ޖަޕާނުގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ކައުސިލާސް، އަށް މެންބަރުން އިންތިޚާބުކުރުމަށް އިއްޔެ އެ ގައުމުގައި ބޭއްވި އިންތިޚާބުގައި ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މިއިންތިޚާބު ބާއްވާފައި މިވަނީ، އިންތިޚާބަށް ކެންޕޭން ކުރައްވަނިކޮށް، އެ ގައުމުގައި އެންމެ ދިގުމުއްދަކަށް ވެރިކަންކުރެއްވި ބޮޑުވަޒީރު އަދި އެ ޕާޓީގެ އެންެމެ ނުފޫޒުގަދަ އެއް ލީޑަރު ޝިންޒޯ އާބޭ ހުކުރު ދުވަހު އަވަހާރަކޮށްލާފައި ވަނިކޮށެވެ.
ވެރިކަންކުރާ އެލްޑީޕީއިން ވަނީ މިއިންތިޚާބުގައި ވޯޓުލާ މަތީގޭގެ 125 ގޮނޑީގެ ތެރޭން 63 ގޮނޑި ކާމިޔާބުކޮށްފައެވެ. އެ ޕާޓީއެާއެކު ކޯލިޝަނުގައި ހިމެނޭ ކުޑަ ޕާޓީ ކޮމޭޓޯއާއެކު ވެރިކަންކުރަ ކޯލިޝަނުން ވަނީ 75 ގޮނޑި ކާމިޔާބުކޮށްފައެވެ. ޖަޕާނުގެ ގާނޫނު އަސާސީ އިސްލާހުކުުރުމަށް ތާއީދުކުރާ ފަރާތްތަކަށް މި މޮޅާއެކު ގާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ދެމެހެއްޓޭނެއެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރުމަށް މަގުފަހިވެގެން ދާނެއެވެ.
ގާނޫނުހަދާ މަޖިލީހުގެ މަތީގޭގެ މެންބަރުކަމުގެ މުއްދަތަކީ 6 އަަހަރު ދުވަހެއެވެ. އަދި 248 ގޮނޑި ހިމެނޭ މަތީގޭގެ ދެބައިކުޅަ އެއްބައި ގޮނޑިއަށް ކޮންމެ ތިން އަހަރަކުން އެއްފަހަރު ވޯޓުލައެވެ.
މިއިންތިޚާބަކީ 2013 ވަނަ އަހަރަށް ފަހު އެލްޑީޕީއަށް އިންތިޚާބެއްގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. މިއާ ޚިލާފަށް މައި އިދިކޮޅު ޕާޓީ، ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީ އޮފް ޖަޕާން ވަނީ ބޮޑު މިއިންތިޚާބުގައި އިތުރަށް ބަލިވެފައެވެ. އެ ޕާޓީން ހައުސް އޮފް ކައުންސިލާސްގައި ކުރިން 23 ގޮނޑި ކޮންޓުރޯލުކުރަމުން އަޔަސް، އިއްޔެގެ އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބުކުރެވުނީ 20 ގޮނޑިއެވެ.
އިންތިޚާބުގައި ލިބުނު ކާމިިޔާބީއަށް ފަހު، އެލްޑީޕީގެ މައި އޮފީހުގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ފޫމިޔޯ ކިޝީޑާ ވިދާޅުވީ ޝިންޒޯ އާބޭ އަވަހާރަކޮށްލިތާ ދެދުވަހުގެ ތެރޭގައި ކާމިޔާބުކަމާއެކު އިންތިޚާބު ބޭއްވުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
"މިއީ އަހަރުމެން ޓެރަރިޒަމަށް ބޯ ނުލަނބާނެ ކަމުގެ ހެއްކެެއް." ކިޝީޑާ ވިދާޅުވިއެވެ.
ދިފާއީ ޚަރަދު ދެގުނައަށް އިތުރުކުރުމާއި، "އާ ވައްތަރެއްެގެ ކެޕިޓަލިޒަމް"އެއް ޖަޕާނަށް ގެނައުމަށް ބޮޑުވަޒީރު ކިޝީޑާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ކުރިއަށް ގެންދިއުމަށް މި ބޮޑު ކާމިޔާބީއާއެކު މަގުފަހިވެގެން ދާނެއެވެ.