އައްޒަގެ ދިރާސީ ބަސް: ދިވެހި ދައުލަތުގެ ފުރަތަމަ އަމާޒުފަތްގަނޑަކަށްވީ ފުވައްމުލައް

Photo credit: vnews.mv
ސުވަދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.

މިއަދުގެ ކޮލަމު މި ޚާއްޞަކޮށްލަނީ، ދިވެހި ދައުލަތުގެ އުންޑަތައް ފުރަތަމަ އަމާޒުވި ރަށް އާދެ! ޏ.ފުވައްމުލަކުގައި ހިނގި ލޭއޮހޮރުވުންތަކުގެ މައްޗަށެވެ. އެއީ ހިތާމަވެރި ބިރުވެރި ދުވަހެކެވެ. ފުވައްމުލަކުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް އިތުރުވި ދުވަހެކެވެ. ކޮންމެއަކަސް، ސުވާދީބު ދައުލަތް އުފެދުމަކީ، ދިވެހި ދައުލަތަށް ބަލައިގަނެވޭނެ ކަމަކަށް ނުވިއެވެ. އެހެނީ، ދިވެހި ދައުލަތުގެ ބައެއް ބީވެގެން ދާން ދޫކޮށް ނުލައްވާނެކަން، ދިވެހި ދައުލަތުގެ ޢަމަލާއި ބަހުން ދައްކަވަމުން ގެންދެވިއެވެ. މިކަން ހައްލުކުރެއްވުމުގައި ރައްޔިތުންގެ ހިތްތަކުގައި އުފެދޭނެ ބިރުވެރިކަމާއި ނާމާންކަމަށް ވުރެ ބޮޑަށް ދިވެހި ދައުލަތުން އިސްކަން ދެއްވީ، ދިވެހި ދައުލަތުގެ ފަސްގަނޑުން އެންމެ ވެލިފުކެއް ވިޔަސް ބީވެގެން ދިޔަ ނުދެއްވުމަށެވެ. ނަތީޖާއެއްގެ ގޮތުން، އެ އެޅުއްވި ފިޔަވަޅުތަކުގެ އަސަރު މިއަދާ ހަމައަށް ވެސް ރައްޔިތުންގެ ހިތުގައި ބިންވަޅުނެގި އެކަމުގެ އަސަރު ޖީލުންޖީލަށް ވެސް ދަނީ ވާރުތަވަމުންނެވެ. އެހެން ކަމުން، ސުވާދީބު ދައުލަތުގައި ބައިވެރިވުމާ ގުޅިގެން ފުވައްމުލަކުގެ ރައްޔިތުން ތަހައްމަލުކުރަން ޖެހުނު ބިރުވެރިކަމުގެ ވާހަކަ މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށް ވާ މާފަޔާއި ދޮންކަނބުލޮގެ ވާހަކައިން އޮޅުން ފިލުވަމާތޯއެވެ؟

ދޮންކަނބުލޮ: މާފާ މިއަދު ކޮންވާހަކައެއްތަ ކިޔައިދޭނީ؟

މާފަ: ކަނބުލޯ! ކަނބުލޮއަށް އެނގޭތަ ދިވެހި ދައުލަތުން، ސުވާދީބު ވަކިންވެގެން އުޅެން، ދިވެހި ދައުލަތުން ދޫކޮށެއް ނުލައްވާ... އެކަން އެހެން ވާން ދޫކޮށްލެއްވި ނަމަ މިއަދު ވާނެ ގޮތެއް އަންދާޒާކޮށްލާކަށް ވެސް ނޭނގުނީސް....

ދޮންކަނބުލޮ: (ހައިރާންވެފައި..) ދެން ކޮން ކަމެއްތަ ދިވެހި ދައުލަތުން ކުރެއްވީ؟

މާފަ: ދިވެހި ދައުލަތުގެ އުންޑަތަކުގެ އެންމެ ފުރަތަމަ އަމާޒުފަތްގަނޑަކީ، ފުވައްމުލައް

ދޮންކަނބުލޮ: (ހައިރާންވެފައި) މާފާ... ފުވައްމުލަކަށް ވެސް ބަޑި ޖެހިތަ؟ އަހަރެން ހީކުރީ މި ހަވަރުތިނަދޫއަށް އެކަންޏޭ ބަޑިޖެހީ

މާފަ: ދަރިފުޅާ ކަނބުލޯ! ހަވަރުތިނަދޫއަށް އެކަންޏެއް ނޫން ބަޑިޖެހީ... ދަރިފުޅާ ފުރަތަމަ ބަޑި ޖެހީ ފުވައްމުލަކަށް... އާނ! އެމްވީ އެލިޒަބަތުބޯޔާ ކިޔާ އާގުބޯޓެއްގައި ސިފައިން ހަތިޔާރާ އެކު....

ދޮންކަނބުލޮ: އޭރު ދިވެހި ދައުލަތުގައި އާގު ބޯޓު ވެސް ހުރޭތަ؟

މާފަ: ނޫނޭ ދަރިފުޅާ! އަދި އޭރު ދިވެހި ދައުލަތުގައި އާގުބޯޓެއް ނެތް.... އެމްވީ އެލިޒަބަތުބޯޔާއަކީ އިނގިރޭސި ވިލާތުގެ ބޯޓެއް. ދިވެހި ދައުލަތުގެ އެދުމަކަށް މި ބޯޓު ފުވައްމުލަކަށް ދަތުރުކުރީ...

ދޮންކަނބުލޮ: (ވިސްނަންއިނދެފައި) މާފާ...! އިނގިރޭސިވިލާތުގެ ބޯޓެކޭ... ސުވާދީބު އުފެއްދަން އެހީތެރިވީ ވެސް އިނގިރޭސިންނޭ މާފަ ބުނީމެއްނުން. ދެން ކީއްވެ އިނގިރޭސިންގެ ބޯޓެއް ސުވާދީބުގެ ރަށަކަށް ހަމަލާދޭން....

މާފަ: ދަރިފުޅާ... ދަރިފުޅުގެ ބުއްދިވެރިކަމަށް މާފަ ސާބަސްދެން... ދަރިފުޅާ ވިސްނާލަބަލަ. އިނގިރޭސިން އައީ ދެފުށަށް ކެނޑެމުންނޭ ވެސް މާފަ ބުނީމެއްނުން...

ދޮންކަނބުލޮ: އާނ! މިހާރު ވިސްނިއްޖެ... މާފާ! ފާޅުގައި ސުވާދީބު ދައުލަތާ އެއްވެސް ގުޅުމެއް އޮތްކަން ދައްކާކަށް އިނގިރޭސިން ބޭނުމެއް ނުވޭދޯ؟

ދިރާސީ ނޯޓު: "ބޯޓަކީ (އެމްވީ އެލިޒަބަތުބޯޔާއަކީ) އިނގިރޭސިވިލާތުގެ އާގުބޯޓެކެވެ. ބޯޓު މާލެ އައީ ދިވެހި ދައުލަތުގެ ޗާޓަރަކަށް ކާޑު ހިފައިގެންނެވެ. ކާޑު ބޭލުމަށް ފަހު، ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމާ އެއްގޮތަށް ދިވެހި ސަރުކާރުގެ 71 ސިފައިންނާއި ހަތިޔާރުކޮޅަކާ އެކު ފުވައްމުލަކަށް ބޯޓު ފުރުވާލިއެވެ... ބޭރު ބައެއްގެ ބޯޓެއްގައި މިފަދަ ދަތުރެއް ކުރަންޖެހޭތީ ބޮޑުވަޒީރު ވަރަށް ދެރަފުޅު ވެސް ވިއެވެ. ނަމަވެސް އޭރަކު ސަރުކާރުގައި އެއްވެސް އާގުބޯޓެއް ނެތެވެ. މާލެއަށް މުދާ ގެންނަނީ ބުމްބާގެ ބަނގަލާތަކުގައެވެ" (ޢަބްދުލް ޢަޒީޒު އާދަމް، ޞ.196).

ޢަބްދުﷲ ޞާދިޤު (2016) އަދި އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވާ ގޮތުގައި ދިވެހި ދައުލަތުން ފުވައްމުލަކަށް ހަމަލާދޭން ދިޔައީ "އެމްވީ އެލިޒަބަތުބޯޔާ" ކިޔާ އާގުބޯޓެއްގައެވެ. މި ބޯޓު ފުވައްމަލަކަށް ހަމަލާ ދިނީ 1959 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވެއެވެ. ނަމަވެސް ޢަބްދުﷲ ޞާދިޤު (2016) ދެއްވާފައިވާ ތަފުސީލުތަކަށް ބަލާއިރު ތާރީޚުގައި ކުޑަ ތަފަތެއް ވެއެވެ. އެހެނީ "މި ބޯޓު (އެމްވީ އެލިޒަބަތުބޯޔާ) މާލެއިން ފުރީ 28 މާރިޗު 1959 ގައެވެ. އެލިޒަބަތުބޯޔާ ދަތުރުކުރަމުން އައިސް 30ވަނަ... ދުވަހުގެ ހަވީރު ހައްދުންމަތީގައި ޖެއްސުމަށް ފަހު، ހުވަދޫ ކަނޑުން ދުއްވަން ފެށީ އެރޭގެ މެންދަމުގެ ވަގުތެއްގައެވެ. މި ބޯޓަށް ފުވައްމުލައް ފެނުނީ 31 މާރިޗު ވީ ދުވަހުގެ... އިރުއޮއްސުމާ ވަރަށް ކައިރިވީ ފަހުންނެވެ. އިރުއޮއްސޭތީ ބޯޓު ރަށާ ކައިރި ނުކޮށް ކިރިޔާ ފެންނަ ހިސާބުގައި ބޭއްވީއެވެ. ބޯޓު... ކައިރިކުރީ 1 އޭޕްރީލް (އޭޕްރީލް 1ވަނަ ދުވަހު) ގެ ހެނދުނު ކޮޅުއެވެ" (ޢަބްދުﷲ ޞާދިޤު، 2016). ހަމަ މި މަޢުލޫމާތު ޢަބްދުލް ޢަޒީޒު އާދަމް (2009) ވެސް ހާމަކުރައްވާފައިވެއެވެ. ވީމާ، ފުވައްމުލަކަށް ބަޑި ޖެހި ދުވަހަކީ 1959 ވަނަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހުކަމުގައި ބެލެވެއެވެ.

ޢަބްދުﷲ ޞާދިޤު ވިދާޅުވަނީ މި ބޯޓުން ދަތުރުކުރީ 71 މީހުންކަމަށެވެ. އަބްދުލް ޢަޒީޒު އާދަމް (2009) ވިދާޅުވަނީ 71 ސިފައިންގެ އިތުރުން ސަރުކާރުގެ 40 އޮފިޝަލުން ވެސް މި ބޯޓުގައި ދަތުރުކުރެއްވި ކަމަށެވެ. ހަތިޔާރާ އެކު ސިފައިން ވަޑައިގަތް ނަމަވެސް ފުވައްމުލަކަށް ފައިބައިވަޑައިގެންނެވޭނެ ގޮތް ނުވީ ފުވައްމުލައް އުފެދިފައި އޮތް ގޮތުންކަމަށް މި ދިރާސާގައި ބައިވެރިވި ފުވައްމުލަކު މީހުން ކިޔައިދީފައިވެއެވެ. އަދި އިސްވެ ދެންނެވުނު ތާރީޚު ލިޔުއްވުންތެރިން ވެސް ފާހަގަކުރައްވާފައިވެއެވެ.

ދޮންކަނބުލޮ: އެ އާގުބޯޓުން ވަޑައިގެންނެވި ސިފައިންނަށް ފުވައްލަކަށް ފައިބާވަޑައިގެންނެވުނުތަ މާފާ؟ ގައިމު މީހުން ބުނޭ އޭރު ފުވައްމުލަކަށް ލަފާ ބޯޓުފަހަރުން މީހުން އަރާފައިބަން ވަރަށް އުނދަގުލޭ

މާފަ: (ހީނލާފައި) ތިޔަ ބުނީ ހަމަ ރަނގަޅަށް. އެ ރަށަކީ، ވަށައިގެން ކަނޑު އޮންނަ ރަށެއް... އެހެންވީމާ، ރަށުގެ ހުރިހާ ފަރާތަކުން ވެސް ރާޅުއަރާ. އަދި ރަށް އޮންނަނީ ވެސް ވަށައިގެން އުސްކޮށް އެތެރެ ތިރިކޮށް.

ދޮންކަނބުލޮ: (ކެތް މަދު ރާގަކަށް) އެހެންވީމާ... ތިބުނީ... ސިފައިންނަށް އެ ރަށަށް ވަޑައެއް ނުގެންނެވުނޭ ދޯ މާފާ؟

ދިރާސީ ނޯޓު: ފުވައްމަލަކަށް ބަޑި ޖެހި ދުވަހުގެ ވާހަކަތައް ދިރާސާގެ ބައިވެރިން ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވެއެވެ. "މިރަށަށް ބަޑިޖެހީމާ ވީގޮތަކީ މިރަށު މީހުން އޭރު ހުންނާނެ ބަނދަރުތަކުގައި ފަސްބާޑި ޖަހާފައި ޑިއުޓީ ވެސް ކުރާނެ. މިރަށަކީ ދެން ވަށައި ރާޅު އަރާ ރަށަކަށްވީމަ ކޮންމެކޮންމެ ގޮތަކަށް ނުވަދެވޭނެތާ... އައިސް ބަޑިޖަހަން ފެށީ... އެމީހުންނަށް މިރަށަށް އެރޭގޮތެއް ނުވި" މިއީ (އަލިހުތާ ބެއްޔާ (އަސްލު ނަމެއް ނޫން) ކިޔައިދިން ގޮތެވެ. މިއަށް ވުރެ ތަފުސީލުކޮށް ފުވައްމުލަކު ޒާހިރުބެ (އަސްލު ނަމެއް ނޫން) ކިޔައިދެއްވިއެވެ. "އަސްލު ފެށިގެން (ސުވާދީބު ދައުލަތް ފެށުނުތާ) ގާތްގަނޑަކަށް 3 މަސްވެސް ނުވަނީސް ދިވެހި ސަރުކާރުގެ ފަރާތުން ސިފައިން މިރަށަށް އެލިޒަބަތުބޯޔާ ކިޔާ ބޯޓެއްގައި... ވަޑައިގެންނެވި...  ދެން އޭރު ރަށުގެ ބަނދަރެއް ނޯވޭ. ޢާއްމުކޮށް ލަފާފުރާ މައި ތަނަކީ ރަސްގެފަންނު. ދެން ރަސްގެފަންނާ ޖެހިގެން އޮންނާނެ ބަނޑަހަލްފަންނު ކިޔާ ފަންނެއް ވެސް ދޯނިފަހަރު ލަފާ. ދެން އެ ބޯޓުން ލޯންޗެއްގައި އެ ބޭފުޅުން ވަޑައިގަތީ ރަށަށް ފައިބާވަޑައިގަންނަވަން. ވަޑައިގެންނެވިއިރު އެ ލޯންޗުގައި ސިފައިން ތިއްބެވީ ރައިފަލްތަކާ އެކީގައި. ދެން ލޯންޗު ފުރަތަމަ މިދެންނެވި ކުޑަ ބަނދަރަށް، ބަނޑަހަލްފަންނާ ދިމާކޮށްފައި އެތަނަށް ނުވަދެ އަސްލު މައި ބަނދަރު ރަސްގެފަންނަށް ދިޔައީ... އޭރު މޫސުމީގޮތުން މިރަށަކީ ވަރަށް މޫސުން ބަދަލުވާ ރަށެއް. މޫސުން ބަދަލުވުމުގެގޮތުން އަތިރިމަތި ބަދަލުވާ ރަށެއް. އެހެންވީމާ، އެ ދުވަސްވަރު އެތަނަށް އޮތީ ވަރަށްގިނައިން ގާތައް ލައްގާފަ. އަކިރިއަށްވުރެން ތަންކޮޅެއް ބޮޑެތި ގާ. އެއީ ހަޅަ މޫސުމުގައި ދިމާވާކަމެއް އަބަދުވެސް. އެހެންވީމާ، މި ބައިވެރިންގެ ވާހަކަތަކުން އެނގުނީ، އެމްވީ އެލިޒަބަތުބޯޔާ ކިޔާ އާގުބޯޓުން ފުވައްމުލަކަށް ވަޑައިގެންނެވި ސިފައިންނަށް ފުވައްމުލަކަށް އަރާވަޑައިގަތުމުގައި ހުރަހަކަށްވީ ޤުދުރަތީ ގޮތުން ފުވައްމުލައް އުފެދިފައިވާ ގޮތެވެ. އެރަށުގެ ގޮނޑުދޮށާއި، މޫސުން ބަދަލުވެ ހުޅަނގު މޫސުމުގެ ހަޅައާ އެކުގައި ރަށުގެ ގޮނޑުދޮށަށް ލައްގާ ގާތައް ވެސް މީގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްދީފައިވެއެވެ.

މާފަ: (ބޯޖަހާލަމުން) އެއީ ފުވައްމުލަކު މީހުންގެ ނަސީބު ވެސް ތޯއްޗެއް؟ އޭރު ފުވައްމުލަކަށް ދަތުރުކުރާ އޮޑިފަހަރާއި ބޯޓުފަހަރުން މީހުން ބާލާނީ ވަރަށް ދަތި ހާލުގައި. ބޮއްކުރާ ފަހަރުގައި ނުވަތަ ކުދި ދޯނިފަހަރުގައި ފަލިޖަހާފައި ގޮސް، މީހުން އަރުވައިގެން އައިސް ދެ ރާޅު ދޭތެރޭގައި އެއްގަމަށް އަރުވަނީ. އަދި އޮޑި ފަހަރު ވެސް ދަތުރު ނިމުނީމާ ހުންނާނީ އެހެލާފައި. ފުވައްމުލަކަކީ ހުރިހާ ފަރާތަކުން ރާޅު އަރާ ކަނޑުމަތީ ރަށަކަށް ވާތީ، ވަރަށް ދަތި ގޮތަކަށް އޭރު އަރާފޭބުން އޮންނަނީ.

ދޮންކަނބުލޮ: އެހެންވީމާ، ބޯޓެއް އަންނަ އިރަށް ރަށުގެ ވަރަށް ގިނަ މީހުން އަތިރިމައްޗަށް ދާނެދޯ؟ ބޯޓުން އަންނަ މީހުން ބާލަން.

މާފަ: އާނ! އަދި އެނގޭތަ؟ އެއީ ރަމަޟާންމަހުގެ 20 ވަނަ ދުވަސް، އާގު ބޯޓެއް ފެނުމުން ރަށުތެރޭގައި ކިޔަންފެށީ... އައްޑު އަތުޅުން ކާޑު ހިފައިގެން ބޯޓެއް އައީއޭ... ކާޑު ވެސް ދަތި ދުވަސްވަރަކަށް ވާތީ ވަރަށް އުފަލުން އެންމެން އަތިރިމައްޗާ ދިމާއަށް އަވަސްއަވަހަށް ދާންފެށީ...

ދިރާސީ ނޯޓު: އާގުބޯޓު ފެނުމުން ރަށުގެ ރައްޔިތުން ވީ އުފަލާއި އެމީހުންގެ ޝުޢޫރުތައް ހިއްސާކޮށްފައިވަނީ ދިރާސާގެ ބައިވެރިއެއް ކަމަށްވާ ފުވައްމުލަކު މުހަންމާބެ (އަސްލު ނަމެއް ނޫން) އެވެ. "އަޅުގަނޑުމެން އޭރު އައްޑުއަތޮޅުގެ އެހީގައި ކައިބޮއެ އުޅުނީ. ދެން އޭރު ވަރަށް ޙާލަތު ދަށްކޮށް އޮތީ. ދެން ކާޑުކޮޅެއް ނުއެއް ލިބޭ. ދެން އެހެންވީމާ އެހެން އުޅެނިކޮށް ވީ ގޮތަކީ އެއްދުވަހު ހެނދުނު ހަޅޭއްލަވާ މީހުން ގޮވާ އައްޑު އަތޮޅުން ބޯޓެއް އެބަ އާދެއޭ ކާޑު ހިފައިގެން... ކާޑު ހިފައިގެން ބޯޓެއް އެބައާދެއޭ... ކިޔައިގެން އެންމެން ވެސް އަތިރިމައްޗަށް ނިކުތީ. ނިކުތްއިރު ބޮޑުސިންގާ ބޯޓެއް އެބަ އާދޭ. ދެން އެންމެން ވެސް ހަމަ އުފަލުން ފޮޅިފައި ތިބީ. އެހެންތާ ވާނީ ކާޑު ހިފައިގެން ބޯޓެއް އަންނަނީވިއްޔާ." އޭނާ މިވާހަކަތައް ހިއްސާކުރީ އެ ދުވަހު ކުރެވުނު އިހުސާސާއެކުގައެވެ.

ދޮންކަނބުލޮ: ދެން ކިހިނެއްވީ؟ ކިހިނެއް އެނގުނީ އެއީ ކާޑު ބޯޓެއް ނޫންކަން

މާފަ: އެނގޭނެތާ! މިފަދަ ކަމެއް ދިމާވެދާނެތީ ރަށުގެ އިސްކޮށް ތިއްބެވި ވެރިން ތިއްބަވަނީ ވަރަށް ތައްޔާރުވެގެން... ރަށުގެ ވަށައިގެން ފަސްބާޑި ޖަހައި ފޯރިމަރަމުން ވެސް ދޭ...

ދޮންކަނބުލޮ: އެހެންތަ މާފާ! ހަމަ ހަނގުރާމައަކަށް ތައްޔާރުވާހެން ދޯ؟

މާފަ: (ކަނބުލޮއަށް ބަލާލައިފައި ހީނލަމުން) އާނ! ދެން ތިޔަހެން ވެސް ސިފަކުރެވިދާނެ... ބޯޓަކީ ކާޑު ބޯޓެއް ކަމަށް ހީކޮށް، ރަށުން ކުޑަ ދޯންޏެއް ބޯޓުދޮށަށް ދާން ދަތުރު ފެށި... މިތަން ފެނުނީ، މަހަށް ގޮސްފައި އައި ދޯންޏަކަށް... އެ ދޯނީގައި ތިބި މީހުން އެންގީ.... ބޯޓާ ގާތް ނުވުމަށް...

ދޮންކަނބުލޮ: އެއީ ކީއްވެ މާފާ؟

މާފަ: ވީ ގޮތަކީ... ކަނޑުމަތިން އެ ދޯންޏާ ކައިރިކޮށްފައި އޭގެ ކެޔޮޅުމީހާ ބޯޓަށް ނެގީ...

ދޮންކަނބުލޮ: އެހެންދޯ... އެހެންވީމާ ދޯ އެނގުނީ...

މާފަ: މި މަންޒަރު ބައްލަވަން ހުންނެވި ކެންނާރި އިބްރާހީމްދީދީ ވަގުތުން ރަށުގެ މީހުންނަށް އިންޒާރުގެ އަޑު އިއްވައި ސަމާލުކަމަށް ގެނުވި... ހުރިހާ އަންހެނުންނާއި ކުޑަކުދިން ގޭގެއަށް ވަދެ ތިބުމަށާއި ބޮޑެތި ހުރިހާ ފިރިހެނުން އަތިރިމައްޗަށް ނުކުތުމަށް އެންގެވި.

ދިރާސީ ނޯޓު: މި މަންޒަރު ދެކެފައިވާ، ދިރާސާގެ ބައިވެރިޔަކު ކަން ހިނގި ގޮތް ވަރަށް ތަފުސީލާ އެކު، ކިޔައިދީފައިވެއެވެ. "ދެން 6 ފަލި ދޯންޏެއްގައި ބަޔަކު ބޯޓުދޮށަށް ދާންވެގެން މި ފުރުވާލީ. ބޯޓުދޮށަށް ދާން ކައިރިކުރަނިކޮށް އޭރު ދުރުން އަންނަ ދޯންޏެއް ހަނާއަޅާފައި މިބުނަނީ ކައިރިނުވާށޭ. އެއީ މަހަށް ގޮސްފައި އައި ދޯންޏެއް. އެއީ ބޯޓުން އައި ދޯންޏެއް ނޫން. އެމީހުން ވެސް ބޯޓު ފެނިގެން ބޯޓުދޮށަށް ދިޔައީ. ދިޔައިމާ އޭގެ ކެޔޮޅު ބޯޓަށް ނަގައިގަތީ. ނަގައިގަތީމަ އެމީހުން އަނބުރާ މިއަންނަނީ. އެހެންވީމާ، އެމީހުން މި އަންގަނީ ބޯޓު ދޮށަށް ނުދާށޭ. އެ ދޯނީގެ ކެޔޮޅުމީހާ ނެގީ. އެއީ ވެއުފީށެ އިބްރާހީމް ދީދީ. ބޯޓު ދިޔައީ އޭނަ ގޮވައިގެން." (މުހަންމާބެ (އަސްލު ނަމެއް ނޫން)، ފުވައްމުލައް).

 "ޏ.އަތޮޅުގެ ޗީފް އެގްޒެކްޓިވްގެ މަޤާމުގައި ހުންނެވި އަލްފާޟިލް ކެންނާރު އިބްރާހީމްދީދީ ދިޔައީ ރަށުތެރޭގައި ސަލާމަތީ ފިޔަވަޅު އަޅުއްވަމުންނެވެ. މި ބާވަތުގެ އާގުބޯޓެއް ފެނިއްޖެ ނަމަ، ކުއްލި އިންޒާރުގެ އަޑު ރަށުތެރެއަށް ފޮނުވޭ ގޮތަށް އިބްރާހީމްދީދީ ވަނީ އިންތިޒާމްތައް ހަމަޖައްސަވާފައެވެ. ކޮންމެއަކަސް، މި ބޯޓާ ގުޅޭ އިންޒާރުގެ އަޑު ރަށުތެރެއަށް ދިޔުމާ އެކު، 15 އަހަރުން ފެށިގެން ބޮޑެތި ފިރިހެނުންތައް ބައިބަޔަށް ރަށުގެ އަތިރިމައްޗަށް ޖަމާވާން ފެށިއެވެ. އެމީހުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ހަތިޔާރުތައް ހިފައިގެންނެވެ. ފުވައްމުލަކުގެ ވަށައިގެން އެކި ޖަމާޢަތް ޖަމާޢަތަށް މީހުންތައް އެތުރިގެންފިއެވެ. އެއަށްފަހު އިބްރާހީމްދީދީ އަމުރުކުރެއްވީ އަންހެނުންނާއި ކުޑަކުދިން ގޭގެއަށް ވަދެ ދޮރު ލައްޕައިގެން ތިބުމަށެވެ. ރަށް އަމާންވެއްޖެކަން ނާންގަނީސް އެއްވެސް މީހަކު ބޭރަށް ނުކުމެގެން ނުވާނެ ކަމަށް ވެސް އެންގެވިއެވެ" (ޢަބްދުލް ޢަޒީޒު އާދަމް، 2009).

ދޮންކަނބުލޮ: ދެން އަތިރިމައްޗަށް ގޮސް މީހުން ކިހިނެއް ހެދީ މާފާ؟

މާފަ: (ހަމަޖެހިގެން އިނށީންނަމުން) ދޮންކަނބުލޯ! އޭރަކު މީހުންނަކަށް ނޭނގޭ ހަތިޔާރަކީ ކޮން އެއްޗެއް ކަމެއް؟ ބަޑި ޖެހީމާ ވާނީ ކިހިނެއް ކަމެއް ވެސް... އެހެންވީމާ، ކޮންމެ މީހަކު ވެސް އެމީހަކު އަތުގައި ޖެހުނު އެއްޗެއް ހިފައިގެން އަތިރިމައްޗަށް މިދިޔައީ... ހަޅަ ޖަހާ މޫސުމަކަށް ވުމާއެކު ރަށުގެ އަތިރިމަތި އޮތީ ކުދި ގާތަކުން ފުރިފައި... އަތިރިމައްޗަށް ފޭބި މީހުން، ބޯޓުން ރަށާ ދިމާއަށް އައި ލޯންޗަށް ގާއުކަން ފެށީ... ހީވީ އޮއްގަލުގެ ތޫފާނެއް އައި ހެން... ބަޑި ޖަހައި މީހުންގަޔަށް ވަޒަން އަރަމުން ދިޔަ އިރު ވެސް ގާއުކަން ތިބި މީހުންނަކަށް ނޭނގެ ބަޑީގެ ވަޒަން އެރީމާ ވަނީ ކިހިނެއްކަމެއް ވެސް...

ދިރާސީ ނޯޓު: މުހަންމާބެ (އަސްލު ނަމެއް ނޫން) އެ ދުވަހުގެ މަންޒަރުތައް ސިފަކޮށްދެމުން ބުނީ "ދެން އޭރު ބޯޓުން ލޯންޗެއް މީހުން އަރައިގެން ރަސްގެފަންނު ނެރާ ކައިރިކުރަނީ. ރަސްގެފަންނު މި ރަށުގެ އަސްލު ބަނދަރަކީ. އެތާނގައި މީހުން ތިބެގެން މި ފޯރިމަރަނީ. ދެން ނެރުން ވަންނަން ފެށީމާ ގަލާއި ދަނޑިބުރިއާ މި އެއްޗެހިތައް ހިފައިގެން އެ ދިމާލަށް ދުއްވައިގަތީމާ އެމީހުން ހެދި ވަޑާމަކީ ރަށަށް ބަޑިޖެހީ. އެތާ ހުރި މީހަކާ ދިމާލަށް ބަޑިޖެހީމާ އެންމެފުރަތަމަ ވެސް އެމީހާ ބޮލަށްކަންނޭނގެ އެރީ... ހަމަ ވަގުތުން އެމީހާ މަރުވީ. އެއީ ބޭރުގޭ ތުއްތު މަނިކު. ހަމަ ވަގުތުން މަރުވީ. ދެން އަނެއް ވަޒަން އެރީ މިރަށު ވަޑިގެ މުޙައްމަދު ދީދީ އަތުގެ މުލައްދަނޑިއަށް. އަރާފައި އޭނަ ދެން ޒަޚަމްވީ. ދެން އައިސް... ޙުސައިން ޞާލިޙް، އޭނަ ވެސް ހަމަ ޒަޚަމްވީ. ދެން އެހެންގޮސް ހޭނެފެޅެ ޢަލީ ކިޔާ މީހެއް، އެއްގަމުގައި ތިބި މީހުން... ދެން ޙަސަންފުތު، އޭނަ ބޮލުގެ އެއް ފަޅިއަށް. އޭނަ މަރެއް ނުވޭ... އަދި މިރަށު އުތުރު މިސްކިތަށް ވެސް ވަޒަން އެރި" މިފަދައިންނެވެ. އަދި ބަޑި އެއީ ކޮން އެއްޗެއްކަން ނޭނގޭ މިންވަރު ވެސް ވަރަށް ތަފުސީލުކޮށް ދިރާސާގެ ބައިވެރިޔަކު ކިޔައިދީފައިވެއެވެ.

"ވީގޮތަކީ މިދެންނެވިހެން ރަށުގެ ރައްޔިތުންނަށް ޤަބޫލުކުރެވިފައި މިއޮތީ ރައްޔިތުންނާ ހަނގުރާމައަށް އައި ބައެކޭ. އެކަމަކު ރަށުގެ ރައްޔިތުންނަކަށް ނޭނގޭ ބަޑިޖެހީމާ ވަޒަން އަންނަނީ ގާގަނޑެއް އަންނަހެން ފެނިގެން ނޫންކަމެއް އިނގޭތޯ. ލޯންޗު އައިސް ރަސްގެފަންނުން... ވަދެގެން ގޮނޑުދޮށާ ހަމައަށް ނާދެވެނީސް އެއްގަމުގައި ތިބި މީހުން ގާ އުކައިގެންފި. އަތަށް ހެޔޮވަރު ގާތައް އުކައިގެންފި. ހީވަނީ ހަމަ ވިލާގަނޑަކުން ވާރޭ އޮއްސާލިހެން އިނގޭތޯ. ގާތައް އޮހިގެންފި. އޭރު އަދި ގާތައް ލޯންޗާ ހަމައަށް ފޯރާވަރެއް ނުވޭ. ލޯންޗު ފަހަށް ޖަހާފައި ނުކުމެއްޖެ. އެ ބޭފުޅުން އަތްޕުޅަކު އަޑުގަދަކުރާއެއް ނެތް އިނގޭތޯ. ރައްޔިތުންނަކަށް ނަސޭޙަތެއް ނުދެއްވާ ވިސްނައެއް ނުދެއްވާ އެ ބޭފުޅުން ވިދާޅުވާ އެއްޗެއް މި މީހުންނަކަށް ނޭނގެ. މި މީހުން ކިޔާ އެއްޗެއް އެބޭފުޅުންނަކަށް ނޭނގެ. ދެން ނުކުމެފައި މިދައްކަނީ ބަޑި އިނގޭތޯ. ކުރިން ލޯންޗު ވަންނަން އައިއިރު ސިފައިން ރީއްޗަށް ދެ ފަރާތުގައި އިށީނދެގެން ރައިފަލްގެ ފޫ ތިރީގައި ޖައްސާފައި ލައްގައިގެން ތިބި ތަން ފެނޭ އިނގޭތޯ. ދެން ފަހުން މިދައްކަނީ ބަޑި. މާނައަކީ ބަޑި ޖަހާނަމޭ ދެއްތޯ؟ އެއްގަމުން ބުނާއަޑު އިވެނީ "އަހަރެން ބިރެއް ނުގަނޭ ތިއީ ދުން ބަޑިއޭ." މިއީ މީހުންގެ މަޢުލޫމާތު ހުރިވަރު މިދެންނެވީ އިނގޭތޯ؟" (ޒާހިރުބެ (އަސްލު ނަމެއް ނޫން)، ފުވައްމުލައް). ދިރާސާގެ ބައިވެރިންގެ ތެރެއިން ފުވައްމުލަކަށް ނިސްބަތްވާ ހުރިހާ ބައިވެރިން ވެސް ބުނެފައިވަނީ، ބަޑި ޖަހަން ފެށީ އެއްވެސް އިންޒާރެއް ދިނުމެއް ނެތިކަމަށެވެ.

ނަމަވެސް ޢަބްދުލް ޢަޒީޒު އާދަމް (2009) ވިދީޅުވަނީ "... އިރުކޮޅެއް ނުވަނީސް ބޯޓުގެ އަޑުގަދަކުރާއިން ދިވެހި ދައުލަތަށް ކިޔަމަންތެރިވެ ސަރުކާރުގެ އަމުރުތަކަށް ބޯލަނބާ ހާލު އަތިރިމަތީގައި ތިޔަ ނަގާފައިވާ ޢަފީފުގެ ސަރުކާރުގެ ދިދަ ބޭލުމަށް ގޮވަމުން ދިޔައެވެ. އަޑުގެ ވެރިޔަކީ ފޯއްމުލަކުގެ ޢިއްޒަތްތެރިއެއް ކަމުގައިވާ ކަރިއްޔަ ކަޅުތުއްތުދީދީއެވެ... އަނެއްކާ ވެސް ގޮވަމުން ދިޔައެވެ. ދިވެހި ސަރުކާރުން ބޭނުންވަނީ ތިޔަ ރައްޔިތުން ދިވެހި ދަވްލަތަށް ބޯލަނބައި ކިޔަމަންވުމަށެވެ. ޢަފީފުގެ މަކަރުވެރިކަމާއި ޙީލަތްތެރިކަމުގެ ދަލުގައި ނުޖެހުމަށެވެ. އޭނާ ތިޔަ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ނުކުރާނެ ކަމަށާއި އޭނާ އެ އުޅެނީ ކަލޭމެންނަށް އޮޅުވާލައިގެން އަމިއްލަ ބޭނުންތަކެއް ފުއްދުމަށް ކަމަށެވެ. ވީމާ އޭނާގެ ދަލުގައި ނުޖެހި ބޯލަނބައި ކިޔަމަންތެރިވެ، ތިޔަ ނަގާފައިވާ ދިދަތައް ތިރިކޮށް، ރަށުގެ ވެރިން ބޯޓުދޮށަށް އައުމަށެވެ" (ޞ.198-199). މިފަދައިންނެވެ. ވީމާ، ރަށާ ގާތްކުރަން އައި ލޯންޗުގައި އަޑުގަދަކުރާއެއް ނެތް ކަމުގައި ވިޔަސް ބޯޓުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން، މި ދެންނެވުނު ވާހަކަތައް ކިޔައިދިނީ ކަމަށް ވުން ވެސް އެކަށީގެންވެއެވެ. ޢަބްދުލް ޢަޒީޒު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކަރިއްޔަ ކަޅުތުއްތުދީދީއަކީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ މައިފުށުގެ ބޮޑުބޭބޭފުޅެއް ކަމަށެވެ. ސުވާދީބު ސަރުކާރު އުފެދުނު އިރު، ކަޅުތުއްތު ދީދީއަކީ ފުވައްމުލަކުގެ ކަތީބެއް ކަމަށާއި މި ހަމަނުޖެހުންތަކުގެ ތެރޭގައި ފިއްލަވައިގެން މާލެ ވަޑައިތީ ކަމަށް ވެސް ޢަބްދުލް ޢަޒީޒު އާދަމް ވިދާޅުވެފައިވެއެވެ.

ދޮންކަނބުލޮ: މާފާ ބަޑި ޖެހީ މީހުންގެ ގަޔަށްތަ؟ (ގިސްލަމުން) ހާދަ ދެރައޭ... މާފާ ބުނީމެއް ނުން އެއީ ރަމަޟާން މަހޭ... މީހުން ތިބޭނީ ރޯދައަށް ދޯ މާފާ... (ލޯ ފޮހެލަމުން)

މާފަ: ކަނބުލޯ ދެރަ ނުވޭ... މިއީ ހަމަ ކަން ހިނގި ގޮތް... މިއަދު އަހަރެމެން ޖެހޭނީ މި ޙަޤީޤަތް ގަބޫލުކުރަން... ސިޔާސީ ކޯޅުންތަކުގެ ނަތީޖާ... ރަށުގެ ކަމުވޮށިވެގެންވާ މީހުންނަށް ވަގުތީ ފައިދާތަކެއް ވިޔަސް އާންމު ރައްޔިތުންނަށް ކިހާ ބޮޑު ގެއްލުންތަކެއް...

ދޮންކަނބުލޮ: ބަޑި ޖެހީމާ ވެސް ކީއްވެތަ މީހުންތައް ނުކުތީ؟

މާފަ: މީހުންނަކަށް އެއީ ކޮންއެއްޗެއް ކަމެއް ނޭނގޭ! ބުނީ އެއީ ދުންބަޑިއޭ... ބިރުނުގަންނާށޭ... ދުވަހަކު ހަތިޔާރެއް ނުދެކޭ ބަޔަކު... ބަޑީގެ ވަޒަންތަކުގެ ޝިކާރަޔަކަށްވީ... އެކަކު ނިޔާވީ...  މީހުން ޒަޚަމް ވެސް ވި... ކިހާވަރަކަށް މީހުން ކަންބޮޑުވާނެ... ބިރުން ރޯމީހުންތައް ރޮނީ... އަންހެނުންނާއި ކުޑަކުދިންގެ ރުއިމުގެ އަޑާއި... ބޮޑެތި މީހުންގެ ނަފުރަތާއި ނުރުހުން ފާޅުކުރުމުގެ އަޑުތަކުން، މުޅި ރަށް ދިޔައީ ގުގުމަމުން... ހިތާމައިގެ ކޯރުތައް ދެމެމުން ދިޔައީ...

ދިރާސީ ނޯޓު: ޢަބްދުލް ޢަޒީޒު އާދަމް (2009) ވިދާޅުވަނީ "އިބްރާހީމް ޝިހާބުގެ އަމުރުފުޅާއެކު، ދައްޕަރު މޫސާމަނިކު ސިފައިންނަށް އޯޑަރު ދިނީ މައްޗަށް ބަޑި ޖެހުމަށެވެ. ބޯޓުގެ ތައްޓުމަތީގައި އަތުރާލެވިފައިވާ 10 ސިފައިން އެމީހުން ބަޑިތައް މައްޗަށް އަމާޒުކުރިއެވެ. އެއަށްފަހު އޯޑަރާ އެއްގޮތަށް ޖައްވު ގުގުމައިގެން ދިޔައެވެ. ނަމަވެސް ކިޔަމަންތެރިކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ދެން އޯޑަރު އައީ ރަށުތެރެއަށް ބަޑި ޖެހުމަށެވެ. އިސާހިތަކު ބައެއް މީހުންގެ ގަޔަށް ވަޒަން އަރައިގެން ބިންމައްޗަށް ވެއްޓެމުން ދިޔައެވެ. ހަމައެއާ އެކު ރަށުތެރޭގައި ހަޅޭކުގެ އަޑު ގަދަވެގެން ދިޔައެވެ. ސަހަރޯއޭ މަރަނީއޭ! މަރަނީއޭ! ނާރޭތަކުބީރު... ވެލާނަސާރާއޭ... ނުލަފާ ނާސިރުގެ ސިފައިންނޭ.. ކިޔައި މީހުންތައް ހަޅޭއްލަވަމުން ގެންދިޔައެވެ. އަދި ޒަޚަމްވަމުން ވެއްޓެމުން ދާ މީހުންތައް ނަގައިގެން ގެންގޮސް ފަރުވާދިނުމުގެ ކަންތައް ވެސް ކުރަމުން ދެއެވެ. ރަށުތެރެއަށް ހީވަނީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. އަންހެންވެރިން ރޯއަޑާއި ބޮޑެތި މީހުންތައް ހަޅޭއްލަވާ އަޑު މުޅި ޖައްވު ވަނީ ގުގުމާފައެވެ" (ޞ.200). ފުވައްމުލަކު މުހައްމާބެ (އަސްލު ނަމެއް ނޫން) ބޯޓު ފުރައިގެން ދިޔަ ގޮތް ކިޔައިދެމުން ބުނީ "... ވީގޮތަކީ އެއްގަމުގައި ތިބި މީހުން އޮޑިފަހަރު އެހެލަންވެގެން ވާ މިހުރީ އޮޅާލާފައި ހަރުގެތެރޭގައި ބަހައްޓާފަ. ދެން އެހެން އެހެން ހުއްޓާ އެ ވާ ހިފައިގެން ލޯންޗުގައި ޖަހާފައި ލޯންޗް އެއްގަމަށް ދަމަންވެގެން އެމީހުން ހަމަ ބިރު ކަނޑާލާފައި ފައިބައިގެން ދިޔައީ މޫދަށް. ދާންފެށީމާ ލޯންޗުގެ މީހުންނަށް އެނގިއްޖެ ތިމަންނަމެންނަށް ސަލާމަތެއް ނެތްކަން. އެނގިގެން އެމީހުން އަވަހަށް ލޯންޗު ފުންކޮށްގެން ބޯޓަށް އަނބުރާ ދިޔައީ. ދެން އެ ދިޔަގޮތަށް ގޮސް ބޯޓު ފުރައިގެން ދިޔައީ." މިއީ ބަޑި ހިފައިގެން ތިބި ލޯންޗަކާ ދިމާއަށް އާންމު ރައްޔިތުން ދިޔަ ވާހަކައެވެ. ހަގީގަތުގައި ބަޑިއަކީ ކޮން އެއްޗެއް ކަން އެނގޭނަމަ، އެ ގޮތަށް ދާން ކެރޭނެ ކަމަކަށް ނުބެލެވެއެވެ. ހަމައެއާ އެކު، ލޯންޗުގައި ތިއްބެވި ދިވެހި ސިފައިންނަކަށް ވެސް އެ ދިމާއަށް ދިޔަ ހުރިހާ ރައްޔިތުން ގަޔަށް ބަޑިޖަހައި މަރައެއް ވެސް ނުލެވޭނެތާއެވެ.

"ކޮންމެއަކަސް ރަށުގެރެއަށް ބަޑިޖަހައިގެން ވެސް ކިޔަމަންތެރިކަމުގެ ނިޝާނެއް ނުފެނުމުން އާގުބޯޓުގެ ކުޑަ ލޯންޗެއްގައި ސިފައިންގެ 45 ވަރަކަށް މީހުން ހަތިޔާރާއެކު، އެއްގަމަށް އެރުމަށް މަސައްކަތް ފެށިއެވެ.... އެއްގަމުން އުކަމުން ދިޔަ އޮށްގަލާއި ސާޅަނގައާއި ލަޓިބުރި ފަދަ ތަކެތީގެ ސަބަބުންނާއި ފުވައްމުލަކުގެ ގަދަ ރާޅާއި، ބާރުގަދަ އޮއިވަރުގެ ސަބަބުން އެއްގަމަށް އަރަން ސިފައިން ކުރި މަސައްކަތް  ނާކާމިޔާބުވެ، ލޯންޗު އަނބުރާލާފައި ބޯޓަށް ދާން މަޖުބޫރުވިއެވެ" (ޢަބްދުލް ޢަޒީޒު އާދަމް، 2009، ޞ.200).

ދޮންކަނބުލޮ: (އަނެއްކާ ވެސް ރޮވިފައި އިނދެ) މާފާ! ހާދަ ދެރައޭ... ވަރަށް ދެރަވެއްޖެ... އެ ދުވަހު އެތާ ތިބި މީހުން އަދި ނިޔާވި މީހާގެ އާއިލާގެ މީހުން ކިހާ ދެރަވާނެތަ މާފާ! މި ހުރިހާ ކަމަކަށް ފަހު ވެސް ފުވައްމުލައް ދިވެހި ދައުލަތުގެ ބާރުގެ ދަށަކަށް ނުގެނެވުނުދޯ؟

މާފަ: ކަނބުލޯ! ސިފައިންނަށް ވެސް ކިހިނެއް ރަށެއްގެ ހުރިހާ ރައްޔިތުން ގަޔަށް ބަޑިޖަހައި މާރާލަން ކެރޭނީ... އެއީ ރަމަޟާން މަހޭ... ރައްޔިތުން ތިބޭނީ ވެސް ރޯދައަށްތާ ދޯ؟ އެންމެ ފަހުން އެމްވީ އެލިޒަބަތުބޯޔާގައި ކުރެވުނު ދަތުރު ވީ ނާކާމިޔާބު ދަތުރަކަށް..

ދޮންކަނބުލޮ: އެހެންވީމާ، ފުވައްމުލަކު މީހުންނަށް ދޯ މި ކާމިޔާބުވީ...

މާފަ: ނޫނޭ ކަނބުލޯ! އެއީ ފުވައްމުލަކު މީހުންނަށް ވެސް ވީ ހިތާމަވެރި ބިރުވެރި ދުވަހަކަށް... މި އަދު ވެސް އެ ހިތި ހަނދާންތައް ހިތާމައާ އެކު އެމީހުން ފާޅުކުރޭ... އެ ދުވަހު ވެސް އަމާންދީ ދިވެހި ދިދަ ނަގަން ބޭނުންވި ބަޔަކު ވެސް ތިބި...

ދިރާސީ ނޯޓު: އަބްދުﷲ ޞާދިޤު (2016) ވިދާޅުވާ ގޮތުގައި ބޯޓުން ފޮނުވި ލޯންޗަށް ފުވައްމުލަކަށް ނޭރި އެނބުރި ބޯޓަށް ދިޔުމުން އިރުކޮޅަކުން ބޯޓުން ބަޑިޖަހަން ފެށީއެވެ. އިތުރު ތަފުސީލު ދެއްވަމުން އޭނާ ވިދާޅުވަފައިވަނީ، މީހުން ބިރުން ރޮއި އަޑުގަދަކުރަމުން ދިޔަކަމަށާއި، އެ ވަގުތު އަމާން ދިނުމަށް ވެސް އެއްބަޔަކު ގޮވަމުން ދިޔަކަމަށާއި، އެގޮތުން އެ ރަށު ފިނިފެންމާގޭ ޙަސަންދީދީ ދިވެހި ދިދައެއް ހިފައިގެން އައިސް ދިދަ ނަގަން ބެލި އިރު، އެމްވީ އެލިޒަބަތުބޯޔާ ފުރައިގެން ގޮސް އޮބާލަނީކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ބޯޓު އިތުރު ފަނަރަވަރަކަށް މިނިޓު މަޑުކުރި ނަމަވެސް ފުވައްމުލަކު އަތިރިމަތީގައި ދިވެހި ދިދަ ނެގި އެ ރަށް އަމާންވީހެވެ.

ދިރާސީ ނޯޓު: ފުވައްމުލަކުގައި މި ހިނގި ހިތާމަވެރި ހާދިސާގެ ވާހަކަތައް ކިޔައިދީ ނިންމާލައްވަމުން، ދިރާސާގެ ބައިވެރިއަކު މާޒީގެ އެ ހިތި ހަނދާންތައް ނުރުހުމާއި ހިތާމައާ އެކު ފާޅުކުރަމުން ބުނީ "މި ރަށުގައި ބަޣާވާތްކުރީ ރަޖަބުމަހު 27 ވިލޭރޭ އިނގޭތޯ. ބަޑިޖެހީ ޖެހިގެން އައި ރަމަޟާންމަހުގެ 20 ވަނަ ދުވަހު. އެހެންވީމާ، އެ ދޭތެރޭގައި 2 މަސްދުވަސް ވެސް ނުވޭ. ރަމަޟާންމަހުގެ 20 ވަނަ ދުވަހު، މައްކާ ފަތަޙަކުރެއްވި ދުވަހު އިނގޭތޯ. ރައްޔިތުން ރޯދައަށް ތިއްބާ ބަޑިޖެހީ. މިދެންނެވިހެން އެއްވެސް ނަޞޭޙަތްދިނުމެއް ވިސްނައިދިނުމެއް ނެތި ދެއްތޯ؟ ކޮށްގެންވާނެކަމެއް ނޫން އެއްގޮތަކަށް ވެސް އެއީ. ލޯންޗުން ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ ޢަބްދުލްމަޖީދު މާހިރު. އޭނަ އެއީ އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުން އޭރު މަޙުކަމަތުލް އަމަންޢާންމުގެ ވެރިޔާގެ ނައިބުކަންނޭނގެ އެ ވަރުގެ މަޤާމުގައި ހުންނެވި ބޭފުޅެއް. ސިފައިންގެ އިސް އޮފިސަރަކަށް ހުންނެވި ދައްޕަރު މޫސާ މަނިކު. އޭނަ ދެކޮޅު ހެއްދެވިކަމަށްވޭ... އަދި ބަޑިޖަހަން ނުވެއޭ ވިދާޅުވި ކަމަށްވޭ އިނގޭތޯ. އެ ދަތުރު ނިންމާފައި މާލެ ވަޑައިގެންނެވި ގޮތަށް އޭނާ އިސްތިޢުފާ ދެއްވީ. ދެން އޭގެ ދުވަސްތަކެއްފަހުން މިދެންނެވީ ރަމަޟާންމަސް، ދެން ގޮސް ޝައްވާލް، ޒުލްޤައިދި، ޒުލްޙައްޖު، މުޙައްރަމްމަހު 10 ވަނަ ދުވަހު އިބްރާހީމް ނާޞިރު، އޭރުގެ ވަޒީރުލްއައުޒަމް، މޯލްޑިވްސް ސްޓާރގައި ތިނަދޫއަށް ވަޑައިގަތީ. އެ ފުރަތަމަ ފަހަރު. ވަޑައިގެން ތިނަދޫ ފަތަޙަކުރެއްވީ" (ޒާހިރުބެ (އަސްލު ނަމެއް ނޫން)، ފުވައްމުލައް).

ދޮންކަނބުލޮ: މާފާ މިއަދު ތިޔަ ކިޔައިދިން ވާހަކަތަކުން ވަރަށް ދެރަވެއްޖެ. އަދި ވެސް ހަމަ ތިހާ ދެރަވާ ވާހަކަތައް ހުންނާނެތަ؟

މާފަ: އަދިވެސް ވަރަށް ބައިވަރު ވާހަކަތައް ކިޔައިދޭނަން... ފަހަރަކު ބައެއްތާ ކިޔައިދެވޭނީ... ދެން ހިނގާ ނިންމާލަމާދޯ؟

މިއަދުގެ ކޮލަމުގައި ވެސް މުހިންމު މަޢުލޫމާތުކޮޅެއް ގެނެސްދެވުނުކަމުގެ ހިތްހަމަޖެހުމާ އެކު ވަކިވެލަނީ، ދެން އަންނަ ކޮލަމަކަށް އިންތިޒާރުކުރައްވާނެކަމުގެ އުންމީދުގައެވެ.


ހަވާލާ ދެވިފައިވާ ލިޔުންތައް

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް.

ޢަބްދުﷲ ޞާދިޤު. (2016). ސުވަދީވްއާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.

ޢަބްދުލް ޢަޒީޒު އާދަމް. (2009). ތިނަދޫ މީހުން ރަށުން ބޭލި ސްޓޯރީ. (ޗާޕުނުކުރާ ފޮތެއް).

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.