ބަންގްލާދޭޝް ޕާސްޕޯޓުގައި އިސްރާއީލަށް ދަތުރުނުކުރެވޭނެ ކަމަށް ލިޔެފައި އޮންނަ އިބާރާތް ޕާސްޕޯޓުން އުނިކުރަން ނިންމައިފި ކަމުގައި ބަންގްލާދޭޝް ސަރުކާރުން އިއުލާންކޮށްފިއެވެ. ޔަހޫދީ ދައުލަތުގެ ސަރުކާރުން ވަނީ ބަންގްލާދޭޝްގެ ނިންމުމަށް މަރުހަބާކިޔައި، އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް ބަންގްލާދޭޝް ސަރުކާރަށް ގޮވައިލާފައެވެ.
ބަންގްލާދޭޝްގެ ޕާސްޕޯޓުގައި މިހާތަނަށް "މި ޕާސްޕޯޓު އިސްރާއީލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކަށް ސައްހަވާނެ" މި އިބާރާތް ލިޔެފައި އޮވެއެވެ. އެެހެންނަމަވެސް ސަރުކާރުން މިހާރު ނިންމާފައި ވަނީ އިއްޔެއިން ފެށިގެން "އިސްރާއީލު ފިޔަވައި" މި އިބާރާތް ޕާސްޕޯޓުން އުނިކުރުމަށެވެ.
އިސްރާއީލުން ވަނީ ބަންގްލާދޭޝް ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފައެެވެ.
"ވަރަށް ރަނގަޅު ޚަބަރެއް. އިސްރާއީލަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ބަންގްލާދޭޝްއިން ނިމުމަކަށް ގެނެސްފި. މިއީ މަރުހަބާކިޔަން ޖެހޭ ފިޔަވަޅެއް. އަދި އިތުރަށް ކުރިއަށް ޖެހި، ދެ ގައުމުގެ ރައްޔިތުންގެ ފައިދާއާއި، ތަރަައްގީއަށްޓަކައި އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުުމަށް އަހަރެން ބަންގްލާދޭޝް ސަރުކާރަށް ގޮވާލަން." އިސްރާއީލުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ފޯ އޭޝިޔާ އެންޑް ޕެސިފިކް ގިލާޑް ކޯހެން ކުރި ޓުވީޓެއްގައި ވެއެވެ.
ބަންގްލާދޭޝްގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލް ވިދާޅުވިގޮތުގައި ސަަރުކާރުން މި އެޅި ފިޔަވަޅަކީ ބަންގްލާދޭޝްގެ ޕާސްޕޯޓު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ.
ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައިގަައި ބަންގްލާދޭޝް އަބަދުވެސް ތާއީދުކުރަމުން އައިސްފައި ވަނީ ފަލަސްޠީނަށެވެ. އަދި އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުުކޮށްފައި ނުވެއެެވެ. އެހެންކަމުން ދެގައުމުގެ ދެމެދުގައި މިވަގުތު ޑިޕްލޮމެޓިކް ގުޅުން ގާއިމުވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
މިނިސްޓަރު ކަމާލް ވިދާޅުވި ގޮތުގައި އިއްޔެގެ ފިޔަަވަޅުގެ މާނައަކީ އިސްރާއީލާ މެދު ބަންގްލާދޭޝްއިން ދެކޭގޮތް ބަދަލުވުމެއް ނޫނެވެ.
ބަންގްލާދޭޝްއިން އެޅި ފިޔަަވަޅަކީ ސިޔާސީ ގޮތުން ބަލާއިިރު ރަމްޒީ ފިޔަވަޅެއް ނަމަވެސް، މި ދަނޑިވަޅުގައި އިސްރާއީލާމެދު ގިނަ ގައުމުތަކެެއްގެ ރުޅިވެރިކަން އިތުރުވެފައިވަނިކޮށް ބަންގްލާދޭޝްްއިން އިސްރާއީލު ރުހޭފަދަ ފިޔަަވަޅެއް އެޅުމީ މުސްލިމުންގެ ގިނަ ބައެެއްގެ ނުރުހުން ބަންްގްލާދޭޝްއަަށް އަމާޒުވެގެންދާނެ ކަމެކެެވެ.