ޑަމީ ވޯޓުން ކުރިއަށް ލޯކަލް ކައުސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ވޯޓުލުމުގެ ގަޑި ކަނޑައެޅުމަށް ފަސޭހަވެގެން ދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ ކުރިއަށް އޮތް އިންތިޚާބު ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހޭދަވާނެ ވަގުތު ދެނެގަތުމަށް ޑަމީ ވޯޓިންއެއް ކުރިއަށް ގެންގޮސްފައެވެ. މިއަދު ނުވައެއް ޖެހިއިރު ފެށި ޑަމީ ވޯޓިން މެންދުރަށް ވަނީ ނިންމާލައިފައެވެ. އީސީގެ ނާއިބް ރައީސް ޙަބީބު ވިދާޅުވީ ޑަމީ ވޯޓިންގައި ވޯޓްލީ ސިޔާސީ ޕާޓީތަކުގެ މެންބަރުން ކަމަށެވެ. މިއަދު ކުރިއަށް ގެންދެވި ޑަމީ ވޯޓިންގެ ރިޕޯޓުން ވޯޓު ލުމަށް މީހަކަށް ހޭދަވި ގަޑި އެނގިގެން ދާނެކަމަށް ވެސް ޙަބީބު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ވޯޓުލުމަށް މީހަކަށް ހޭދަކުރަން ޖެހޭނެ ވަގުތު އަންދާޒާކުރެވޭނެކަމަށް ވިދާޅުވިއެވެ. ކުރިންވެސް އިލެކްޝަންސް ކޮމިޝަނުން ޑަމީ ވޯޓިން ކުރިއަށް ގެންދަވާކަން ފާހަގަ ކުރައްވާ ޙަބީބު ވިދާޅުވީ މިފަހަރު ބޭއްވޭ އިންތިހާބަކީ ދެ އިންތިޚާބު އެއްކޮށް ބާއްވާ އިންތިޚާބެއް ކަމުން ވަގުތާއި މަސައްކަތްވެސް އެހެން އިންތިޚާބުތަކާ އަޅާ ބަލާއިރު އިތުރުވާނެ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު އެކަމަށް ހޭދަވާނެ ވަގުތު ދެނެގަތުމަކީ އިންތިޚާބުގެ ކަންކަން ރޭވުމުގައި އެކޮމިޝަންގެ މަސައްކަތަށް ފަސޭހަވެގެން ދާނެކަމެއްކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
ގައިޑްލައިންގައިވާ ގޮތުން އާންމުކޮށް އިންތިޚާބު ތަކުގައި ނުކުރާ އެތައް ކަމެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ޖެހިފައެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރަންޖެހޭ ހޭދަވެސް ވަނީ އިތުރުވެފައެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް 95 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އީސީގެ ބަޖެޓްގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ 51.7 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް 44.9 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކުރަންޖެހޭ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވާ ހޮނިހިރު ދުވަހުއެވެ. އިންތިޚާބުގެ ރަސްމީ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ފަށްޓަވައިފައެވެ.