
މިދިޔަ އަހަރުގެ މާޗް މަހުގެ 12ވަނަދުވަހު ޢިއުލާންކޮށް އޭގެފަހުން ރާއްޖޭގައި ދަމަހައްޓާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާވެސް އިތުރުކޮށްފިއެވެ.
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އެންމެފަހުން އިތުރުކުރީ މިދިޔަމަހުގެ ވަނަ ދުވަހުއެވެ. އެމުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ. އެއީ މިއަދު މިމުއްދަތު ހަމަވާތީ އަނެއްކާވެސް މިވަނީ އެއް މަސް ދުވަހަށްވުރެ ގިނަދުވަހަށް މުއްދަތު އިތުރުކޮށްފައެވެ.
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރި ޤަރާރުގައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި އަދިވެސް އިތުރަށް
ފެތުރުމުގެ ނުރައްކާ އެބައޮތްކަމަށެވެ. އެހެންކަމުން ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، ދެމެހެއްޓުމަށް ނިންމީކަމަށެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، 12 މާރިޗު 2020 ގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ހެލްތުމިނިސްޓަރަށް ލަފާ އަރުވާފައިވާކަމަށްވެސް މި ޤަރާރުގައި ވެއެވެ.
ޢާއްމު ޞިއްޙަތުގެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރި މިއީ 12ވަނަ ފަހަރެވެ.