ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އާބޭގެ ގައިކޮޅަށް ބަޑިޖަހައި އަވާރަކޮށްލައިފި

ޝިންޒޯ އާބޭގެ ހަށިކޮޅަށް ބަޑިޖެހުމުން އޭނާ ވެއްޓިވަޑައިގެންފައި

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އާބޭ، ޖަޕާނުގެ ހުޅަނގުގައި އޮންނަ ނާރާ ޕްރިފެކްޗާގައި އޮތް ކެންޕޭން އެއްވުމެއްގައި މިއަދު ވާހަކަފުޅުދައްކަންވަން ހުންނަވަނިކޮށް މީހަކު އޭނާގެ ހަށިކޮޅަށް މީހަކު ބަޑިޖަަހައި އަވަހާރަކޮށްލައިފިއެވެ.

ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ކުރީގެ ލީޑަރު ގެންދެވީ ހައުސް އޮފް ކައުންސިލާސްގެ އިންތިޚާބަށް ކެންޕޭންކުރައްވަމުންނެވެ. މާދަމާ (ޖުލައި 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަޕާނުގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮޮފް ކައުންސިލާސްގެ އިންތިޚާބުގައި 125 ގޮނޑިއަށް 545 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޖަޕާނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ބަޑީގެ އަޑާއެކު އޭނާ ވެއްޓިވަޑައިގަތްއިރު، އޭނާގެ ކަށިކޮޅުން ލޭފޮދު ފައިބައެވެ. ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ފުރަގަހުން އޭނާގެ ހަށިކޮޅަށް ތިން ވަޒަން ޖަހާފައި ވެއެވެ.

ވަޒަން އަރާފައިވަނީ އޭނާގެ މޭފުޅާ ދިމާއަށް ކަމަށް ބައެއް ޚަބަރުތައް ބުނާއިރު، އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާ ވަނީ ހޭފުޅުނެެތިފައެވެ. އަދި އޭނާގެ ވިންދު ނެތެވެ.

އާބޭ އަވަހާރަވެފައި ވަނީ މިއަދު ހެނދުނު 11:30 (ރާއްޖޭ ގަޑިން ހެނދުނު 7:30) ހާއިރު އޭނާގެ ގައިކޮޅަށް ބަޑިޖެހިތާ 6 ގަޑިއެއްހާއިިރު ފަހުންނެވެ. އޭނާ އަވަހާރަވެފައި ވަނީ، އޭނާގެ ފުރާނަ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް، ނާރާ މެޑިކަލް ޔުނިވަސިޓީ ހޮސްޕިޓަލުގައި މިއަދު ހަވީރު 5:03 (ރާއްޖޭ ގަޑިން މެންދުރު ފަހު 1:03) ގައެވެ.

ފުލުން ވަނީ ބަޑިޖެހިކަމުގެ ތުހުމަތުގައި 42 އަަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. އަދި ފުލުން ވަނީ އޭނާގެ އަތުގައި އޮތް ބަޑި އަތުލާފައެވެ. ޚަބަރުލިބޭ ގޮތުގައި އާބޭ އަވަހާރަކޮށްލަން އޭނާ ބޭނުންކުރީ އަމިއްލައަށް ހަދާފައިވާ ބަޑިއެކެވެ.

ޖަޕާނަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭން، ބަޑި ކޮންޓުރޯލުކުރުމުގައި އެންމެ ހަރުކަށި އުސޫލުތައް ގެއްގުޅޭ އެއް ގައުމެވެ.

އުމުރުފުޅުން 67 އަހަރުފުޅުގެ އާބޭ އަކީ ޖަޕާނުގައި އެންމެ ދިގުމުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އޭނާވަނީ 2006 އިން 2007 އަށް އަދި 2012 އިން 2020 އަށް ބޮޑުވަޒީރުގެ މަގާމު ފުރުއްވާފައެވެ. 2020 ވަނަ އަހަރު އޭނާ އިސްތިއުފާދެއްވީ ސިއްހީ ހާލުކޮޅު ހުރިގޮތުންނެވެ.

ބޮޑުވަޒީރުކަމުގެ މަގާމު ދޫކޮށްލެއްވުމަށް ފަހުވެސް އޭނާއަކީ އެލްޑީޕީގެ ތެރޭގައި ނުފޫޒުގަދަ ބޭފުޅެކެވެ. އަދި ޕާޓީގެ މައި އެއް ފެކްޝަން ކޮންޓުރޯލުކުރައްވަނީ އޭނާއެވެ.

ބޮޑުވަޒީރު ފޫމިއޯ ކިޝީޑާ ވިދާޅުވީ ލިބިވަޑަައިގަތް ހިތާމައާމެދު އެއްޗެއް ބުނެވޭ ވަރަށް ވުރެ އެ ހިތާމަބޮޑުކަމުގައެެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވީ އާބޭ އަވަހާރަވިޔަސް، މާދަމާ ބާއްވަން ހަމަޖެހިފައިވާ އިންތިޚާބު ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ކުރިއަށް ދާނެ ކަަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.