ގޭގައި ބޭނުންކުރާ ސާމާނާއި، ބޮތްކާއި، ބޭސްފަރުވާގެ ދާއިރާގައި ބޭނުންކުރާ ސާމާނު އުފެއްދާ އެންމެ ބޮޑު އެއް ކުންފުނި، ފިލިޕްސްގެ ގޭގައި ބޭނުންކުރާ ސާމާނު އުފައްދާ ބައި (ހޯމް އެޕްލާޔަންސް ޑިވިޝަން) ޗައިނާގެ އިންވެސްޓްމަންޓް ކުންފުނި، ހިލްހައުސްއަށް ވިއްކާލައިފިއެެވެ.
ނެދަލޭންޑްސްގައި މައި މަރުކަޒު ހުންނަ ބައިނަލްއަގްވާމީ ކުންފުނި ފިލިޕްސްއިން ހިންގި ބިލިއަން ޔޫރޯ (4.4 ބިލިއަން އެމެރިކާ ޑޮަަލަރު) އަގުހުރި މި ވިޔަފާރީގެ މުއާމަލާތް މުޅިން ނިމޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ތިންވަނަ ތިންމަހުގެ ތެރޭގައެވެ. އެއީ ނެދަލޭންޑްސްގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމުންނެވެ.
ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބެއިިޖިންގްގެ އިތުރަށް ހޮންކޮންގާއި، ސިންގަޕޫރުގައި ގޮފިތައް ހުންނަ ހިލްހައުސް ކެޕިޓަލްއަަށް 'ފިލިޕްސް' ބްރޭންޑް 15 އަހަރުދުވަހަށް ބޭނުންކުރުމުގެ ހުއްދަ ލިބިގެން ދާނެއެވެ. އެއީ ފިލިޕްސް ހޯމް އެޕްލާޔަސް ޑިވިޝަނުން އުފައްދާ ބަދިގޭ ސާމާނާއި، ކޮފީހަދާ މެޝިނާއި، ފެހުމާބެހޭ ސާމާނާއި، ގޭގައި ބޭނުންކުރާ ސާމާނު އުފެއްދުމުގައެވެ.
"މުސްތަގުބަލުގައި ސިއްހީ ދާއިރާގެ ޓެކްނޮލޮޖީގެ ލީޑަރަކަށް ވުމަށް އަހަރުމެން މަސައްކަތްކުރާއިރު، މި ވިޔަފާރި (ހޯމް އެޕްލާޔަންސްގެ ވިޔަފާރި) އަހަރުމެންގެ ސްޓްރެޓެޖީއަށް ނުފެތޭ." ހޯމް އެޕްލާޔަސް ޑިވިޝަން ވިއްކާލި ސަބަބު ބަޔާންކުރައްވަމުން ފިލިޕްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ފްރާންސް ވާން ކައުޓެން ވިދާޅުވިއެވެ.
އޭނާ ވަނީ ހިލްހައުސްއިން ފިލިޕްސްގެ ވަރުގަދަ ބްރޭންޑް އާ އުފެއްދުންތަކާއެކު އިތުރަށް ކުރިއަރުވާނެކަމުގެ އުއްމީދުވެސް ފާޅުކުރައްވާފައެވެ.
"އައު މާކެޓްތަކަށް ނުކުމެ، ބައިނަލްއަގުވާމީގޮތުން ފުޅާކުރުމުގެ އިތުރު ފުރުސަތު ހޯދުމަށް ފިލިޕްސްއާ ގުޅިގެން މަސައްކަތްކުރުމަށް އަހަރުމެން މިތިބީ ތައްޔާރަށް." ހިލްހައުސް ކެޕިޓަލްގެ ބާނީ އަދީ ޗީފް އެގްޒެކެޓިވް ލެއި ޝާންގް ވިދާޅުވިއެވެ.
ޖެރާޑް ފިލިޕްސްއާއި އޭނާގެ ބައްޕަ ފްރެޑެރިކް ފިލިޕްސް 1891 ވަނަ ނެދަލޭންޑްސްގެ އެއިންޑޯވެންގައި ފިލިޕްްސް ކުންފުނި އުފެއްދީ ކަރަންޓު ބޮކި އުފައްދާ ކުންފުންޏެއްގެ ގޮތުގައެވެ. 120 އަހަރަށް ފަހު މިއަދު 100 ގައުމުގައި އެކުންފުނީގެ 80 ހާސް މުވައްޒަފުން އެބަތިއްބެވެ. ޗައިނާގައި އެކަނިވެސް އެކުންފުނީ 8 ހާސް މުވައްޒަފުން އެބަތިއްބެވެ.
ފާއިތުވި އަހަރު ފިލިޕްސްގެ ހޯމް އެޕްލަޔަސް ޑިވިޝަނުން 2.6 ބިލިއަން އެމެރިކާ ޑޮަލަރުގެ ވިޔަފާރިކޮށްފައި ވެއެެވެ.