ފަޅިމޫނު - 88

(5 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ކުޑަކޮށް ޖެހިލުންވެފައި ކަހަލަ ގޮތަކަށް ބުންޏެވެ. "މިހާރު ކިހައި ދުވަހެއް ވެއްޖެ؟ އެއް ފަހަރަކު ސަދަރުން އޭނާ ފެނުނު. އޭނާ އުޅޭ ތަނެއް އަހަންނަކަށް ނޭނގޭ. ނެތް މީހެއްގެ ފަހަތުން އަހަރެން ދުވާނީ ކިހިނެއް؟"

"އާދަމުގެ ދަރިންނަކީ ހިޔަނި ފަހައިވެސް ދުވާ ބައެއް. ދަރިފުޅުގެ ހައްގުގައި ހުވައި ކުރޭ."

އޭނާ ފުން ނޭވައެއް ލިއެވެ. "އެންމެ ރަނގަޅު. އަހަރެން ދަރިފުޅުގެ ހައްގުގައި ފަރުޒާނާއާ ބައްދަލު ނުކުރަން ވައުދުވަން." އެޔަށް ފަހު ހިތާހިތާ ކިޔައިލިއެވެ. "އޭނާ އަހަންނާ ބައްދަލު ކުރުމަކީ އަދި އެހެން ކަމެއް."

ރުޚްސާނާ ވަރަށް ބޮޑަށް އުފާވެއްޖެއެވެ. ހިތާހިތުން ﷲ އަށް ޝުކުރުވެރިވިއެވެ. އޭނާގެ ޖާނީ ދުވަހަކުވެސް އޭނާ މާޔޫސުވިޔަކަ ނުދެއެވެ. އޭނާ ދައްކާ ކޮންމެ ވާހަކައެއް ގަބޫލު ކުރެއެވެ. ބުނާ ކޮންމެ ކަމެއް ކޮށްދެއެވެ. ބޭރުގައި ކުޑަކޮށް މަގުން ކައްސައިލާގޮތް ވިޔަސް ގެއަށް އައިސް ހަމަ މަގަށް އެނބުރިގަނެއެވެ. ﷲ ތަޢާލާ ވަނީ ދެމީހުންނަށް ނުލާހިކު ރީތި ދަރިއަކު ދެއްވައިފައެވެ. އަމިއްލަ ގެއެއް އެބަހުއްޓެވެ. ކާރުން އާމްދަނީ ލިބެއެވެ. އެއްވެސް މީހަކު ގާތު ކަމަކު ކިޔާކަށް ނުޖެހެއެވެ. މިކަހަލަ ހަމަޖެހޭ އަދި އުފާވެރި ޒަވާޖީ ހަޔާތެއް ލިބޭނީ ވަރަށް ނަސީބުވެރި އަންހެނަކަށެވެ.

ރޭގަނޑުގެ ފަހު ދަމަށް އަޅައިގަތީމާ ބާދްޝާ ޖާނީ ނިދައިފިއެވެ. އަނބިމީހާއަށް އިތުބާރުކުރާ ފިރިންނަކީ ވަރަށް ފުންކޮށް ނިދާ ބައެކެވެ. ރުޚްސާނާ އޮށޯވެގެން އޭނާގެ ފިރިމީހާއާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. ލަދުވެތިކަމާއެކު އަމިއްލަ ނަފުސަށް ވިސްނައިދެނީއެވެ. އަހަރެން ޖާނީއަށް އެބަ އޮޅުވައިލަމެވެ. އެކަމަކު ބޭވަފާތެރިއެއް ނުވަމެވެ. ލަންޑަނަށް ގޮސް އެންމެ ފުރަތަމަވެސް ޖަމްޝީދާ ދައްކާނީ ޕްލާސްޓިކް ސާޖަރީގެ ހިސާބުކިތާބު ރަނގަޅަށް ބެލެހެއްޓުމުގެ ވާހަކައެވެ. ހުރިހައި ޚަރަދެއް އަނބުރައި ދައްކާނޭ ވާހަކައެވެ. އެއްވެސް މީހަކަށް ދަރައި އޮންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއްވެސް މީހަކުގެ ކުރިމަތީގައި ޖާނީ އިސްދަށަށް ޖަހައިލާތަން ދެކޭކަށްވެސް ބޭނުމެއް ނުވެއެވެ. އަހަރެން ކަމެއް ސިއްރު ކުރި ނަމަވެސް ނިޔަތް ދެނެވޮޑިގެން ވާނީ ﷲ އެވެ.

އޭނާވެސް ފިރިމީހާއާ ދިމާއަށް ބަލަހައްޓައިގެން އޮވެ ނިދައިފިއެވެ.

* * *

ވަކިވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ގޭގެ ދޮރު ލެއްޕި ވަގުތު އޭނާއަށް ރޮވޭގޮތް ވިއެވެ. ދެން އެ ދޮރުން އެތެރެއަށް ވަދެވޭނީ ކޮން ދުވަހަކުން ކަމެއްވެސް ނޭނގެއެވެ. އޭނާ މަންމަގެ އަތުން ދަރިފުޅު އަތުލައިގެން މޭގައި ޖައްސައި ބާރުކޮށްލިއެވެ. އަދި ކާރުގެ ކުރީ ގޮނޑިއަށް އަރައި އިށީނދެއްޖެއެވެ. ފަހަތުގައި ތިބީ އޭނާގެ މަންމައާއި ބައްޕައެވެ. ހުރިހައި ދާގީނާއެއް ހުރީ ކާރުގެ މަތީގައެވެ.

ބައްޕަ ފަރީދު އަޙްމަދު ބުނެލިއެވެ. "ދަރިފުޅާ. ހުރިހައި ސާމާނެއް ހަމަތޯ ބަލާތި."

ރުޚްސާނާ ރޯން ފަށައިފިއެވެ. "ބައްޕާ. އަހަރެން މި ދަނީ އަހަރެންގެ ހުރިހައި އެއްޗެއް ދޫކޮށްލާފައި."

ބާދްޝާ ކާރު ދުއްވައިލިއެވެ. "ރުޚްސާނާ. ތިޔަހެން ނުހަދާ. ހެމުން ވާހަކަ ދައްކަމުން ހިނގާ."

އޭނާ އެއް އަތުން ދަރިފުޅު އުރާލައިގެން އިނދެ އަނެއް އަތް ބާދްޝާގެ ކޮނޑުގައި ޖައްސައިލިއެވެ. "ސިއްހަތަށް ބަލައިގެން ރަނގަޅަށް އުޅޭތި. އަބަދު ކާރު ނުދުއްވާތި."

"އާނ. އަހަރެން ދުއްވާނީ އެއް ދަންފަޅީގައި. އަނެއް ދަންފަޅި ހަވާލު ކުރާނީ ޑިރައިވަރާ."

"މަންމާ. ތިން އިރު ކާން ޖާނީ ތިޔަގެއަށް ދާނެ. އެއް ދުވަހުވެސް ނައިއްޔާ އަހަންނަށް ސިޓީ ލިޔާތި. އެ ދުވަހަކުން އަހަރެން ވަރަށް ބާރަށް ރޯނަން."

ބާދްޝާ ލޯތްބާއެކު ބުނެލިއެވެ. "އަހަރެން ރުޚްސާނާ ރޯ ކަހަލަ ކަމެއް ނުކުރާނަން. ދުވާލަކު ތިން ފަހަރު ދަރިފުޅު ދެކިލަން ގޮސްފައި އެނބުރި އަންނާނީ ކައިގެން."

"އަހަރެން ހުންނާނީ ޖާނީގެ ހުރިހައި ހެދުމެއް އިސްތިރި ކޮށްފައި. ދާ އެއްޗެހި ދޮންނަ މީހަކާ ހަވާލު ނުކުރާތި. މަންމަޔާ ހަވާލު ކުރޭ. މަންމަ ދޮވެ އިސްތިރިކޮށް ދޭނެ."

"ރުޚްސާނާ ތިޔަ ހުރިހައި ވާހަކައެއް އިއްޔެވެސް ދެއްކީމެއްނު؟"

"މިކަހަލަ ކަންތައްތަކުގައި ޖާނީ ވަރަށް ފަރުވާ ކުޑަ. އެހެންވީމާ ހަނދާންކޮށް ދެނީ. އެކޮޅަށް ގޮސް ސިޓީންވެސް ހަނދާންކޮށް ދޭނަން."

ބާދްޝާ ހީނގެންފިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ސީރިއަސް ވެލުމަށް ފަހު ބުންޏެވެ. "ރުޚްސާނާ އަހަރެން ދެކެ ތިޔަހައި ބޮޑަށް ލޯބިވާތީ ވަރަށް އުފާވޭ. ރުޚްސާނާއާ ނުލައި އުޅުމަކީވެސް މިހާރު ދަތި ކަމަކަށް ވާނެ. އެކޮޅަށް ފޭބުމާއެކު ސިޓީއެއް ލިޔާތި. ލަސް ވެއްޖެއްޔާ އަހަންނަކަށް ކެތެއް ނުކުރެވޭނެ. ވަގުތުން ލަންޑަނަށް ދާން ފުރާނަން."

"އޭނ..." ރުޚްސާނާ ބިރުގެންފިއެވެ. އެކަހަލަ ވާހަކައެއް ދައްކަފާނޭ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާގެ ފަހަތުން ބާދްޝާ ލަންޑަނަށް އަތުވެއްޖެއްޔާ ހުރިހައި ރޭވުމެއް ފަނުފުލުން ހިނގައިދާނެއެވެ. "ޖާނީ. އަހަރެން ކޮންމެ ހަފުތާއަކު ސިޓީއެއް ފޮނުވާނަން. އެކަމަކު ޕޯސްޓުން ފޮނުވާތީ ލިބުން ބައެއް ފަހަރަށް ކުޑަކޮށް ލަސްވެދާނެ. ފަހަރެއްގައި އަހަރެންގެ ސިޓީ އެހެން ގެއަކަށްވެސް ހިނގައިދާނެ. ސިޓީބަހާ މީހުން އަތުން އެކަހަލަ ކަންތައްވެސް ވެއެއްނު؟ އެހެންވީމާ އަހަރެންގެ ޚަބަރެއް ނުވެ ދުވަސްކޮޅެއް ވިޔަސް ކެތް ކުރާތި. ލަންޑަނަށް އަތުވެއްޖެއްޔާ އިތުރު ޚަރަދު ހިނގާނީ. އެހެން ވެއްޖެއްޔާ އަހަރެންގެ މޫނުގެ ސާޖަރީ ނުހެދޭގޮތްވެސް ވެދާނެ."

އެއާޕޯޓަށް ދިޔަ މަގުމަތީގައި ރުޚްސާނާ ހުއްޓާނުލައި ބާދްޝާއަށް ނަސޭހަތް ދިނީއެވެ. އެއާޕޯޓަށް ފޯރުމާއެކު ކަރުނަ އޮހޭން ފަށައިފިއެވެ. ބާދްޝާ ފިޔަވައި އެހެން އެންމެން ރޮނީއެވެ. ރުޚްސާނާ ރޮމުން ކާމްރާންގެ ރުއިން ހުއްޓުވޭތޯ މަސައްކަތް ކުރަނީއެވެ. ބާދްޝާ ކަންބޮޑުވެފައި ބުންޏެވެ. ""އަހަންނަކީ ރޮވޭ މީހެއް ނޫން. އަހަރެންގެ ހިތުގެ ހާލު ރުޚްސާނާއަށް އެނގޭނެ. ކުޑައިރު މަންމަގެ ލޯބިން މަހުރޫމު ވެއްޖެ. މިއަދުން ފެށިގެން ރުޚްސާނާގެ ލޯތްބެއް ނުލިބޭނެ."

"ލިބޭނެ. އަހަރެން ވަރަށް އަވަހަށް އަންނާނަން. އަހަރެންގެ މޫނު ރަނގަޅު ވީހައި އަވަހަކަށް އަންނާނަން."

ކައުންޓަރު ދޮށަށް ގޮސް ހުރިހައި ލިޔުމެއް ދައްކައި ޕާސްޕޯޓުގައި ތައްގަނޑު ޖައްސައި ނިމިއްޖެއެވެ. މަންމަ ރުޚްސާނާގެ ގައިގައި ބައްދައިލިއެވެ. ބައްޕަ އޭނާގެ ނިތްކުރީގައި ބޮސް ދީފައި ބުންޏެވެ. "ބައްޕަގެ ދަރިފުޅު ރީތި ޕަރީއަކަށް ވެގެން އެނބުރި އަންނާތި. ދަރިފުޅާ ﷲ އާ ވަކީލު. އެއްގޮތަކަށްވެސް ދެރަ ނުވާތި. ބައްޕަމެން ހެޔޮ ދުޢާ ކުރާނަން."

އޭނާ ދަރިފުޅަށް ލޯބި ކޮށްލާފައި ޖާނީއާއެކު އެތެރެއަށް ވަންނާން ހުންނަ ދޮރާށްޓާ ހަމައަށް އަތުވެއްޖެއެވެ. އެ ހިސާބުން ޖެހޭނީ ވަކިވާށެވެ. ދަތުރުވެރިން ބޯޓަށް އަރާން ގޮވަންވެސް ފަށައިފިއެވެ. ރުޚްސާނާ އަނގަޔަކުން ނުބުނެއެވެ. އެކަމަކު ކަރުނަ ފައިބަނީއެވެ. ޖާނީ ހިނިތުންވެލިއެވެ. "ނުރޮއި. އަނގައިން ލަފުޒު ބޭރު ނުވަންޏާ ހިތްވަރު ކޮށްފައި ހިނިތުންވުމަކީވެސް ވާހަކަދެއްކުމެއް."

އޭނާ ގަދަކަމުން ހިނިތުންވެލިއެވެ. "ލަންޑަނަށް ދާ ވާހަކަ ދެކެވުނީއްސުރެ އަހަރެން ގެންދިޔައީ އަނގަތަޅަމުން. އެކަމަކު ދައްކަން އުޅުނު ވާހަކައެއް ނުދެއްކޭ. އެވާހަކަ ކޮންމެވެސް ދިމާއަކަށް ވަދެ ގެއްލިއްޖެ."

"ނުގެއްލޭ. އެ ވާހަކަ އަހަރެންގެ ހިތުގައި ލިޔެވިފައި އެބައޮތް. ރުޚްސާނާ ބުނީ ދިމާވާ މަޖުބޫރީ ހާލަތަކުން ދެމީހުން ވަކިވާން ޖެހުނަސް ތިމަންގެ އިންތިޒާރުގައި ފަސް އަހަރު ދުވަސް ވާންދެން ހުންނާން ވާނެއޭ."

"އާނ. އެ ވާހަކަ ހަނދާން އެބަހުރި ދޯ؟"

"އާނ. ހަނދާން އެބަހުރި. މިއަދުވެސް މި ބުނަނީ. އަހަންނަށް އަންހެނުން ލިބިދާނެ. ފަރުޒާނާވެސް ލިބިދާނެ. އެކަމަކު އަހަރެންގެ މިޒާޖާއި އުޅުމާއި އިހުސާސްތައް ދަންނަ ރުޚްސާނާ ކަހަލަ އަނތްބަކު ނުލިބޭނެ."

"މައްސަލައަކީ ތިޔައީ. އަހަރެން ކަހަލަ އަނތްބަކު ނުލިބޭނެ. ފަރުޒާނާ ކަހަލަ ފީކޯތް ކުޅޭ މީހަކުވެސް ނުލިބޭނެ."

"ރުޚްސާނާ. ވަކިވުމުގެ ކުރިން ރުޚްސާނާގެ ހިތަށް ހެރެމުންދާ ފަރުޒާނާގެ ކަށި ލުއްސައިލާން އަހަރެން ބޭނުން. ރުޚްސާނާ ދެއްކީ ފަސް އަހަރު ދުވަހުގެ ވާހަކައެއްނު؟ ރުޚްސާނާގެ އެންމެ ފަހުގެ ނޭވަޔާ ހަމައަށް އަހަރެން އެހެން މީހަކާ ނީންނާނަން. އަހަރެންގެ އަނތްބަކަށް ރުޚްސާނާ ހުރިހައި ދުވަހަކު އެހެން މީހަކު އަހަރެންގެ އަނތްބަކަށް ނުހަދާނަން."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.