ކޮވިޑް-19 : އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ އިތުރު ދިވެއްސަކު އަނެއްކާވެސް ނިޔާވެއްޖެއެވެ.

އެންމެފަހުން ނިޔާވެފައިވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ އުމުރުން 79އަހަރުގެ ދިވެހި އަންހެނެކެވެ.  މިއާއިއެކު މިހާތަނަށް ރާއްޖެއިން ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 65އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް19 ޖެހިގެން ނިޔާވެފައިވަނީ 57ދިވަހިންނާ 8ބިދޭސީންނެވެ. މިބަލީގައި އެންމެފަހުން ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިމަހުގެ 4ވަނަ ދުވަހުއެވެ. އެއީވެސް ދަރުމަވަން ހޮސްޕިތަލުގައި ފަރުވާ ދެމުންދިޔަ މީހެކެވެ. ޢުމުރުން 78އަހަރުގެ ދިވެހި ފިރިހެނެކެވެ.  މިމަހުގެ 3ވަނަ ދުވަހުވެސް ރާއްޖެއިން މިބަލީގައި މީހަކު ނިޔާވިއެވެ.

ރާއްޖެ މިހާރު މި ދެކެނީ ކޯވިޑް-19 ގެ ތިންވަނަ އަދި މިހައިތަނަށް އެންމެ ނުރައްކާތެރި ރާޅު ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ތިންވަނަ ރާޅެއް ފެށުނު ފަހުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން ގޮސް ކޮންމެ ދުވަހަކުވެސް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. ހަސްފަތާލުތައް މުޅީން ފުރި އެނދުތައް ހުސްވެއްޖެނަމަ، ބައެއް މީސްމީހުންގެ ހާލު ބޮޑުވީ ކަމުގައި ވިޔަސް ހަސްފަތާލުގައި ބޭއްވޭގޮތް ނުވުމަކީ ކުރިމަތިވާނޭ އެންމެ ނުރައްކާތެރި ހާލަތެވެ. ސިއްހީ ދާއިރާގެ ބޭފުޅުން މިހާރުވެސް ގެންދަވަނީ ރުރައްކަލުގެ ރަނގަބީލު ޖައްސަވަމުންނެވެ. ޑޮކްޓަރުން ދައްކަވައިފައިވާ ވާހަކަފުޅުތަކަށް ބަލާއިރު މިހާރު މި ނަގައިފައިވާ ތިންވަނަ ރާޅު ކޮންޓުރޯލު ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ އަތުން މުޅި ހާލަތު ސޮހިގެން ދިއުމަކީ އެކަށިގެންވާ ކަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.