ފަޅިމޫނު - 58

(23 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ ބާދްޝާގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. "ދެން މާ ގިނަ ވާހަކަ ނުދައްކާ. ހުން ގަދަވަނީ. އަހަރެން ބޭސް އެެބަ ހޯދަން."

މިހެން ބުނެފައި ގޮސް މޭޒު ދޮށުގައި އިށީނދެ ބޭސްސިޓީއެއް ލިޔާން ފަށައިފިއެވެ. "ތިޔަ ހުމަކީ ލިބިފައި ހުރި އަނިޔާގެ ސަބަބުން އައި ހުމެއް. ރިހުން މުޅީން ކެނޑި ހަމަޖެހުނީމާ ހުންވެސް ފިލައިފާނެ."

އޭނާ ބޭސްސިޓީ މަންމައަށް ފޯރުވައިލިއެވެ. "މި ޖެހެނީ މަންމައަށް އުނދަގޫ ޖައްސަން. މިގެޔަކު އިތުރު މީހަކުވެސް ނެތެއްނު؟ ބޭސް ފިހާރައިން މި ބޭސް ނަގައިދީ. އަދި އަންނަމުން ބަނަސްކޮޅެއްވެސް ގެންނާތި."

މަންމަ ބޭސް ސިޓީއާއި ފައިސާކޮޅަކާ ހިފައިގެން ނުކުމެގެން ހިނގައްޖެއެވެ.

ރުޚްސާނާ އަލަމާރި ހުޅުވައިފައި ބޮޑު ދެ ރަޖާ ނަގައިފިއެވެ. އެތަނުން އެއް ރަޖާ އެނދާ ދިމައިގައި ފުޅަފެއްހެން ދަމައިލިއެވެ. އެޔާއެކު އެނދު ހުރިތަން ވަކިވެ، އެއް ކޮޓަރީގައި ދެ ކޮޓަރި ހެދިއްޖެއެވެ. މިހާރު މަންމައަށް ކޮޓަރީގައިވެސް ނިދިދާނެއެވެ. ރަޖާގެ އަނެއް ފަރާތުގައި ފަތްޖެހި އެނދެއް ބަހައްޓައިގެން މަންމައަށް އޮވެވިދާނެއެވެ.

އެޔަށް ފަހު އަނެއް ރަޖާ ހިފައިގެން އައިސް ބާދްޝާގެ ގައިގައި އަޅައިލިއެވެ. އަދި މަގަތުން އިށީނދެ އޭނާގެ ބޮލުގައި އަތްފުނާ އަޅާން ފަށައިފިއެވެ.

ކައިރީގައި ފަރުބަދައެއްހެން ފިރިހެނަކު ގާއިމުވެ ހުރިއްޔާ އަންހެންނުނަށް ލިބޭ ހިތްވަރެއް އޮވެއެވެ. ކިތަންމެ ވަރުގަދަ ދުޝްމިނަކާ ހަނގުރާމަ ކުރާން ވިޔަސް، ކިތަންމެ ބޮޑު ޠޫފާނަކާ ކުރިމަތިލާން ވިޔަސް އެ ފަރުބަދައިގައި ޖެހިފައި މައިތިރި ވެދާނޭ ކަމުގެ ޔަގީންކަން އޮވެއެވެ. ތިމާއަށް ލިބޭނޭ އެއްވެސް ގެއްލުމެއް ނޯންނާނޭ ކަމުގެ ކަށަވަރުކަން އޮވެއެވެ.

ރުޚްސާނާ ހިތާހިތާ ކިޔަމުން ދިޔައެވެ. އަހަރެން މިއީ ބޮޑު ފަރުބަދައެއްގެ ހިމާޔަތުގައި އިން މީހަކީމެވެ. އަހަރެން މިއީ އެ ފަރުބަދަ ހިފަހައްޓާ ބިންގަނޑު ކަމުގައި ވެގެން އިން މީހާއެވެ. ބިންގަނޑު ހެލިގެންދާ ވަރުގެ ޒަލްޒަލާއެއް އައިސްގެން ނޫނީ ފަރުބަދަޔަކަށް ކަމެއް ނުވާނެއެވެ.

އަހަރެންގެ ޖާނީއަށް މަގު އޮޅިގެން ނުދާނޭކަން އަހަންނަށް އެނގެއެވެ. އެކަމަކު ބަޔަކު ނުވަތަ މީހަކު އޭނާއަށް މަގު އޮޅުވައިލާން މަސައްކަތް ކުރެއޭ ހިތަށް އެރީމާ ބިރުގަނެއެވެ. އަންހެނުންނަކީ ފިރިހެނުންގެ ބޯމައްޗަށް ދަމައިގަނެވިފައިވާ ކަނޑިއެއް ކަހަލަ ބައެކެވެ. އެކަމަކު އަހަރެން މިއީ އެކަހަލަ ކަނޑިއެއް ނޫނެވެ. އަހަރެން މިއީ ދުޢާއެކެވެ. އަހރެން ބޭނުންވަނީ ފިރިމީހާއާއެކު ބަނދެވިފައިވާ ފުރިހަމަ ބައިވެރިއަކަށް ވާށެވެ.

އަހަންނަށް ކުރެވޭނީ އަހަރެންގެ އިޚުތިޔާރުގައި އޮތް ކަމެކެވެ. ބޭސް ކުރެވިދާއެވެ. ދުޢާ ކުރެވިދާނެއެވެ. އަހަންނަށް ލިބިފައި އޮތް ފުރުސަތު ގެއްލޭންދެން އަހަރެންގެ ބާދްޝާގެ ބޮލުގައި ފިރުމައިދެވިދާނެއެވެ. އެކަމަކު އެއީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ މިރެއަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ފަހު ދުވަސް ކަމުގައިވެސް ވެދާނެއެވެ. މާދަމާ އިންޖިނޭރުބޭބެ އައިސް އަހަންނަށް މަރުގެ ހުކުން އިއްވާނެއެވެ.

ބާދްޝާ އޮތީ ރުޚްސާނާގެ އެއް މުލައްދަނޑިމަތީގައި ބޯ އަޅައިގެން ލޯ މަރައިލައިގެންނެވެ. ނިދާފައި ކަމެއް ހޭލައި ކަމެއް ނޭނގެއެވެ. އެހެން އޮވެފައި ކުއްލިއަކަށް ލޯ ހުޅުވައިލީ މޫނުމަތީގައި ފެން ތިތްކެއް ޖެހުނީމައެވެ. އެއީ ރުޚްސާނާގެ ލޮލުން ވެއްޓު ކަރުނަ ތިތްކެކެވެ. އޭނާ ރުޚްސާނާގެ މޫނަށް ބަލައިލާފައި އަހައިލިއެވެ. "ކިހިނެއްވީ؟ ރޮނީތަ؟"

ރޮވުނުކަން ރުޚްސާނާއަށްވެސް އިހުސާސް ކުރެވުނީ ބާދްޝާ ސުވާލު ކުރީމައެވެ. އޭނާ ދޯޕައްޓާއިން ކަރުނަ ފޮހޭން ފަށައިފިއެވެ. އިންކާރު ކުރުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ކަމެއް ނުވޭ... ކަމެއް ނުވޭ."

ބާދްޝާ ލޯތްބާއެކު ރުޚްސާނާގެ ގައިގައި ބައްދައިލިއެވެ. "ބުނެބަލަ... ކިހިނެއްވީ؟ މިރޭ އަހަރެން އައި އިރުވެސް ރޮނީ. އަހަރެންގެ ޚަބަރެއް ނުވެ ލަސްވީމާތަ؟"

ރުޚްސާނާ އަނެއްކާވެސް ބޯ ހޫރައިލިއެވެ. "ނޫނޭ. އެހެން ވެގެންނެއް ނޫން."

"އެހެން ވެއްޖެއްޔާ ކިހިނެއްވީ؟ އަހަރެން ގާތުވެސް ނުބުނާނީތަ؟"

"އަހަރެންގެ ހިތާމައިގެ ވާހަކަ ޖާނީ ގާތު ނުބުނެ ބުނާނީ ކާކު ގާތު؟ އަހަރެންގެ އެހެން މީހަކު އެބަހުރިތަ؟ އެކަމަކު އަހަރެން ބުނީމާ ޖާނީއަށް ވިސްނޭނެތަ؟ ވިސްނިއްޖެއްޔާ ކިތަންމެހައިވެސް ރަނގަޅު."

ބާދްޝާ ޖާނީ ފުން ނޭވައެއް ލިއެވެ. ހިމޭނުން އޮވެގެން ރުޚްސާނާގެ އަތުގައި ފިރުމާން ފަށައިފިއެވެ. ލަފުޒުތައް ދުލަށް ނައިސް ހުއްޓިއްޖެނަމަ ވާހަކަ ދައްކަނީ ހަރަކާތުންނެވެ. ވިސްނުމުގެ ގާބިލުކަން ހުންނަ މީހުން ހަރަކާތުގެ ބަހުރުވަ ދަނެގަނެއެވެ. އޭނާ ރުޚްސާނާގެ އަތްތިލައިގައި ބޮސް ދިނުމަށް ފަހު ގެންގޮސް ލޮލުގައި ޖައްސައިލިއެވެ. އޭނާ ގެނބެމުން ދަނީއެވެ. ގެނބެމުން ދިޔައިރު އެހީއަށް އެދި ގޮވަމުން ދިޔައީ ފަރުޒާނާއަށެވެ. ސަލާމަތްވާން ހިފީ ރުޚްސާނާގެ އަތުގައެވެ.

ފިރިހެނުންނަކީ ސީދާސާދާ ދިރިއުޅުމެއް އުޅޭ ބައެއް ނޫނެވެ. އަމިއްލައަށް ޚުދު ތިމާއަށްޓަކައި އެކި ކަހަލަ މައްސަލަތައް އުފައްދައި އެ މައްސަލަތަކުގެ ތެރޭގައި ހާސްވެގެން ތެޅިފޮޅިގަނެއެވެ. އެއްކޮޅުން އޭނާ ދަމަމުން ގެންދަނީ ކުފުރެވެ. އަނެއްކޮޅުން އޭނާ ހުއްޓުވަނީ އީމާންކަމެވެ. ތާރީޚަށް ބަލާއިރު ފިރިހެނުން ފެންނަ ގޮތަކީ މިއީއެވެ. ހާކިމަކަށް ވެގެން އަމުރު ހިންގާނޭ އަނތްބަކު ގެނެސް ގޭގައި ބައިންދައެވެ. ދެން އަމިއްލަ އާދަތައް ހަލާކު ކޮށްގަނެއެވެ. އެހެން އަންހެނުން ލޯބިވެރިންނަށް ހަދައިގެން ޝިކާރަ ކުރަން ފަށައިގަނެއެވެ. އަނބިމީހާ ދެކެ ލޯބިވެއެވެ. އަދި ލޯބިވެރިޔާ ދެކެވެސް ލޯބިވެއެވެ. މީހަކު އޭނާގެ އަނބިމީހާއާ ދިމާއަށް ނުނިޔަތެއްގައި ލޮލުގެ ހިމަކޮޅުން ބަލައިލިޔަސް އޭނާގެ ޣީރަތްތެރިކަން ހިލިގަނެއެވެ. ޖޯޝް އުތުރި އަރައިގަނެއެވެ. އަނބިމީހާގެ އަބުރަށްޓަކައި ތަޅައިފޮޅައިގަނެއެވެ. މަރާށާއި މަރުވާން ތައްޔާރުވެގަނެއެވެ. ހަމައެހެންމެ ލޯބިވެރިޔާއާ ދެކޮޅަށްވެސް މީހަކު ޗުއްޕުވެސް ބުނެލާ އަޑު އަހާކަށް ބޭނުމެއް ނުވެއެވެ. ފިރިހެންމީހާގެ މޫނު ހުންނަނީ ދެފަޅި ވެފައެވެ. އެއްފަޅި އަނބިމީހާއަށެވެ. އަނެއް ފަޅި ލޯބިވެރިޔާއަށެވެ.

ހިތުގައި ހިނގާ މިކަހަލަ ޝުއޫރުތައް ޝަަރަހަކުރުމަކީ ބާދްޝާ ފަކީރަކަށް ކުރެވޭ ކަމަކަށް ނުވެއެވެ. އޭނާގެ އަތަކު ލަފުޒެއްވެސް އަދި ވާހަކަދެއްކުމުގެ ވައްޓަފާޅިއެއްވެސް ނެތެވެ. އޭނާ ރުޚްސާނާގެ އަތްތިލަ އޭނާގެ މޫނުގެ އެކިތަންތާނގައި ޖެއްސުމަށް ފަހު މަޑުމަޑުން އަހައިލިއެވެ. "ރުޚްސާނާގެ މޫނު ފުރިހަމަ ވާނީ ކޮން ދުވަހަކު؟"

ރުޚްސާނާ ފިނި އާހެއް ލިއެވެ. "އަހަރެންގެ އުނި ކަމަކީ ތިޔައީތާ. އަހަރެންވެސް މިއީ ފުރިހަމަ މީހަކަށް ވީނަމަ ބާދްޝާގެ ފުރިހަމަ ލޯބި ލިބުނީސް."

"ރުޚްސާނާ. އަހަރެން ރުޚްސާނާ ދެކެ ފުރިހަމައަށް ލޯބިވަން."

"ނޫނޭ ޖާނީ. އަހަރެން މިއީ ހޭނުޖެހޭ ކުއްޖަކީމެއް ނޫން. މީސްމީހުން ލޯބިވަނީ ރީތިކަން ދެކެ. އަހަރެން މިގެއަށް އައި ދުވަހުން ފެށިގެން ފާހަގަ ކުރެވުނު ކަމެއް ބުނަންތަ؟ ޖާނީ އަހަރެންގެ މޫނުގެ ހުތުރު ފަޅި ދެކެ ލޯބިވަނީ ޑޮކްޓަރަކު ފާރުކޮޅެއްގައި ބޭސް އަޅާއިރު ބަލިމީހާގެ ދެކެ ލޯބިވާހެން. މޫނަކީ ހުތުރު މޫނަކަށް ވިޔަސް ރީތި މޫނަކަށް ވިޔަސް ހަމްދަރުދީގެ މަލަން އަޅައިދޭނެ. އެކަމަކު ލޯބިވާނީ ރީތި މޫނު ދެކެ."

"ރުޚްސާނާއަކީ ކިޔަވައިގެން އިން މީހެއް. އެހެންވީމާ ތިޔަ ކަހަލަ ވާހަކަ ދައްކާން އެނގޭ. ތިޔަ ދައްކާ ވާހަކަ ސީދާ ހިތުގެ އެންމެ ފުނަށް އެބަ ފޯރާ. ލޯބިވަނީ ރީތިކަން ދެކެ ކަމަށް އަހަރެން ގަބޫލުކުރަން. ރުޚްސާނާގެ މޫނުގެ އެއްފަޅި ނުލާހިކު ރީތި. އެކަން ގަބޫލުކުރޭ. އެހެންވީމާ އެންމެ ކުޑަމިނުން އަހަރެން ރުޚްސާނާގެ ދެކެ ފަޅިލޯތްބެއް ވާކަމަށް ގަބޫލުކުރޭ."

ރުޚްސާނާ ބޯ ހޫރައިލިއެވެ. "ނޫނޭ. ދުނިޔޭގެ ކޮންމެ އެއްޗަކީވެސް ދެފަޅިވެ ދެބަޔަކަށް ބެހޭ އެއްޗެއް. އެކަމަކު ލޯތްބަކީ އެހެން ވާއެއްޗެއް ނޫން. ލޯތްބަކީ ފަޅިފަޅިވާ އެއްޗެއް ނޫން. މަރުވާ އެއްޗެއް ނޫން. އެތިއެތިކޮޅުން ވެވޭ އެއްޗެއް ނޫން. ބައިބައިވެސް ކުރެވޭ އެއްޗެއް ނޫން. ބައިބައިވާނަމަ ވެގެން ދާނީ އެކީގައި. ކުދިކުދިކޮށްލައިފިނަމަ ވާނީ ހަމްދަރުދީއަށް. ލޯތްބަކަށް ނުވާނެ."

ބާދްޝާ އޭނާގެ މޫނުގައި ފިރުމައިލިއެވެ. "ހުވައިކޮށްފައި މިބުނަނީ. ރުޚްސާނާ ވާހަކަ ދައްކާން ފެއްޓީމާ އަހަންނަށް އަހަރެން ފެންނަނީ ކިނބި ހިންޏަކަށްވުރެވެސް ކުޑަކޮށް. ތިޔަ ދައްކަނީ ވަރަށް މޮޅު ވާހަކަ. ފުން މާނަ އެކުލެވޭ ވާހަކަ. އަހަރެން އެކުވެރިން ގާތު މޭ ފުއްޕައިފައި ބުނަނީ ކީކޭކަން އެނގޭތަ؟ އަހަރެން ބުނަނީ ކަލޭމެންނަށް އެނގޭހޭ އަހަރެންގެ އަނބިމީހާއަކީ ބޮޑު ފަލޫސަފަރެކޭ."

ރުޚްސާނާ ހައިރާންވެފައި ބާދްޝާއާ ދިމާއަށް ބަލައިލިއެވެ. "ފަލޫސަފަރެއް ނޫން. ފިލޯސަފަރު. ސީދާ ދިވެހި ބަހުން ފަލްސަފާވެރިއެކޭވެސް ބުނެވޭނެނު؟ އަހަރެން މި ކިޔައިދެނީ ދިރިއުޅުން އަހަންނަށް ދަސްކޮށްދިން ފިލާވަޅު."

"ރުޚްސާނާ. ދެން ލަސްނުކޮށް މޫނުގައި އެކިޔާ ޕުލާސްޓިކު އަޅުވާ."

ރުޚްސާނާ އަހައިލިއެވެ. "އަހަރެން ރީތިކޮށް ހުއްޓައި ދެކެން ވަރަށް ބޮޑަށް ބޭނުންވޭ ދޯ؟"

"ކިހިނެއްވީ؟ ބޭނުން ވެގެން ނުވާނީތަ؟ ރުޚްސާނާއަކީ އަހަރެންގެ އަނބިމީހާ. އަހަރެންގެ މުޅި ދިރިއުޅުން. މުޅި އުމުރު އަހަންނާއެކީ ހޭދަކުރާއިރު ރީތި މޫނެއްގެ އެދުމަކީ އަހަންނަށް ލިބިފައި އޮތް ހައްގެއް ނޫނީތަ؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.