(17 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
(4) ކަނޑުތައް ބައިބައިވުން
ދެކަނޑު އެއްތަންވެ ގުޅޭގޮތްވެއްޖެނަމަ އެޙާލަތަށް ކިޔަނީ، ދެކަނޑު ގުޅުމެވެ. ނުވަތަ ދެކަނޑު ބައްދަލުވުމެވެ. އެއީ ވަރަށް ރީތި ޤުދްރަތީ މަންޒަރެކެވެ. ދެކަނޑު ބައްދަލުވެ އެދެކަނޑުގެ ފެން އެކަތި އަނެކައްޗާ އެކުވުމުގެކުރިން، އެދެކަނޑުގެ ދެމް އެއީ އެކަނޑެއްގައި ހިމެނިގެންވާ އަމިއްލަވަންތަ ރަހައާއި ފިނިހޫނުމިނަށް އުފައްދަވާފައިވާ ފެނެކެވެ. ދެފެން ތަފާތެވެ. މިތަފާތު ދައްކައިދެނީ، ފެނުގެ ތެތްކަމާއި ވަހާއި ރަހައާއި ކުލަ އަދި އޮޔާއި ރާޅުގެ ޚާއްޞަ ސިފަތަކަކުންނެވެ. މިސިފަތަކުން ޒީނަތްތެރިވެގެން، ކަނޑައެޅިފައިވާ އިމެއްގައި ނުވަތަ ރޮނގެއްގައި ދެކަނޑުގެ ފެން ބައްދަލުވާހިނދު، އެއީ ޤުދްރަތީ ޢަޖައިބެކެވެ،
ދެކަނޑު ބައްދަލުވާ އިމުގެ ޚާއްޞަކަން ފާހަގަކޮށް ފޮޓޯނެގި ޑޮކިއުމެންޓް ކުރެވިފައިވަނީ ދާދި އިހަކަށްދުވަހުއެވެ. ކީރިތި ޤުރުއާނުގެ އައްރަޙްމާން ސޫރަތުގެ 19 އަދި 20 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ ﴿١٩﴾ بَيْنَهُمَا بَرْزَخٌ لاَّ يَبْغِيَانِ ﴿٢٠﴾
"އެކަލާނގެ، ދެކަނޑު (އެބަހީ : ކޯރާއި ކަނޑު) ހައްދަވައި ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލު ވެތެވެ. އެ ދެކަނޑު ދެމެދުގައި ހުރަހެއް ވެއެވެ. އެ ދެކަނޑުވެސް އެއްކަނޑު އަނެއްކަނޑުގެ މައްޗަކަށް އަރައެއް ނުގަނެތެވެ." އަދިވެސް، ކީރިތި ޤުރުއާނުގެ އަލްފުރުޤާން ސޫރަތުގެ 53 ވަނައާޔަތުގައި ﷲ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخاً وَحِجْراً مَّحْجُوراً
"އަދި، އެކަލާނގެއީ ދެކަނޑު އެއްކުރެއްޗި (އެބަހީ: ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުއެކުގައި ހިނގާގޮތަށް ލެއްވި) ރަސްކަލާނގެ އެވެ. މިއީ މީރުކަން ބޮޑު މީރު ފެނެވެ. އަދި މިއީ ލޮނުކަންގަދަ ލޮނު ފެނެވެ. އަދި، އެކަލާނގެ އެދެކަނޑު ދެމެދުގައި، ހުރަހެއްލައްވައި،އަދި އެދެމެދު މަނާކުރަނިވި ފަރުދާއެއް ލެއްވިއެވެ."
ދެކަނޑުބެދުމުގެ ޢަޖައިބަކީވެސް މަތީގައި ބަޔާންކުރެވިފައިދާ ދެއާޔަތުގައި 1400 އެތައް އަހަރެއްކުރިން، ﷲ ސުބްޙާނަހޫ ވަރަޢާލާ އިންސާނުންނަށް އަންގަވާފައިވާ ޢިލްމެކެވެ. އެހެންނަމަވެސް، އެކަން ދިރާސާކޮށް، ފޮޓޯނެގި ދުނިޔެއަށް ހާމަވެގެން ގޮސްފައިވަނީ ދާދި މިދާކަށް ދުވަހެވެ. މިކަމުގެ އިތުރު މަޢުލޫމާތާއި ޢިލްމު ލިބުމުން، މިޢަޖައިބުން ފުރިގެންވާ ޙާދިސާގެ ޚަބަރު ދުނިޔެއަށް ހާމަވެ ފެތުރިގެންދިޔައެވެ. ދެކަނޑުގައި އެތައްމީޓަރު ފުނަކުން އުފެދި، ތަފާތު ދެބާރުމިނެއްގައި އައިސް ބައްދަލުވާ ފެނާއި ލޮނު އެކުވެ މަސްހުނިވެގެންދިއުމަށް ހުރަސްއަޅަނީ ޕެކްނޮކްލައިން އެވެ ކިޔޭ ޒޯނަކުންނެވެ. މިޒޯނަކީ، ފެނާއި ލޮނު އައިސް ބައްދަލުކުރާ ރޮނގުގައި ތަފާތު ދެމިންވަރަކަށް ލޮނު އެކުލެވިގެންވާ ދެކަނޑުގެ އިން ވަކިކޮށްދޭ ރޮނގެވެ.
ކަނޑުއަޑީގައި ޤާއިމްވެފައި އޮންނަ ޕެކްނޮކްލައިން އެވެ ކިޔޭ ޒޯނަކީ، އިންސާނާގެ ލޮލަށް ފާޅުވާނެ އެއްޗެއްނޫނެވެ. އެހެންނަމަވެސް، ދެކަނޑު ގުޅޭ ރޮނގު ކަނޑުގެ މަތިން ސާފުވާނެއެވެ. ދެކުލައިންނާއި ދެބާރުމިނެއްގެ ރާޅާއި ދެބުންވަރެއްގެ އޮއިންނެވެ. ކަނޑުގެ އަޑީގައި ފޮރުވިފައިއޮންނަ ޕެކްނޮކްލައިން ޒޯނުގެ ޙަރަކާތް ސައިންސުވެރިންނަށް ހޯދިފައިވަނީ ދާދި މިދާކަށްދުވަހުއެވެ. އެތައް ސައިންޓިސްޓުންނެއްގެ ބުރަމަސައްކަތާއެކު، ޒަމާނީ ޓެކްނޮލޮޖީގެ އާ އުފެއްދުންތަކުގެ، އެތައް ދިރާސާތަކެއް ކޮށްގެންނެވެ.
(5) ކަނޑުގެ ފުންމިނާއި ކަނޑުއަޑީގެ ރާޅު ( ބާނި ) ތައް
ކީރިތި ޤުރުއާނުގެ އައްނޫރު ސޫރަތުގެ 40 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ ކަނޑުގެ ފުންމިނާއި ކަނޑުއަޑީގެ އަނދިރިކަމުގެ ވާހަކައެވެ.
أَوْ كَظُلُمَاتٍ فِى بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا وَمَن لَّمْ يَجْعَلِ ٱللَّهُ لَهُ نُوراً فَمَا لَهُ مِن نُورٍ
"ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެކަނޑުގައި ފެތުރިފައިވަނީމަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތަށް ވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތްނެރުނަސް، އެ ފެންނާންވެސް ގާތް ނުވެއެވެ. ފަހެ،އެމީހަކަށް ﷲ ގެ ޙަޟުރަތުންއަލިކަމެއް ލައްވައިފައިނުވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް އެއްވެސް އަލިކަމެއް ނުވެއެވެ."
މިއާޔަތަށް ބަލާއިރު، ﷲ ވަޙީކުރައްވާފައި އެވަނީ، އީމާންނުވާ މީހަކު ކަނޑުއަޑީގެ އަނދިރިކަމާ އެއްވަރު ކުރައްވާފައެވެ. އަދި މާސިންގާ ކަނޑުގެ އަޑީގެ ފުންކަމަށް ނިސްބަތްކުރައްވާ ﷲ އަންގަވަނީ، ކަނޑުގެ އަޑި ފުރިގެންވަނީ ރާޅުންކަމުގައެވެ. އެއަށްވުރެ މަތީގައިވެސް މަތިމައްޗަށް ރާޅެވެ. އެއަށްވުރެ މަތީގައި ވިލާތަކެވެ. މަތިމައްޗަށް ގަދަ އަނދިރިކަމެވެ. އިންސާނާ އަތްދިއްކޮށްލިޔަސް އޭނާއަކަށް (އެއެއް) ނުފެންނާނެއެވެ. އެމީހަކަށްޓަކައި އަލިކަމެއް ލައްވާފައިނުވާ މީހާއަށް، އަލިކަމެއް ލިބުމެއް ނެތެވެ.
ކަނޑުގެ އަޑީގައި އަލިކަން ފެތުރިފައި އޮންނަނީ ކަނޑުގެ ޞަތަޙައިން ތިރިޔަށް އެންމެ 200 މީޓަރުގައިކަން މިހާރުވަނީ ހޯދިފައެވެ. މިމިންވަރަށް ކަނޑުއަޑިން އަލިފެންނަނަމަ، ކަނޑުއަޑީގައިވާ ތަކެތި، ޑައިވަރަކަށް ފެންނާނީ އުނދަގުލުންނެވެ. އަދި އަތުގައި އޮންނަ އެއްޗެއް އަތްދަމާލީމަ އެއޮންނަ ދުރުމިނަށް، ސާފުކޮށް ވަކިކުރުމަކީވެސް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. 1000 މީޓަރަށްވުރެ އަޑިޔަށް ކަނޑަށް ފީނުމަކީ، އެހީތެރިކަމަކާނުލައި އިންސާނާއަށް ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. ސަބްމެރިންފަދަ އަދި ޒަމާނީ ޓެކްނޮލޮޖީގެ އިލެކްޓްރޮނިކް ސިސްޓަމް އޭޣެ ތެރޭގައި ހިމެނެއެވެ. އެހެނެއްކަމަކު، ރަސޫލު ޞައްކަﷲ ޢަލައިހި ވަސައްލަމް ދިރިއުޅުއްވި ދުވަސްވަރު، އެތަކެއްޗަކީ ހުވަފެނުންވެސް ދެކެފައިނުވާފަދަ ތަކެއްޗެވެ.
ކީރިތި ޤުރުއާނުގެ އައްނޫރު ސޫރަތުގެ 40 ވަނައާޔަތުގައި މަތިމައްޗަށް ހުންނަ ރާޅުތަކާބެހޭގޮތުން، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ ކަނޑުގެ ފުންމިނާވެސް ގުޅުއްވާފައެވެ. އެއާޔަތުގައި އަންގަވާފައިވަނީ އެކަނޑުތައް އުފެދިފައިވަނީ ރާޅާއެކުގައި ކަމެވެ. މަތިމައްޗަށެވެ. އޭގެމައްޗަށް ވާރޭ ވިލާތަކެވެ. މިކަމުން ދަލީލުކޮށްދެނީ، ރާޅަކީ ކަނޑުން އުފެދިދާ އެއްޗެއްކަމާއި، ކަނޑުއަޑިން އުފެދޭ ރާޅު، މަތިން، ވާރޭވިލާގެ ދަށުން ފެންނަ ކަމެވެ. ކަނޑުއަޑީގައި ރާޅުއުފެދޭކަން، މިޒަމާނުގައި ކަނޑުގެ ތަހުލީލުކުރާ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ. ރާޅުއުފެދެނީ، ކަނޑުގެ އެންމެ އަޑީގައި ދައުރުވާ ފެން އެހެން އެއްޗަކާ ކުރިމަތިލާން ޖެހިއްޖެ ޙާލަތެއްގައެވެ. ފެންދައުރުވަމުންދާ ނިޒާމަށް މިކަމުން ލޮޅުން އަރައެވެ. އަދި ބާނިތަކެއް އުފައްދައެވެ. މިބާނިތައް ނުވަތަ ރާޅުބާނިތައް އެތައް ގަޑިއިރަކަށް ދެމިގެންދެއެވެ. އެހައިބާރުމިނެއްގައެވެ. ބައެއް ޙާލަތުގައި އެފަދަ ރާޅުބާނި 10 ކިލޯމީޓަރަށް ދަތުރު ކުރެއެވެ.
(6) ވިލާ އުފެދުން
ވިލާގެ އަޞްލާބެހޭގޮތުން ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވާ އެންމެ މުހިންމު އެއްއާޔަތަކީ، ނޫރު ސޫރަތުގެ 43 ވަނައާޔަތެވެ. އެއާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ.
أَلَمْ تَرَ أَنَّ ٱللَّهَ يُزْجِى سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ
"ހަމަކަށަވަރުން، ﷲ ވިލާ ހިންގަވާތީ، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެވިލާތައް އެއްކުރައްވަތެވެ. ދެން މަތިމައްޗަށްހުންނަ ވިލާތަކެއްކަމުގައި ލައްވަތެވެ. ފަހެ، އެވިލާތަކުގެތެރެއިން ވާރޭނުކުމެގެން އަންނާތީ ކަލޭގެފާނުދެކެވަޑައިގަންނަވާނޫ އެވެ. އަދި، އުޑުގައިވާ، ފަރުބަދަތައްފަދަ ބިޔަވިލާތަކުން އެކަލާނގެ ގަނޑުފެން ވެއްސަވަތެވެ. ފަހެ، އެކަލާނގެއިރާދަކުރައްވާ މީހެއްގައި އެ ޖައްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން އެ ދުރުކުރައްވަތެވެ. އޭގެ ވިދުވަރުގެ އަލިގަދަކަމުން، ލޯތަކުގެ ފެނުން ގެންދިއުމާ ގާތްކުރެއެވެ."
މިއާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވައި ވަޙީކުރައްވާފައި އެވަނީ ޙައިރާންކަމުން ފުރިގެންވާ ޢަޖައިބެކެވެ. އެއީ ގުގުރިޖަހައި ވިދުން އުފެދޭވިލާތައް އުފެދިފައިވާގޮތް ނުވަތަ އުފެދޭގޮތް ބަޔާންކޮށްދެއްވުމުންނެވެ. ގުގުރުމާއި ވިދުން އުފައްދާ ވިލާތައް އުފެދެނީ، ކުދި ވިލާތައް އެކުގައި ވަޔާ ކޮއްޕާލުމުންނެވެ. އާޔަތުގައި ހާޟަކުރައްވާފައިވަނީ ވިލާތައް އެއްކުރައްވާ ވާހަކައެވެ. އަދި މަތިމައްޗަށް ވިލާތައް ލައްވާ ވާހަކައެވެ. މިއީ އަޞްލު އެކަން ހިނގާ ގޮތެވެ. ކުދި ވިލާތައް އެކުވާ ވަގުތު، އެވިލާތައް މަތިމައްޗަށް އެތުރިގެން ދެއެވެ.
ވާރޭވިލާ އުފެދުމާބެހޭ ޙަޤީޤަތްތަކާއި އަޞްލު ހޯދުމަށްޓަކައި މިވޭތުވެދިޔަ ދެތިން ޤަރުނުގެ ތެރޭގައި، މޫސުމާބެހޭ މާހިރުން ކެނޑިނޭޅި މަސައްކަތްކޮށްފައި ވެއެވެ. ސުޢޫދީ ޢަރަބިއްޔާގައި، 7 ވަނަޤަރުނުގެ ތެރޭގައިވެސް ވިލާތަކުގެ އުފެދުމާއި ވާރޭވެހުމާބެހޭ މަޢުލޫމާތުން އެނގިފައިވަނީ ވަރަށް މަދު އެއްޗެކެވެ.
(7) ފަރުބަދައިގެ ބަށްޓަން
އިންސާނާގެ ލޮލަށް ފެންނަ ފެނުމުގައި، ޢާންމު ފަރުބަދަތައް އުފެދިފައިހުންނަކަމަށް ފެންނާނީ ޕިރަމިޑެއްގެ ބަށްޓަމުގައެވެ. އެހެންނަމަވެސް، ޙަޤީޤަތުގައި، ފަރުބަދައިގެ ބަށްޓަމަކީ ތަފާތުގޮތަކަށް އުފެދިފައި އޮންނަ އެއްޗެކެވެ. އަޅުގަނޑުމެންނަށް މަތިން ފެންނަ ފެނުމުގައި ފަރުބަދައަކީ ގަނޑުފެންގަނޑެއް ނުވަތަ ގަހެއްފަދަ އެއްޗެކެވެ. ގަސްގަހާގެހި ފަދައިން ފަރުބަދައިގާވެސް މޫ ހުރެއެވެ. މި މޫތައް ބިމުއަޑީގައި ފެތުރިގެން ވެއެވެ. އަދި ކަޑަތަކެއްފަދައިން، ފަރުބަދަ ހިފެހެއްޓުމުގައި އެހީތެރިވެދެއެވެ. ފަރުބަދަތަކުގެ އަޞްލު އުފެދުން ސައިންސުން ހޯދިފައިވަނީ ދާދިމިދާކަށް ދުވަހުއެވެ.
ކީރިތި ޤުރުއާނުގެ އައްނަބާ ސޫރަތުގެ 6 އަދި 7 ވަނ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވައި އަންގަވައިފާ ވެއެވެ.
أَلَمْ نَجْعَلِ ٱلأَرْضَ مِهَاداً ﴿٦﴾ وَٱلْجِبَالَ أَوْتَاداً ﴿٦﴾
"ތަންމައްޗެއްކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟ އަދި، (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއްކަމުގައި، ތިމަން ރަސްކަލާނގެ ފަރުބަދަތައް ނުލައްވަން ހެއްޔެވެ؟" ފަރުބަދައާ ބެހޭގޮތުން ކީރިތި ޤުރުއާނުގެ އަންނަޙްލު ސޫރަތުގެ 15 ވަނަ އާޔަތުގައި، އެކަލާނގެ އިތުރަށް ވަޙީކުރައްވާފައި ވެއެވެ.
وَأَلْقَىٰ فِى ٱلأَرْضِ رَوَاسِىَ أَن تَمِيدَ بِكُمْ وَأَنْهَاراً وَسُبُلاً لَّعَلَّكُمْ تَهْتَدُونَ
"އަދި، ތިޔަބައިމީހުނައިގެން އެބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި، ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް މަގު އެނގުމަށްޓަކައެވެ."
މަތީގައިވާ އާޔަތްތަކުން އެނގި ސާބިތުވާގޮތުގައި، ފަރުބަދަތައް ލެއްވިގެންވަނީ، ބިމުގެ ތޮޅުން ހުއްޓުވުމަށްޓަކައެވެ. މިއީ ޙަޤީޤަތެއްކަން އެނގޭހިނދު، ތަންދޮރުނުދަންނަ ބަޔަކަށް މީލާދީން ހަސަތޭކައިގެ އަހަރުތަކުގައި، ﷲ ގެ ވަޙީ ބަސްފުޅާލައިގެން މެނުވީ، މިފަދަ މަޢުލޫމާތެއް ނޭނގޭނެކަން ޤަބޫލުކުރަން ޖެހެއެވެ.
(ނިމުނީ)