
ރާއްޖެއިން އިތުރު 1،467 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ އެކި ދުވަސްތަކުގެ މަތިން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ކަމަށާ، މީގެ ތެރެއިން އިއްޔެތެ 18:00އިން މިއަދުގެ 18:00އަށް އަލަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދަކީ 939 ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.
ރާއްޖެއިން އިތުރަށް ޕޮޒިޓިވި 1،467 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1,267 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 182 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 18 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 42،775 އަށް އަރާފައެވެ.
މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 15،003 މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 290 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 244 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 27،672 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި 5،037 ސާމްޕަލެއް ވަނީ ނަގާފައެވެ.
މިހާތަނަށް މިބަލީގައި ރާއްޖެއިން 91 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 78 ދިވެހިންނާއި 13 ބިދޭސީންނެވެ.