"އިންޑިއާ އައުޓް" ހަރުއަޑުން ގޮވައި، މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް، ރަށްރަށަށް ދަތުރުކޮށް، ކައުންސިލްތަކަށް ވިސްނައިދީ، މަގުމައްޗަށް ކަރުދާސްއަޅައި، އިންޑިއާ އައުޓްކޮށްލުމަށް ކުރެވޭ މަސައްކަތަކީ، ފުންކޮށް ވިސްނާލަންޖެހިއްޖެ ކަމަކަށް ވެއްޖެއެވެ. އިންސާނާ ކުރާ ކޮންމެ ކަމެއްގައިވެސް މަޤްޞަދެއް އޮވެއެވެ. ރަނގަޅުނަމަވެސް އަދި ނުބައި ޙީލަތްތެރިނަމަވެސް، މަޤްޞަދެއް އޮވެގެންނޫނީ، އިންސާނުން އެކަހަލަ ކަންކަން ކޮށެއްނޫޅެއެވެ. އިންޑިއާ އައުޓް ޙަރަކާތުގެ ބޭނުމާއި މަޤްޞަދު އެކިމީހުން މިނާނީ އެކިނާޅިންނެވެ. އެއީ ސިޔާސީ މަޤްޞަދެއްކަމުގައި އެއްބަޔަކު ދެކޭއިރު، އަނެއްބަޔަކު ބުނާގޮތުގައި އެއީ އިންޑިއާއާ ދިމާލަށް ގޮވާ އެއްޗެއްނޫނެވެ. އެއީ ސަރުކާރު ބަލިކަށިކޮށްލުމަށްޓަކައި ސަރުކާރާ ދިމާލަށް ގޮވާ އެއްޗެކެވެ. މާބޮޑަށް އިންޑިއާ އާގާތްވެގެން އުޅޭތީއެވެ.
މިދުވަސްވަރު، މިހާރުގެ ސަރުކާރުން، އިންޑިއާއާ ގާތްވެގެން އުޅޭއިރު، ޗައިނާގެ ޚާރިޖީވަޒީރު ރާއްޖެވަޑައިގެން، އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައި އެވަޑައިގަތީ ދާދި މިދާކަށް ދުވަހުއެވެ. މިއީ މެދުމިންވަރެއްގެ ޚާރިޖީގުޅުމެއްގެ އަސާސެވެ. ކޮންމެ ޤައުމަކާއެކުވެސް ގުޅުން ދެމެހެއްޓުމެވެ. އިންޑިއާ އައުޓޭ މިހާރު ގޮވާ މީހުން ސަރުކާރުގައި ތިބިދުވަސްވަރު، އެއީ ޗައިނާއާ ގާތްދުވަސްވަރެކެވެ. އިންޑިއާގެ އިތުރަށް ދުނިޔޭގެ ބައެއް ޤައުމުތަކާއެކު ގުޅުން ދެމެހެއްޓިފައެއް ނެތެވެ. އޭގެބަދަލުގައި ގުޅުންތައްއޮތީ ކަނޑައި ލެވިފައެވެ. އޭގެ ތެރޭގައި ޤަތަރާއި ބައިނަލްއަޤްވާމީ ޖަމާޢަތެއްކަމުގައިވާ ކޮމަންވެލްތު ހިމެނެއެވެ. އިންޑިއާ އައުޓޭ މިހާރުގޮވާމީހުން، ކުރީ ސަރުކާރުން ޗައިނާއާ ގުޅުން ހިންގިއިރު، ޗައިނާ އައުޓޭ ކިޔައިގެން ބަޔަކު އަޑެއް ނުއުފުލައެވެ. އެހެނަސް އޭރު، ޗައިނާނޫން އެހެންބަޔަކު ނެތެވެ. އިންޑިއާއެއް ނެތެވެ. މިހާރު ޗައިނާވެސް އެބައޮތެވެ. އަދި އިންޑިއާވެސް އެބައޮތެވެ. އެހެންކަމަށްވަންޏާ ވެގެންމިއުޅޭގޮތެއް ސާފުވާން އެބަޖެހެއެވެ.
އިންޑިއާ ދުރުކޮށް ޗައިނާ އިންކޮށްގެން އުޅުނުއިރު ބްރިޖެއް އެޅުނެވެ. އަދި ނުނިމެއެވެ. ހިޔާފްލެޓްގެ ބައެއް ހެދުނެވެ. އެހެންނަމަވެސް މިއީ ބިޔަ ދެ މަޝްރޫޢުކަމަށްވިޔަސް، އޭގެތެރޭގައި ކަރަޕްޝަން ހިމެނޭކަމަށް ގިނަބަޔަކު ދެކެއެވެ. މިއީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް އެންމެ ކަންބޮޑުވާ އެއްކަމެވެ. ލޯނުތަކުގެ ފައިސާ އާ ބެހޭ މުޢާމަލާތުތަކުގައި ކަރަޕްޝަން ހިމެނިފައި އޮންނާތީއެވެ. ޕްރޮޖެކްޓްތައް ނިންމަންޖެހޭ ހިސާބަށް ނުނިމި، ހުއްޓެންދިމާވާ އެންމެ ބޮޑު އެއްސަބަބަކީވެސް އެއީއެވެ. ޕްރޮޖެކްޓް ނިންމޭވަރަށް ނަގާ ލާރި ކެވި، ނުނިމެނިސް ހުސްވަނީއެވެ. ބައެއްމީހުން ބުނާގޮތުގައި ރާއްޖެ ޗައިނާއަށް ދަރާފައި އޮތީ 3.1 ބިލިއަން ޑޮލަރުންނެވެ. ޗައިނާއިން ބުނަނީ 1.1 ބިލިއަން ކަމުގައެވެ. ޢާންމު މީހާއަށް މިހިސާބުތައް ދިމާކުރާކަށް ނޭނގެއެވެ. ބައިނަލްއަޤަވާމީ މާލީ އިދާރާތަކަށް އެހިސާބުތައް ދިމާކުރަން ނޭނގިގެން އުޅޭއިރު، އެއީ އަޖައިބުވާންވީ ކަމެއްނޫނެވެ. އިޤްތިޞާދީ އަޅުވެތިކަމެއްގައި އެހުރިހައިކަމެއްވެސް ހުންނާނީ ގުޅިފައެވެ.
އިންޑިއާ އައުޓްކުރަން އުޅެގެންވެދާނެގޮތަކާމެދުވެސް އެބަ، ވިސްނަން ޖެހެއެވެ. އިންޑިއާ އައުޓްކޮށްފައި ނުވަތަ ދުރުކޮށްފައި ޗައިނާ އިންކުރީމަވީގޮތް ސާފުވާން އެބައޮތެވެ. ބްރިޖެއް ލިބުނެވެ. ދަރަނިތަކެއް ބޮލުއަޅަން ޖެހުނެވެ. ޗައިނާއިން، އިޤްތިޞާދީގޮތުން ދުނިޔެއަށް އަތްގަދަކުރުމަށްޓަކައި، ގެންގުޅޭ ސިޔާސަތަކީވެސް ވިސްނާލަން ޖެހޭ ކަމެކެވެ. ބޭނުންޖެހިފައިވާ ބަޔެއްގެ މުހުތާދު ފުއްދައިދިނުމަކީ ރަނގަޅުކަމެކެވެ. އެހެންނަމަވެސް، އޭގެ މަޤްޞަދަކީ، ކުރިންވެސް ދެންނެވިފަދައިން، އަދި މާބޮޑަށް ވިސްނައި ފިކުރުކުރަންޖެހޭ ކަމެކެވެ.
އިޤްތިޞާދީގޮތުން ޗައިނާއަކީ ބޮޑުބާރެކެވެ. އެތައްބަޔަކަށް އިޤްތިޞާދީގޮތުން އެހީތެރިވެދޭ ބަޔެކެވެ. މިއީވެސް، ޗައިނާއާމެދުވެސް އަދި އިންޑިއާއާމެދުވެސް ވިސްނަންޖެހޭ ކަމެކެވެ. އިޤްތިޞާދީ އަޅުވެތިކަމަކީ، އެހެންކަންކަމަށްވުރެ ވަކި ސަހަލު އަޅުވެތިކަމެއްނޫނެވެ. ދުނިޔޭގެ 165 ޤައުމަކުން ޗައިނާއަށް އޮތީ ދަރައި ވިކިފައެވެ. ފަގީރު އަދި ތަރައްޤިވަމުން އަންނަ 42 ޤައުމެއް އޭގެތެރޭގައި ހިމެނެއެވެ. މި 42 ޤައުމުން 385 ބިލިއަން ޑޮލަރު ޗައިނާއަށް ދަރާފައި އެބައޮތެވެ. މި 42 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. މިޤައުމުތަކުން ދަރާފައިވަނީ، އެޤައުމުތަކުގެ އުފެއްދުންތެރިކަމުގެ މިންގަނޑުން ބަލާއިރު، 10 އިންސައްތަޔަށްވުރެވެސް ބޮޑު ޢަދަދެކެވެ. 2000 ވަނައަހަރާ 2017 ވަނައަހަރާ ދެމެދު، ދުނިޔޭގެ 165 ޤައުމަކަށް، 13 ހާސް ޕްރޮޖެކްޓަކަށް 843 ބިލިއަން ޑޮލަރު ޗައިނާއިން ދަރަންޏަށް ދީފައިވެއެވެ. މިޢަދަދަކީ، ބައިލަންއަޤްވާމީ މާލީ އިދާރާތަކުން އަންދާޒާ ކުރާގޮތުގައި ރަނގަޅު ޢަދަދެއްނޫނެވެ. މިހާރަކަށް އައިސް، ޗައިނާ ސަރުކާރުން ލޯނު ދިނުމުގެ ބަދަލުގައި، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށްވެސް ޤައުމުތަކަށް ލޯނު، އެބަދެއެވެ. އެއީ ޗައިނާ ސަރުކާރުންދޭ އެއްޗެއްގެ ގޮތް ކަނޑުވައިލުމަށްޓަކައެވެ. މާލީ އިދާރާތަކުން އެއަށްކިޔަނީ ސިއްރު ލޯނެވެ. މިފަދަ ސިއްރު ލޯނުގެ ގޮތުގައި 385 ބިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އެހިސާބުތައް ޗައިނާ ސަރުކާރުގެ މާލީ ފަތްފުއްތަކުން ފެންނާކަށް ނުހުރެއެވެ. އެހެނީ އެފަދަ ލޯނުދީފައިހުންނަނީ، ޗައިނާ ސަރުކާރުން ޚަރަދުކޮށްގެން، ޗައިނާގެ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް މެދުވެރިކޮށްގެންނެވެ. ސީދާ ސަރުކާރަކުންނޫނެވެ.
ރާއްޖޭގައި ކުރިން އޮތް ސަރުކާރަށް ވާގިވެރިވާ، ރިސޯރޓްތަކެއް ހިންގާ މަހުޖަނަކަށްވެސް މިފަދަލޯނެއްވަނީ ދީފައެވެ. ޗައިނާގެ އެގްޒިމްބޭންކުން އެދިން 127.5 މިލިއަން ޑޮލަރުގެ ލޯނަކީ، ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި، ދިވެހިސަރުކާރުގެ ސްވެރިންގ ގެރެންޓީއަކަށް އެވިޔަފާރިވެރިޔާއަށް ދީފައި އޮތް ލޯނެކެވެ. މިލޯނަށް ފައިސާ ނުދެއްކުމުން އެފައިސާ ދައްކަން ޖެހޭނީ ސަރުކާރުންނެވެ. މިލޯނަށް އަނބުރާ ދައްކަންޖެހުނު 10 މިލިއަންޑޮލަރު ނުދެއްކުމުން، އެމައްސަލަވަނީ ފެންމަތިވެފައެވެ. ރައްޓެހިންގެ އެކައުންޓަށް މިލިއަނުން ޑޮލަރު ޖަމާކޮށްދޭއިރު، ސަރުކާރުގެ ގެރެންޓީއަކަށް ނަގާފައި އޮންނަ ލޯނަކަށް ފައިސާ ދައްކަންވީމަ ލާރިނެތުމަކީ އަރަތެކެވެ. މިބާވަތުގެ އެތައް ލޯނެއް، ދުނިޔޭގެ އެކިޤައުމުތަކުގެ ވިޔަފާރިވެރިންނަށް، ޗައިނާ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ޗައިނާއިންވަނީ ދީފައެވެ. މިހުސްވި 2020 ވަނައަހަރު ނިމުމުގެ ކުރިން، ދިވެހި ސަރުކާރުން 117 މިލިއަން ޑޮލަރު ޗައިނާއަށް ދައްކަންޖެހިފައި އޮތެވެ. ރާއްޖެއިން ޗައިނާއަށް ދައްކަން އޮތް ދަރަނީގެ ޢަދަދު 3.4 ބިލިއަން ޑޮލަރަށް އަރާކަމަށް ބައެއްފަރާތަތަކުން ލަފާކުރެއެވެ. މިޢަދަދު ރަނގަޅަކަށް ސާފެއް ނުވެއެވެ. ޗައިނާއިން ބުނާގޮތުގައި އެއީ ރަނގަޅު ޢަދަދެއްނޫނެވެ. އަދި ލޯނުނުދައްކައިގެން، މިލްކިއްޔާތު ނަގާޙާލަތަކަށް ރާއްޖެޔެއް އަދި ނުދެއެވެ. އެހެންނަމަވެސް، ލަންކާގެ ހަންބަންޓޯޓާ ވިޔަފާރިބަނދަރު ހަދަން، ލަންކާ ސަރުކާރުން ޗައިނާއިން ނެގިލޯނު ނުދެއްކިގެން، އެ ބަނދަރު މިހާރު އެވަނީ، ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށްދީފައެވެ. ޒެމްބިއާގެ ބައިނަލްއަޤްވާމީ މައި އެއަރޕޯރޓް ހަދާފައިވަނީ ޗައިނާއިން ލޯނުނަގައިގެންނެވެ. ލޯނުދެއްކެން ނެތުމާގުޅިގެން، އެއަރޕޯރޓް މިހާރުވަނީ ޗައިނާއާ ޙަވާލުކޮށްފައެވެ. އެފްރިކާގެވެސް ފަޤީރު އެއްވެސް ޤައުމެއް، ޗައިނާއަށް ނުދަރައެއް ނެތެވެ. ރާއްޖެހިމެނޭ ދެކުނު އޭސިއާގައިވެސް އިންޑިއާފިޔަވައި ޗައިނާއަށް ނުދަރާ އޮތް ޤައުމެއް އޮތްހެނެއްހީއެއްނުވެއެވެ. އެކަމަކު، ދޭމީހަކު ދިނަސް، ދަރާނީވެސް ދަރަންޏަށް ފައިސާ ނަގައިގެންތާއެވެ !
ޗައިނާއިން ދަރަންޏަށްނެގި ލޯނުން، މާލެއާ ހުޅުމާލެއާ ދެމެދު ދަތުރުކޮށްލެވޭވަރަށް، ބްރިޖެއް ހެދިއްޖެއެވެ. ބްރިޖްގެ މަސައްކަތް އަދި ފުރިހަމައެއް ނުވެއެވެ. ހިޔާފްލެޓްގެވެސް ބަޔެއް ނިމުނެވެ. ދިވެހި، ރިސޯޓު ވިޔަފާރިވެރިޔާ، ދިވެހިސަރުކާރުގެ ސްވެރިންގ ގެރެންޓީލާފަ ޗައިނާއިން ނެގި ލޯނަށް ހަދާ ބޮޑު ރިސޯރޓުވެސް އެބަ ނިމެއެވެ. ދިވެހިރައްޔިތުން ޒިންމާވާގޮތަށް ސަރުކާރުން ސްވެރިންގ ގެރެންޓީހޯދައިގެން ނެގި އެލޯނަށް ދައްކަންޖެހޭ ފައިސާއެއް، ނުދައްކައިގެން އެމައްސަލަވެސް އޮތީ ފެންމަތިވެފައެވެ. ބައެއް ފަރާތްތަކުން ލަފާކުރާގޮތުގައި ޗައިނާއިން ދީފައިވާ ލޯނުތަކަށްބަލާއިރު، ދިވެހިކޮންމެ ރައްޔިތެއްގެ ބޮލަށް 8 ހާސް އެމެރިކާ ޑޮލަރުގެ ދަރަނި ޖެހެއެވެ. ދެންއޮތީ އިންޑިއާގެ ވާހަކައެވެ.
އިންޑިއާއަކީ ރާއްޖެއާ ކައިރީގައި އޮންނަ އަވަށްޓެރި ޤައުމެކެވެ. ޗައިނާގެ ނުފޫޒު ރާއްޖޭގެ އިޤްތިޞާދަށް އޮތްކަމަށް ފެނިގެން، އެކަމުން ރާއްޖެ ސަލާމަތް ކުރުމަށް ނުވަތަ އަމިއްލަ އެދުމަށް ކަމަށްވިޔަސް، އިންޑިއާއިން ދަނީ ރާއްޖެޔަށް އެހީތެރިވަމުންނެވެ. ޗައިނާގެ ލޯނުދައްކަންވެސް އިންޑިއާއިން ރާއްޖެޔަށްވަނީ އެހީތެރިވެދީފައެވެ. ފެންފޮދަކަށް ބޭނުންޖެހުނު ހިނދުވެސް، ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިވެދިނީ އިންޑިއާއެވެ. 1988 ގެ ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ސަލާމަތް ކޮށްދިނުމަށް އެންމެފުރަތަމަ ސިފައިން ފޮނުވީވެސް އިންޑިއާއިންނެވެ. ރާއްޖެ ސަލާމަތްކޮށްދޭން އައި އިންޑިއާ ސިފައިން އަހަރެއްހައި ދުވަހު ރާއްޖޭގައި ތިއްބެވެ. އެމީހުން އެތިބީ ރާއްޖެ ހިފުމުގެ ނިޔަތުގައޭ ކިޔައިގެން ވާހަކަ ދެއްކިބަޔަކު، އެދުވަހުވެސް އުޅުނެވެ. އެހެންނަމަވެސް، އެމީހުންވެސް ފައިބައިގެން ދިޔައެވެ. ރާއްޖެ ހިފާކަށް ނޫޅެއެވެ.
އިންޑިއާއަކީ، ދިވެހިންގެ އެތައްބަޔަކު ކޮންމެ ދުވަހަކުހެން ބޭސްފަރުވާ ހޯދަން، ގޮސް އައިސްވާ ތަނެކެވެ. ދިވެހި އެތައް ޢާއިލާއެއް ވަޒަންވެރިވެގެން އުޅޭ ތަނެކެވެ. ޗައިނާއަކީ، ދުރު، އެހެނަސް ވިޔަފާރީގެ ގުޅުންތަކެއް އޮތް ޤައުމެކެވެ. ދެޤައުމަކީވެސް، އެތާނގައި އުފައްދާ ތަކެތި ރާއްޖެޔަށް އެތެރެކުރާ ދެޤައުމެކެވެ. އިންޑިއާއިން ޢާންމުގޮތެއްގައި އެތެރެ ކުރަނީ ކާބޯތަކެއްޗާއި ބޭހެވެ. ޗައިނާއިން އެތެރެކުރަނީ، ދިރިއުޅުމަށް ބޭނުންވާ ތަކެއްޗާއި ގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާ ބައެއްބާވަތާއި ވިޔަފާރިއަށް ބޭނުންކުރެވޭ ސާމާނެވެ.
2021 ވަނައަހަރު، އިންޑިއާއިން ރާއްޖެ އެތެރެކުރި މުދަލަށްބަލާއިރު، ފާހަގަކޮށްލެވޭ ބައެއްބާވަތްތައް ތިރީގައި އެވަނީއެވެ. އަގު ޖަހާފައިއެވަނީ ސީއައިއެފް ގެ ނިސްބަތުން ދިވެހި ރުފިޔާއިންނެވެ. މާނަޔަކީ، ދިވެހި ރުފިޔާއިން، އޭގެއަގާއި އިންސޫރަންސް އަދި ފްރައިޓް ހިމެނޭ އަގެވެ.
ހަނޑޫ - 179 މިލިއަން ރުފިޔާ
ގޮދަންފުށް - 9 މިލިއަން ރުފިޔާ
ބޮޑުހިލަ (ތޮށިލާ) - 350 މިލިއަން ރުފިޔާ
ސިމެންތި - 50 މިލިއަން ރުފިޔާ
ބާސްމަތީ ރައިސް - 35 މިލިއަން ރުފިޔާ
ކަރާ - 24 މިލިއަން ރުފިޔާ
ހިލަވެލި - 61 މިލިއަން ރުފިޔާ
ގަސްހައްދާ ކާނާ - 3 މިލިއަން ރުފިޔާ
މަތީގައި އެވަނީ ބައެއް ބާވަތެވެ. ތަރުކާރީއާއި މޭވާގެ ބާވަތްތަކުންވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ތަކެތި އިންޑިއާއިން އެތެރެ ކޮށްފައި ވެއެވެ. ދިރިހުރުމަށް ބޭނުންވާ ކާބޯތަކެތީގެ ބޮޑުބައެއް އިންޑިއާއިން އެތެރެ ކުރެވެއެވެ. ބޭހުގެ ވަރަށްގިނަ ބާވަތްތައް އެތެރެ ކުރެވެއެވެ. ގެދޮރު ޢިމާރާތްކުރުމާ އަދި ރަށްރަށުގެ ތޮށިލުމަށް ބޭނުންވާ ބޮޑުހިލަ އާއި ހިލަވެއްޔާއި ސިމެންތީގެ ގިނަބާވަތްތަކެއް އެތެރެ ކުރެވެއެވެ. ކަންމިހެން އޮތް އިރު، އިންޑިއާ އައުޓްކޮށްލައިގެން ވާން އޮތްކަމަކަށް ހިސާބުތަކަކުން ނުދައްކައެވެ. ރާއްޖޭގެމައްޗަށް އިންޑިއާ ބާރުގަދަކުރާކަމަށް ވަންޏާ އެކަން ހަމަޖައްސަންވާނީ އެހެން ގޮތަކަށެވެ. މިނިވަންކަމަށް ބުރޫ އަރާކަމަށްވަންޏާ އެކަންވެސް ހަމަޖައްސާނީ އެހެން ގޮތަކަށެވެ. ދެބައިމީހުން ވަރުބަލިވަންދެން ތަޅާފޮޅައި، އައުޓްކޮށްލައިގެންނެއް ނޫންކަންނޭނގެއެވެ. ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭކަމެއް ކުރިމަތިވަންޏާ އެކަމެއް ހުއްޓުވައި ސަލާމަތްކުރުމަކީ، އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވާޖިބެކެވެ. އެކަން ނުކުރެވޭކަމަށް ވަންޏާ ސަރުކާރު އެއޮތީ ފެއިލްވެފައެވެ. އެކަން ކުރުމަށް ސަރުކާރު ފެއިލް ވެއްޖެކަމަށް ވަންޏާ، ރާއްޖޭގެ މިނިވަންކަން ސަލާމަތްކުރުމަށް ދިވެހި ރައްޔިތުން މަޑެއްކޮށެއް ނުތިބޭނެއެވެ. އޭރަށް އައުޓްކޮށްލާނީ ދެބައިމީހުން އެކީގައެވެ. އިޚުލާސްތެރިކަމެއްނެތި، ހަމަނުޖެހުން އުފައްދައި މަސްރަޙު ކިލަނބުކުރަން އުޅޭމީހުންނާއި އަމިއްލަ އެދުމަށް އުޅޭމީހުންނާ އެކީގައެވެ. އައުޓްކުރާ މީހުންގެ ވާހަކަ ދައްކާއިރު، ބަންގާޅު މީހުންގެ ވާހަކަވެސް ދައްކަން އެބަ ޖެހެއެވެ. ބަންގާޅުމީހުންގެ ފަރާތުން ރާއްޖެޔަށް ލިބޭ ގެއްލުން ވަކި ކުޑައެއްނޫނެވެ. ނުރައްކާވެސް ވަކި ކުޑައެއްނޫނެވެ. މިހާރުވެސް މާލޭގެބައެއް މަގުމަގުގައި ކުދި ފިހާރަތައްހިފައި، ބަންގާޅުގެ މަގެއްސިފަވާވަރަށް އެމީހުންގެ ހަން ފަތުރައިފިއެވެ. ކަންމަތީ ފިހާރަތައް އެމީހުންގެ އަތްދަށަށް ހިނގައްޖެއެވެ. މިޤައުމުގެ އިޤްތިޞާދަށް ބޭރުމީހުން ބޭނުންވާ ކަމަށްވަންޏާ، ބޭނުންވާ ޢަދަދަށް، ޤަވާޢިދުން އެތެރެކޮށްގެން، ވަޒީފާގައި ބިދޭސީން ގެންގުޅެންވީއެވެ. ބަންގާޅުމީހުންގެ ވާހަކަ ލިޔަން މިޖެހުނީ، އެޤައުމުގެ މީހުން ޤަވާޢިދާޚިލާފަށް ގިނަޢަދަދަކަށް، ރާއްޖޭގައި އުޅޭތީއެވެ. ވަގަށް އެތެރެވެ، ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއްނެތި އެއްވެސް ޤައުމެއްގެ މީހަކަށް މިޤައުމުގައި އުޅެވިގެންނެއް ނުވާނެއެވެ.
ބިދޭސީން ރާއްޖެޔަށް ވަގަށް އައިސް އުޅެވޭނީ، ކޮންމެވެސް ބަޔަކު އެމީހުން ރާއްޖެޔަށް ގެނައިމައެވެ. ނުވަތަ ޓޫރިސްޓުންގެ ގޮތުގައި އައިސް ފިލީމައެވެ. ރާއްޖޭގައި، ޤަވާޢިދާޚިލާފަށް އެންމެ ގިނައިން އުޅެނީ ބަންގާޅުމީހުންނެވެ. ރާއްޖޭގެ އިޤްތިޞާދުގައި ދިވެހިން ކުރަންހުންނަ މަސައްކަތް ހެޔޮއަގުގައި ކުރަމުން ގެންދަނީ، ވަގަށް އެތެރެވެގެން އުޅޭ ބަންގާޅުމީހުންނެވެ. މިމީހުން ވަގަށް، ރާއްޖެޔަށް އެތެރެކުރި ބަޔަކުވެސް ތިބޭނެއެވެ. އެމީހުން މިހާރު އެތިބީ، ރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި، އެތުދަތުން ފުޅަށްއަޅައިގެން މަޑުތަންމަތީ ނިދާށެވެ. ބަންގާޅުމީހުން، ރާއްޖެޔަށް އެންމެގިނައިން ވަގަށް އެތެރެކުރެވިފައިވަނީ، މިދިޔަ ސަރުކާރުގައެވެ.
ރާއްޖެޔަށް ވަގަށް އެތެރެވެގެން އުޅޭ ބަންގާޅުމީހުން، ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައި ހުރިހައިކަމެއް އެބަކުރެއެވެ. ހަމައެކަނި މާލޭގެ ހޮޓާ ތަކާއި ގެސްޓްހައުސްތައް ހިންގަނީކީ ނޫނެވެ. ޑޮލަރެއް މިލިބެނީ ބަންގާޅުމީހުން، ވިއްކާ އަގަކަށް ގަނެގެންނެވެ. އެވެސް ވަގަށެވެ. ރާއްޖޭގެ ދަނޑުތަކުގައި ހޭބޯނާރައި މަސައްކަތް ކުރަމުން އެގެންދަނީ ބަންގާޅުމީހުންނެވެ. ހެސްކިޔާފައި ބޭސްޖަހައިގެން ދަނޑުގައި އެތަކެތި ހައްދައިގެން މާލެފޮނުވަނީ ބަންގާޅުމީހުންނެވެ. މާލެއިން އެތަކެއްޗާ ޙަވާލުވެ މާލެތެރެޔަށް ވިއްކަނީ ބަންގާޅު މީހުންނެވެ. އެތަކެތި ވިއްކައިގެން ލިބޭލާރި އެދުވަހުން އެދުވަހަށް ބަންގާޅަށް ފޮނުވައެވެ. ޤަވާޢިދާޚިލާފަށެވެ. މިއީ އެހެންހުރިހައި ކަމަކަށްވުރެ ބޮޑު އަޅުވެތިކަމެކެވެ.
އެހެންނަމަވެސް، މިއީ ބޮޑުކަމެއްގެ ގޮތުގައި ބަލާ މީހަކު ނެތެވެ. އެމީހުން ޤަވާޢިދާޚިލާފަށް އެކުރާ މަސައްކަތްތަކުގެ ފަހަތުގައި، އެހީތެރިވުމަށް ދިވެއްސަކު އެބަހުރެއެވެ. އެމީހުން ބުރަ މަސައްކަތްކޮށްގެން ހޯދާ ލާރިން ކޮންމެވެސް މިންވަރެއްގެ އެތިކޮޅެއްދޭތީއެވެ. ރާއްޖޭގައި އުފެދިފައިވާ އިޤްތިޞާދުގައި މަސައްކަތްކުރާނެ މީހުން ބޭނުންވާކަމަށް ވަންޏާ، ގެންނާނެވަރަކަށް ބިދޭސީން ގެންނަންވީއެވެ. އެކަމަކު، ޤަވާޢިދާ އެއްގޮތަށެވެ. ޤަވާޢިދާޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވައިލުމަށްޓަކައި، އެހެން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މިހާރުގެ ސަރުކާރުން އެބަ މަސައްކަތް ކުރެއެވެ. މިއީ ބުރަކަމެކެވެ. ބަޔަކު ގެނެސް ޤަވާޢިދާ ޚިލާފަށް ރާއްޖެޔަށް އަޅާލާފައިތިބި ބަޔަކު ފޮނުވާލުމުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެއްގޮންޖެހުމަކީ، ޤަވާޢިދާޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ޙިމާޔަތުގައި ފަހަތުގައި ދިވެއްސަކު ހުންނަކަމެވެ. ދިވެހިންގެ ނަމުގައި ތަންތަން ރަޖިސްޓަރީ ކޮށްގެން ބަންގާޅުމީހުން މަސައްކަތްކުރާ އެތައްތަނެއް އެބަހުއްޓެވެ. އައުޓް ކުރަންވީ މިމީހުން ނޫން ކޮންބައެއް ހެއްޔެވެ! އިންޑިއާ އައުޓްކޮށްގެން ރާއްޖޭގެ މިނިވަންކަމާ އިޤްތިޞާދަށް ލިބެން އޮތް ފައިދާއާއި ލާބަޔަށްވުރެ އެތައްސަތޭކަ ގުނައެއް އިތުރަށް، ބަންގާޅުމީހުން އައުޓްކޮށްގެން ރާއްޖެޔަށް ފައިދާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ބަންގާޅުމީހުން، މަނީލޯންޑަރ ވެސް ކުރަނީއެވެ. ޑޮލަރުގެ ވަގުވިޔަފާރިވެސް ކުރަނީއެވެ. ޑްރަގްވެސް ވިއްކަނީއެވެ. ރާއްޖޭގައި ހައްދާ ތާރުކާރީއާއި މޭވާގެ ބާވަތްތަކުގެ އަގުވެސް ކޮންޓްރޯލް ކުރަނީއެވެ. އެއްދުވަހަކު ބަންގާޅުމީހުން، މޭވާއާއި ތަރުކާރީ ވިއްކާ ފިހާރަޔަކަށް ވަދެލީމެވެ. ދޮންކޭލުގެ އަގު އަހާލީމެވެ. ސޭޓަކަށްހުރި ބަންގާޅުމީހާ ބުނީ، ކިލޯއެއް 60 ރުފިޔާއަށް ކަމަށެވެ. އެތާ ހުއްޓައި ދެންއައި ބަންގާޅުމީހަކު ހަމަ އެކޭލުގެ އަގުއަހައިލިއެވެ. ސޭޓް ބުނީ "ތީސް ޓާކާ" އެވެ. ނުވަތަ ތިރީސް ރުފިޔާއެވެ. އެހެންވީމަ، އައުޓްކުރަންވީ އިންޑިއާ ހެއްޔެވެ. ނުވަތަ ބަންގާޅު ހެއްޔެވެ؟ ހަކުރު އަޑުބައިގަވެސް ދެކޮޅު އޮވޭނޫންތޯއެވެ؟ ދެކޮޅުނުޖެހޭ ކަންތައްކުރާނީ ތާކުންތާކުނުޖެހޭ މޮޔައިންނޫންތޯއެވެ؟