ތައުފީގަކީ ސައިހޮޓާ ހިންގަވާ ބޭފުޅެކެވެ.
ކާމިޔާބު ވިޔަފާރިވެރިއެކެވެ.
އެއްދުވަހަކު ތައުފީގާ ދެކެވުނު ވާހަކައެއްގައި ރާއްޖޭގެ މަސްރަހުގެ ވާހަކަ ފެށިއްޖެއެވެ.
އެއް މައުޟޫއަކަށްވީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް ފޯރަމުންދާ މިންވަރުގެ ވާހަކައެވެ.
އެކި ގޮތްގޮތަށް ޚިޔާލު ފާޅު ކުރެވެމުން ގޮސް ތައުފީގު ވިދާޅުވެއްޖެއެވެ.
ކަންތައް ވާން އަހަރެން ބޭނުން ނުވާ ގޮތެއް އެބައޮތެވެ.
އަޅުގަނޑު އަހައިފީމެވެ.
އެއީ ކޮން ގޮތެއްތޯއެވެ؟
ތައުފީގު ވިދާޅުވިއެވެ.
އަހަރެންގެ ކާފައަކީ އަތޮޅުވެރިކަން ކުރެއްވި ބޭކަލެކެވެ.
އެ ޒަމާނުގައި އަތޮޅުވެރިކަމަކީ ވަޒީރުން ފެންވަރުގެ މަގާމެކެވެ.
މީހުން ގަދަރުކުރާ އިއްޒަތްތެރި މަގާމެކެވެ.
ބައްޕަ ލައްވާނީ ކީނާރީ އެޅި ލިބާހެވެ.
އެއީވެސް ގަދަރުވެރިންނަށް ނޫނީ ލެވޭވަރުގެ ލިބާހެއް ނޫނެވެ.
އަތުކުރީގައްޔާއި ގިރުވާނުގައި ހުންނާނީ ކިނާރީ އަޅައިފައެވެ.
ހުކުރު ދުވަހެކެވެ.
ހުކުރުން ފައިބަންނަވައިގެން ކާފަ ހިންގަވައިގަތީ ބާޒާރާ ދިމާއަށެވެ.
އަހަރެން ގޮވައިގެންނެވެ.
އޭރު އަހަންނަކީ ކުޑަ ކުއްޖެކެވެ.
އެ ދުރުވި ގޮތަށް ދުރުވީ ބުންބާ މީހެއްގެ ފިހާރައަކަށެވެ.
އެއީ މާލޭގައި އެ ވަގުތު ހުރި އެންމެ ބޮޑު އެއް ބުންބާ ފިހާރައެވެ.
ކާފަ ފިހާރައަށް ވެންނެވުމާއެކު ސޭޓު ކިޔައިފިއެވެ.
އަހާނ... ދޮންމަނިކު ކޮން ހާލެއް ހެއްޔެވެ؟
މިއަދު ނެތީ...
މި އަންނަ ހުކުރުގައި އަންނަނީ...
ސޭޓު މިހެން ބުނީމާ ކާފަ އަހަރެން ގޮވައިގެން އެނބުރި ގެއަށް ދުރުވީއެވެ.
މިވީ ގޮތެއް ނޭނގިގެން ދަންނަވައިލީމާ ތައުފީގު ވިދާޅުވިއެވެ.
އެ ދެއްކީ މެންދުރު ކެއުމުގެ ވާހަކައެވެ.
އެ ހުކުރުގައި ކާން ލިބެން ނެތީއެވެ.
މިއީ އެ ދުވަސްވަރު ދިވެހިން ބުންބާގެ މީހުންގެ ދަށުވެފައި ތިބި މިންވަރެވެ.
އެމީހުންގެ ބާރު އޮތް މިންވަރެވެ.
ރަނގަޅަށް ކާންވެސް ލިބެނީ އެމީހުން ދިނީމައެވެ.
ވަޒީރުން ފެންވަރުގެ ބޭފުޅުންވެސް ތިއްބެވީ އެމީހުންގެ ދަށުވެފައެވެ.
މިއީ ރާއްޖެއިން އަހަރެން ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ.
އެ ދުވަސް އަލުން އައިސްގެން ނުވާނެއެވެ.