ބަންގްލާދޭޝްގައި އެކަކު މެރުމުގެ ކުށުގައި 39 މީހަކަށް މަރުގެ ހުކުމް

ބަންގްލާދޭޝްގެ ސުޕްރީމްކޯޓު

ބަންގްލާދޭޝްގައި މިހާރު ވެރިކަންކުރާ އަވާމީ ލީގްގެ މަސްއޫލުވެރިއަކު 2014 ވަނަ އަހަރު މެރުމުގެ ކުށުގައި 39 މީހުން މެރުމަށް އެޤައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ފެނީ ޑިސްޓްރިކްޓްގައި އަަވާމީ ލީގްގެ ވެރިއަކަށް ހުރި އިކްރާމުލް ޙައްޤު މަރާފައިވަަނީ އޭނާ ދަތުރުކުރަމުން ދިޔަ ކާރު ހުއްޓުވައި އޭނާ ބޭރަށް ނެެރުމަށް ފަހު އެތައް ބަޔަކު ވެެގެން އޭނާ ގައިގާ ތަޅައި، ޖަންބިޔާއިން ހަމަލާދިނުމަށް ފަހު ކައިރިން ބަޑި ޖަހައިގެންނެވެ. ދެން އޭނާ ކާރަށް ލުމަށް ފަހު ކާރުގައި ރޯކޮށްލީއެވެ. އޭނާާއާއިއެކު ކާރުގައި ތިބި އެހެން މީހުން މިހަމަލާގައި ޒަޚަމްވެފައި ވެއެވެ.
އޭއެފްޕީއަށް މައުލޫމާތު ދެމުން ކޯޓް އިންޕެކްޓަރ ނަޖީބުލް އިސްލާމް ބުނީ ފެނީ ޑިސްޓްރިކްޓް ކޯޓުގައި އެކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވުނު 55 މީހުންގެ މައްޗަށް ދައުވާކުރި ކަމުގައެވެ. ނަމަވެސް ކޯޓުން 39 މީހެއްގެ މައްޗަށް ކުށް ސާބިތުވިކަމަށް ނިންމައި ދަންޖައްސައިގެން މަރަން ހުކުމްކުރި އިރު 16 މީހަކު ކުށް ސާބިތުނުވާތީ ދޫކޮށްލިއެވެ.
"އަހަރުމެން މިހުކުމް މަތީ ކޯޓުގައި އިސްތިއުނާފު ކުރާނަން" ހުކުމް ކުރުވުނު މީހުންގެ ދިފާއީ ވަކީލު ރާނާ ދާސް ގުޕްތާ ބުންޏެވެ.
ބަންލާދޭޝް އަކީ މީހުން މެރުމުގެ މައްސަލަތަކުގައި އެއްފަހަރާ ގިނަ ބައެެއްގެ މައްޗަށް ކުރިންވެސް ހުކުމްކޮށްފައިވާ ޤައުމެކެވެ.
2009 ވަނަ އަަހަރު ހިނގި ނުކިޔަމަންތެރިކަމެއްގެ ސީނިއަރ އޮފިސަރުންތަކެއް މަރާލިކަމުގެ ކުށުގައި ސިފައިންގެ 139 މީހުންގެ މައްޗަށް އިއްވުނު މަރުގެ ހުކުމް ފާއިތުވި ނޮވެމްބަރު މަހު މަތީ ކޯޓުން ވަނީ ދަމަހައްޓާފައެވެ.
ބޮޑުވަޒީރު ޝޭޚް ހަސީނާ އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ ކުށުގައި ފާއިތުވި އޮގަސްޓުމަހު 10 މީހަކަށް މަރުގެ ހުކުމް އިއްވާފައި ވެެއެވެ.
ޚަބަރު: ދަ ނޭޝަން، ދަ ސްޓްރެއިޓްސް ޓައިމްސް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.