ދަންމަރު: ވަކި ފަރުދުންނަށް ބެލުންް

އެއް ދުވަހަކު މީހަކު ބައިސްކަލެއް ދުއްވާފައި ދިޔަ އެވެ. ކުއްލިއަކަށް ބުރަކި ތާށި ވެގެން ބައިސްކަލު ހުއްޓިއްޖެ އެވެ. ނަސީބު ރަނގަޅު ކަމުން ވަރަށް ކައިރީގައި ބައިސްކަލު ހަދާ ތަނެއް ހުއްޓެވެ. އޭނާ ބައިސްކަލު މަރާމާތު ކުރުވަން އެ ތަނަށް ހިނގައްޖެ އެވެ. އޭނާ ހީކޮށްގެން ހުރީ ބައިސްކަލު ހަދާ މީހާ އެންމެ ފުރަތަމަ ބަލާނީ ފުރޮޅާ ދިމާއިން ބުރަކި ތާށި ވެފައި ހުރި ތަނަށް ކަމަށެވެ. އެހެން ނަމަވެސް އެ މީހާ ބައިސްކަލުގެ އެހެން ތަނަކާ ކުޅެން ފެށީމާ އޭނާ ހުރީ ޙައިރާން ވެފައެވެ. އޭނާ އަށް އެއްޗެކޭ ބުނެވުމުގެ ކުރީން އެ މީހާ ބައިސްކަލު ރަނގަޅު ކޮށް ނިންމައިފިއެވެ. "މިހާރު ރަނގަޅުވާނެ- ބައިސްކަލު އަވަހަށް ގެންދަވާ-" އެ މީހާ ބުންޏެވެ. އޭނާ ބައިސްކަލަށް އަރައިގެން ދުއްވައިލިއެވެ. މިހާރަކު އެއްވެސް މައްސަލައެއް ނެތެވެ.

އެ ބައިސްކަލާއި އިންސާނީ މުޖުތަމަޢާ މާ ބޮޑު ތަފާތެއް ހުރި ކަމަކަށް ނުދެންނެވޭނެއެވެ. މުޖުތަމަޢުގައި ނުބައެއް އުފެދިއްޖެ ނަމަ މީހުން އެންމެ ފުރަތަމަ ބަލަނީ އެ ނުބައެއް އުފެދުނު ތަނަށެވެ. ގިނަ މީހުން ދެކެނީ މައްސަލައިގެ ޙައްލު ވެސް އޮތީ އެ ތާނގައި ކަމަށެވެ. އެކަމަކު ޙަޤީޤަތަކީ މިއީއެއް ނޫނެވެ. މައްސަލައިގެ މުގޫ އޮންނަނީ މުޅީން އެހެން ތަނެއްގައެވެ. މައްސަލަ ހިނގި ތަނާ މާ ދުރުގައެވެ. މުގުލާ ހަމައަށް ގޮސްގެން މައްސަލަ ޙައްލު ނުކުރެވޭހައި ހިނދަކު ޙަޤީޤީ މައްސަލަ ނެތިގެންނެއް ނުދާނެއެވެ.

މިސާލަކަށް މުޖުތަމަޢަކުން އެއްބައެއްވަންތަކަން ނެތިގެން ހިނގައިދާނެއެވެ. ނުވަތަ ބަޔަކު އަނިޔާވެރިކަމުގެ ދަށުގައިވެ ފިތިފައި ތިބެދާނެއެވެ. ވަކި މުޖުތަމަޢަކީ ދުނިޔޭގެ ނަޒަރުގައި ނުބައި މުޖުތަމަޢަކަށް ވެދާނެއެވެ. އެހެން މީސްމީހުން ޝައްކުގެ ނަޒަރަކުން ބަލާ ބަޔަކު އުޅޭ މުޖުތަމަޢަކަށް ވެދާނެއެވެ. އެހެން ވެއްޖެ ނަމަ ދުނިޔޭގެ ކުރިމަތީގައި އެ މުޖުތަމަޢެއްގެ އަގެއް ނޯންނާނެއެވެ. މީހުން އިތުބާރެއް ނުކުރާނެއެވެ. މި ފަދަ މައްސަލަތައް ދުރުން ދެކޭ މީހަކަށް އެ މައްސަލަ ތަކުގެ ޙައްލަކީ ޖަލްސާތައް ބޭއްވުމާއި މީހުން އެއްކޮށްގެން ޖަޒްބާތީ ވާހަކަ ދެއްކުން ކަމަށް ހީވެދާނެއެވެ. އަދި އެކި ކަހަލަ ޤަރާރުތައް ފާސް ކުރުމަކީ ޙައްލު ކަމަށް ދެކޭ ބަޔަކު ވެސް އުޅެފާނެއެވެ.

އެކަމަކު މިއީ މުޖުތަމަޢުގެ ޙަޤީޤީ ބަލި ފިލުވައިލެވޭނޭ ގޮތެއް ނޫނެވެ. އެ ބަލި ފިލުވައިލުމަށްޓަކައި ޖެހެނީ ބަލީގެ އަސްލާ ހަމައަށް ދާށެވެ. ބަލީގެ ނަތީޖާއަށް ބަލައިގެން މަސައްކަތް ކުރުމަކުން ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. މުޖުތަމަޢުގެ ވަކި ދިމާއަކުން ފެންނަ ނުބައި ކަމެއްގެ އަސްލު އެހެން ދިމާއެއްގައި ފޮރުވިފައި އޮވެދާނެއެވެ. މިސާލަކަށް އެއްބައެއްވަންތަކަން ގެއްލިއްޖެ ނަމަ ވަކި ފަރުދުންގެ ތެރޭގައި އޮންނަންވާ އެކުވެރިކަމުގެ ރޫޙް ނެތީއެވެ. އެހެންވީމާ މަސައްކަތް ކުރަން ވާނީ ވަކި ފަރުދުންގެ ވިސްނުމާއި ފިކުރު ބަދަލު ކުރެވޭތޯއެވެ. މުޖުތަމަޢުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ފެށުމުގެ ކުރިން ވަކި ފަރުދުންގެ ހަމައިގައި އެ ކަމެއް އޮތް ގޮތް ބަލައިގެން ފިޔަވަޅު އަޅަން ޖެހޭނެއެވެ. ޤުދުރަތީ ޤާނޫނަށް ވިސްނައިލީމާވެސް މީގެ މިސާލު ފެންނާނެއެވެ. މިސާލަކަށް ގަހެއްގައި ރަނގަޅު މޭވާ އަޅަނީ އެ މޭވާ އަށް ލިބިފައިވާ ޚާޞިއްޔަތެއްގެ ސަބަބުންނެއް ނޫނެވެ. އެއީ އިންދި އޮށެއްގެ ނަތީޖާއެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.