މިހާރު ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު އެހެން ނިޒާމަކަށް ފުރޮޅައިލެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.
މަބްރޫކު ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ފޮނުއްވި މެސެޖު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައެވެ. އެ މެސެޖުގައި ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ ނިޒާމަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވަން ކަމަށާއި ވެރިކަމުގެ ނިޒާމަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމަށް ވާތީ އެކަން ރައްޔިތުންގެ ވޯޓަކުން ނޫނީ ނުނިންމޭނެ ކަމަށް ކަމުގައި މަބުރޫކް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިއްޔެ އިރުއޮއްސޭން ގާތްވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް އަނބުރައިލެއްވުމާމެދު ރައީސާ ވާހަކަފުޅު ދައްކަވަން ބޭނުންފުޅުކަމުގައެވެ. އަދި ވެރިކަން ހިންގުމުގައި ބައިވެރިވެވަޑައިުގެން ނުހުންނެވޭނޭ ކަމަށާއި ގައުމު ހިންގުމުގައި ބައިވެރިވެވަޑައިގަންވަން ބޭނުންފުޅު ކަމުގައެވެ. އަދި ބޮޑޫ ވަޒީރަކަށް ވެވަޑައިގަންނަވާންވެސް ބޭނުންފުޅު ކަމުގައެވެ.
ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ނިޒާމު ބަދަލު ކުރައްވާން އެމަނިކުފާނު ބޭނުންފުޅުވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ބަދަލާއެކު ސަރުކާރު އެކުލަވައިލާނީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބާއްވައި 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ދާއިރު ގާނޫނުގައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަކު ކަނޑއަޅާނީ މަޖިލީހުން ކަމަށްވެސް ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.