ފަޅިމޫނު - 53

(16 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާގެ ދަތްޕިލާ ހުރީ ޖެހި ބާރުވެފައެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަނީއެވެ. މުށްކަވައިގެން އިން ގޮތުން ހީވަނީ އިސާހިތަކު ދުނިޔޭގައި ވަރުގަދަ ބޮނޑިއެއް އަޅައިފާނެ ހެންނެވެ. "އާދޭ. މައެއްގެ އަތުން އޭނާގެ ދަރިފުޅު ޖަހައިގަނެގެން ދެވޭތޯ ބަލައިލާ. އެވަރުގެ ހިތްވަރެއް ހުރީ ކާކުގެތޯ އަހަރެން ބަލާނަން."

* * *

ބާދްޝާ ޖާނީގެ ސިފަ ހުރީ މުޅީން ބަދަލުވެފައެވެ. މޫނުމަތީގެ އެކި ތަންތާނގައި ބޭސް އަޅައިފައި ހުއްޓެވެ. މިހާރު ހުރީ ތަންކޮޅެއް ދުޅަ މަޑުވެފައެވެ. އިއްޔެ މުޅި ހަށިގަނޑުގައި ވަރުގަދަ ރިހުމެއް ހުއްޓެވެ. ހިނގައި އުޅޭންވެސް އުނދަގުލެވެ. އެކަމަކު އޯލްޑް ކްލިފްޓަނަށް ގޮސް ރަނގަޅަށް ހަށިގަނޑު މާލީސް ކުރުވައިލީމާ ތަދު މަޑުވެއްޖެއެވެ. އެޔަށް ފަހު ވެފައި ހުރި އަމަލުގައި ފުންކޮށް ނިދިއްޖެއެވެ. ހެނދުނު ހޭލެވުނުއިރު ހުރީ މަސައްކަތްކޮށް އުޅެވޭ ވަރަށް ހަމަޖެހިފައެވެ. އެވަގުތު ފުރަތަމަ ހިތަށް އެރީ އަވަހަށް ގެއަށް ދާށެވެ. އެކަމަކު ފަހުން ހިތަށް އެރީ ގެއަށް ނުގޮސް ކާރު ދަތުރު ކުރާށެވެ. އޭނާއަށް އުއްމީދުގެ ހުޅުކޮޅެއް ފެނިއްޖެއެވެ. އެހެންވީމާ ކޮންމެވެސް ދިމާއަކުން ފަރުޒާނާ ފެނިދާނޭ ކަމުގެ އުއްމީދުގައި ކާރު ދުއްވީއެވެ.

މެންދުރުކުރި މުޅީން ހޭދަކުރީ ކާރުގައެވެ. މެންދުރު ވަގުތުވީމާ ގަރާޖަށް ދިޔައީއެވެ. އިންޖިނޭރުބޭބެ ސުވާލު ކުރީމާ އޭނާ ބުނީ ނުލަފާ ބަޔަކާ ތަޅައިފޮޅައިގަތީ ކަމުގައެވެ. އަދި މެންދުރުފަހު ގެއަށް ގޮސް އަރާމު ކުރާނެ ކަމުގައިވެސް ބުންޏެވެ. އެކަމަކު އަނެއްކާވެސް އުއްމީދުގެ ހުޅުކޮޅު ދިއްލިއްޖެއެވެ. އޭނާއަށް ފުލުފުލުގައި ފަސިންޖަރުން ލިބެމުން ދިޔައެވެ. އޭނާ ކާރު ދުއްވަމުން ދިޔައެވެ. ފަރުވާތެރިކަމާއެކު ކާރު ދުއްވި ނަމަވެސް އޭނާ ގެންދިޔައީ ހަފަރާތަށް ނަޒަރު ހިންގަމުންނެވެ. ފަރުޒާނާގެ އިސްކޮޅުގެ، އެ ކުލައިގެ އަންހެން ކުއްޖަކު ފެނިއްޖެއްޔާ ކާރުގެ ދުވެލި މަޑު ކުރުމަށް ފަހު ފަރުވާތެރިކަމާއެކު ނަޒަރު ހިންގަމުން ދިޔައެވެ. އަދި މާޔޫސީއާއެކު އަނެއްކާވެސް ކާރުގެ ދުވެލި ބާރު ކޮށްލަނީއެވެ.

ހަވީރު ފަސިންޖަރަކު ގޮވައިގެން ބާދްޝާ މީނާ ބާޒާރާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ބާޒާރުން އޭނާޔާ ބައްދަލުވީ ލޯރިފަހަރުގައި ކުރަހައިދޭ މުސައްވިރަކާއެވެ. އެމީހާ ބާދްޝާގެ ގާތަށް ލެފިލުމަށް ފަހުން ބުންޏެވެ. "ވެރިޔާ. އަހަރެންގެ މަތީން ހަނދާން އެބަހުރިތަ؟ މީގެ ދޮޅު އަހަރެއްހައި ދުވަސް ކުރިން އަހަރެން ގާތު ވަރަށް މޮޅު ވާހަކައެއް ބުނީމެއްނު؟ އެދުވަހު ދެއްކި ވާހަކަ މިހާރުވެސް ހިތުން ނުފިލައި އެބަހުރި. ވިޔާނުދާ ޅެންބައިތު ލިޔެފައި އެ ކާރަށް އެއްބަނޑު އަންހެނަކު ނޫނީ މަންމަ އަރުވަން ކެރޭނެހޭ އެހީމެއްނު؟ އޭގެ ފަހުން ދުވަހަކުވެސް އެއްވެސް އުޅަނދެއްގައި އެކަހަލަ ވިޔާނުދާ އާދައިގެ ޅެންބައިތެެއް ލިޔެއެއް ނުދެން."

ބާދްޝާ ކާރުން ފައިބައި ހިތްހެޔޮކަމާއެކު އޭނާގެ ބުރަކަށީގައި ފިރުމައިލިއެވެ. "އަހަރެމެން ދުއްވާ ކާރަށް އަރަނީ ކޮންމެވެސް މީހަކުގެ މައެއް. ކޮއްކޮއެއް. ދައްތައެއް. ދަރިއެއް. އެހެންވީމާ އެކަހަލަ ޅެން ލިޔެފައި ބަހައްޓާކަށް ނުވާނެ. އެ ލިޔާ ބަޔަކު ވިސްނައެއްނުލާ. ވިސްނެނީ ތިމާގެ އަމިއްލަ އާއިލާގެ އަންހެނަކަށް އެ ބާވަތުގެ ވިޔާނުދާ އެއްޗެއް ނިސްބަތް ކުރީމާ."

މުސައްވިރު ބުންޏެވެ. "ޅެން ހަދަނީ ކީއްކުރަންހޭ އަހަރެން ޅެންވެރިއެއް ގާތު އެހިން. އޭނާ ބުނީ ޅެމަކީ އެއްވެސް މީހަކު ޝިކާރަކުރާ އެއްޗެއް ނޫނޭ. އެއީ ނާޒުކު ޖަޒުބާތު ހިލުވައިލާ އެއްޗެކޭ. ވަހަކީ އެއްވެސް މީހަކަށް ފެންނަ އެއްޗެއް ނޫނޭ. އެކަމަކު ޅެންވެރިޔާ ވަހަށް ސިފަ ގެނެސްދެއޭ. ހިތާމަޔަކާ ކުރިމަތިނުލާ މީހަކު ނުހުންނާނެއޭ. އެކަމަކު ބައެއް މީހުންނަށް ހިތާމަ ބަޔާންކޮށްދޭކަށް ނޭނގެއޭ. ޅެންވެރިޔަކު އޭނާގެ ޅެންވެރި ބަހުރުވައިން އެ ހިތާމަތައް ލިޔެލީމާ ބޭއިޚްތިޔާރުގައި މީހުން ބުނެއޭ... ތިޔައީ ސީދާ އަހަރެންގެ ހިތުގެ ހާލޭ. ޅެންވެރިކަމަކީ އެއީ."

ބާދްޝާ ފިނި އާހެއް ލިއެވެ. "އަހަރެންގެ ހިތުގައިވެސް އެތައް ހިތާމައެއް ރައްކާކުރެވިފައި އެބަހުރި. ބަޔާން ކުރާކަށް ނޭނގޭ. އަހަރެންގެ ހިތުގެ ތެރެއަށް ފީނައި ހޯދައި ބަލައިފައި ޅެންވެރިޔަކު އެ ހިތާމަތައް ނެރެ ހާމަކޮށްދޭނޭ ނަމައޭ ހިތަށް އަރާ. އަހަރެންގެ ފައިގައި ލައިފައި ހުރި ކުރަ ހާމަކޮށްދޭނެ ނަމަ ކިހައި..."

"ބަލަ ވެރިޔާ އުޅެނީ ކާރެއްގައެއްނު؟ ފައިގައި ލާނީ ކޮން ކުރައެއް؟"

"ފައިގައި ކުރަލުމަކީ ލާޒިމު ކަމެއް ނޫން. ވިސްނަމުން ގޮސް ކުރަލާފައި މިހިރީ އަހަރެންގެ ސިކުނޑީގައި."

މުސައްވިރު ހިތާމަ ފައުޅުކުރިއެވެ. "އަހަރެން ވަރަށް ދެރަވެއްޖައިން. މީސްމީހުން ގާތު އަހައިލީމާ އެނގުނު ގޮތުގައި ވެރިޔާއާ މެދު ކަންތައް ހިނގީ ވަރަށް ދެރަ ގޮތަކަށް. އެ މުސީބާތަށް ކެތްކޮށްގެން އޭނާ ކަރުގައި އެލުވައިގެން ތިޔަ ހުންނަނީ ރަނގަޅުކަމުން. އެހެން މީހަކު ނަމަ އަތުގައި ހިފައި ގެއިން ބޭރަށް ހޫރައިލާނެ."

ބާދްޝާ ބޯ ހޫރައިލިއެވެ. "ތިޔަހެން ނުބުނޭ ކަލޯ. އެއީ މިހާރު އަހަރެންގެ އަނބިމީހާ. އަހަރެންގެ އަބުރާއި އިއްޒަތް. އަހަރެންގެ ދަރިފުޅުގެ އަމާ. އޭނާޔާ ބެހޭ ގޮތުން ވިޔާނުދާ ވާހަކައެއް ނުދައްކާތި. މަގޭ ގާތަށް ރުޅި އަތުވެދާނެ."

"ވެރިޔާ. ތިޔަހަދާ ގޮތެއް އަހަންނަކަށް ނުވިސްނޭ. އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވޭ. އޭނާއަށް ގަދަރުކުރޭ. އެކަމަކު ތިޔަ އުޅެނީ އެހެން މީހަކު ނުފެނިގެން. އިންޖިނޭރުބޭބެ ބުނީ ތެދެއް ކަމުގައިވެސް ވެދާާނެ. ތިޔަހަރީ ބައިމޮޔައަކަށް ވެފައި."

ބާދްޝާ ފުން ނޭވައެއް ލިއެވެ. "އިންޖިނޭރުބޭބެއަކީ ވަރަށް ބުއްދިވެރި މީހެއް. އަހަރެން މިއީ މޮޔައެއްކަން ބޭބެއަށް އެނގުނީ ކަމުގައި ވެދާނެ. ބޭބެގެ ވާހަކައަކާ އަހަރެން ދެކޮޅެއް ނުހަދާނަން."

"ވެރިޔާ. ވާހަކައެއް ބުނަންތަ؟ އަނބިމީހާ ދެކެ ނުލާހިކު ބޮޑަށް ލޯބިވަމެއްނު؟ އެހެން ވެއްޖެއްޔާ އެހެން މީހެއްގެ ފަހަތުން ދުވަނީ ކީއްކުރަން؟ އޭނާ ދެކެވެސް ލޯބިވޭ. މީނާ ދެކެވެސް ލޯބިވޭ. އެއީ ވާނޭ ގޮތެއް ނޫނެއްނު؟"

ބާދްޝާ ހިތާހިތާ ކިޔައިލިއެވެ. އެއީ ތެދެކެވެ. އަހަރެން އޭނާގެ ފަހަތުން މި ދުވަނީ ކީއްވެގެން ހެއްޔެވެ؟ ދެމީހުން ދެކެވެސް ލޯބިވަނީ ހެއްޔެވެ؟

އޭނާ މުސައްވިރާ ދިމާއަށް ބަލައިލިއެވެ. "މިވަނީ ތިޔަހެން. ގޭގައި އިންނަ އަނބިމީހާ ދެކެ ނުލާހިކު ބޮޑަށް ލޯބިވާއިރުވެސް ބޭރުން އެހެން ލޯބިވެރިޔަކު ހޯދައިގެން ގެންގުޅޭ އެތައް ބަޔަކު އަހަރެން ދެކެފިން. ލޯބިވެރިޔަކު ނުލިބުނިއްޔާ އެކަހަލަ މީސްމީހުން ދާނީ ފެންނަހައި މީހަކާ ދިމާއަށް ލޯއަޅަމުން. ލޯބިވެރިޔަކު ލިބިދާނޭ ކަމަށް އުއްމީދު ކުރަމުން. ލިބުނީމާ ހަމަ އަނބިމީހާ ދެކެ ލޯބިވާހެން އެ ލޯބިވެރިޔާ ދެކެވެސް ލޯބިވާން ފަށާ."

މުސައްވިރު ބޯ ޖަހައިލިއެވެ. "ތިޔައީ ތެދެއް. އެކަމަކު އެއީ ރަނގަޅު ކަމެއް ނޫނެއްނު؟ އަހަރެމެން އެދޭ ގޮތަކީ އަނބިމީހާ ހަމައެކަނި އަހަރެމެން ދެކެ ލޯބިވުން. އެހެން ވެއްޖެއްޔާ އަހަރެމެން އެހެން މީހުން ދެކެ ލޯބިވަނީ ކީއްވެގެން؟ ވިސްނައިލަބަލަ. ތިޔައީ ނުވިސްނޭ މީހެއް ނޫން. ހޭޖެހޭ މީހެއް. އަމިއްލައަށް ވިސްނައިލާފައި ބުނެބަލަ. ލޯބިވާނީ އެންމެ މީހަކު ދެކެއެއް ނޫންތަ؟ ހިތުގެ އަޑިން ދެވަނަ މީހަކު ދެކެ ލޯތްބެއް ނުވެވޭވެ. ވެރިޔާ ހިތުގެ އަޑިން ލޯބިވަނީ ކާކު ދެކެކަން ކަނޑައަޅާ. އަނބިމީހާ ދެކެތަ؟ ނޫނީ އެހެން މީހަކު ދެކެތަ؟"

"ތިޔަކަމާ އަހަރެންވެސް ވަރަށް ބޮޑަށް ވިސްނަން. އެކަމަކު ވެގެން އުޅޭ ގޮތެއް ހަމަ އެއްގޮތަކަށްވެސް ވިސްނައިގަނެވޭ ގޮތެއް ނުވޭ. އަހަރެންގެ އަނބިމީހާއަކީ ވަރަށް ރަނގަޅު މީހެއް. ވަރަށް ރީތި މީހެއް. އޭނާ އަހަންނާ ނުލާހިކު ރީތިކޮށް ލޯބިން ވާހަކަދައްކާ. އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަހަންނަށް ވަރަށް ރީތި ދަރިއަކު ވިހައިފި. އެކަހަލަ އަނތްބަކު ދެކެ އަހަރެން ރުޅި އަންނާނީ ކިހިނެއް؟ އަމުދުން ވަރިކުރަން ހިތަކަށްވެސް ނާރާނެ. އެހެންވީމާ އަހަރެން އޭނާ ދެކެ ލޯބިވަނީއެއް ނޫންތަ؟"

"އާނ. ލޯތްބަކީ ތިޔަ ކަންކަމަށް ކިޔާ ނަމެއް. ލޯތްބަކީ ވަފާތެރިކަމާއި ގަދަރުކުރުމާއި ޚިދުމަތްކުރުން ފަދަ ކަންކަމުގެ ބަދަލު ހަމަ އެ ގޮތަށް ދިނުން. އަދި ހިލޭ މީހުން ގާތު އަނބިމީހާއަށް ތައުރީފުކުރުމަކީ ލޯބިވުން. މިހާރުވެސް ތިޔަ ކަންތައް ކުރާ ގޮތަކީ އެއީ. އަނބިމީހާ ދެކެ ލޯބިވާކަން ކަށަވަރު. އެކަމަކު އެ އަނެއް އަންހެންމީހާޔޯ؟"

ބާދްޝާ ފުން ނޭވައެއް ލިއެވެ. "ތިޔައީ އަހަންނަށްވެސް ނޭނގުނު ކަމެއް. ފުރަތަމަ އަހަންނަށް ހީވެފައި އޮތީ އަހަރެން އޭނާ ހޯދާން އުޅެނީ އަައިސްފައި ހުރި ރުޅިއެއްގެ ސަބަބުންކަމަށް. އަހަރެންގެ ބޭނުމަކީ ބަދަލުހިފުން ކަމަށް. އެކަމަކު ރޭގަނޑު އެކަނި އެނދުގައި އޮވެ ވިސްނާން ފެށްޓީމާ މުޅިމީހާ ބަލިކަށިވެގެން ހިނގައިދޭ. އަހަންނަކަށް ބަދަލެއް ނުހިފޭނެ. ހިތް ބުނަނީ އަހަރެން މި ހޯދަނީ އޭނާގެ ލޯތްބޭ. އަހަރެންގެ ހިތުގައި އޮތީ އެންމެ ސުވާލެއް. އޭނާ އަހަރެން ދެކެ ލޯބިވޭހޭ ނުވަތަ ނުވޭހޭ. ލޯބި ނުވާނަމަ އަހަންނާ އެންމެ ފަހުން ބައްދަލުކުރި ދުވަހު ރުއީ ކީއްވެގެން؟ މިއަދުގެ ބައްދަލުވުން ދުވަހަކުވެސް ނުނިމޭ ވަރަށް ދިގުލައިގެން ދާނެނަމައޭ ބުނީ ކީއްވެގެން؟ މި އުޅެވެނީ މި ސުވާލުތަކުގެ ޖަވާބު ނުލިބިގެން. އޭނާގެ ލޯތްބާއި ގާތްކަން އޭރު ފާޅުކުރި ގޮތުގެ ސަބަބުން އަދިވެސް އަހަރެން އޭނާޔާ ދިމާއަށް ދަމަނީ. މި ދަމައިގަތުމަށް ކިޔާނީ ކޮން ނަމެއް؟ މި ދަމާ ބާރަކީ ލޯބިތަ؟"

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.