނޑައިލާނެ. އެ މީހުން އަހަންނާއެކު ދިރިނޫޅެނީވެސް ސަބަބެއް އޮވެގެން. އެމީހުން ބޭނުންވީ މުސްކުޅި އުމުރު ކާބަފައިންގެ ރަށުގައި ހޭދަކުރަން. ބޮޑު ބޭބެ ގާތުވެސް އަދި އާއިލާގެ އެހެން މީހުން ގާތުވެސް އަހަރެން ހެދީ ދޮގު. އެކަމަކު ދެން ދޮގު ހަދާކަށް ބޭނުމެއް ނޫން. މިހާރު އަހަރެންގެ ކުރިމަތީގައި އެންމެ މުހިއްމީ އަހަރެންގެ ދަރިފުޅު."

އީމާން ކުޑަކޮށް ވަރުބަލި ވެއްޖެހެން ހީވެއެވެ. އުއްމީދު ޔަގީންކަމެއް ނެތް ކަހަލަ ގޮތަކަށް އީމާންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

"އެހެންވީމާ މައިންބަފައިން ގާތުވެސް ބުނެފިން. ބުނީ ގެ ގަނެދީފައި. އޭގެ ފަހުން ޖަރުމަނުގައި ހޭދަކުރި އެއް ހަފުތާއަކީ އަހަރެންގެ ދިރިއުޅުމުގައި ހޭދަކުރި އެންމެ އުނދަގޫ އެންމެ ހިތާމަވެރި ހަފުތާ. އެންމެ ފުރަތަމަ އެންމެން ވެގެން އަހަންނަށް ވިސްނައިދިނީ. އޭގެ ފަހުން ބިރު ދެއްކީ. އެންމެ ފަހުން އަހަންނާ ގުޅުން ކަނޑައިލީ. ދީނުގެ ކަމެއްގައި މަންމައާއި ބައްޕަ އެހައި ހަރުކަށިކަން ދެއްކި ތަނެއް އޭގެ ކުރިއަކުން އަހަރެން ދުވަހަކުވެސް ނުދެކެން. އެމީހުން ބުނެފައި އޮތީ މީގެ ފަހުން ދުވަހަކުވެސް އެމީހުން ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެއޭ. މި ފަހަރު އަހަރެން މި އައީ ދަތުރުކުރި އޮޑިގަނޑުވެސް ފައްތައިލާފައި. އެނބުރި ދާން އޮތް ހުރިހައި މަގެއް ބަންދު ކޮށްފައި. އެއީ ފަސޭހަ ކަމެއް ނޫން. އެކަމަކު އަހަރެން އެކަން ކޮށްފިން. މިހާރު އުއްމީދު އަހަރެންގެ ބޮޑު ބޭބެއަށް ފޯނު ކޮށްފައި އަހަރެންގެ ވާހަކަ އަހައިފިއްޔާ އަހަރެންގެ ނަން ކިޔާނީވެސް ދެތިން ހުތުރު ލަފުޒުގެ ބޭނުން ކޮށްފައި."

"ދީން ބަދަލުކުރި އިރު އަހަންނަށް ހީވެފައި އޮތީ އެއީ ވަރަށް ފަސޭހަ ކަމެއް ކަމުގައި. އެކަމަކު އެއީ ފަސޭހަ ކަމެއް ނޫން. އަމުދުން އަހަރެން ކަހަލަ އާއިލީ ގުޅުމަށް ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ މީހަކަށް އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން. މައިންބަފައިން ގާތު އެ ވާހަކަ ބުނީމާ އެމީހުން ކަންތައް ކުރި ގޮތުން އަހަންނަށް ވަނީ ވިސްނަން މަޖުބޫރު ވެފައި. ލޭގެ ގުޅުން ކެނޑުނީމާ އަހަރެންގެ އަތުގައި އޮންނާނީ ކޯނޗެއް ބާވައޭ އަހަރެންގެ ހިތަށް އެރި. އެކަމަކު ފަހުން ހިތަށް އެރި ހިސާބު ޖަހަނީ ކީއްކުރަންހޭ. ދީން ބަދަލުކުރީއަކީ ވިޔަފާރިއެއް ކުރާކަށް ނޫނޭ. ވަކި ގުޅުމެއްގައި ދިރިއުޅުން އަލުން އާރާސްތުކޮށް ކުރިއަށް ހިނގައިގެންފައި ފަހަތަށް ދޫކޮށްލެވުނީ ކޯނޗެއްތޯ ބެލުމަކީ ކީއްކުރަން ކުރާ ކަމެއްހޭ. މަންޒިލަށް ވާސިލުވާއިރު ދޫކޮށްލި އެއްޗަކަށްވުރެ ލިބޭ އެއްޗެއް ވާނީ މޮޅުހޭ ދެރަހޭ އެއީ އެއްވެސް އިންސާނަކަށް ކަނޑައެޅޭނޭ ކަމެއް ނޫން. އެއްވެސް އިންސާނަކަށް އެއްފަހަރާ ދެ އޮޑިއަށް ފައިލައިގެންނެއް ނުހުރެވޭނެ. އެކަހަލަ ކަމެއް ކުރާ މީހަކު ވާނީ ބޮޑު މޮޔައަކަށް. މީގެ ފަހުން އަހަރެން ސަލާމަތް ވާނީހޭ ގެނބޭނީހޭ ކިޔަކިޔައި ހުރުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫން. އަހަރެން ފަރުވާ ބަހައްޓާ ކަމެއްވެސް ނޫން."

ވެއްޓިފައިވާ ހޫނު އަނދަވަޅުން ދުވަހަކުވެސް އަރައެއް ނުގަނެވޭނެއޭ އުއްމީދުގެ ހިތަށް އެ ވަގުތު އެރިއެވެ.

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.