ފަޅިމޫނު - 49

(11 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފުރަގަހުން އަޑެއް އިވިގެން އޭނާ އެނބުރި ބަލައިލިއެވެ. އޭރު ރުޚްސާނާ ގޭތެރެއިން ކުލިނިކަށް ވަންނަނީއެވެ. އޭނާ އަހައިލިއެވެ. "ހިތް ހަމަޖެހިއްޖެތަ؟"

ރުޚްސާނާ ފުން ނޭވައެއް ލުމަށް ފަހު ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

ފަރުޒާނާ ބުންޏެވެ. "ރުޚްސާނާ. އަހަރެން ފުރަތަމަ ބުނި ވާހަކަ ހަނދާން އެބަހުރިތަ؟ އަހަރެން ބުނިން ކާވެނީގެ ފުރަތަމަ ރޭ ހުރިހައި ވާހަކައެއް ތެދު ބަހުން ބާދްޝާއަށް ކިޔައިދޭށޭ. ރުޚްސާނާއަށް ހިސްޓީރިއާގެ ހަމަލާތައް އަންނަ ވާހަކަވެސް ބުނާށޭ. ފަޅިމޫނު ފެނުނީމާ އެކަކުވެސް ރުޚްސާނާއާ އިންނާކަށް އެއްބަހެއް ނުވެއޭ ބުނާށޭ. ރުޚްސާނާގެ ކާވެނި ކޮންމެހެންވެސް ކުރަން ޖެހޭތީ ކުޅުނު ކުޅިގަނޑެކޭ ބުނާށޭ އަހަރެން ބުނީމެއްނު؟ އޭނާގެ ކިބައިގައި އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރު ހުރިކަމުގައި ވިޔަސް އޭނާ ރުޚްސާނާ ގަބޫލު ކުރާނެ. ކާވެނީގެ ފަހުން ޕްލާސްޓިކް ސާޖަރީ ހަދައިގެން ރުޚްސާނާގެ މޫނު ރަނގަޅު ކުރެވޭނެ. ރުޚްސާނާގެ ފުރިހަމަ މޫނާއި ރީތިކަން ފެނުނީމާ އޭނާ ހުރިހައި ކަމެއް ހަނދާން ނައްތައިލާނެ. އެކަމަކު އަހަރެންގެ މަޝްވަރާ ގަބޫލެއް ނުކުރީމެއްނު؟ މިހާރު ވެގެން އުޅޭގޮތް ނިކަން ވިސްނައިލަބަލަ. ކާވެނި ކުރީއްސުރެ އޭނާ އެ ދުވަނީ އަހަރެންގެ ފަހަތުން. ރުޚްސާނާ ތިޔަ ދުވަނީ އޭނާގެ ފަހަތުން. ރުޚްސާނާގެ ދުވުމަކީ އަނތްބެއްގެ ކަމެއް. އާދަޔާ ޚިލާފު ކަމެއް ނޫން. އަހަރެމެންގެ ގައުމުގައި އެތައް ހާސް އަނބިންނެއް އެމީހުން ފިރިންގެ ފަހަތުން ދުވޭ. އަރައިރުންވޭ. ތަޅައިފޮޅާ. ވަކިވޭ. އަނެއްކާ ގުޅޭ. ތިޔައީ ރުޚްސާނާގެ ޒަވާޖީ ހަޔާތުގެ ބައެއް. މި ކުޅިގަނޑުގައި ބަދުނާމު ވަމުން މިދަނީ އަހަރެން. އެކަމުގެ އިހުސާސެއް ރުޚްސާނާއަކަށް ނުކުރެވޭ. ދުވާލުގެ ވަގުތު އަހަންނަށް ކޮންމެވެސް ހަސްފަތާލެއްގައި މަސައްކަތް ކުރެވިދާނެ. އެކަމަކު އެކަމެއްވެސް ނުކުރެވޭ. ބާދްޝާ ދެކެ ގަންނަ ބިރެއްގެ ސަބަބުން ހަސްފަތާލަކަށް ދާކަށް ނުކެރޭ. ފަރުޒާނާ ވާޞްޠީގެ ބަދަލުގައި އަހަރެން މި ހުންނަނީ އެފް. ވާޞްޠީއަށް ވެގެން. ރުޚްސާނާގެ މޫނުގެ ތިޔަހަރީ އެއްފަޅި. އަހަރެންގެ ނަމުގެ އޮތީ އެއްފަޅި. އަހަރެންގެ ދިރިއުޅުގައި އޮތީ އެއްފަޅި. ނިދެނީ ދެބައިކުޅަ އެއްބަޔަށް. ބަނޑުހައިވަނީ ދެބައިކުޅަ އެއްބަޔަށް. ވިސްނައިލީމާ ފާހަގަ ކުރެވޭ ގޮތުގައި އަހަރެންގެ ސިކުނޑީގައިވެސް މިހާރު ސަލާމަތުން އޮތީ އެއްފަޅި. އަހަންނަކަށް ރަނގަޅަކަށް ނުއެއް ވިސްނޭ. ރުޚްސާނާއަށް ވީ ކޮން ގެއްލުމެއް. މިހާރު މަޔަކަށްވެސް ވެއްޖެ. ދަރިއަކު ލިބިއްޖެ. ފިރިއަކު ލިބިއްޖެ. ގެއެއް ލިބިއްޖެ. ކުރިމަގެއް ފެނިއްޖެ. ޒަވާޖީ ހަޔާތުގެ މައްސަލަތަކުން މިއަދު ސަލާމަތް ނުވިއްޔާ މާދަމާ ސަލާމަތް ވާނެ. ޖާނީގެ އަނތްބަކަށް ރުޚްސާނާ ހެދުމުގެ ސަބަބުން މި ލިބޭ އަދަބުން އަހަރެން ސަލާާމަތް ވާނީ ކޮން ދުވަހަކު؟"

ރުޚްސާނާ އިސްދަށަށް ޖަހައިލުމަށް ފަހު އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "ފަރީއަށް ވަރަށް ބޮޑެތި ގެއްލުން ލިބިއްޖެކަން އަހަންނަށް އެނގޭ. ޖާނީއަށް މިހާރު ފަރީގެ އަސްލު ނަން އެނގިއްޖެ. އަހަރެން އޭނާ ގާތު ހުރިހައި ވާހަކައެއް ތެދުބަހުން ކިޔައި ދީފިން. އަހަރެން ކިޔައިދިން ހުރިހައި ވާހަކައެއް އޭނާ ގަބޫލުކޮށްފި. ފުރަތަމަ ގަދަހެދީ ފަރީއާ ބައްދަލުކުރަން. އެކަމަކު އަހަރެން ރަނގަޅަށް ވިސްނައިދިނީމާ އެކަންވެސް ދޫކޮށްލައިފި. ފަރީގެ ފަހަތުން ނުދުވާން ވައުދުވެސް ވެއްޖެ. އަދި ފަރީގެ ނަންވެސް ނުގަންނާނޭ ކަމަށް ވައުދުވެއްޖެ. އޭނާ މަޑުމަޑުން ގޮސް ފަރީގެ މަތީން ހަނދާން ނައްތައިލާނޭކަން އަހަންނަށް ޔަގީން. ފަރީގެ ނަންވެސް ނުގަންނާނެ. ފަރީގެ ހުރިހައި ހާސްކަމެއް ލަހެއްނުވެ ފިލައިގެން ހިނގައިދާނެ."

ފަރުޒާނާ މަލާމާތުގެ ގޮތަކަށް ހިނިތުންވެލިއެވެ. "އެހެންވެއްޖެއްޔާ ޖާނީ ހޯދަން މިތަނަށް ތިޔަ އައީ ކީއްވެގެން؟"

ރުޚްސާނާ ފުން ނޭވައެއް ލިއެވެ. "އޭނާ އިއްޔެ ނުކުތް ގޮތަކަށް ގެއަކަށް ނާދޭ. އަހަރެން ހުރިހައި ތަނެއް ބަލައިފިން. އެއްވެސް ތަނަކުން ނުފެނުނު. އެންމެ ފަހުން ހިތަށް އެރީ ފަހަރެއްގައި މިތަނަށް އަތުވެދާނެއޭ. އަހަންނަށް ދޮގު ވައުދެއް ކޮށްފައި ފަރީ ހޯދަން ނުކުތީ ކަމުގައި ވެދާނެއޭ."

"އަހަންނަށްވެސް ކޮންމެވެސް ވަރަކަށް ޖާނީ އެނގޭ. އޭނާ ހާސް ފަހަރު ރުޚްސާނާ ގާތު ވައުދުވާނެ. ހާސް ފަހަރު އަހަރެން ހޯދަން މަސައްކަތް ކުރާނެ. އެއިން ކޮންމެ ފަހަރަކު އަހަރެން އިތުރަށް ބަދުނާމުވުން ނޫން ކަމެއް ނުވާނެ. އަހަރެން ވަރަށް ވިސްނައިފިން. މި ކުޅިގަނޑު ނިންމާން އޮތީ އެންމެ ގޮތެއް. އެއީ އަހަރެން ފާޅުގައި އޭނާގެ ކުރިމައްޗަށް ނުކުތުން."

ރުޚްސާނާ ކުއްލިއަކަށް ސަމާލުވެލިއެވެ. "އެއްގޮތަކަށްވެސް އެހެން ހަދައިގެން ނުވާނެ. ފަރީ ކުރިމައްޗަށް ނުކުމެއްޖެއްޔާ އޭނާގެ މޮޔަކަން ހައްތަހާ ވާނީ ބޮޑު."

"އޭނާގެ މޮޔަކަމުން ނުރައްކަލާ ކުރިމަތިލާން ޖެހޭ މީހަކީ ރުޚްސާނާއެއް ނޫން. އަހަރެން. އަހަރެން ފެނުމާއެކު ގަތުލު ކުރުމަކީވެސް އެކަށީގެންވާ ކަމެއް. މުޅި ރަށަށް އަހަރެން ބަދުނާމުކުރުމަކީވެސް ކޮށްފާނޭ ކަމެއް."

"ނޫނޭ. އޭނާ ތިޔަހެންނެއް ނުހަދާނެ."

"ރުޚްސާނާއަށް އެކަން އެނގެނީ ކިހިނެއް؟ އޭނާ މިހާރުވެސް އެގެންދަނީ ރަށުގެ ހުރިހައި ހަސްފަތާލަކަށް ވަދެ އަހަރެން ފެނޭތޯ ހޯދަމުން. އިއްޔެ ހަސްފަތާލެއްގައި މަސައްކަތްކުރާ ޑޮކްޓަރ ފަރުޒާނާ ނަމަކަށް ކިޔާ އަންހެނަކާ ދިމާވެގެން އެތާނގައި ބޮޑު ހައިޖާނެއް ހަދައިފި. އެމީހުން ބިރުގަންނަވައިފި. ނަރުހެއްގެ އަތުގައި ހިފައިފި. މާރާމާރީ ހިންގައިފި. ހަސްފަތާލުގެ މީހުން އޭނާ ފުލުހުންނާ ހަވާލުކޮށްފި."

ރުޚްސާނާ ހައިރާންވެފައި ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން އިނީއެވެ. "ތިޔަ ހުރިހައި ކަމެއް ފަރީއަށް އެނގުނީ ކިހިނެއް؟"

ފަރުޒާނާ އޭނާއަށް އެ ދުވަހުގެ ނޫސް ފޯރުކޮށްލިއެވެ. "މި ނޫސް ބަލައިލަބަލަ."

އޭނާ ނޫސް އަތުލައިގެން ކިޔާން ފަށައިފިއެވެ.

ފަރުޒާނާ ބުންޏެވެ. "ތިޔަ ޚަބަރަކު މާ ބޮޑު ތަފުސީލެއް ނެތް. އެކަމަކު ތިޔަ ޚަބަރުގައި އެވަނީ އަހަރެމެންގެ ދިރިއުޅުމުގެ މުޅި ޑުރާމާގެ ޚުލާސާއެއް. ތިޔައިގައި ތިޔަ އޮތީ ބާދްޝާ ޖާނީގެ ވާހަކަކަން ރުޚްސާނާއަށް އެނގޭނެ. އަހަންނަށްވެސް އެނގޭ. އޭނާ ގޮސް ފުލުހުންގެ އަތްދަށުގައި ހައްޔަރުވީ ފަރުޒާނާ ހޯދާން ކުރި މަސައްކަތުގެ ތެރެއިން."

މޭޒުމައްޗަށް ނޫސް އެއްލައިލުމަށް ފަހު ރުޚްސާނާ ކޮޅަށް ތެދުވެއްޖެއެވެ. "އަހަރެން މިހާރު މި ދަނީ ފުލުސް އޮފީހަށް. އޭނާ އެތަނުން ސަލާމާތް ކުރާނަން."

ރުޚްސާނާ ނުކުންނާން ހިނގައިގަތީމާ ފަރުޒާނާ ގޮވައިލިއެވެ. "ރުޚްސާނާ. ޖާނީއަކީ ފިރިހެނެއް. ގޮޅީގައި ދެތިން ގަޑިއިރު އޮވެދާނެ. ފުރަތަމަ ރުޚްސާނާގެ އަމިއްލައެދުމުގެ ގޮޅިން އަހަރެން ނެރެލައިދީ. އަހަރެންގެ ފައިސަލާ ކޮށްފައި ދޭ."

ރުޚްސާނާ އެނބުރި ބަލައިލިއެވެ. "އަހަރެން ކުރާން އޮތީ ކޮން ފައިސަލާއެއް؟ ޖާނީ މިހާރު އަހަރެންގެ އަތްދަށަށް ގެނެވިއްޖެއޭ އަހަރެން ބުނެފީމެއްނު؟ އަދިވެސް އެއް ފަހަރު ޔަގީންކަން ދެން. މީގެ ފަހުން އޭނާ ފަރީގެ ފަހަތަކުން ނާންނާނެ."

ފަރުޒާނާ ފުންމައިގެން ތެދުވެއްޖެއެވެ. "ތިޔަ ދަމަނީ ކޮން ހާސަރެއް؟ އަހަރެން މިހާރުވެސް ހެކި ދައްކައިފިން. ރުޚްސާނާ ގާތު ވައުދު ވެފައިވެސް އޭނާ އެ އުޅެނީ އަހަރެން ނުފެނިގެން. ނޫހުގައިވެސް އެ އޮތީ ޖަހާފައި. އޭނާ ހިންގާ ހަމަނުޖެހުން އެ އޮތީ ސާފުކޮށް ފެންނާން. އެހެންވީމާ އަހަންނަށް ދޭން ތިޔަ އުޅެނީ ކޮން ދޮގު ތަސައްލީއެއް؟ ރުޚްސާނާ ތިޔަ ކަހަލަ ވާހަކަ ދައްކާފައި ދިޔަޔަސް އަހަރެން ނުއެއް ހެއްލޭނެ. އަހަރެން ޖާނީގެ ކުރިމައްޗަށް ނުކުންނާނަން. އަހަރެންވެސް އެންމެ ފަހުގެ ފައިސަލާ ކުރަން އެބަޖެހޭ."

ރުޚްސާނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ. ލޮލަށް ބަލައިލީމާ ހީވަނީ ދެންމެދެންމެ ރޮއިގެންފާނޭ ހެންނެވެ. "އަހަންނާ ދެކޮޅަށް ފަރީ ކޮންމެ ކަމެއް ކުރިޔަސް އަހަންނަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެ. ސަބަބަކީ އަހަރެންގެ ފިރިމީހާގެ މައްޗަށް އަހަރެންގެ އެއްވެސް ބާރެއް ނެތުން. އަތަށް އައިސްފައިމެ ތެމިފައި އޮންނަ ސައިބޯންޏެއްހެން އަތުން ކައްސާލައިގެން ދަނީ. އަހަރެން މި މަސައްކަތް ކުރަނީ އޭނާ ފުރިހަމައަށް އަތުތެރެއަށް ގެނެވޭތޯ. ކުޑަ ކާމިޔާބީއެއްވެސް ލިބިއްޖެ. އަހަރެން އޭނާ ގާތު ހުރިހައި ވާހަކައެއް ތެދުބަހުން ކިޔައިދިންތާ މިވީ އެންމެ ފަސް ދުވަސް. ފަރީގެ ވާހަކަވެސް ކިޔައިދިނިން. އަހަރެން އިނީ ފަރީގެ ޚިޔާލު ދޫކޮށްލައިފި ކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެން. އެކަމަކު އެހެންނެއް ނުވި. އަހަރެން މިއީ ހިތްވަރު އެލުވައިލާ ކަހަލަ މީހަކީމެއް ނޫން. އަހަރެން ﷲ އަށް އިތުބާރު ކުރަން. އަހަރެންގެ މަގާމުގެ މިހާރު އިހަށްވުރެ ވަރުގަދަ ވެއްޖެ. އަހަރެންގެ ދަރިއަކީ ޖާނީއާއި އަހަންނާ ދެމީހުން ބަނދެލައިދޭ ވަރުގަދަ ވާގަނޑެއް. ފަރީ ގާތު އަހަރެން އެދެނީ ކުޑަ މުހުލަތަކަށް. މިހައިތަނަށް އަހަންނަށްޓަކައި އެތައް ގުރުބާނީއެއް ވެއްޖައީމު. ކުޑަ ވަގުތުކޮޅަކަށް އިތުރަށް ކެތްކޮށްލައިދީ. އޭނާގެ ކުރިމައްޗަށް ނުނުކުމޭ. ދުވަސްކޮޅަކަށް ފިލައިގެން އުޅެލައިދީ."

"ކިހައި ދުވަހެއް ވާންދެން؟ އަހަރެން ފިލަފިލައިގެން އުޅޭންވީ ކިހައި ދުވަހެއް ވާންދެން؟ ކޮންމެ ކަމެއްވެސް ހައްދެއް އޮންނާން ވާނެއެއްނު؟"

"އާނ. ހައްދެއް އޮންނާނެ. އަހަރެން ބޭނުން ވަނީ ހައެއްކަ މަސް ދުވަސް."

ފަރުޒާނާ ހަޅޭއް ލަވައިގަތެވެ. "ހަމަސް ދުވަހޭ؟ އަހަރެން މިހާރު ވޭތުކުރާ ކޮންމެ މިނިޓެއް މިވަނީ ގަރުނަކަށްވުރެ ދިގު ވެފައި. އަހަރެން މި އުޅޭ ހާލެއް ރުޚްސާނާއަކަށް ނޭނގޭނެ. އިހުސާސެއްވެސް ނުކުރެވޭނެ. ހަމަސްދުވަސް ވާންދެން މޫނު ފޮރުވައިގެން، ފިލައިގެން އުޅުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. ހަސްފަތާލުގައި ވަޒީފާ އަދާކުރަންވެސް އަހަރެން ބޭނުން. މިނިވަންކަމާއެކު ބޭރަށް ނުކުމެ އުޅޭންވެސް ބޭނުން."

"އެކުވެރިޔާ. އެއީ އެހައި އުނދަގޫ ކަމެއް ނޫން. މަސައްކަތްވެސް ކުރެވިދާނެ. މޫނުބުރުގާ އަޅައިގެން އުޅުނީމާ އެ ނިމުނީ. ހަމަސްދުވަސް ވީމާ ބުރުގާ ނަގައި އެއްލައިލާ."

"ހަސްފަތާލުގައި ބަލިމީހުންވެސް ބަލަންވީ މޫނުބުރުގާ އަޅައިގެން އިނދެތަ؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.