ފަޅިމޫނު - 117

(12 އޯގަސްޓް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޔާ ﷲ. މި ޖެހުނީ ކިހައި ބޮޑު ކަމެއް؟" މައިދައިތަ ދެއަތް ޖޯޑުކޮށްލިއެވެ. "ޖާނީ. މަންމައަށް މާފުކުރޭ. އަހަރެން ދެވަނަ ފަހަރު ދުނިޔެއަށް އަޔަސް އަންހެން ދަރިއަކު ނުވިހާނަން. ދިމާވާ ގޮތަކުން އަންހެން ދަރިއަކު ލިބުނަސް އެ ދަރި ކުލީކާރު ދުއްވާ މީހަކާ ނުދެވާނަން. ﷲ އަށް ޓަކައި އަހަންނަށް މާފުކުރޭ. ތިޔަ އިސްތަށްޓަކީ އަހަރެންގެ އިސްތަށި ކަމަށް އަހަރެން އެއްބަސްވަން. އެކަމަކު އަހަރެން ތިޔައަކަށް ސިހުރެއް ނުހަދަން. ކަލޭމެން މިރުސްދުން އަޅައިފިއްޔާ އުނދަގޫ ވެގެން ސިހުރު ހެދި ކަމަށް އެއްބަސް ވިޔަސް އަހަރެން އެކަހަލަ ކަމެއް ނުކުރަން. ﷲ އަށް ޓަކައި އަހަރެން ދޫކޮށްލާ."

ފަންޑިތަވެރިޔާ ބުންޏެވެ. "ކަލޭގެ ދަނބިދަރި ކަލެއަށް މާފު ކޮށްފާނެ. އެކަމަކު ކަލޭ އަނދައި އަޅިއަށް ވާވަރުގެ ފަނޑިތައެއް އަހަރެން ހަދާނަން."

ބާދްޝާ ކުރިއަށް ޖެހިލައިފައި ފޯރިއާއެކު ބުނެލިއެވެ. "ބޭބޭ. ވަރަށް ރަނގަޅު. އެކަމަކު މީނާ އެކަންޏެއް ނޫން. މި ގޮތަށް ކާވެނީގެ ރަނުގެ ގޮތުގައި ގެއަށް އަންނަ ހުރިހައި މައިދައިތައިން އަންދައި އަޅިއަށް ހަދައިލާ."

ފަންޑިތަވެރިޔާ އެއްއަރިމައްޗަށް އޮވެފައި ތެދުވެ އިށީނދެއްޖެއެވެ. ހީވަނީ ކިޔެވެއްޔަށް ތައްޔާރުވަނީ ހެންނެވެ. މައިދައިތަ ވަރަށް ބިރުގެންފައި ފަންޑިތަވެރިޔާއާ ދިމާއަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާއަށް މޮޅު ބުއްދިއެއް ކުރެވިއްޖެއެވެ. ބާދްޝާއާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "އަހަރެން މިހިރީ ހަނދާން ނެތިފައި. ކާމްރާނަށް ބުއްދޭ ގަޑި ޖެހިއްޖެ. އެ ސޮރުގެ ކާފައަކަށް ބުއްފުޅި ހަދާކަށް ނޭނގޭނެ."

ބާދްޝާ އޭނާގެ މޫނަށް ބަލައިލާފައި ވިސްނާން ފަށައިފިއެވެ. އޭނާގެ ކުރިމަތީގައި އެނބުރެން ފެށީ ބަނޑުހައިވެގެން ރޮއިރޮއި އޮތް އޭނާގެ ތުއްތު ދަރިފުޅެވެ.

މައިދައިތަ އަނެއްކާވެސް ބުނެފިއެވެ. "އަހަންނަށް ކުޑަ ވަގުތުކޮޅެއް ދޭށޭ މިބޭބެ ގާތު ބުނޭ. ކާމްރާނަށް ބުއްދީ ނިމުނީމާ އަހަރެން އަންދައި އަޅިއަށް ހަދައިލިޔަސް އެންމެ ރަނގަޅު."

ބާދްޝާ އަވަސް އަވަހަށް ބުނެލިއެވެ. "މަންމައަށް ގެއްލުމެއް ދޭކަށް އެކަކަށްވެސް ލާހިކު ކުޅަދާނައެއް ނޫން. މަންމަ މަރު ވެއްޖެއްޔާ އަހަރެންގެ ދަރިފުޅު ބަލާނީ ކާކު؟ އެ ކުއްޖާފުޅަށް ބުއްދޭނީ ކާކު؟ އެކަންކަމުގެ މަތީން އަހަރެން ހަނދާން ނެތުނީ."

މިހެން ބުނުމާއެކު މައިދައިތަގެ އަތުގައި ހިފައިގެން ބޭރަށް ނުކުންނާން ހިނގައިގެންފިއެވެ. ފަންޑިތަވެރިޔާ ހައިރާންވީ ވަރުން އަނގަ ހުޅުވިފައި އެ ދެމީހުންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

ބާދްޝާ މައިދައިތަ ކާރަށް އަރުވައިގެން ދުއްވައިލިއެވެ. "މަންމަގެ އަތުގައި ތިޔަ އޮތީ އަހަރެންގެ ވަރަށް ބޮޑު ބަލިފަޔެއް ޖެހިފައި. އެހެންވީމާ މަންމައަށް ގެއްލުމެއް ވާނޭ ކަމެއް ކުރުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. އެކަމަކު އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ. މީގެ ފަހުން އަހަރެން ތިޔަ ގެއަށް ކާކަށް ނުދާނަން. ތިޔަގެއިން ފެންތަށްޓެއްހައި މިންވަރުވެސް ނުބޯނަން. އެޔަށް ހަދާފައި ހުންނާނީ ކޮން ކަހަލަ ސިހުރެއް ކަމެއްވެސް ނޭނގޭ."

"ދަރިފުޅާ. ތިޔަ ކަހަލަ ވިޔާނުދާ ގޮތްގޮތަށް ވިސްނުން ހިންގަނީ ކީއްވެގެން؟ ދަރިފުޅަކީ މަންމަގެ ދަރިފުޅުގެ ފިރިމީހާ. މަންމަ ދަރިފުޅަށް ގެއްލުމެއް ދޭނީ ކިހިނެއް؟"

"މާ ގިނަ ބަހަނާ ދައްކާނެ ކަމެއް ނެތް. މީގެ ފަހުން މަންމަވެސް އަހަރެންގެ ގެއަށް އައިސްގެން ނުވާނެ."

"ނާންނާންވީ ކީއްވެގެން؟ އެއީ އަހަރެންގެ ދަރިފުޅުގެވެސް ގެ. ރުޚްސާނާ ދަމުން އަހަރެން ގާތު ބުނެފައި އޮތީ ތިޔަ ގެއަށް ގޮސް ޖާނީ އުޅޭނޫޅޭ ގޮތް ބަލާށޭ."

"ހެޔޮ. މީގެ ފަހުން ޖާސޫސުކޮށްގެން ނުވާނެ. އަހަރެން މިބުނާ ގޮތަށް ހަދާ. މަންމަ އަހަރެންގެ ގެއަށް އަތުވެއްޖެއްޔާ އަހަރެން ދަރިފުޅު ގޮވައިގެން އަހަރެންގެ ގެއަށް ހިނގައިދާނަން. ރުޚްސާނާ އެނބުރި އަންނަންދެން މަންމަމެނާ އެއްވެސް ގުޅުމެއް ނުބާއްވާނަން. އެހެން ނޫނީ ދަރިފުޅު ގޮވައިގެން މި ރަށް ދޫކޮށް އެހެން ރަށަކަށް ހިނގައިދާނަން."

"ނޫނޭ. ތިޔަ ކަހަލަ ކަމެއް ނުކުރާތި. ކާމީއަކީ އަހަރެންގެ ދަރިފުޅުގެ ހަނދާނެއް. އަހަރެން ކާމީ ދެކެ ވާ ލޯބި އިރާދަކުރެއްވިއްޔާ ރުޚްސާނާއާ ހަމައަށްވެސް ފޯރާނެ. ﷲ އަށްޓަކައި މި ބުނަނީ އެސޮރާއި އަހަންނާ ވަކި ނުކުރާތި."

"އަހަރެން މިއީ މަންމަ ކަހަލަ އަނިޔާވެރިއެއް ނޫން. އެހެން ވެގެން މި ބުނަނީ މީގެ ފަހުން އަހަރެންގެ ގެއަށް ނާންނައްޗޭ. އަހަރެން ތިޔަގެއަށް ދާނީ ދަރިފުޅު ދެކިލަން. އެނޫން ބޭނުމެއް ނޯންނާނެ. އެއްބަސްވަންޏާ ބުނޭ. މަންމަ އަހަރެންގެ ގެއަށް ވަންނަ ދުވަހު ކާމީ ތިޔަގެއިން ނެރޭނަން."

ކާރުގޮސް މައިދައިތަގޭ ދޮރުމައްޗަށް މަޑުކޮށްފިއެވެ. މައިދައިތަ އިސްޖަހައިލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ.

"މިހާރު ތިޔަ ވިސްނަނީ ކޮން ކަމަކާ؟ ގެއަށް އާދެވިއްޖެ. ފައިބާ."

މައިދައިތަ ކާރުން ފައިބައިފިއެވެ. ބާދްޝާވެސް ފައިބައިގެން މައިދައިތަޔާއެކު ގޭތެރެއަށް ވަދެއްޖެއެވެ. ފަރީދު އަޙްމަދަށް އޭނާގެ އަނބިމީހާއަށް ޖެހިފައި ހުރި ހާލު ފެނުނީމާ ކަންބޮޑުވެފައި ބާދްޝާއާ ދިމާއަށް ބަލައިލިއެވެ. ދެމީހުން އަރައިރުންވެގަތީ ކަމަށާއި ނަތީޖާއެއްގެ ގޮތުން ބާދްޝާ މާރާމާރީ ހިންގީ ކަމަށް ފަރީދު ހިތުގައި ކަނޑައަޅައިފިއެވެ.

ބާދްޝާއާ ހިފައިގަންނާނޭ ވަރެއް ގަޔަކު ނެތް ކަމަށް ފަރީދު ގަބޫލު ކުރެއެވެ. އެހެންނަމަވެސް ރުޅި އައިސްފައި ހަރުކަށި ރާގަކަށް އަހައިލިއެވެ. "އަހަރެންގެ އަނބިމީހާއަށް ކިހިނެއްވީ؟"

"އަނބިމީހާ ކުރިމަތީގައި އެހެރީއެއްނު؟ އޭނާ ގާތު އަހާ. އަހަންނާ ސުވާލު ކުރަނީ ކީއްކުރަން؟"

އަނބިމީހާ ޖެހިލުންވެފައި ހުރެގެން ބުނެލިއެވެ. "އަހަރެން ޖާނީގެ ތަށިބަރި ހިފައިގެން ގޮސް އެރީ ބަހަށް. ދަތުރު ކުރަމުން ގޮސް ބަހަށް ހާދިސާއަކާ ކުރިމަތިވީ. އެހެން ވެގެން އަހަންނަށް ވެފައި ހުރިގޮތެއް މިއީ."

ބާދްޝާ އަތް ހޫރައިލިއެވެ. "ދޮގު ނުހަދާ. އަހަރެންގެ ގާތަށް ރުޅި އަތުވެދާނެ. ބަހަކަށް އެއްވެސް ކަމެއް ވީއެއް ނޫން. ތިޔައީ ފަންޑިތަވެރިޔާގެ ކަރާމާތްތެރިކަން. އެހެން ވެގެން ޖެހުނު ހާލެއް."

ފަރީދު އަޙްމަދު ހައިރާން ވެފައި އަހައިލިއެވެ. "ކޮން ކަރާމާތްތެރިކަމެއް؟"

"ފަންޑިތަވެރިޔާ އޭނާގެ އިސްތަށްޓަށް ކިޔަވައިފައި މޮޅު ފަންޑިތައެއް ހެދީ. ރަށު ތެރެއަށް ބަކަރިމަސް އުކީ. އޭގެ ތެރެއިން މަސްކޮޅެއް މީނާގެ ބޮލުގައި ހަރުލާފައި އޮތް. އޭގެ ސަބަބުން ޖެހުނު ހާލެއް މިހާރު ތިޔަހަރަ ފެންނަނީ."

މައިދައިތަ އެއްޗެކޭ ބުނާން އުޅުނީމާ ބާދްޝާ އަނެއްކާވެސް ވާހަކަ ދައްކާން ފަށައިފިއެވެ. "ޚަބަރުދާރު. އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. މިހާރު ވާހަކަ ދައްކާނީ އަހަރެން." މިހެން ބުނެފައި ފަރީދާ ދިމާއަށް ބަލައިލިއެވެ. "މީނާގެ އިސްތަށިތަކަކަށް ސިހުރު ހަދާފައި އަހަރެންގެ ގެއަށް ގެންދިޔައީ. ތިޔައީ ކޮން ކަހަލަ ފިރިއެއް. އަނބިމީހާގެ މިކަހަލަ ވިޔާނުދާ ކަންތައްތައް ނުހުއްޓުވަނީ ކީއްވެގެން؟ އިސްތަށްޓަށް ހެދި ސިހުރު މިހާރު އެ އޮތީ އޭނާއަށް ޖެހިފައި. ނަތީޖާ ނިކަން ދެކިބަލަ. މަންމަ ނިކަން ހުވައި ކޮށްފައި ބުނެބަލަ. އަހަރެންގެ ގެއަށް އިސްތަށްޓެއް ނުގެންދަންތަ؟"

މައިދައިތަ ބިރުން ދުރަށް ޖެހިލަމުން ބުންޏެވެ. "ދޮގެއް. އެއީ އަހަރެންގެ އިސްތަށްޓެއް ނޫން."

ބާދްޝާ ގޮށްމުށް ކަވައިލިއެވެ. "އަހަރެން މިއީ ދޮގުހަދާ މީހުން ދެކެ ވަރަށް ރުޅި އަންނަ މީހެއް. ފަންޑިތަވެރިޔާގެ ކުރިމަތީގައި ކަލޭ އެއްބަސްވީމެއްނު؟"

"އަހަރެން މިއީ ކަލޭގެ މައިދައިތަ. ކަލޭކަލޭ ކިޔައިގެން އަހަންނާ ވާހަކަ ނުދައްކާ."

"މައިދައިތައަކީ ހަމައެކަނި ނަމަކަށް އޮންނަ ގުޅުމެއް. ރަނގަޅު މައިދައިތައިންނަކީ މައިން. ރަނގަޅު މައިދައިތައިންނަކީ މައިން ކަމަށް ބަލައި ދަރިއަކު ވާނޭ ލޯބި ވުމަކީ ދަނބިދަރިން ކުރާ ކަމެއް. އަހަރެންގެ މަންމައެއް ނެތް. އެހެންވީމާ ބޭނުން ނަމަ އަހަރެންގެ މަންމަ ކަމުގައި ވެވުނީސް. އެކަމަކު އަމަލާއި ބަހުން ތިޔަ ދައްކަނީ ވިޔާނުދާ މައިދައިތައެއްގެ ގޮތް. މައިދައިތަ ހަތްހުތުލައި ކެއްކިޔަސް ވާނީ ހަމަ މައިދައިތައަށްކަން ދައްކައިދީފީމު. އަބަދު ތިޔަ އުޅެނީ ކޮންމެވެސް މަކަރެއް ހީލަތެއް ހެދޭނެ ގޮތެއް އޮތްތޯ ބަލަން. އަހަންނަށް ސިހުރު ހަދާފައި އިސްތަށި ގެންގޮސް އަހަރެންގެ ގެއަށް ލީއިރަކު ލަދެއް ނުގަނޭތަ؟ އެއީ އަބުރުވެރި ރަނގަޅު އަންހެނުން ކޮށް އުޅޭ ކަހަލަ ކަމެއްތަ؟"

ބާދްޝާ އެތިވަރު ގޮވަމުން ގޮސް އޭނާގެ ދަރިފުޅު އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. މައިދައިތަ އިސްޖަހައިލައިގެން ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެފައި ގޮސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ފަރީދު އަޙްމަދު އައިސް ކައިރީގައި އިށީނދެފައި ބުނެލިއެވެ. "އަހަރެން ކަލެއަށް ވިސްނައިދޭން މަސައްކަތް ކުރީ މި ކަހަލަ ދަނޑިވަޅެއް އަތުވެދާނެތީ. އެކަމަކު އަހަރެން ދައްކާ ވާހަކައެއް ކަލެއަކަށް އަޑެއް ނީވޭ. އިވުނަސް ގަބޫލެއް ނުކުރޭ. އަބަދު އުޅެނީ ކޮންމެވެސް ކަހަލަ ކޫސަނި ކަމެއް ކުރެވޭތޯ."

"އަހަރެން ކީއްކުރީ؟ އަހަރެން އޭނާއަށް ސިހުރެއް ހެދީތަ؟"

"ސިހުރެއް ނުހަދާ. އެކަމަކު އަމިއްލަ އިސްތަށި އުފުރާފައި އޭނާ ގެންގުޅުނު ދަޅަށް ލީމެއްނު؟ އެއީ ކީއްކުރަން ކުރި ކަމެއް؟ އޭގައި ހުރި އިސްތަށިތައް ވަޔަށް ބުރުވައިލާފައި ނިންމައިލި ނަމަ ވީހެއްނު؟ ކުޑަކުޑަ މޮޔަ ފިޔަވަޅެއްގެ ސަބަބުން އުފެދުނު ކުށްހީ ނިކަން ދެކިބަލަ."

"މިތާނގައި އިނދެގެން އަހަންނާ ދިމާއަށް އެއްޗެހި ނުކިޔައި އޭނާގެ ކުށްހީ ފިލުވައިދޭން މަސައްކަތް ކުރަންވީނު؟"

"އަހަރެން ފިލުވައިދޭންވީ ކިތައް ކުށްހީ؟ އޭނާ އެ ވިސްނަނީ ރަނގަޅަކަށް ނޫން. އެހެރީ ކުށް ހިއެއްގެ މަތީގައި. އެކަމަކު ކަލޭ ތާއަބަދު އޭނާޔާ ދެކޮޅުވެރި ވެގެން ކޮންމެވެސް އަރައިރުމެއް ވެވޭތޯ އުޅޭކަމީވެސް ހަގީގަތެއް. މަކަރަކަށް ފަހު މަކަރެއް އެބަހަދަމު. ކަލޭ ތިޔައީ ބާދްޝާ ޖާނީގެ މަންމަ ކަމަށް ވީނަމަ ވާނެ ގޮތް ވިސްނާލަބަލަ. އަނބިމީހާ ކަލޭގެ ދަރިފުޅަށް މަކަރު ހަދާފައި ލަންޑަނަށް ދިޔަނަމަ ކަންތައް ކުރީހީ ކިހިނެއް؟ ކަލޭ ކެތްކޮށްގެން ތިޔަ އިންނަނީ މައިދައިތައަށް ވާތީ. މަންމައަށް ވީނަމަ ކެތެއް ނުކުރީސް. ދަރިފުޅު ލައްވައި މަކަރު ހެއްދީ ކަލޭ. އޭނާއަށް މަކަރު ހެދުމުގެ އުޅުތައް ކިޔަވައިދޭ މީހަކީވެސް ކަލޭ. މިއީ އަޅެ ދޮގެއްތަ؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.