
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގުނީ ޓެކްޓިކަލް އޮޅުމެއް އަރައިގެން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
އެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އަލީ ޝުޖާއު ވިދާޅުވީ އާންމުންގެ ތެރެއިން ދަނޑަށް ވަން ބަޔަކު ވަނީ، ދަނޑުން ބޭރުގައި އާންމުންނަށް ނަސޭހަތްދީ ބަޔަކު ވިސްނައިދިން ވިސްނުމެއްގެ ސަބަބުން ކަމަށެވެ.
"ދަނޑަށް ވަން މީހުން ބައެއް ތަކެއްޗާއި މީހުންނަށް ހަމަލާ ދިން ނަމަވެސް ބޮޑު އަނިޔާއެއް އެއްވެސް މީހަކަށް ނުލިބޭ. އެކަމަކު އެ ދުވަހު އެމީހުން ދަނޑަށް ވަން އިރު ދަނޑުގައި ބޭރުގެ ފަސް ޑިޕްލޮމެޓަކާއި ސަރުކާރުގެ އިސް ބައެއް ވެރިންނާ ކުޑަކުދިން ތިބި." ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުން މިހާރު ހައްޔަރު ކުރަމުން ދާ މީހުންނަކީ، އެ އިވެންޓަށް ވަދެ ހަމަނުޖެހުން ހިންގާ ހެދުމުން ހައްޔަރު ކުރާ މީހުން ކަމަށާއި އެއީ ދީނީ ގޮތުން ޔޯގާ އާ ގުޅިގެން އެކި ފަރާތްތަކުން ނެރެފައިވާ ފަތުވާތަކާ ގުޅިގެން ކުރާ ކަމެއް ނޫން ކަމަށެވެ.
ޝުޖާއު ވިދާޅުވީ މީގެ ކުރިން މާ ރަނގަޅަށް، މާ ޕްރޮޕެޝަނަލްކޮށް ކްރައުޑްތައް ކޮންޓްރޯލްކޮށްފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު އެކަން ދިމާވީ ގޯސްކޮށް ކަމަށެވެ. އަދި ސެކިޔުރިޓީ ބްރީޗް ވި ގޮތުގެ ވާހަކަ މިވަގުތު ނުދައްކަވާނެ ކަމަށާއި ނަމަވެސް ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މިހާރު ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.