ފަޅިމޫނު - 132

(13 އޮކްޓޯބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މުސައްވިރު ބުނެލިއެވެ. "ތިޔައީ ރަނގަޅު ވާހަކައެއް. ދެމީހުންވެސް މުހިއްމު. އެހެންވީމާ މިހާރު މި އޮތީ މަކަރު ހެދުންވެސް މަޖުބޫރު ވެފައި."

"ދެން ނިކަން ބުނެބަލަ. ދަންނަބޭކަލަކު ދަންނަންތަ؟"

"އާނ. ބަންވަރީ ޓައުންގެ ކައިރީގައި ކުޑަ މިސްކިތެއް ހުރޭ. އެ މިސްކިތުގައި ތިޔަ ކަހަލަ ފަތުވާދޭ ދަންނަބޭކަލުން ތިބޭ."

"އެހެން ވެއްޖެއްޔާ އެތަނަށް ދާން ހިނގާ."

ދެ މީހުން ކާރުގައި ބަންވަރީ ޓައުން ކައިރީގައި ހުންނަ މިސްކިތަށް ހިނގައްޖެއެވެ. ކައިރީގައި ކާރު ބޭއްވުމަށް ފަހު ދެމީހުން ފައިބައިގެން ގޮސް މިސްކިތަށް އަރައިފިއެވެ. އެއީ ކުޑަވަރެއްގެ އިސްލާމީ މަރުކަޒެކެވެ. މިސްކިތުގައި ކުޑަކުދިންނާއި ޒުވާނުންނާއި މުސްކުޅިން އެކި ކަންކަމުގައި މަޝްޣޫލުވެގެން ތިއްބެވެ. ބައެއް މީހުން ޤުރްއާން ކިޔަވަނީއެވެ. އަނެއް ބަޔަކު ދީނީ މައްސަލަތަކާމެދު ވާހަކަ ދައްކައި މަޝްވަރާ ކުރަނީއެވެ.

މުސައްވިރު އެތަނުން ދަންނަބޭކަލަކާ ވާހަކަ ދެއްކިއެވެ. "އަޅުގަނޑުމެން މި އައީ މައްސަލައެއްގެ ހައްލެއް ފެނޭތޯ ދަންނަވައިލާން."

ކުރިމަތީން ފެންނާން ހުރި މާލަމަކަށް އިޝާރާތް ކޮށްފައި އެމީހާ ބުންޏެވެ. "އެތަނަށް ވަޑައިގަންނަވާ. ބޭނުންފުޅުވާ މައުލޫމާތު ލިބިވަޑައިގަންނަވާނެ."

ދެމީހުން ގޮސް އެތަނަށް ވަދެއްޖެއެވެ. އެ މާލަމުގެ ދޮރުމަތީގައި ނަން ބޯޑެއް ހުއްޓެވެ. އޭގައި ލިޔެފައި އޮތީ "ފަތުވާ މަރުކަޒު" މިހެންނެވެ. އެތެރޭގައި އެތައް ދަންނަބޭކަލުންނެއް އިށީނދެގެން އެބަތިއްބެވެ. އެއިން ކޮންމެ މީހަކުގެ ކައިރީގައި އެކަކު ނުވަތަ ދެމީހަކު އެބަތިއްބެވެ. އެއީ އެކި މައްސަލަތަކުގައި ފަތުވާ ހޯދަން އައިސް ތިބި މީހުންހެން ހީވެއެވެ. އެ ދެމީހުންވެސް ހުހަށް އިން ދަންނަބޭކަލަކު ބަލައިފައި ކައިރިއަށް ޖެހިލިއެވެ.

"އަޅުގަނޑުމެން މި އައީ މައްސަލައެއްގެ ހައްލު ހޯދަން ވެގެން."

އެމީހާ ކަރުދާސްގަނޑަކާއި ގަލަމަކާ ދީފައި ބުންޏެވެ. "މައްސަލައިގެ ކުރު ތަފުސީލެއް މި ކަރުދާސްގަނޑުގައި ލިޔެލާ."

ދެ މީހުން ކަރުދާސްގަނޑާއި ގަލަން ހިފައިގެން ބޭރަށް ނުކުމެ ހުސް ޖާގައެއް ބަލާފައި އިށީނދެއްޖެއެވެ.

ބާދްޝާ އަހައިލިއެވެ. "ލިޔާނީ ކީކޭ؟"

"ބޭނުންވާ ކަމެއްގެ ވާހަކަ ލިޔޭ."

"ރުޚްސާނާއާ ދެކޮޅަށް އެއްވެސް ވާހަކައެއް ލިޔާކަށް އަހަރެން ބޭނުމެއް ނޫން."

ދެމީހުން އިރުކޮޅަކު ވިސްނާން ތިބުމަށް ފަހު ބާދްޝާ ލިޔާން ފަށައިފިއެވެ. "އަންހެން ކުއްޖަކުގެ މޫނު އަލިފާން އާވިން އަނދައިފިއެވެ. އެ ކުއްޖާގެ ނަމަކީ ރުޚްސާނާއެވެ. މޫނު އަނދާފައި ހުރީމާ އެއްވެސް މީހަކު ރުޚްސާނާއާ އިންނާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ގޮސް ރުޚްސާނާއަށް ހިސްޓީރިއާ ޖެހިއްޖެއެވެ. ޑަކްޓަރުން ލަފާ ދިނީ އަވަހަށް އޭނާ މީހަކާ ދެވާށެވެ. ބަލިން އަރައިގަނެވޭނީ މީހަކާ އިނދެގެން ކަމަށް ޑަކްޓަރުން ބުންޏެވެ. މައިންބަފައިން އެތައް މަސައްކަތެއް ކުރުމާއެކުވެސް ރުޚްސާނާއާ އިންނާނޭ މީހަކު ނުވިއެވެ. ބަލި ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް ނުބައި ވަމުންނެވެ. އެހެންވީމާ މައިންބަފައިންނަށް މަޖުބޫރުވީ މަކަރު ހަދާށެވެ. އެމީހުން ހެދި ގޮތަކީ މޫނު ރީތިކޮށް ހުރި އެހެން ކުއްޖަކު ފިރިހެން ކުއްޖަކަށް ދައްކާފައި އޮޅުވާލައިގެން ރުޚްސާނާއާ ދެވީއެވެ."

މިހައި ހިސާބަށް ލިޔެފައި ބާދްޝާ ބުނެލިއެވެ. "ނިކަން ކިޔާލަބަލަ. މީގައި ރުޚްސާނާ ކުޑައިމީސްވާ ކަހަލަ ވާހަކައެއް އެބައޮތްތަ؟ އަހަރެން ބޭނުން ވަނީ އެއީ އަނިޔާ ލިބިފައިވާ މީހެއް ކަމަށް ދައްކަން."

މުސައްވިރު ލިޔުން ކިޔައިލާފައި ބުންޏެވެ. "އެއްވެސް މައްސަލައެއް ނެތް. ކުރިއަށް ގެންދޭ."

ބާދްޝާ އަނެއްކާވެސް ލިޔަން ފަށައިފިއެވެ. "މި ވާހަކައިގެ އެހެން ކޮޅެއްވެސް އެބައޮތެވެ. ފިރިހެންކުއްޖާއަކީ ރާބޯ ކުއްޖެކެވެ. އަންހެންކުއްޖާ ބަދަލުވެފައި ހުރިކަން ފުރަތަމަ ރޭވެސް އޭނާއަށް އެނގުނެވެ. އެކަމަކު މަސްތުގެ ހާލަތުގައި ހުރެގެން ދެމަފިރިކަމުގެ ގުޅުން ހިންގައިފިއެވެ. ހެނދުނު މަސްތު ފިލީމާ ކާވެންޏަށް އިންކާރު ކޮށްފިއެވެ. ފިރިހެންކުއްޖާ އެހެން މޮޔަކަމެއްވެސް ކުރިއެވެ. އިނުމުގެ ކުރިން އަންހެންކުއްޖާގެ ނަމަށް އޭނާގެ ގޯއްޗާއި ގެ ބަދަލުކޮށްފިއެވެ. މިހާރު ހާލަތު އޮތް ގޮތުން ރުޚްސާނާ ވަރިކޮށްފިއްޔާ މަގުމަތި ވެދާނެއެވެ. ވަންނާނޭ ތަނެއް ނުހުންނާނެއެވެ. އެހެންވީމާ ވަރި ކުރެވޭކަށް ނެތެވެ. މި މައްސަލަގަނޑުގެ ތެރޭގައި އުޅެނިކޮށް ދެމީހުންނަށް ދަރިއަކު ލިބިއްޖެއެވެ. މިހާރު ދެމަފިރިންނާއި ދަރިފުޅު ވަރަށް އުފަލާއެކު ދިރިއުޅެނީއެވެ."

މުސައްވިރު އެހައި ތަނަށް ކިޔައިފައި އަހައިލިއެވެ. "އުފަލުގައި ދިރިއުޅޭ ކަމަށް ވަންޏާ މިތަނަށް އައިސް ދަންނަބޭކަލަކާ ކުރަން އޮތީ ކޮން ސުވާލެއް؟"

"އަދި ލިޔެ ނުނިމެއޭ... ކިޔަމުން ގެންދޭ."

އޭނާ އަނެއްކާވެސް ލިޔަން ފަށައިފިއެވެ. "ފުރަތަމަ ސުވާލަކީ މަކަރު ހަދައިގެން ކުރި ކާވެންޏަކީ ސައްހަ ކާވެންޏެއްތޯއެވެ. ކާވެނި ކުރި ވަގުތު ރުޚްސާނާގެ ނަމާއި ވަލީވެރިޔާގެ ނަން ލިޔެފައި އޮތީ ރަނގަޅަށެވެ. ފިރިހެންކުއްޖާއަށް ދޮގު ހަދައި މަކަރު ހެދީ ތިން މީހެކެވެ. އެއީ ރުޚްސާނާއާއި އޭނާގެ މަންމައާއި ބައްޕައެވެ. އިސްލާމީ ޝަރީއަތުގައިވާ ގޮތުން ނަމަ މި ކަހަލަ ދޮގަކަށް ނުވަތަ މަކަރަކަށް ކެތްކޮށްގެން ހުރުމަކީ ހުއްދަ ކަމެއްތޯއެވެ؟ ފިރިހެންކުއްޖާ މިހާރު ރުޚްސާނާއާއެކު ދިރިއުޅެނީ ހިތުންރުހުމުންނެވެ. އެކަމަކުވެސް އެ ކާވެންޏާ ދެކޮޅު ހެދުމަކީ ފިރިހެންކުއްޖާއަށް ހުއްދަ ކަމެއްތޯއެވެ؟ މި މައްސަލައަށް އަޅުގަނޑުމެން ބޭނުންވަނީ ރުޚްސާނާއާއި ދަރިފުޅުގެ ދިރިއުޅުން ހަލާކުވެގެން ނުދާނޭ ކަހަލަ ހައްލެކެވެ. ރުޚްސާނާއަށް މާފު ލިބިފައި ދިރިއުޅުން ނުހުއްޓި ކުރިއަށް ގެންދެވުމަކީ ބޭނުންވާ ކަމެކެވެ. އެކަމަކު ދޮގު ހަދައި މަކަރުހެދި މީހުންނަށް އަދަބު ލިބުމަކީވެސް ބޭނުންވާ ކަމެކެވެ. އެއީ އެހެން މީހުންނަށް އިބުރަތަކަށްޓަކައެވެ."

ލިޔެ ނިންމާފައި ކަރުދާސްގަނޑު ދަންނަބޭކަލަކާ ހަވާލުކޮށްފައި ދެމީހުން މިސްކިތުން ފައިބައިފިއެވެ. ކާރަށް އެރުމަށް ފަހު ބާދްޝާ އަހައިލިއެވެ. "އަހަރެން ކަންތައް ކުރި ގޮތް ރަނގަޅުތަ؟"

"އާނ. ބަރާބަރު."

"ރުޚްސާނާގެ ބޮލުގައި އިލްޒާމެއް އެޅުވިފައެއް ނެތްތަ؟"

"އާނ. ނެތް."

"އަހަރެން މި ހުރިހައި ކަމެއް އޮޅުންފިލުވަން ބޭނުން ވަނީ ރުޚްސާނާއަށް ރަނގަޅަކަށް. އެއީ އަހަރެންގެ މައްޗަށް އޮތް ވާޖިބެއް."

"އާނ... އާނ..."

ކާރު ދުއްވާލައިފިއެވެ. އޭނާ ބޭނުންވަނީ ވާޖިބު އަދާކުރަން ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ކަން އޮތްގޮތް ރަނގަޅަށް ދެނެގަތުމަކީވެސް އޭނާގެ އެއް ބޭނުމެވެ. އެ ބޭނުމުގެ ފަހަތުގައި އޮތީ ކޮން ކަމެއް ހެއްޔެވެ؟ ބޭނުމަކީ ރުޚްސާނާގެ ކަނދުރާގައި ކުރަފަތް ޖައްސައިލާނޭ ފުރުސަތެއް ހޯދުމެވެ. އެ ފުރުސަތު ލިބުނީމާ ކުރަފަތް އެއްލައިލުމަށް ފަހު ރުޚްސާނާއަށް އައު ދިރިއުޅުމެއް ހޯދައިދޭނީއެވެ. އޭގެ ފަހުން އެ ހެޔޮކަމުގެ ބަދަލަށް އެދޭނީއެވެ. އެ ބަދަލަކީ ދެވަނަ ފަހަރަށް އޭނާޔާ އިނުމުގެ ކުރިން އެހެން މީހަކާ އިނުމުގެ ހުއްދަވެސް ދިނުމެވެ. މި ހުރިހައި މަސައްކަތެއްގެ ހަގީގީ ބޭނުމަކީ ކަމެއް ދެނެގަތުން އެކަންޏެއް ނޫނެވެ. އަޑީގައި ފޮރުވިފައި އޮތް ނިޔަތެވެ.

* * *

ރުޚްސާނާ އޮތީ ހަސްފަތާލުގެ އެނދެއްގައި އޮށޯވެގެންނެވެ. މުޅި މޫނު ފޮރުވިފައި ވަނީ ބެންޑޭޖުންނެވެ. ލޮލަށާއި ނޭފަތަށާއި އަނގަޔަށް ކަނޑާފައި ހުރި ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއް ހާމައަކަށް ނެތެވެ. ކަރުގައި އަލިފާން އާވި ޖެހި ފިހިފައި ހުރި ކުޑަކުޑަ ދެތިން ތަންކޮޅު އަދިވެސް އެބަހުއްޓެވެ. އެތަންތަނުގެ ސާޖަރީއެއް ނުހަދައެވެ. މިހާރު އޭނާ އެ ވަނީ ސާޖަރީގެ އެންމެ ބޮޑު މަރުހަލާ ކަޑައްތުކޮށްފައެވެ. ދެން އޮތީ ވަރަށް ކުޑަކުޑަ ދެތިން މަރުހަލާއެކެވެ.

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.