ބޫޓާނުން އެގައުމުގައި ތިިބި ވެކްސިން ޖެހުމަށް ޝަރުޠު ހަމަވާ މީހުންގެ %90 އަށް ހަފުތާއެއްގެ ތެރޭގައި ކޮވިޑް-19 ވެކްސިން ޖަހައިފިއެވެ. މިކަން އިއްޔެ ހާމަކޮށްފަައި ވަނީ އެގައުމުގެ ހެލްތު މިނިސްޓްރީންނެވެ.
ހިމާލަޔާ ފަރުބަދަ ސިލްސިލާގެ ތެރޭގަައި އިންޑިޔާއާ ޗައިނާއާ ދެމެދު އޮންނަ ބޫޓާންގެ އާބާދީއަކީ 8 ލައްކަ މީހުންނެވެ. އެގައުމުން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ އެއް ހަފުތާ ފަހުން ވެކްސިން ޖަހަން ޖެހޭ އެންެމެންނަށް ވެކްސިން ޖަހައި ނިންމާލުމުން އެކަމަށް ތައުރީފުކޮށް އދ. ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ، ޔުނިސެފުން ބުނެފައިވަނީ އެއީ "ދުނިޔޭގައި ވަބާއެެއްގެ ތެރޭގައި އެންމެ އަވަހަށް ނިންމާލި ވެކްސިން ޖެހުމުގެ ކެމްޕޭން ކަމުގައި ބުނެވިދާނެ" ކަމަށެވެ.
ފާއިތުވި އެޕްރީލް މަހުގެ ތެރޭގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިއިރު، ވެކްސިން ޖަހަންޖެހޭ އެންމެނަށް ދެ ހަފުތާ ތެރޭގައި ވެކްސިން ޖަހައި ނިންމާަލައިގެން، އޭރުވެސް ބޫޓާނަށް ވަނީ ދުނިޔޭގެ ގައުމުތަކުން ތައުރީފުކޮށްފައެވެ. އޭރު އެގަމުގައި ބޭނުންކޮށްފައިި ވަނީ އިންޑިޔާއިން ހަދިޔާކުރި 5 ލައްކަ 50 ހާސް ޑޯޒުގެ ވެކްސިނެވެ.
އިންޑިޔާއިން ވެކްސިން ލިބުން ދަތިވުމާ ގުޅިގެން ބޫޓާނަށްވެެސް އެގައުމުގެ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގައި ދަތިތަކެއް ކުރިމަތިވިއެވެ.
ދެވަނަ ޑޯޒް މިހާރު ޖަހާފައި މިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާާ (ޑަބްލިޔުއެޗްއޯ) ގެ ކޮވެކްސް ޕްރޮގްރާމްގެ ތެރޭން އެމެރިކާއިން ހަދިޔާކުރި 5 ލައްކަ ޑޯޒުގެ މޮޑާނާ ވެކްސިން ލިބުމާ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ތެރޭން ފައިޒާ ވެކްސިންގެ 5 ހާސް ޑޯޒުވެސް ބޫޓާނަށް ލިބިފައި ވެއެވެ. އަދި ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޑެންމާކާއި، ކްރޮއޭޝިޔާއާއި، ބަލްގޭރިޔާއިން އާސްޓްރާޒެނެކާ ވެކްސިންގެ 4 ލައްކަ ޑޯޒް ލިބިފައި ވެއެވެ.
"އަހަރުމެންގެ އަމާޒަކީ ވީހާވެސް ކުރު މުއްދަތެެއްގެ ތެރޭގައި އަހަރުމެންގެ ރައްޔިތުންނަށް 'ހާޑް އިމިއުނިޓީ' ހޯދައިދިނުން. އެއީ އާއްމު ސިއްހަތުގެ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށް." ބޫޓާނުގެ ހެލްތު މިނިސްޓަރު ޑެޗެން ވާންގްމޯ ވިދާޅުވިއެވެ.
ބޫޓާނަށްވުރެ މާ ވަސީލަތްތައް ގިނަ، ތަނަވަސް ހުޅަނގުގެ ގައުމުތަކުގައި ވެސް ވަނީ ބޫޓާނުން ގެންދިޔަ ހަލުވި މިނުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ނުގެންދެވިފައެވެ.
އެ ގައުމުން މިހާ ކާމިޔާބުކަމާއެކު، މިހާ އަަވަަހަށް ވެކްސިން ޖަހައި ނިންމާލާފައިވަނީ ސަރުކާރުގެ އިސް ފަރާތްތަކުން ރައްޔިތުންނަށް މެސެޖް ފޯރުކޮށްދިން ގޮތް ރަނގަޅުކަމުންނާއި، ގައުމުގައި ގާއިމުކޮށްފައިވާ ފިނިކޮށް ރައްކާކުރުމުގެ ނިޒާމު ފުރިހަމަކަމުންނާއި، ރައްޔިތުންގެ ތެރެއިން އެކަމަށް ހިލޭސާބަހަށް މަސައްކަތްކުރަން ނުކުން މީހުން ގިނަކަމުންނެވެ.
"ހިމާލަޔާ ފަރުބަދަތަކުގެ ތެރޭގައި އޮތް މި ކުޑަ ރަސްކަން، މިހާރު (ކޮވިޑް-19 ގެ) ހުޅުގަނޑު ރޯވެފައިވާ މިސަރަހައްދަށް އަލިކޮށްދޭ ދަންމަރަކަށް ވާނެ." ބޫޓާނުގައި ހުންނަނަވާ ޔުނިސެފްގެ މަންދޫބު ވިލް ޕާކްސް ވިދާޅުވިއެވެ.