ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ދަރުމަވަން ހޮސްޕިތަލުގެ 11ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ ޢުމުރުން 78އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ނިޔާވީ މިރޭ އިރުއްސި 18:09 ގައި ގޮތުގައެވެ. މިއީ ބޮޑެތި ބައެއް ބަލިތަކަށްވެސް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އެގޮތުން ހަކުރުބައްޔާއި ފުއްޕާމޭގެ ބައްޔާއި ހިތުގެ ބައްޔަށްވެސް އޭނާ ފަރުވާ ހޯދަމުންދިޔަކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮވިޑް-19ގައި އިއްޔެވެސް ރާއްޖެއިން މީހަކު ނިޔާވިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރެއްވި ގޮތުގައި އިއްޔެ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ޢުމުރުން 67 އަހަރުގެ ފިރިހެނެކެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 64 އަށް އެރީއެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. މިއީ މި މަހުގެ ތެރޭގައި ކޯވިޑް ބަލީގައި ނިޔާވީ 2ވަނަ މީހާއެވެ. މިދިޔަ މަހު މިބަލީގައި 11 މީހުން ނިޔާވިއެވެ.
ރާއްޖެ މިހާރު މި ދެކެނީ ކޯވިޑް-19 ގެ ތިންވަނަ އަދި މިހައިތަނަށް އެންމެ ނުރައްކާތެރި ރާޅު ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ތިންވަނަ ރާޅެއް ފެށުނު ފަހުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން ގޮސް ކޮންމެ ދުވަހަކުވެސް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. ހަސްފަތާލުތައް މުޅީން ފުރި އެނދުތައް ހުސްވެއްޖެނަމަ، ބައެއް މީސްމީހުންގެ ހާލު ބޮޑުވީ ކަމުގައި ވިޔަސް ހަސްފަތާލުގައި ބޭއްވޭގޮތް ނުވުމަކީ ކުރިމަތިވާނޭ އެންމެ ނުރައްކާތެރި ހާލަތެވެ. ސިއްހީ ދާއިރާގެ ބޭފުޅުން މިހާރުވެސް ގެންދަވަނީ ރުރައްކަލުގެ ރަނގަބީލު ޖައްސަވަމުންނެވެ. ޑޮކްޓަރުން ދައްކަވައިފައިވާ ވާހަކަފުޅުތަކަށް ބަލާއިރު މިހާރު މި ނަގައިފައިވާ ތިންވަނަ ރާޅު ކޮންޓުރޯލު ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ އަތުން މުޅި ހާލަތު ސޮހިގެން ދިއުމަކީ އެކަށިގެންވާ ކަމެވެ.