އިންޑިޔާގައި ސްޓޭޓު ގާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވުމަށް އާއްމު އިންތިޚާބު ބޭއްވި ފަސް ސްޓޭޓުގެ ތެރޭން ހަތަރު ސްޓޭޓްގެ އިންތިޚާބު ވެރިކަންކުރާ ހިންދޫ ވަޠަނީ ޕާޓީ، ބާރަތިޖާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކާމިޔާބުކޮށްފިއެވެ. މިއިންތިޚާބުތަކުގައި އިންޑިޔާގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ބީޖޭޕީގެ މަގާމު ވަރުގަދަ ކުރިއިރު، އިދިކޮޅު އިންޑިޔަން ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް-އައި) ޕާޓީގެ މަގުބޫލުކަން ވަނީ އިތުރަށް ކުޑަވެގެން ގޮސްފައެވެ. ކުރިން ހަމައެކަނި ނިއުދިއްލީގައި ވެރިކަންކުރަމުން އައި އާމް އާދަމީ ޕާޓީ (އޭއޭޕީ) އިން ވަނީ މިއިންތިޚާބުގައި ކޮންގްރެސް ފަހަތަށް ޖައްސާލާފައެެވެ.
އުއްތަރް ޕްރަދޭޝް، ޕަންޖާބް، ގޯއާ، މަނީޕޫރް އަދި އުއްތަރާކަންޑްގައި ފެބްރުވަރީ 14 އިން މާރިޗު 5 އަށް ކުރިއަށް ދިޔަ އިންތިޚާބުތަކުގެ ނަތީޖީ އިއުލާންކުރިއިރު، ބީޖޭޕީން ވަނީ އެޕާޓީން ވެރިކަންކުރަމުން އައި ހަތަރު ސްޓޭޓުގެ ވެރިކަން ދަމަހައްޓާފައެވެ. އަދި ޕަންޖާބުގައި ކުރިން ވެރިކަމުގައި އޮތް ކޮންގްރެސް-އައި ފަހަތަށް ޖައްސާލައި އޭއޭޕީން ވަނީ އެ ސްޓޭޓް ކާމިޔާބުކޮށްފައެވެ. ބީޖޭޕީން އުއްތަރް ޕްރަދޭޝްގައި ހޯދި ކާމިޔާބީއާއެކު އެ ޕާޓީ ވެފައިވަނީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެ ސްޓޭޓުގެ ވެރިކަމުގައި އޮވެ އިންތިޚާބެއް ކާމިޔާބުކުރި ފުރަތަމަ ޕާޓީއަށެވެ.
ރޭ އިއުލާންކުރި ނަތީޖާތަކަށް ބަލާއިރު، ބީޖޭޕީ ވަނީ އުއްތަރް ޕްރަދޭޝްގެ ގާނޫނުހަދާ މަޖިލީހުގެ 403 ގޮނޑީގެ ތެރޭން 273 ގޮނޑި ކާމިިޔާބުކޮށްފައެވެ. މިއީ، 2017 ވަނަ އަހަރުގެ އިންތިޚާބުގައި އެ ޕާޓިން ކާމިޔާބުކުރި 302 ގޮނޑިއަށްވުރެ މަދު އަދަަދެއް ނަަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެެ ޕާޓީން ގެންގުޅުނު ސިޔާސަތަށް ކުރިމަތިވި ފާޑުކިއުންތަކާއެކުވެސް ވެރިކަން ދެމެހެއްޓުން އެއީ އެ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އުއްތަރް ޕްރަދޭޝްގައި ކޮންގްރެސް ޕާޓީއަށް ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ.
ބީޖޭޕީން ވަނީ ފާއިތުވި ދައުރުގައި ވެސް އެ ޕާޓީން ވެރިކަން ކުރަމުން އައި ގޯއާ، މަނީޕޫރް އަދި އުއްތަރާކަންޑްގެ އިންތިޚާބުވެސް ކާމިޔާބުކޮށްފައެވެ. ގޯއާގެ ގާނޫނުހަދާ މަޖިލީހުގެ 40 ގޮނޑީގެ ތެރޭން 20 ގޮނޑި ބީޖޭޕީއަށް ލިބުނުއިރު، މަނީޕޫރްގެ 60 ގޮނޑީގެ ތެރޭން ބީޖޭޕީން ވަނީ 32 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި 70 ގޮނޑީގެ ތެރޭން ބީޖޭޕިއަށް ވަނީ 47 ގޮނޑި ލިބިފައެވެެ.
ހައިރާން ކުރުވަނިވި ގޮތަކަށް ޕަންޖާބުގައި ވެރިކަމުގައި އޮތް ކޮންގްރެސް ޕާޓީ ބަލިކޮށް އެ ސްޓޭޓުގެ އިންތިޚާބު ކާމިޔާބުކުރީ އޭއޭޕީންންނެެވެ. އޭއޭޕީން ވަނީ ޕަންޖާބުގެ ގާނޫނުހަދާ މަޖިލީހުގެ 117 ގޮނޑީގެ ތެރޭން 92 ގޮނޑި ކާމިޔާބުކޮށްފައެވެ. ކުރީ ދައުރުގައި 77 ގޮނޑިއާއެކު އަޣުލަބިއްޔަތު އޮތް ކޮންގްރެސް ޕާޓީއަަށް މިފަހަރު ލިބުނީ އެންމެ 18 ގޮނޑިއެވެ.
މި އިންތިޚާބުގައި ބީޖޭޕީ އިތުރަށް ވަރުގަދަވެގެން ދިޔައިރު، ގާންދީ އާއިލާގެ ސިޔާސީ ނުފޫޒު ދަމަހައްޓަމުން އައި ކޮންގްރެސް ޕާޓީއަށް އިންޑިޔާގެ ސިޔާސީ މައިދާނުގައި ވަރުގަަދަ ޕާޓީއެެއްގެ ގޮތުގައި އޮވެވިދާނެ ކަމާމެދު ވަނީ ސުވާލުއުފެދިފައެވެ. އޭއޭޕީ ފަދަ ކުޑަ ސަރަހައްދީ ޕާޓީއަކުން ވަނީ ޕަންޖާބުފަދަ ބޮޑު ސްޓޭޓެއްގައި ކޮންގްރެސް ލަދުގަންނަވާލާފައެވެ.