ފަޅިމޫނު - 131

(4 އޮކްޓޯބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އިންސާނާއަށް ދިރިނުހުރެވޭނީ ނޭވަޔާ ނުލައި. ވައި ހުސްވީމާ. އެ ނޫން ކޮންމެ އެއްޗަކާ ނުލައިވެސް ދިރިހުރެވޭނެ."

"މީސްމީހުން ލޯބީގެ ހައްގުގައި މަރެއް ނުވޭތަ؟"

"އަހަރެން އަހާ ގޮތުގައި މީހުން މަރުވަނީ ނަފުރަތުގެ ސަބަބުން. ލޯބީގެ ހައްގުގައި ކުރާ ކަމަކީ ދިރިތިބުން. އެހެން މީހުން ދިރިތިބެން އެހީތެރިވުން. މީހުން މަރާ ކަހަލަ ލޯތްބަކީ ލޯތްބެއް ނޫން."

ބާދްޝާ ކަންބޮޑުވެފައި ބުނެލިއެވެ. "ވަރަށް އުނދަގޫ. އަހަރެން މިއީ ފަރުޒާނާހެން ކިޔަވައިގެން ހުރި މީހެއް ނޫން. އެހެންވީމާ ތިޔަ ކަހަލަ ވާހަކަ ދައްކާކަށް އަހަންނަކަށް ނޭނގޭ."

ދެ މީހުން ގޮސް ރެސްޓޯރަންޓަކަށް ވަދެއްޖެއެވެ. ދެމީހުންވެސް ކާން ތިބީ މުޅީން ހިމޭނުންނެވެ. ފަރުޒާނާ އޭނާޔާ ދިމާއަށް ލަންބާން ކުރާނީ ކޮން ކަމެއްތޯ ބާދްޝާ ޖާނީގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި އެއީ ކޮންމެހެން ބޭނުން ކަމެއް ނޫނޭވެސް ހިތަށް އެރިއެވެ. ފަރުޒާނާ އޭނާ ދެކެ ލޯބިވާކަން މިހާރު ވަރަށް ސާފުކޮށް އެބަ އެނގެއެވެ. ހިތުގައި ލޯތްބެއް ނެތް ނަމަ އޭނާޔާ އެކު ރެސްޓޯރަންޓެއްގައި ކާކަށް ނީންނާނެއެވެ. ފަރުޒާނާގެ ގޭ ދޮށުގައި އޭނާ ކޮންމެ ރެއަކު އޮވެއެވެ. ފަރުޒާނާއަކަށް ނިދިޔަ ނުދެއެވެ. އެކަމަކު އޭނާޔާ ދެކޮޅަކަށް ފަރުޒާނާ އެއްވެސް ކަމެއް ނުކުރެއެވެ. އޭނާއަށް ހިތްވަރު ލިބެނީ ފަރުޒާނާގެ ހިމޭންކަމުންނެވެ. އެ ހިމޭންކަމުގެ ފުރަގަހުގައި ފޮރުވިފައި ވަނީ ކޮން ޖަޒުބާތެއްކަން ބާދްޝާއަށް ރަނގަޅަށް އެނގެއެވެ.

ކައި ނިމިގެން ކާރުގައި އޭނާ ދަތުރު ފެއްޓީ އޯރަންގީއާ ދިމާއަށެވެ. ދިޔަ މަގުމަތީގައި ފަރުޒާނާ ބުންޏެވެ. "މިތަނަށް މަޑުކޮށްލާ. އަހަރެން ގެއަށް ދާނީ ބަހުގައި. ޖާނީގެ ކާރުން ފައިބާތަން ތަންގަނޑު މީހުންނަށް ފެނުމަކީ އަހަރެން އެދޭ ގޮތެއް ނޫން."

ބާދްޝާ ކާރު މަޑުކޮށްފިއެވެ. ފަރުޒާނާ ކާރުން ފޭބީމާ އޭނާ ބުންޏެވެ. "މީގެ ފަހުން ރޭގަނޑު އަހަރެން ތިޔަ ގޭ ދޮށަކަށް ނާންނާނަން. އަހަންނާ ހެދި ރޭގަނޑު ހަތަރު ދަމު ހޭލައި އޮންނާނޭ ގޮތެއް ނުހަދާނަން."

ފަރުޒާނާގެ ހިތްހަމަ ޖެހުނެވެ. "ޝުކުރިއްޔާ."

ބާދްޝާ ބުންޏެވެ. "ދެން އަންނާނީ ދުވާލު."

ފަރުޒާނާ ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަދި ރުޅިވެރިކަމާއެކު ވަރަށް ބާރަށް ދޮރު ލައްޕައިލިއެވެ. "ހައިރާނެއް ފަހެ ނުވާނެތަ؟ މިހައި ވަރަށް ވިސްނައި ދިނީމާވެސް ޖާނީގެ ބޮލަކަށް އެއްޗެއް ވަންނަ ގޮތެއް ނުވި."

"ކިތަންމެ ވަރަކަށް ވިސްނައި ދިނަސް އަހަރެން އަންނާނަން."

މިހެން ބުނެފައި ބާދްޝާ ކާރު ދުއްވައިލިއެވެ. ތަންކޮޅެއް ދުރަށް ގޮސްފައި އޭނާ ކާރު މަޑުކޮށްލިއެވެ. ބަސް ހުއްޓާ ތަނުގައި އިނީ ފަރުޒާނާ އެކަންޏެވެ. ބާދްޝާ ކާރު ދުއްވައިލީ އޭނާ ބަހަށް އެރީމާ ބަސް ދުއްވައިލީމައެވެ. ތަންކޮޅަކަށް ދިޔަތަނާ ސަވާރީއަކު ވެއްޖެއެވެ.

އޭނާ ރޭގަނޑު އެގާރަ ޖަހަންދެން ކާރު ދުއްވިއެވެ. އެންމެ ފަހު ސަވާރީ އަރުވައިގެން ޖީލް ރޯޑާ ދިމާއަށް ދިޔަ ވަގުތު އޭނާގެ ހަނދާނަށް ކަމެއް އަތުވެއްޖެއެވެ. އެއް ފަހަރަކު އިންޖިނޭރުބޭބެ މި ހިސާބަށް ކާރުން ފޭބިއެވެ. ދިޔައީ ކޮންމެވެސް ދަންނަބޭކަލެއްގެ ގާތަށެވެ. އޭގެ ފަހަކުން އެނބުރިއެއް ނާދެއެވެ. އެ ދުވަހު ފަރުޒާނާ ކާރުގެ ފަހަތު ގޮނޑީގައި އިނެވެ.

އިންޖިނޭރުބޭބެ ދިޔައީ އޭނާގެ ކާވެނި ސައްހަތޯ ނުވަތަ ނޫންތޯ އޮޅުންފިލުވާށެވެ.

ބާދްޝާގެ ސިކުނޑީގައި ކުޑަވަރެއްގެ ހައިޖާނެއް ހިނގައިގަތެވެ. މީގެ ކުޑަ އިރުކޮޅެއް ކުރީން ފަރުޒާނާ ބުނި ގޮތުގައި ރުޚްސާނާގެ އެއްވެސް އުނިކަމެއް ނެތެވެ. އެއީ ފިރިމީހާ ދެކެ ލޯބިވާ ވަފާތެރި އަނތްބެކެވެ. އެހެންވީމާ ރޭނާ ދައްކާނީ ރުޚްސާނާގެ ކޮން އުނިކަމެއް ހެއްޔެވެ؟

އޭނާގެ ސިކުނޑީގައި އެކި ކަހަލަ ވާހަކަތައް އެބުރެނީއެވެ. އޭނާ ދެކޭ ގޮތުގައި އަންހެނެއްގެ އެންމެ ބޮޑު ކުށަކީ ދޮގު ހެދުމެވެ. ރުޚްސާނާ ވަނީ އޭނާއަށް ދޮގު ހަދައިފައެވެ. އޭނާޔާ އިނދެގެން އައީ މަކަރުވެރި ރޭވުމެއްގެ ތެރެއިންނެވެ. އޭނާގެ ހިތަށް އެރިއެވެ. "ހައިރާން ވެއްޖެއެވެ. އިންޖިނޭރުބޭބެ އެ ވާހަކަދެއްކި ފަހުން އަހަރެން އެކަން އިތުރަށް ބަލަން ނޫޅުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ރުޚްސާނާ ދެކެ ހިތުގެ އަޑީން ލޯބިވެއެވެ. ދުވަހަކުވެސް އޭނާ ދޫކޮށެއް ނުލާނަމެވެ. އެކަމަކު ހަގީގަތް ހޯދުމަކީ ކުރަން ޖެހޭ ކަމެކެވެ. ތެދަކީ ކޮބައި ކަމާއި ދޮގަކީ ކޮބައި ކަމާއި ސައްހަ ގޮތަކީ ކޮބައި ކަމާއި ސައްހަ ނޫން ގޮތަކީ ކޮބައިކަން ދެނެގަންނާން ވާނެއެވެ. އެއީ ވަރަށް މުހިއްމު ކަމެކެވެ."

އޭނާއަށް ގެއަށް އާދެވުނީ މެންދަމުން އަލިވެ އެކެއް ޖެހި ފަހުންނެވެ. އޮށޯތުމާއެކު ފުން ނިންޖަކުން ނިދިއްޖެއެވެ. އެރޭ ހުވަފެނެއް ފެނުނެވެ. އެކަމަކު ހޭލެވުނުއިރަކު ހަނދާނެއް ނެތެވެ. އެނގޭ ކަމަކީ ހިތްހަމަ ނުޖެހޭ ކަމެވެ. އޭނާގެ ހިތަށް އެރިއެވެ. ކާވެނި ސައްހަ ނޫންކަން އެނގިއެްޖެ ނަމަ ރުޚްސާނާއާއެކު އުޅުނު އުޅުންވެސް ނާޖާއިޒު ވާނެއެވެ.

ހެނދުނު އަށެއް ޖަހައިފިއެވެ. ދަތް އުނގުޅައި މޫނު ދޮވެ ހަދައިލާން ފާޚާނާ ތެރޭގައި ހުރިއިރު އޭނާގެ ހިތަށް އަރައެވެ. ކާވެނި ސައްހަ ނޫން ކަމުގައި ވިޔަސް އަހަރެން ރުޚްސާނާ ދޫކޮށެއް ނުލާނަމެވެ.

އޭނާ ދޫކޮށް ނުލުމުގެ ޚިޔާލު އެވަރަށް ހިތުގައި އޮތް ކަމުގައި ވަނީނަމަ މައުލޫމާތު ހޯދަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

"އަހަރެން މައުލޫމާތު ހޯދާނަމެވެ. ކާވެނި ސައްހަ ނޫން ކަން އެނގިއެްޖެ ނަމަ އަނެއްކާވެސް ކާވެނި ކުރާނީއެވެ."

ކާވެނި ސައްހަ ނުވުމުގެ ސަބަބުން ގުޅުން ކެނޑިގެން ހިނގައްޖެ ނަމަ މިހާރުގެ އަނބިމީހާ އަނތްބަކަށް ނުވާނެއެވެ. ދެން ޖެހޭނީ ދެވަނަ ކާވެންޏެއް ކުރާށެވެ. ދެވަނަ ކާވެންޏެއްގެ ހާލަތު އަތުވެއްޖެ ނަމަ ކުރިމަތީގައި ދެ މީހަކު ތިބޭނެއެވެ. އެކަކީ ރުޚްސާނާއެވެ. އެއީ އޭނާއަށް ލިބިފައިވާ މީހާއެވެ. ދެން ހުންނާނީ ފަރުޒާނާއެވެ. އެއީ އެ މީހަކަށްޓަކައި އޭނާ މި ހުރިހައި ގަނައެއް ތެޅޭ މީހާއެވެ. އެތައް މަސައްކަތަކުންވެސް ލިބިނުގަނެވުނު މީހާއެވެ. ބާރުގަދައީ ކާކުގެ ހެއްޔެވެ؟ ޠަބީއީ ގޮތުން އިންސާނާ ގިނަ ފަހަރަށް ލެނބެނީ އޭނާއަށް ހާސިލު ނުކުރެވުނު އެއްޗަކާ ދިމާއަށެވެ. އައު އެއްޗަކާ ދިމާއަށެވެ.

އޭނާ ނާސްތާކޮށް ނިމިގެން މުސައްވިރާ ބައްދަލު ކުރަން ހިނގައްޖެއެވެ. އޭނާ ފެނުމާއެކު މުސައްވިރު ސުވާލު ކޮށްލިއެވެ. "ކޮބާ ޖަލުން ސަލާމަތްވީތަ؟"

ބާދްޝާ ނުރުހިފައި ބުނެލިއެވެ. "ކަލެއަކީ ވަރަށް ވިޔާނުދާ މީހެއް. ބޮޑު ފިނޑިއެއް. އެކުވެރިއަކަށް ބަލާ ވަރުގެ މީހެއް ނޫން. އަހަރެން އެ ހާލުގައި ދޫކޮށްލާފައި ކަލޭ ފިލައި ރައްކާވީ."

"ވެރިޔާއާ އެކީ ޖަލަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން. ކިހިނެއްވީ؟ ފަންޑިތަވެރިޔާގެ މޮޅު ކަމެއް ފެނުނުތަ؟"

"ވަރަށް ރަނގަޅަށް ފެނުނު. އަހަރެންގެ އަތުގައި އޮތް އިސްތަށްޓަކީ އަހަރެންގެ ލޯބިވެރިޔާގެ އިސްތަށްޓެއް ނޫން. އެއީ މައިދައިތަގެ އިސްތަށްޓެއް."

"އެހެންތަ؟" މުސައްވިރު ހައިރާންވެފައި އަހައިލިއެވެ. "އަހަރެމެން އިސްތަށި އެންދީމާ ކުއްލިއަކަށް މައިދައިތަ އެ ތަނަށް އައީ އެހެން ވެގެންތާ."

"އެ ވާހަކަ ބާއްވާ. އަހަރެން މި އައީ އެހެން ލަފައެއް ހޯދައިލާން ވެގެން."

"އަދިވެސް ކުރަން ޖެހޭ ކަމެއް އޮތީތަ؟"

"އަހަރެން ބޭނުން ވަނީ އިންޖިނޭރުބޭބެ އޮޅުން ފިލުވާން އުޅުނު ކަންތައް އޮޅުންފިލުވަން."

ބާދްޝާ އޭނާގެ ބޭނުން ރަނގަޅަށް ކިޔައި ދީފިއެވެ. މުސައްވިރު އިރުކޮޅަކު އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެފައި ބުނެފިއެވެ. "ވެރިޔާ ތިޔަ ވަނީ ތަވައެއްގައި އޮތް ޒުވާރި ފުކަކަށް. އެއްތާނކު ނޯވެވޭ. ފުމެއަރަނީ. ބައެއް ފަހަރު ގޮސް ޖެހެނީ ފަހަރީގެ ކޮޅުގައި. އަނެއްބައި ފަހަރު ގޮސް ޖެހެނީ ފަރުޒާނާގެ ކޮޅުގައި. ފަރުޒާނާ ފެނުނީމާ މިހާރު ތިޔަ އުޅެނީ ސައްހަ އާއި ސައްހަ ނޫން ކަންތައްތައް ބަލަން ވެގެން. ބޭނުމަކީ ފަރުޒާނާޔާ އިނދެވޭނޭ ކޮންމެވެސް މަގެއް ހޯދުން."

"ލޯތްބާއެކު މީހަކު ލިބިގަތުމަކީ ކުށެއް ނޫން. އެހެން އަންހެނަކު ބޭނުމޭ ކިޔައިގެން އަނބިމީހާއަށް ލޯބިން ވިސްނައި ދޭން އުޅުމަކުން ކުރާނޭ ފައިދާއެއް ނެތް. އޭނާ ގަބޫލެއް ނުކުރާނެ. ކާވެނި ސައްހައެއް ނޫނޭ ކިޔާފައި ދަންނަބޭކަލަކު ފަތުވާއެއް ނެރުނަސް އަހަރެން ހުވާ ކޮށްފައި މި ބުނަނީ… ރުޚްސާނާ ދުލެއް ނުކުރާނަން. އޭނާޔާ އަލުން އިންނާނަން. އެހެން ހެދީމާ ރުޚްސާނާ އަހަރެންގެ ހެޔޮކަން ގަބޫލު ކުރާނެ. އަހަރެން ފަރުޒާނާއާ އިންނާން އުޅުނަސް ދެކޮޅެއް ނުހަދާނެ. ދެ މީހުން ދެކެވެސް އެއް ވަރަކަށް އަހަރެން ލޯބިވޭ. ދެމީހުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާފުން ކަންތައް ކުރާނަން. މިހާރު އަހަރެންގެ އަނތްބަކަށް ހުރެ ރުޚްސާނާ އަހަރެން މި ބުނާ ކަހަލަ އިންސާފަކާ ނުރުހޭނެ. އެކަމަކު ކާވެނި ސައްހަ ނޫން ކަން އެނގި ދެމީހުން ވަކިވީމާ ގަބޫލު ކުރާނެ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.